މަސްވެރިކަމުގެ ގިންތިން 2 ވަނަ އަށް ދިޔަ އައިމިނަތު އިބްރާހީމް އާއި ވަޒީރު ބައްދަލުކުރައްވައިފި

އުފެއްދުންތެރިކަމުގެ މައުރަޒުން މަސްވެރިކަމުގެ ގިންތިން 2 ވަނަ އަދި މަހުގެ އުފެއްދުންތައް ވެލިއު އެޑިޝަން 2 ވަނަ އަދި 3 ވަނަ އަށް ދިޔަ ފުވައްމުލައް ސިޓީ އައިމިނަތު އިބްރާހީމް އާއި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފި އެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުން މި ވަނަތައް އޭނާ އަށް ލިބުނީ މަހުގެ ބާވަތްތަކުން އުފައްދާފައިވާ މަހު އަސާރައާއި މަސް މިރުހަށެވެ.

އައިމިނަތު އިބްރާހީމް މި ހޯއްދެވި ކާމިޔަބީއަށް ވަޒީރު ވަނީ މަރުހަބާ ދައްނަވާފައެވެ. އަދި މި ބާވަތްތައް މާކެޓަށް ނެރެން ވުޒާރާއިން ދެވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބަލާ ވުޒާރާއިން ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން، މި މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިފަދަ ބާވަތްތައް މާކެޓަށް ނެރެ ވިއްކުމުގައި ވުޒާރާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މަހުގެ ބާވަތްތަކުން އެކިކަހަލަ އުފެއްދުންތައް ތައްޔާރުކޮށް އުފައްދާނެގޮތުގެ ޕްރޮގްރާމްތައް ވުޒާރާއިން އަންނަނީ އަތޮޅުތެރޭގައި ހިންގަމުންނެވެ. އެގޮތުން އައިމިނަތު އިބްރާހީމް އަށް މި ވަނަތައް ލިބުނު މަހު އަސާރައާއި މަސް މިރުހަކީވެސް ވުޒާރާއިން ހިންގި ޕްރޮގްރާމުން ދަސްކޮށް އުފެއްދި ބާވަތްތަކެކެވެ.

މިގޮތަށް އުފައްދާ ބާވަތްތައް ވިޔަފާރިއަށް ނެރެ މާކެޓް ކުރުމުގައި ހުރި ގޮންޖެހުންތައް އައިމިނަތު އިބްރާހީމް ވަނީ ވަޒީރާ ހިއްސާކުރައްވާފަ އެވެ.

މިފަދަ ވިޔަފާރިތަކަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ކުދި ވިޔަފާރިތަކުން އުފައްދާ ތަކެތި މާކެޓްކޮށް ވިޔަފާރިއަށް ނެރުމަށް ވުޒާރާއިން ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާ އެކަންކަމަށް ވުޒާރާއިން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.