21 May 2025 (Wednesday)

މުލީ ރައްޔިތުން ޕިކްނިކްދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށް ރައީސް އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މ. މުލީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުލީ ކައުންސިލުން ވިދާޅުވީ މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުންކަމަށެވެ. އަދި މުލީ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި މުލީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުލީ ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސްކޫލުގެ ކްލާސްރޫމްތައް އޭ.ސީކޮށްދެއްވުމަށާއި، ރަށުން ރިހެބިލިޓޭޝަން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގައި އިންސާނީ ވަޞީލަތް ޤާއިމުކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ރަށުގެ ރައްޔިތުން ޕިކްނިކްދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެފައިވާ ކަންކަން ފުއްދަވައިދެއްވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.