ހަނދު އޭގެ ހަނދުވަރާ ނުލާ ... (4)

(  25 މޭ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޚާނަމްގެ އެ އިޢުލާނާގުޅިގެން އެންމެ ބޮޑު އަސަރެއްކުރި އެކަކީ ، ޙަޔާއެވެ. ޙަޔާގެ ބޮލަށް އެނބުރުން އަރައި ވެއްޓެންދަނިކޮށް ހިފެހެއްޓީ ، މަރިޔަމް އެވެ. މަރިޔަމްއަކީ ، ޚާނަމްގެ އަންހެން ދަރިފުޅެވެ. މަންމަގެ އަތުގައި އަޅާފައި އޮތް ބޮޑު ދެ އުޅާ މީރަބްގެ އަތުގައި އަޅުވިއިރުވެސް . މަރިޔަމްގެ މޫނުމަތިންވެސް ނުރުހުމުގެ އިޙްސާސްތައް ފާޅުވިއެވެ. އެގޭގައި އެއްކޮށް އުޅެނީ ޙަޔާއާއި މަރިޔަމްއާ ދެމީހުންނެވެ. އެއީ އެއް ޢުމުރުފުރައިގެ ދެކުދިންނެވެ. ޙަޔާއަކީ ، ޚާނަމްއާ ދުރުތާތިމާގެ ކުއްޖެކެވެ. އެގެޔަށް ގެނެސް ގެންގުޅެނީ މަރިޔަމްގެ އެކަނި ފިލުވުމަށާއި ޙަޔާއަށް ކިޔަވައިދިނުމުގެ ބޭނުމުގައެވެ. ހިތަށްލިބުނު ތަކުލީފުން ތުރުތުރު އަޅައަޅާހުރި  ޙަޔާގެ އަތުގައި ހިފައިގެން ، މަރިޔަމް ހިނގައިގަތެވެ. ޙަޔާގެ ހިތުގައި ، މުރުތަސިމުގެ މައްޗަށް ޚާއްޞަކަމެއް ދެވިފައިވާކަމެއް އެގޭގެ އެއްވެސް މީހަކަށް ނޭނގެއެވެ. ކިރިޔާވެސް ކަމެއް އެނގެންޏާ އެނގެނީ މުރުތަސިމަށެވެ. މުރުތަސިމުގެ ކަންކަމާ ، މާބޮޑަށްބެހި ، މުރުތަސިމަށް އުނދަގޫ ވާވަރަށް އޭނާއާ ގާތްވުމަށް ، ޙަޔާ މަސައްކަތްކުރާކަން މުރުތަސިމަށް އޮތީ ފާހަގަ ކުރެވިފައެވެ. އެކަމާ ، މުރުތަސިމު ހުންނަނީ އިންތިހާއަށް ރުޅިގަދަ ވެފައެވެ.

އެތަނުގައި މަޑުނުކޮށް މުރުތަސިމް ދިޔައީ އޭނާގެ ކޮޓަރިޔަށެވެ. ކޮޓަރިޔަށްވަދެ ، މަންމަ އެކުރި އިޢުލާނާމެދު އޭނާގެ އަމިއްލަ ނަފްސަށް ލަޢުނަތްދިނެވެ. މީރަބަކީ ކޮންކަހަލަ ކުއްޖެއްކަން ، މުރުތަސިމަށް ރަނގަޅަށް އެނގެއެވެ. އެއީ އަމިއްލަ ނަފްސުގެ އަޅެކެވެ. މީހަކު ބުނާހާކަމެއް ނުކުރާނެއެވެ. ކުރާނީ އޭނާއަށް ފެންނަ ކަމެކެވެ. އުޅޭނީ އޭނާއަށް ފެންނަ ގޮތަކަށެވެ.

މީރަބްވެސް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އަތުގައި އޮތް އުޅާ ބާލަމުން ގޭތެރެޔަށް ވަނެވެ. އުޅާ ބާލައި ތަޅުންގަނޑުމައްޗަށް ހޫރާލިއެވެ. އޭނާއަކީ ދުވަހަކުވެސް ، މުރުތަސިމްގެ މީހަކަށް ނުވާނެ ކަމުގައި އޭނާގެ އަމިއްލަ ނަފްސަށް ކަށަވަރު ކުރިއެވެ.

ޙަޔާގެ ޙާލު ވަކިން ބޮޑެވެ. މުރުތަސިމަށް ޙަޔާގެ ހިތްކިޔާކަން މަރިޔަމްއަށްވެސް އެނގެއެވެ. މުރުތަސިމާ ކައިވެނި ނުކުރެވުނުނަމަވެސް ، ޙަޔާގެ ހިތްވަނީ މުރުތަސިމާ ގުޅިފައެވެ. ޙަޔާގެ ހިތުގައި މުރުތަސިމުގެ މައްޗަށް އޮތް ލޯބި ، އެދިޔައީ ފެނަށްވެގެންނެވެ. އޭނާއާއި މުރުތަސިމާ ދެމީހުންގެ ދެމެދަށް އިތުރު މީހަކު ވަނީއެވެ. އެހެނަސް ، އެގެޔަކީ ، އަންހެންކުދިންގެ ހިތާއި އެކުދިންގެ ޖަޒުބާތަށް އިޙްތިރާމެއް ލިބޭ ގެއެއްނޫންކަން ، ޙަޔާ ހަނދާނެއް ނެތެވެ. އެގޭގައި ހިނގާނީ ފިރިހެނުންގެ ޙުކުމެވެ. އެއީ ، ކައިވެނި ކަމަށްވިޔަސް ، ގެއިން ބޭރަށް ނުކުމެލަން ކަމަށްވިޔަސް ހިނގާނީ ފިރިހެނުންގެ އަމުރެވެ. އޭގެ މައްޗަށް ދެން ހިނގާނީ ޚާނަމްގެ އަމުރެވެ. އެއީ ، އެންމެ ފަހުގެ ނިންމުމެވެ.

ޙަޔާއަށް މުރުތަސިމާއެކީ އެއުޅެވުނީ ހުވަފެނެއްގައެވެ. ދުނިޔޭގެ ޙަޤީޤަތާ ދުރުގައެވެ. ޙަޤީޤަތް ، އެރޭ ، ހަމަދެންމެ އެ ހާމަވީއެވެ. އެހެނަސް ، އެ ޙަޤީޤަތް ޤަބޫކުރާހާ ހިތްވަރެއް ޙަޔާގެ ނަފްސަކު ނެތެވެ. މުރުތަސިމާއެކީ ، އެހެން އަންހެނަކަށް ދިރިއުޅެން ފުރުޞަތު ނުދޭނެކަމަށް ، ޙަޔާގެ އަމިއްލަ ނަފްސަށް ޔަޤީންކޮށްދިނެވެ.

ރުޅިއައިސް ރަތްވެފައިހުރެ ، މީރަބްގެ ދެފައިންޖަހައި ހޫރައިލި ރަނުގެ ދެއުޅާގަނޑު ގޮސް ހުއްޓުނީ ، ވައްޤާސްގެ ފައިބުޑަށެވެ. އެ ދެއުޅާގަނޑު ނަގައިގެން އައިސް ، މީރަބްގާތުގައި ވައްޤާސް ހުއްޓިލިއެވެ. އެއީ ، އެޢާއިލާގެ އެކެއްގެ ފަރާތުން އަނެކެއްގެ ފަރާތަށް ވާރުތަވަމުން އަންނަ އަގުބޮޑު އެއްޗެއްކަން ، މީރަބަށް ވިސްނައިދިނުމަށް ވައްޤާސް މަސައްކަތް ކުރިއެވެ. އެއީ ، އެހާ އިޙްތިރާމެއް ނެތްގޮތަށް ކޮޅުންފައިންޖަހައި ، ހޫރާލާވަރަށްވުރެ އަގުހުރި އެއްޗެކެވެ. އެ އުޅާގަނޑު މީރަބްގެ ގާތަށް އެއައީ މީރަބްގެ ނަޞީބު ހިފައިގެންކަމުގައި ، މީރަބްގެ މަންމަވެސް ، މީރަބަށް ވިސްނައިދެމުން ގެންދިޔައެވެ. އެހެނަސް ، އެ އުޅާގަނޑަކީ ، މީރަބަށްޓަކައި އޭނާގެ އަތުގައި އެޅުވޭ ދަގަނޑު ބިޑިއަކަށްވުރެވެސް ، ނުރައްކާތެރި އެއްޗެކެވެ. އެ އުޅާގަނޑު ހިފައިގެންގޮސް ، އެމީހުންގެ ފަހަރި ދައްތަ ، ޚާނަމަށް އަނބުރާ ރައްދުކޮށްދިނުމަށް ، މީރަބްގެ މަންމައާއި ބައްޕަގެ ކިބައިން އެދުނެވެ.

މީރަބްހުރީ އެދެމީހުން ދެކެވެސް ނުރުހުންވެފައެވެ. މީރަބް އެރޭ އެގެނެވުނީ ، އޭނާގެ އުފަންދުވަހުގެ ނަމުގައި ، މީރަބް އެހާ ނުރުހޭ ، ރުޅިއަންނަ މީހަކާ ދެވަންކަން އެދެމީހުންނަށްވެސް އެނގޭނެއެވެ. އޭނާއަށް އޮޅުވާލައިގެން ، މަންމައާއި ބައްޕަ އޭނާއަށް އެދިން އަނިޔާއަކީ ، މީރަބްގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާނެއްނޫނެވެ.

ވައްޤާސް އަބަދުވެސް އެދިއެދިހުރީ ، މީރަބްގެ ކައިވެނި މުރުތަސިމާ ކުރެވުމަށެވެ. ޢާއިލާއިން ބޭރުމީހަކާ ކައިވެނިނުކޮށް ، ޢާއިލާގެ ތެރޭގައި މީރަބްގެ ކައިވެނި ކުރެވުމެވެ. މުރުތަސިމަކީ ، އެކަމަށް އެންމެ އެކަށީގެންވާ މީހާއެވެ. އެހެނަސް ، އެއީ މީރަބްގެ ފުރާނަ ހުއްޓާ ކުރާނެކަމެއްނޫނެވެ. މުރުތަސިމަކީ ، މީރަބް އެހާ ރުޅިއަންނަ މީހެއްކަން ، މީރަބްގެ މަންމައާއި ބައްޕަޔަށްވެސް ރަނގަޅަށް އެނގޭނެއެވެ. އެކަން ކަނޑައެޅިގެން އެނގިހުރެ ، އެ ކައިވެންޏަށް ބައްޕަ އެއްބަސްވިކަން އެއީ ، މީރަބް ދުވަހަކުވެސް އޭނާގެ ބައްޕަޔަށް މަޢާފުކުރާނެ ކަމެއްނޫނެވެ. އޭނާއާ ހެދި އުނދަގޫވާ ކަމަށްވަންޏާ ، ރީތިކޮށް ބުނީމަ ، އެދެމީހުންނާ ދުރަށްވެސް އޭނާ ހިނގައިދާނެއެވެ. އެކަނިވެރި ދިރިއުޅުމެއް އަމިއްލަޔަށް އުޅެފާނެއެވެ.

މީރަބްގެ ކައިވެނި އެ ކުރެވެނީ ވައްޤާސްގެ ރުހުމާއެކީކަމުގައި ވައްޤާސް ސާފުކޮށްދިނެވެ. އެކަމުގައި އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް އެއްވެސްކަހަލަ މަޖުބޫރު ކަމެއްނެތެވެ.  އިތުރަށް ވިސްނައިލުމަށްޓަކައި މީރަބަށް ވަގުތުކޮޅެއް ދެމާހިނގާށޭ ބުނެ ، ވައްޤާސް އާއި އަނީލާ އެތަނުން ނުކުތެވެ.

މުރުތަސިމުވެސް ، މަންމަގެ ނިންމުމާ ޤާބޫލެއްނޫނެވެ. އޭނާކުރެން އަހައިލުމެއް ކަހައިލުމެއްނެތި ، އެވަރުގެ ކަމެއް ، މަންމައެއްކަމަކު ނިންމައިގެންވާނެކަމަކަށް މުރުތަސިމު ނުދެކެއެވެ. މަންމައާ އެކަމާބެހޭގޮތުން ވާހަކަ ދައްކަން ދިޔައިރު ، އަންވަރުވެސް އެކޮޓަރީގައި ހުއްޓެވެ. މުރުތަސިމްގެ މޫނުމަތިން ފާޅުވާންހުރި ރުޅިޔަކީ ، ޚާނަމަށް ދުވަހަކުވެސް ފެނުނު ކަމެއްނޫނެވެ. ޚާނިމްގެ އެ ނިންމުމަކީ ، މީރަބް މީހަކާ ދެވުމަށް މުރުތަސިމްވެސް ލަފާދިނީތީ ނިންމި ނިންމުމެކެވެ. އެކަމަކު ، މުރުތަސިމްބުނީ ، މީރަބްގެ ކައިވެނި ކުރުވާ ވާހަކައެވެ. އޭނާއާ މީރަބާ ކައިވެނިކުރުވާ ވާހަކައެއްނޫނެވެ. އެކަން އެއޮތީ ޚާނަމްއަށް އިޢުލާންކޮށް އެންމެންނަށް އެންގިފައެވެ. މުރުތަސިމަށް އޮތް ހަމައެކަނި ގޮތަކީ މަންމަގެ ނިންމުމަށް އެ ކައިވެންޏަށް އެއްބަސް ވުމެވެ. އޭގޭގެ އެހެން ކަންކަންވެސް ނިންމަނީ ޚާނަމްއެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ފަހުބަސް އިއްވާނީ ޚާނަމް އެވެ.

" އަހަރެންގެ ހިތާ ދެކޮޅަށް މީހަކާ ސަލާމްވެސް ނުކުރަމެވެ. އެކަމަކު ، މަންމަ ތިބުނަނީ ، އަހަރެންގެ ދިރިއުޅުމަށް އަންނަމީހަކަށް ، އަހަރެންގެ ހިތާދެކޮޅަށް މަރުޙަބާ ކިޔާ ވާހަކަ ހެއްޔެވެ ؟ ކިހާ މަޖާކަމެއް ހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.

އެއީ ޚާނަމްކުރި ސަމާސާއެއް ކަމަކަށް އަންވަރެއް ނުދެކެއެވެ. އެމީހުން އެދައްކަނީ މީރަބްގެ ކައިވެނީގެ ވާހަކައެވެ. މުރުތަސިމާ ބެހޭގޮތުން އެމީހުން ގޮތެއް ނިންމުމުގެ ކުރިން އޭނާކުރެން އަހަންޖެހޭނެކަން މުރުތަސިމް ސާފުކޮށްދިނެވެ. އެވަރުގެ ބޮޑުކަމެއް އެންމެންގެ ކުރިމަތީ އިޢުލާން ކުރީ ކީއްވެތޯ މުރުތަސިމް ސުއާލު ކުރިއެވެ.

މީރަބަކީ ، ރަނގަޅު ކުއްޖެއްކަން ސާބިތުކޮށްދިނުމަށްޓަކައި ، ޚާނަމް ވާހަކަ ދައްކަމުން ގެންދިޔައެވެ.  އެކަމަކު އިއްޔެއާ ހަމަޔަށްވެސް ، މީރަބާ ބެހޭގޮތުން ޚާނަމް ބުނަމުން ގެންދިޔައީ އެއާ އިދިކޮޅު ވާހަކަ ތަކެކެވެ. މުރުތަސިމާ ދެވަންވީމަ ، މީރަބް ރަނގަޅުވެއްޖެއެވެ. މުރުތަސިމްގެ ވާހަކަތަކުން އަންވަރަށް އަސަރު ކުރިއެވެ. އެއީ ، އޭނާގެ ދަރިއެއްކަން ސާފުކޮށްދިނެވެ. އެއީ އަންވަރުގެ ދަރިއެއްކަމަށްވިޔަސް އަދި އެޢާއިލާގެ އެހެންމީހެއްގެ ދަރިޔަކަށްވިޔަސް ، މީރަބަކީ މުރުތަސިމަށް އެއްވެސް މީހެއްނޫނެވެ. މުރުތަސިމުގެ ނަޒަރުގައި މީރަބަކީ ވައްޤާސްގެ ދަރިއެކެވެ. އަދި ، ވައްޤާސްއަކީ އޭނާގެ ބައްޕަގެ ރަޙުމަތްތެރިޔެކެވެ.

މަންމަގެ އެނިންމުން އަނބުރާ ގެނެސް ، އެއީ އޮޅުމަކުން މަންމަޔަށް ކުރެވުނުކަމެއްކަމަށް އެންމެންގެ ކުރިމަތީ އިޢުލާންކުރުމަށް ޚާނަމްގެ ކިބައިން މުރުތަސިމް އެދުނެވެ. އެ ކައިވެންޏަކީ ، އެއްވެސް ޙާލެއްގައި އޭނާ ކުރާނެ ކައިވެންޏެއްނޫނެވެ. ޚާނަމަކީވެސް މުރުތަސިމް ފަދައިން ގޮތްދޫނުކުރާ މީހެކެވެ. ޚާނަމްގެ އެ ނިންމުމަކީ ވަރަށްބޮޑަށް ވިސްނާފައި ނިންމި ނިންމުމެކެވެ. އެއީ ، ޚާނަމްގެ އަބުރާއި ޢިއްޒަތާގުޅިފައި އޮތް ކަމެކެވެ. އެކަމެއް ޚާނަމެއް ނުކުރާނެއެވެ.

މުރުތަސިމްގެ ދިރިއުޅުމުގެ އެހާ މުހިންމު ނިންމުމެއް އޭނާކުރެން ނުއަހައި ، ނިންމުމުން އެކަން އޭނާ ޤަބޫލުކުރާނެކަމަށް ހީކުރުމަކީ ، މަންމަޔަށް އޭނާ ނޭނގޭކަމުގެ ހެއްކެއްކަމަށް މުރުތަސިމް ބުންޏެވެ. ދުވަހަކުވެސް ، އެއްވެސް ޙާލެއްގައި މީރަބަކާ އޭނާ ނުއިންނާނެއެވެ.

އެ ޚާންދާނަކީ މުރުތަސިމްގެ ސަބަބުން ދެމިއޮތް ޚާންދާނެއްކަމަށާއި ، އޭނާ ދެމިއެހުރީ ޚާންދާނުގެ ސަބަބުން ނޫންކަން މުރުތަސިމް އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ. އޭނާއަކީ އޭނާ ބޭނުންނުވާ ކަމަކަށް އިސްދަށަށްޖަހައި އެއްވެސް މީހެއްގެ ފައިބުޑަށް ވެއްޓޭނެ މީހެއްނޫނެވެ. އެ ނުކިޔަމަންތެރި ، ގޮތްކުޑަ ، ގޮތެއްފޮތެއްނެތް އާދައިގެ އަންހެނާއާ ނުއިންނާނެކަން މުރުތަސިމް ކަށަވަރު ކޮށްދިނެވެ. މުރުތަސިމް އެ މަސައްކަތްކުރަނީ ، އޭނާގެ އަމިއްލަ ނަފްސުގެ އަޅުވެތިކަމުން އެ އަންހެންކުއްޖާ  ސަލާމަތް ކުރުމަށެވެ. އޭނާގެ އަޅުވެތިކަމުން ، އެ އަންހެންކުއްޖާ ސަލާމަތް ކުރުމަށް މަންމަގެ ކިބައިން މުރުތަސިމް އެދުނެވެ. އެހެން ނޫންކަމަށް ވަންޏާ ، އެކަމުގެ ހިތި މަންމަޔަށް ފެންނާނެކަންވެސް ހަނދާން ކޮށްދިނެވެ. އެ ކައިވެންޏަށް އޭނާ އެކުރާ އިންކާރު ، ޢުމުރު ދުވަހަށްވެސް ދަމަހައްޓާނެއެވެ. އޭނާގެ ނިންމުން ބަދަލުކުރެވޭނެ އެއްވެސް މީހަކުވެސް ނުހުންނާނެއެވެ.

ހެނދުނު ހޭލައިގެން މޯޅިޔަކަށް ދެމިލުމަށްފަހު ، އެނދުން ތެދުވެ މުރުތަސިމް ފައިއެޅި ވަގުތު ، އޭނާގެ ފައިވާން ސީދާކޮށްލިތަން ފެނުމާއެކީ ، ދެލޯބޮޑުވެ ރުޅިވެރިކަން މޫނުމަތިން ފާޅުވިއެވެ. އެއީ ޙަޔާގެ ކަމަކަށްނޫނީ ނުވާނެކަން މުރުތަސިމަށް އެނގެއެވެ. އޭނާގެ ކޮޓަރިޔަށް ނުވަނުމަށް މުރުތަސިމް އަންގާފައި އޮތަސް ، ޙަޔާގެ ހިތް އެކަމަކަށް އެއްބަހެއް ނުވެއެވެ. މުރުތަސިމްގެ މައްޗަށް ޙަޔާގެ ހިތުގައި އޮތްލޯބި ، އެހެން ދިމާލަކަށް ޙަޔާއެއް ނުގެންދާނެއެވެ. ޙަޔާގެ ހިތުގެ މަންޒިލަކީ މުރުތަސިމެވެ.

އޭނާއަށްވުރެ މީރަބް ރީތީތޯ ޙަޔާ ސުއާލު ކުރިއެވެ. އޭނާއަށްވުރެ ބޮޑަށް މުރުތަސިމް ބުނާބަހުގެ އަޑު ، މީރަބް އަހަނީ ހެއްޔެވެ ؟ މީރަބަކީ މުރުތަސިމްދެކެ ލޯބިވެސްވާ މީހެއްނޫނެވެ.

" ހަމަ ގައިމުވެސް ، މީރަބަކީ ، ޙަޔާގޮތަށް ލަދުޙަޔާތް ކުޑަމީހެއްނޫނެވެ. އަހަރެންނަކަށް އުނދަގުލެއް ނުކުރެއެވެ. މިވަރަށް ކިޔާއިރުވެސް ، އަހަރެންނާ އަޅައިގަނެގެން ، އަހަރެންގެ ފަހަތުން ތި ދުވަނީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.

މުރުތަސިމް އެނދުން ތެދުވުމާއެކީ ، އޭނާގެ އަތުގައި ޙަޔާ ހިފެހެއްޓިއެވެ. އަދި ލޯތްބަކީ ލޯކަނު އެއްޗެއްކަމަށާއި ކޮންމެކަމަކީވެސް ލޯތްބަށްޓަކައި ޖާއިޒު ކަމެއްކަމަށް ޙަޔާ ބުންޏެވެ. އޭނާ މުރުތަސިމްދެކެ ވަރަށް ލޯބިވެއެވެ. އޭނާގެ ލޯތްބަށް އިޙްތިރާމް ކުރުމަށް ، ޙަޔާ އާދޭސްކުރަމުން ގެންދިޔައެވެ. ޙަޔާގެ އެ މޮޔަވާހަކަތައް އަޑުއަހާކަށް މުރުތަސިމް ބޭނުމެއް ނޫނެވެ. ދުވަހަކުވެސް ، އެކަހަލަ ނަޒަރަކުން ޙަޔާއާމެދު މުރުތަސިމް ނުބަލާކަމަށްބުނެ ، ޙަޔާ ކޮށްޕާލިއެވެ.

" އަހަރެންނަށް ދުވަހަކުވެސް ހަމަލޮލުން ، މުރުތަސިމް ބަލައެއް ނުލަމުއެވެ. އަހަރެންނަށް އެންމެ ފަހަރަކު ބަލައިލިނަމަވެސް ، މިގޭގައި އަހަރެން މިއުޅެނީ ، އަހަރެންގެ ހިތުގައި މުރުތަސިމްގެ މައްޗަށް އޮތް ލޯބީގެ ސަބަބުންކަން މުރުތަސިމަށް އެނގޭނެއެވެ. ކޮންމެވެސް ދުވަހަކުން ، މުރުތަސިމަކީ އަހަރެންގެ މީހަކަށްވާނެކަމުގެ އުއްމީދުގައެވެ. " ޙަޔާ ބުންޏެވެ.

މުރުތަސިމަކީ ، މާ ލޯބިވާކަމަށް ހެދިގެން ، ފިރިހެނުންފަހަތުން ދުވާ އަންހެނުންނަށް ނަފުރަތު ކުރާ މީހެކެވެ. އެގެއިން ނެރެނުލަނިސް ، އޭނާގެ ކޮޓަރިން ނުކުމެގެން ދިއުމަށް ޙަޔާއަށް މުރުތަސިމް އެންގިއެވެ. ހަޔާ ކަހާތަން ހިރުވާވެސް ނުލައެވެ. އެންމެފަހުން ، މުރުތަސިމްގާތަށް އައިސްހުރި ރުޅީގައި ، ޙަޔާގެ އަތުގައި ހިފާ ދަމަމުން ގެންގޮސް ކޮޓަރިން ބޭރަށް ހޫރައިލިއެވެ.

ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަހިނގާލަ މީރަބް ހުއްޓައި ، އޭނާ ނިންމީ ކޮންގޮތަކަށްތޯ ސުއާލު ކުރަމުން ، ވައްޤާސް އައިސް އެ ކޮޓަރިތެރެޔަށް ވަނެވެ. މީރަބްގެ ޖަވާބު ވަރަށް ސާފެވެ. އެކައިވެންޏާ މީރަބް އިންކާރެވެ. އެއީ ، އެއްވެސް ޙާލެއްގައި އޭނާ އެއްބަސްވާނެކަމެއްނޫނެވެ. ރަންގަނޑަކަށްވެގެން އޭނާގެ ކުރިމައްޗަށް މުރުތަސިމް ހުށަހެޅުނަސް ، މުރުތަސިމާ އޭނާ ކައިވެންޏެއް ނުކުރާނެއެވެ.

މުރުތަސިމާ ކައިވެނިކުރަން މީރަބް އިންކާރު ކުރަނީ މީރަބްގެ ޙަޔާތުގައި އެހެން ކުއްޖަކު ހުރެގެންތޯ ވައްޤާސް ސުއާލު ކުރިއެވެ. މީރަބަށް އޭނާދިން މިނިވަންކަން ބޭނުންކުރީ ކޮންގޮތަކަށްކަން އޭރަށް ، ވައްޤާސްއަށް އެނގޭނެއެވެ. ބައްޕަގެ އެސުއާލުން މީރަބްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބައްޕަ އޭނާއަށް ދިން މިނިވަންކަމުގެ ނާޖާއިޒް ފައިދާ ، އޭނާ އެއްވެސް މިންވަރަކަށް ނުނަގައެވެ. އެހެންކަމަށް ވަންޏާ ، އެ ކައިވެންޏަށް އިންކާރު ކުރުމުގެ އެއްވެސް ޙައްޤެއް ، މީރަބަށް ނެތްކަމަށް ވައްޤާސް ބުންޏެވެ.

" އެބަ އޮތެވެ. އަހަރެންނަކީ އިންސާނެކެވެ. އަހަރެންގެ ރުހުމުގައި ނޫނީ އަހަރެންގެ ކައިވެނި ނުކުރުމުގެ ޙައްޤު ، އަހަރެން އުފަން ޤައުމުގެ ޤާނޫނާއި ޤަވާޢިދު ތަކުން ، އަދި އަހަރެންގެ ދީން ، އަހަރެންނަށް ލިބިދެއެވެ. އެއީ ، އަހަރެމެންގެ ޤައުމުގެ ޤާނޫނު ކަށަވަރު ކޮށްދޭ ، އިންސާނީ ޙައްޤެކެވެ. އެ ޙައްޤު ، އަހަރެންނަށްވެސް ލިބިގެން ވެއެވެ. "  މީރަބް ބުންޏެވެ.

މީރަބުގެ އެ ނިންމުމަކީ ، ވައްޤާސްގެ މޫނުމަތީ މީރަބް އަޅުވައިލި އެތިފަހަރެއް ކަހަލައެވެ. މީރަބަށް ކިޔަވައިދީ ބަލައި ބޮޑުކުރީމާ އޭގެ އިނާމަކަށް ވައްޤާސްއަށް އެލިބުނީ ކޮން އެއްޗެއް ހެއްޔެވެ ؟ ވައްޤާސްބުނި ހަމަ އެންމެކަމެއް މީރަބަށް ފުއްދައެއް ނުދެވުނެވެ. އޭނާއަށް ކިޔަވައިނުދިންނަމަ ، އަދި ޚަރަދުކޮށްގެން ބަލައި ބޮޑު ނުކުރިނަމަ ، މީރަބަށް މާ ރަނގަޅެވެ. އެހެންނަމަ ، އޭނާގެ ނުރުހުމުގައި ، ޖަލެއްފަދަ ތަނެއްގައި މުރުތަސިމްފަދަ އަނިޔާވެރިޔެއްގެ އަޅަކަށް ވެގެންދާކަށް ނުޖެހުނީއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.