ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް މޭޔަރ ޢާޒިމް ޒިޔާރަތްކުރައްވައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ޒިޔާރަތްކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު، މޭޔަރ ޢާޒިމް މި މަޢުރަޒަށް ކުރެއްވި ޒިޔާރަތުގައި، މޭޔަރާއެކު ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޢަލީ އައިމަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން ހާހަށް ވުރެ ގިނަ ހުށަހެޅުމާއެކު، މޭ މަހުގެ 23 ވަނަ ދުވަހު ހުޅުވި މި މަޢުރަޒް ކުރިއަށް ދަނީ މޭމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މަޢުރަޒު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެއެވެ. އެއީ، ވާދުކުރުމުގެ ބަޔާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބައެވެ.

މައުރަޒު ބައްލަވާލެއްވުމަށް ފަހު މޭޔަރ ޢާޒިމް ވިދާޅުވީ، މަޢުރަޒުން ފެނުނު، ކަވި، ރީތި، ފުރިހަމަ، އުފެއްދުންތަކުން ދައްކުވައިދިނީ، ދިވެހިންގެ ތޫނުފިލަކަމާއި ހުނަރުވެރިކަމާއި ކުޅަދާނަކަން ކަމަށާއި ދިވެހިންގެ މިހުނަރުވެރިކަން ފުޅާކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން މުހިންމު ކަމަށެވެ.

"މައުރަޒުގެ ކޮންމެ ސްޓޯލަކުން ވެސް، އަޅުގަނޑަށް ފެނިގެންދިޔައީ މި ދެންނެވި ފަދަ، ހުނަރާއި ފަންނާއި ތޫނުފިލިކަން. މި ފުރުޞަތުގައި މަޢުރަޒުގައި ތަކެތި ބައިވެރިކުރި، ހުނަރުވެރި، ލޮބުވެތި، ދިވެހި އެންމެހައި އަޚުންނާއި އުޚުތުންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ތަހުނިޔާކިޔަން.އަދި މަޢުރަޒު ރާވައި ހިންގާ އެންމެހާ ފަރާތްތަކަށް ވެސް ޚާއްޞަ ޝުކުރެއް އަދާކުރަން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި މަޢުރަޒުގައި ހުރިހާ އަތޮޅުތަކުން އުފެއްދުންތައް ބައިވެރިކޮށްފައިވާއިރު، އޭގެތެރެއިން، އެންމެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައި ވަނީ ބ. ތުޅާދޫންނެވެ. 15 ދާއިރާއަކުން 81 ގިންތިއަކަށް ބަހައިގެން ކުރިއަށް ގެންދާ މި މަޢުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ވަނީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.