
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ ބައްދަލުކުރައްވައި ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ، 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ދަށުން ގެތަކަށް ޒިޔާރަތްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާ ވާހަކަދެއްކުމުން މި ކުދިން ބެލެހެއްޓުމުގައި މި ފަރާތްތައް ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށާއި، މީގެތެރޭގައި، ގެއިން ބޭރަށް ނުނިކުމެ ހަފްތާތަކާއި މަސްތައް ހޭދަކުރާ ބެލެނިވެރިންވެސް ތިބިކަން ފާހަގަކުރެވިފައިވާކަމަށެވެ.
"މި ބެލެނިވެރިންނާ ވާހަކަދެއްކުމުން، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހައި، ވާހަކަދައްކާނެ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަންވެސް އަޅުގަނޑުމެންނަށް ދެނެގަނެވުނު. މިފަދައިން ވާހަކަދައްކައި، އެހެން ދެވަނަ ފަރާތަކާ މި އިޙްސާސްތައް ހިއްސާކުރުމަކީ، ބެލެނިވެރިންނަށް ހިތްހަމަޖެހުން ލިބި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުކުރާ ކަމެއްކަން ފާހަގަކުރެވުނު." ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، މަމްސް އެއިޑްއާއި އެކު ފެށިގެން ކުރިއަށްދާ މި ސަޕޯޓް ގްރޫޕްތަކުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ހިތްވަރުގަދަ ބެލެނިވެރިންގެ ފަރާތުން އެކަކު އަނެކަކަށް ހިއްސާކުރާ ތަޖުރިބާތަކުގެ އަލީގައި މި ކުރެވޭ މަސައްކަތްތަކަކީ އަމިއްލަ ނަފްސަށް ފަޚުރުވެރިވާންޖެހޭ އަގުހުރި ޚިދުމަތެއްކަމުގެ އިޙްސާސްކުރެވި، ދުވަސް ހެޔޮގޮތުގައި ރާވާލުމުގައި، ކުދިން ބެލެހެއްޓުމުގައި ސަޕޯޓް ސިސްޓަމެއް އުފެދިގެންދާނެކަމަށް ވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ ގުރޫޕަކާއިއެކު ޖުމްލަ 13 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ބައްދަލުވުންތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު އޮންނާނެ ކަމަށް ވެސް ވަޒީރުވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ، މި ސަޕޯޓް ގުރޫޕްތަކުގެ ސަބަބުން، ހުރިހާ ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިއެރުންތަކެއްލިބި، އެކަނިވެރިކަން ފިލައިގެންދާނެކަމެއްގެ ގޮތުގައި މި ސަޕޯޓް ގުރޫޕްތައް ވެގެން ދިއުން ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރިންނަކީ ވަރަށް ހިތްވަރުގަދަ ފަރާތްތައްކަމަށާއި، މި ފަރާތަކުގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކޮށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ މި ބެލެނިވެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި، މަމްސް އެއިޑުން ސަޕޯޓް ގްރޫޕްތައް ހިންގައިދިނުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ވެސް ވަޒީރުވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.