
( 18 މޭ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެ ފިރިހެނާގެ ގައިގާ ޖަހަން ، އަތުގެ ކޮޅަށް މީރަބް ހޫރައިލި ލަޓިބުރީގައި ފަހަތުން މީހަކު ހިފެހެއްޓިއެވެ. އެއީ ކާކުތޯ ބަލައިލިއިރު ، އެއީ މުރުތަސިމެވެ. މުރުތަސިމް އެތަނަށް އެއައީ ، ކީއްކުރަންތޯ ސުއާލުކުރަމުން ދަނިކޮށް ، މުރުތަސިމްގެ އަޑުގެ ނެތްތަނަށް އަންނާށޭ ގޮވަމުން މީރަބް ދަމާފައި ގެނެސް ، ކާރަށް އެރުވިއެވެ. އޭރުވެސް މީރަބް ގެންދިޔައީ ، އޭނާގެ ގޭގެ ނޯކަރާ ދިމާލަށް ކަންބޮޑު ނުވުމަށް ނަޞޭޙަތްދީ ހަޅޭއްލަވަމުންނެވެ.
މީރަބް ގޮވައިގެން ، އަންވަރު ގެޔަށް އައިއިރު ، ވައްޤާސް އާ ދިމާނުވެގެން ވައްޤާސް އަށް ގޮވަމުން ގެންދިޔައެވެ. ގޭތެރޭ އަޑުގަދަވެގެން ، ވައްޤާސް ތިރިޔަށް ފޭބިތަނުން ދިމާވީ އަންވަރާއެވެ. އެހާ ކުއްލިގޮތަކަށް ، އަންވަރު އައިސް ގެޔަށް ވަތްތަން ފެނުމުން ވައްޤާސް އަށް ލިބުނު ޙައިރާންކަމަށްވުރެ ބޮޑަށް ، އަންވަރު ރުޅިއައިސް ރަތްވެފައި ހުރިތަން ފެނުމުން ބިރުގަތެވެ. ވައްޤާސް އައިސް އަންވަރުގެ ކުރިމައްޗަށް ހުއްޓުމާއެކީ މީރަބް ކޮބައިތޯ ސުއާލު ކުރިއެވެ.
ގޭގައުޅޭނެކަމަށްބުނެ ވައްޤާސް ، މީރަބަށް ގޮވަމުން ގެންދިޔައެވެ. މީރަބުވީތަނެއް އެމީހުންނަށް އެނގޭތޯ އަންވަރު ކުރި ސުއާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ވައްޤާސްގެ ޙައިރާންކަމާއި ބިރުވެރިކަން ދިޔައީ ހައްތާ ބޮޑުވަމުންނެވެ. މީރަބެއް ގެޔަކު ނެތެވެ. ކާރުން ފައިބައި ، މުރުތަސިމާ ދިމާލަށް އަޑުގަދަކޮށް މީރަބް ވާހަކަ ދައްކާ އަޑު ގޭތެރެޔަށްވެސް އިވެއެވެ.
" އަހަރެން ނޭދޭހާ ހިނދެއްގައި މީރަބަށް ، ގެއިންބޭރަކަށް ނުދެވޭނެއެވެ. " މުރުތަސިމް ބުނަމުން ގެންދިޔައެވެ.
މުރުތަސިމްގެ އަމުރުވެރި ބަސްތަކަށް މީރަބަކަށް ކެތެއް ނުކުރެވުނެވެ. އޭނާއާ އެގޮތަށް ވާހަކަ ދައްކަން މުރުތަސިމް އެއީ ކާކުތޯ މީރަބް ސުއާލު ކުރިއެވެ. މުރުތަސިމަކަށް އޭނާ ހުއްޓުވުމުގެ ޙައްޤެއް ނެތެވެ. މުރުތަސިމަކީވެސް ، މީހުން ބޭއަދަބީކޮށް އޭނާއާ ކުރާ ސުއާލަށް ހަނުހުންނަ މީހެއް ނޫނެވެ. އޭނާއަކީ މުރުތަސިމްކަމަށާއި ، އޭނާއަށް އިޙްތިރާމް ކުޑަކޮށްފައި ، އެގެޔަށްވެސް މީރަބަށް ނުވަދެވޭނެކަމަށް މުރުތަސިމް ބުންޏެވެ. އެހެނަސް ، މުރުތަސިމްގެ އަތްފޮޅުވާލާފައި ، މީރަބް ގޭތެރެޔަށް ވަނެވެ.
މީރަބަށް ވަދެވުނީ އަންވަރުގެ ކުރިމައްޗަށެވެ. މީރަބް އެއައީ ކޮންތާކުންތޯ ، ވައްޤާސް ކުރި ސުއާލަށް އަޑަށް ބާރުލާފައި ޖަވާބުދިނީ އަންވަރެވެ. މީރަބް އެގެނައީ މަގުމަތީ އެންމެންގެ ކުރިމަތީ ރޯމާދުވާލު މީހަކާ ތަޅާފޮޅަން ހުއްޓައެވެ. ޚާން އަޙްމަދު ޚާންގެ ކާފަދަރިފުޅު ، މަގުމައްޗަށް ނުކުމެ ، ޕާޓޭންނާ ތަޅައި ފޮޅަނިކޮށް ގެޔަށް އެގެނައީ އަންވަރު މެންނެވެ. އެ ޢާއިލާއަށް ލިބިގެންވާ ޤަދަރާއި ޢިއްޒަތަށް މީރަބް އަރައިގަތީއެވެ.
" ބައްޕާއެވެ ! އަހަރެން އެމީހުން އެބުނާގޮތަށް ، ސަބަބެއްނެތި މަގުމަތީ މީހުންނަކާ ތަޅައެއް ނުފޮޅަމެވެ. އަހަރެންނަށް އަމުރުކޮށް އަހަރެން ހުއްޓުވަން މިމީހުންނަކީ ކޮންބައެއް ހެއްޔެވެ ؟ " މީރަބް ދައްކަމުންދިޔަ ވާހަކަ ވައްޤާސްގެ އަތުގެ އިޝާރާތުން ހުއްޓުވިއެވެ.
މީރަބް ދައްކަމުންގެންދިޔަ ވާހަކައެއް ނުހުއްޓައެވެ. އޭނާއަކީ ، އޭނާ ބޭނުންކަމެއް ކުރާނެ މީހެއްކަމަށާއި ، އެއްވެސް މީހަކަށް އޭނާ ނުހުއްޓުވޭނެކަމަށް މީރަބް ބުނުމާއެކީ ، ވައްޤާސްގެ އަތް މީރަބްގެ މޫނުމަތީ ޖެހުމަށް ހިއްލައިލެވުނެވެ.
މީރަބަށް ލިބުނު ކުއްލި ޝޮކްގައި އަނގަހުޅުވި ބިރުގެންފައި ހުއްޓާ ، އޭނާ އެތަނުން ގެންދިޔައީ މީރަބްގެ މަންމަ އަލީނާއެވެ. މީގެކރިން ދުވަހަކުވެސް ، ވައްޤާސްއަކީ ، މީރަބާމެދު އެފަދަ ގޮތަކަށް ޢަމަލުކުރި މީހެއްނޫނެވެ. ނުރުހުމުގެ ވިސްނުމެއްގައި އިނގިލިކުރިވެސް މީރަބާދިމާލަށް މީގެކުރިން ދިއްކޮށްލާފައެއް ނުވެއެވެ. އަންވަރުމެންގެ ކުރިމަތީ ، އޭނާއާ ދިމާލަށް އޭނާގެ ގައިގާ ޖެހުމަށް ބައްޕަގެ އަތް އުފުލިގެންދިޔަތަން ފެނުމަކީ ، މީރަބަށް އާދައިގެ ކަމެއްނޫނެވެ.
މީރަބް ދިއުމާއެކީ ، އަންވަރުގެ ޖީބުން ކަރުދާސްގަނޑެއް ނެގިއެވެ. އޭނާއެއައީ ، އެކަމާބެހޭގޮތުން ، ވައްޤާސްއާ ވާހަކަ ދައްކާށެވެ. އެހެނަސް ، ކަރާޗީއަށް އައިތަނުން ފެނުނު މަންޒަރުން ، އަންވަރުގެ ވިސްނުން މިހާރު ބަދަލުވެއްޖެއެވެ. ކަރާޗީގައި މީރަބް ބަހައްޓާކަށް އަންވަރުމެން ބޭނުމެއްނޫނެވެ. މީރަބަށް އިތުރު ފުރުޞަތެއް ނެތެވެ. މީރަބަށް އޮތްގޮތަކީ ، އެމީހުންނާއެކީ ، އަޙްމަދުއާބާދަށް ، އެމީހުންގެ ޢާއިލީ ގަނޑުވަރަށް ބަދަލު ވުމެވެ. އެއީ ، މީރަބްގެ ކާފަގެ ޢާއިލީ ހިޔާވަހިކަމެވެ. އަންވަރުމެންގެ އަބުރާއި ޢިއްޒަތް ، ކަރާޗީގެ މަގުތަކުގައި އަގެއްނެތި ގެއްލިގެންދާކަށް އެމީހުން ދުލެއްނުކުރާނެއެވެ. މުރުތަސިމްވެސް ހުރީ އަންވަރާ އެއްކޮޅަށެވެ.
އޭނާގެ ވާހަކަވެސް އަޑުއަހައިލުމަށް ވައްޤާސް ބުނަމުންދަނިކޮށް ، އަންވަރުގެ އަތުގައިއޮތް ގަނޑު ، ވައްޤާސްގެ މޭމައްޗަށް ހޫރައިލިއެވެ. އިތުރަށް ދެންހުރި ވާހަކަތައް ދައްކާނީ ، އަޙްމަދުއާބާދުގައި ، އެމީހުންގެ ގަނޑުވަރުގައި ދައްތަގެ ކުރިމަތީގައި ކަމަށްބުނެ ، އަންވަރާއި މުރުތަސިމް ނުކުމެގެން ދިޔައެވެ. އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ވައްޤާސް އަކަށް ފުރުސަތެއް ނުދެއެވެ.
" ދައްތާއެވެ ! ހަމަ މިހާރު ވައްޤާސް އަށް ގުޅާފައި ، މީރަބް މިތަނަށްގެނެސްލާފައި ދާން އަންގާށެވެ ! " ރުޅިއައިސްހުރެ ، އަންވަރު ، ޚާނަމް އަށް އެންގިއެވެ.
އަންވަރުހުރީ ، ކޮޅުނެތްކޮޅަށް ރުޅިއައިއްސައެވެ. އޭނާގެ ރުޅިގަނޑު މައިތިރި ކުރުމަށް ޚާނަމް އެދުނެވެ. އެހެންނަމަވެސް ، އެއީ ، މީހަކު ރުޅިއައިސްގެން އަވަދިވާވަރުގެ ކަމެކެވެ. އޭނާއަކަށް މައިތިރިއެއް ނުވެވޭނެއެވެ. އެ ޢާއިލާއާ ބެހޭގޮތުން ، ކަރާޗީގައި މީހުން ދައްކާނެ ވާހަކައާއި ކުރާނެ މަލާމާތް ، އަންވަރަކަށް ތަޙައްމަލެއް ނުކުރެވޭނެއެވެ. މީރަބްއާ ގުޅުވާފައި އޭނާގާތު އެއްވެސްމީހަކު ، ވާހަކަދެއްކުމަކީ ، ޚާނަމްވެސް ބޭނުންވާގޮތެއްނޫނެވެ. ޚާނަމްގެ ކުރިމަތީ ، އިސް އުފުލައިގެންހުރެ ، އެއްވެސްމީހަކު މިހާރަކު ވާހަކައެއް ނުދައްކާނެއެވެ. އެކަމަކު ގިނަދުވަސްވީ ވަރަކަށް ، މީރަބާ އެ ޢާއިލާއާ ގުޅުވައިގެން ފާޑުފާޑުގެ ވާހަކަ ދައްކާނެއެވެ. އަންވަރުގެ ކަންބޮޑުވުމަކީ އެއީއެވެ.
" އެއީ ވައްޤާސްގެވެސް ދަރިއެކެވެ. " ޚާނަމް ބުންޏެވެ.
ޚާނަމްގެ ވާހަކަޔަށް އަންވަރުގެ ޖަޒުބާތުތައް މައިތިރިއެއް ނުކުރެވުނެވެ. އެއީ ، ވައްޤާސްގެ ދަރިއެއްނޫންކަމަށާއި ، މީރަބަކީ އޭނާގެ ދަރިއެއްކަމަށް ، ބޭއިޚްތިޔާރުގައި އަންވަރަށް ބުނެވުނެވެ. އެ ޙަޤީޤަތް އެއީ އެޢާއިލާގެ ތެރޭގައި ފޮރުވިފައި އޮތް ސިއްރެކެވެ. ޚާނަމްއާއި އަންވަރު އެވާހަކަތައް ދައްކަމުން ގެންދިޔައިރު ، މުރުތަސިމްވެސް ، އަޑު އިވޭ ހިސާބުގައި ދެކޮޅަށް ކުރުކާލި ކަނޑާލަކަނޑާލައި ހުއްޓެވެ.
އަންވަރު އެންމެފަހުން އެބުނި ވާހަކަޔަކަށް މުރުތަސިމަށްވެސް ހުއްޓިލެވުނެވެ. އަދި ، އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ.
" އެއީ ، މިޢާއިލާގެ ކުއްޖެކެވެ. ދައްތަގެ މާމަދަރިއެކެވެ. އަހަރެމެންގެ ލެޔާއި ޤަދަރާ އަދިއިޙްތިރާމް އޮތީ ، މީރަބާ ގުޅިފައެވެ. އަހަރެމެންގެ ޢިއްޒަތާއި އަބުރު ، ކަރާޗީގެ މަގުމަތީ އަގެއްނެތި ނީލަންކިޔެމުން ދާކަށް ، އަހަރެން ދުލެއް ނުކުރާނަމެވެ. " އަންވަރު އިތުރަށް ބުންޏެވެ.
ވައްޤާސްއާ ވާހަކަ ދައްކާނަން ކަމަށް ބުނެ ، ޚާނަމް ، އަންވަރުގެ ރުޅި މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެންމެފަހުން ، ދައްތަގެ ބަހަށް އަންވަރު އެއްބަސްވިއެވެ. އެކަމަކު ، ޝަރުތެއް މަތިކޮށްފައެވެ. އެއީ ، އެމީހުންގެ ޢާއިލާގެ މީހެއްގެ ގޮތުގައި ، އެމީހުންގެ ބޭބެއެއްގެ ގޮތުގައި ހުންނަން ވައްޤާސް ބޭނުންނަމަ ، އެމީހުންގެ މެދުގައި އެއްބަސްވެފައިވާގޮތަށް ވައްޤާސް ޢަމަލު ކުރުމެވެ. ވައްޤާސް ދިރިހުންނަންޖެހޭނީ އެ ޝަރުތުތަކުގެ މަތީގައެވެ. އެހެންނޫންކަމަށް ވަންޏާ ، އަންވަރު މަޑެއްކޮށެއް ނުހުންނާނެއެވެ. އެނާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެންދާކަށް ދޫކޮށެއް ނުލާނެއެވެ.
އެކަމާބެހޭގޮތުން ، މުރުތަސިމް ބުނަނީ ކީކޭތޯ ، ޚާނަމް ސުއާލު ކުރިއެވެ. މުރުތަސިމް ބުނާ ވާހަކައެއް ޤަބޫލު ކުރާނަންތޯ ޚާނަމްކުރެން ، މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމަކީ ޚާނަމްގެ އަމިއްލަ އުފަން ދަރިއެކެވެ. އަންވަރަކީ ، ޚާނަމްގެ ދަނބިދަރިއެކެވެ. މުރުތަސިމް ބުނާ ވާހަކަޔަކާއި ، އަންވަރުބުނާ ވާހަކަޔަކީ ޚާނަމްގެ ކުރިމަތީގައި އެއްވަރުގެ އަގުހުރި އެއްޗެކެވެ. އެހެންނަމަވެސް ، ޢާއިލީ ނިންމުންތަކުގައި ، މުރުތަސިމްގެ ބަހަކީ ، މުރުތަސިމްގެ ބައްޕަ ، މަރުޙޫމް ޝާހް ނަވާޒް ޚާން ނިންމާ ފަހުގެ ނިންމުމުގެ ގޮތުގައި ޚާނަމް އައީ ބަލަމުންނެވެ.
އެގަނޑުވަރަށް މީރަބް ގެންނާކަށް ، މުރުތަސިމްވެސް ބޭނުމެއްނޫނެވެ. މީރަބް އަމިއްލަޔަށް އަންނަން ބޭނުން ނުވަންޏާ ގަދަކަމުން ގެނައުމުގެ ބޭނުމެއް މުރުތަސިމަކަށް ނުފެނެއެވެ. އެހެނަސް ، އަންވަރަކަށް އެގޮތް ކަމަކު ނުދިޔައެވެ. އެއީ ، އެމީހުންގެ ޢިއްޒަތާއި ޤަދަރާ ގުޅިފައި އޮތް ކަމެއްގެ އިތުރަށް ، މީރަބަކީ އެމީހުންގެ ޒިނމާ އެކެވެ. މުރުތަސިމަށް ފެނުނު ގޮތުގައި ، މީރަބަކީ އެމީހުންގެ ގަޤަރާއި ޢިއްޒަތާ އަދި ޒިންމާއާ ގުޅިފައިވާ ކުއްޖެއްނޫނެވެ. އެހުރިހާކަމެއް ގުޅިފައިވަނީ ވައްޤާސް އަޙްމަދާއެވެ. ވައްޤާސްއަކީ ، މުރުތަސިމްގެ ބައްޕައާއި ، އަންވަރުގެ ގާތް ރަޙުމަތްތެރިޔެއްކަން ، އަންވަރަށް މުރުތަސިމް ހަނދާން ކޮށްދިނެވެ. ވައްޤާސްއަކީ ، އަމިއްލަޔަށް އެޢާއިލާއާ ގުޅިގެންއުޅޭ ، އެހެނަސް ޢާއިލާއިން ބޭރުމީހެކެވެ.
ވައްޤާސްއަށް ، އޭނާގެ އަންހެންދަރިފުޅުގެ ކަންކަން ނުބެލެހެއްޓޭނަމަ ، އެކަމަށްވެސް މުރުތަސިމް ޙައްލެއް ބުނެދިނެވެ. އެއީ ، ކޮންމެވެސް މިހަކާ މީރަބް ދެވުމެވެ. އެއީ ކޮންމެ ފިރިހެނއްކަމަށްވިޔަސް ، މުރުތަސިމަށް މައްސަލައެއް ނެތެވެ. ވީ އެންމެ އަވަހަކަށް އެކަން ކުރުމަށް ، މުރުތަސިމް ލަފާދިނެވެ. އޭނާގެ ޢާއިލާގެ ނަން ބަދުނާމުވެ ، ކިލަނބުވެގެންދާކަށް މުރުތަސިމްވެސް ބޭނުމެއްނޫނެވެ.
ޚާނަމަށްވެސް ފެނުނުގޮތުގައި ، މީރަބްގެ ކައިވެނި ކުރުވުމަކީ ، ރަނގަޅު ޙައްލެކެވެ. ވައްޤާސްވެސް އެކަމަކަށް އިޢުތިރާޒެއް ނުކުރާނެއެވެ. އެހެންނަމަވެސް ، އެކަމާބެހޭގޮތުން އަންވަރު ވަކިގޮތެއް ނިންމާކަށް ބޭނުމެއް ނުވިއެވެ.
" ބައްޕާއެވެ ! އަހަރެންގެ ގައިގާ ޖަހަން މިއަދު ބައްޕަގެ އަތް އުފުލާލައިފީމުއެވެ. އެއީ ، ދުވަހަކުވެސް އަހަރެންނަށް ހުވަފެނުންވެސް ފެންނަން ބޭނުންވި ކަމެއް ނޫނެވެ. " ހިތްހަމަ ނުޖެހިފައި އިނދެ މީރަބް ބުންޏެވެ.
އޭނާގެ އަތް އުފުލައިލުމަށް ވައްޤާސްއަށް މީރަބް މަޖުބޫރު ކުރުވީކަން ސާފުކޮށްދިނުމަށް ވައްޤާސް މަސައްކަތް ކުރަމުން ގެންދިޔައެވެ. މަޖުބޫރީ އެފަދަ ޙާލަތެއްގައި ނޫނީ އެއީ ވައްޤާސް ކުރާނެކަމެއް ނޫނެވެ. ވައްޤާސްގެ އަތް އުފުލައިލެވުނީ މީރަބްގެ ގައިގާ ޖަހާކަށްނޫނެވެ. އެއީ ، މީރަބަށް ސަލާމަތާއި ރައްކާތެރިކަން ވިސްނައިދިނުމަށްޓަކައި ވައްޤާސްއަށް ކުރެވުނު ކަމެކެވެ. އަންވަރުގެ ކުރިމަތީ އޭނާ އެގޮތަށް ޢަމަލު ނުކުރިނަމަ ، އަންވަރުމެން މީރަބް ގޮވައިގެންނޫނީ ކަރާޗީންނެއް ނުފުރާނެއެވެ. އެކަމަށްޓަކައި މީރަބްގެ ކިބައިން ވައްޤާސް ، މަޢާފަށް އެދުނެވެ. އެމީހުންގެ ކުރިމަތީ ، އަޅުންނަށްވެގެން މަޖުބޫރީ ދުނިޔެއެއްގައި މީރަބްމެން އުޅެންޖެހެނީ ކީއްވެގެންކަމެއް ، މީރަބަކަށް ނޭނގެއެވެ. މީރަބަކީ ، ވައްޤާސްގެ ދަރިއެކެވެ. އެވަރު މީރަބަށް ފުދެއެވެ. މީރަބްގެ މައްސަލަޔަކީ ، މީރަބާބެހޭ ކިތަންމެ ކުޑަ ނިންމުމަކަށްވެސް އެހެންމީހުންގެ ބަސް ކިޔުމެވެ. ބައްޕަގެ ފުރިހަމަ އިޚްތިޔާރާއި ބާރު ، މީރަބްގެ މައްޗަށް ނެތުމެވެ. އެއީ މީރަބް ޤަބޫލުކުރާ ހަމައެއްނޫނެވެ.
ވައްޤާސްގެ މަޖުބޫރީ ޙާލަތަކީ ، މީރަބަށް ވިސްނައިދެވޭވަރަށްވުރެ ، އުނދަގޫ ވާހަކައެކެވެ. މިހާރުވެސް ، ޚާނަމް އެތައްފަހަރަކު ވައްޤާސްއަށް ގުޅައި ، އަޙްމަދުއާބާދަށް މީރަބް ފޮނުވަން އަންގައިފިއެވެ. މީރަބް އެމީހުންގާތަށް ގޮސް ، އަންވަރުގެ ކިބައިން މަޢާފަށް އެދެން ޖެހެއެވެ. އެނޫންގޮތެއް މީރަބަކަށް ނެތެވެ.
މީރަބް ގޮވައިގެން ވައްޤާސް އަޙްމަދުއާބާދަށް ދިޔައީ ، އޭނާގެ އަންހެނުން އަނީލާވެސް ގޮވައިގެންނެވެ. އެމީހުންނަށް މަރުޙަބާކިޔައި ސަލާމްޤަލާމްކޮށް ނިމުމާއެކީ ، މީރަބްގެ ކައިވެނީގެ ވާހަކައިން ޚާނަމް ފެއްޓިއެވެ. މީރަބްގެ ކައިވެނީގެ ވާހަކަ އެއީ އެތިންމީހުންނަށްވެސް އާ ވާހަކައެކެވެ. ތިންމީހުންގެ މޫނުމަތިންވެސް ފާޅުވެގެންދިޔަ ކުއްލި ޙައިރާންކަން ޚާނަމް އަށް ފާހަގަ ކުރެވުނެވެ. އޭނާއަށް އެ ބުނެވުނީ ގޯސްވާހަކައެއްތޯ ޚާނަމް ސުއާލު ކުރިއެވެ. އެމީހުންނަށް ގޯސްވާނެ ވާހަކައެއް ޚާނަމްއެއް ނުބުނާނެއެވެ.
އޭނާގެ ކައިވެނީގެ ވާހަކައިގެފަހުން ، މީރަބަށް ދެން އެއިވުނީ އެއަށްވުރެ ބޮޑު ތަކުލީފެއްގެ ވާހަކައެވެ. ގޭތެރެޔަށް ވަދެ ، އަންވަރުގެ ކޮޓަރިޔަށްގޮސް ، އޭނާގެ ކިބައިން މަޢާފަށް އެދުމަށް ، ވައްޤާސް ، އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. ވައްޤާސް އެތައްފަހަރަކު ބުނެގެން ، އެންމެފަހުން އެކަންވެސް ކުރަން މީރަބަށް މަޖްބޫރު ވިއެވެ.
އަންވަރުގެ ކިބައިން މަޢާފަށް އެދުމަށްފަހު ، މީރަބް އެކޮޓަރިން ނުކުމެގެން އައީ ، ވައިސޯރިއެއްހެން ފައިގާހުރި ބާރެއްލާފައެވެ. ކުރިމަތިން އޭނާގެ ގައިގާ އެލައިގަތް މީހަކަށް ބަލައިލާނެ ފުރުސަތެއް ނެތި ވެއްޓެން ދިޔަތަނުން ، އެމީހަކު މީރަބްގެ އަތުގާ ހިފައި ކޮއްޅަށް ނެގިއެވެ. އެއީ މުރުތަސިމެވެ. ދެމީހުންނަކީ ދެދުޝްމަނުން ފަދައިން އެދެމީހުންގެ މެދުގައި ޒުވާބު ހިނގައިގަތެވެ. އެގޭތެރެއިން މީރަބް ފެންނާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. އެ ހުރަގޭތެރެޔަށް އެންމެ ނޭވާއެއް ދޫކޮށްލާކަށްވެސް ، މީރަބް ބޭނުމެއްނޫނެވެ. އެތަނަކީ ، އަންހެނުންގެ ޙުކުމް ހިނގާ ތަނެކެވެ. އެއީ ، ފިރިހެނުންނަށް އެމީހުންގެ މަޤާމު ގެއްލި ، އަންހެނުންގެ ފައިބުޑަށް ތިރިވެ ، ކިޔަމަންތެރިކަން އަދާކުރުމަށް މަޖުބޫރު ކުރުވާފައި އޮންނަ ޖަލެކެވެ.
އަރައިގެންފައިހުރި ރުޅީގައި ، މީރަބްގެ ކުރިމަތީ އެންމެ ސިކުންތެއްވެސް ބޭކާރުކުރާކަށް މުރުތަސިމް ބޭނުމެއް ނުވިއެވެ. ކޮޓަރިޔަށް އައިސް ، ކުދި ކިޔަން ހުއްޓާ އެތަނަށް އައިސް އެވަނީ ޙަޔާއެވެ. ޙަޔާ އެއައީ މުރުތަސިމްގެ ހެދުން ހިފައިގެންނެވެ. މުރުތަސިމްގާތަށް އައިސްފައިހުރި ރުޅި އިތުރަށް ގަދަވިއެވެ. އޭނާއާމެދު އެންމެ ހިނދުކޮޅަކުވެސް ޙަޔާ ވިސްނާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. އޭނާގެ ކޮޓަރިޔަށްވެސް ޙަޔާ އައިސް ވަދެގެން ނުވާނެކަން އަންގައި ޙަޔާ އެތަނުން ފޮނުވައިލިއެވެ.
" އަހަރެންގެ ވިސްނުން ، އަހަރެންގެ ހިތުގެމައްޗަށް ބާރުފޯރުވީ ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. " ބިރެއްނެތި ޙަޔާ ބުންޏެވެ. ( ނުނިމޭ )
varahves reethi shukuran