
( އެންމެ ފަހުބައި )
(8 މޭ 2025 ގައި ޝާޢިއުކުރި ބަޔާގުޅޭ )
އެނދުގައި އިށީނދެލައިގެން އަނީސާ ރޯންއިންދާ ، އައްވަލް އައިސް އެކޮޓަރިޔަށް ވަނެވެ. މަންމަގާތު އިށީނދެލައި ، މަންމަގެ އަތުގައި ހިފާލައި ، ފިރުމައިލިއެވެ. މަންމަ ބޭނުމިއްޔާ ، ދިލްނަޝީން އެގެޔަށް ގެނަޔަސް އޭނާއަށް އެންމެ ރަނގަޅުކަމުގައި އައްވަލް ބުންޏެވެ.
" އަހަރެން އެންމެ ލަދުގަންނަނީ ، ދިލްނަޝީންގެ މަންމަގެ ގޮތުގައި މީހުންނަށް އަހަރެން އެނގޭތީއެވެ. އެހެނަސް ، މިއަދު އެއަށްވުރެ ބޮޑަށް ، އަހަރެން މި ފަޚުރުވެރިވަނީ ، އަހަރެންގެ ފިރިހެންދަރިޔަކަށް އައްވަލް ވީތީއެވެ. ދިލްނަޝީން މަރުވިޔަސް ، އަހަރެންނަށް އަޑުންއަޑުނަގާ ރޮވޭނެއެވެ. ދިލްނަޝީންގެ ހިތާމަޔާއި ހިތްދަތިކަމަށް އަހަރެންނަކަށް އެހީތެރިވެއެއް ނުދެވުނެވެ. ދިލްނަޝީން ވީ ކޮންތާކު ކަމެއް ނޭނގެއެވެ. ޙާލަކީ ކޮބައިކަމެއް ނޭނގެއެވެ. ނުވިސްނަން ހުއްޓަސް އެހުރިހާ ޚިޔާލުތަކެއް ، އަހަރެންގެ ސިކުނޑިއަށް އެބަ އާދެއެވެ. " އަނީސާ ބުންޏެވެ.
ޢާފިޔާވެސް އެތަނުގައި ކޮޅަށް ހުއްޓެވެ. ދިލްނަޝީން އިއްޔެ ހޮސްޕިޓަލުން ދޫކޮށްލި ވާހަކަ ، ޢާފިޔާ ބުންޏެވެ. އަދި ، ޙަމްޒާ މިއަދު މަރުވިވާހަކަ ، ނޫސްތަކުގައި އޮތްވާހަކަވެސް ޢާފިޔާ ބުންޏެވެ. ދިލްނަޝީން ދިޔައީ ކޮންތާކަށް ހެއްޔެވެ ؟ ހަމަގައިމުވެސް ، އެގެޔަކަށް ނާދެއެވެ.
" ދިލްނަޝީން އަހަރެންނަށް ފޯނުކުރިއެވެ. ޙައިދަރުމެންގެޔަށް ގޮސް ، އޭނާގެ ކުށެއްނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރާނެވާހަކަ ބުންޏެވެ. އަދި ، ޙައިދަރު ، ދިލްނަޝީން ބަލައިނުގެންފިނަމަ ، ދެން ފެންނާނީ އޭނާގެ ފުރާނަނެތް މަސްގަނޑު ކަމަށް ދިލްނަޝީން ބުންޏެވެ. " ބިރުންހުރެ ، ޢާފިޔާ ބުންޏެވެ.
ޢާފިޔާ އެވާހަކަ އަނީސާގާތު ނުބުނީމަ ، އަނީސާގާތަށް ރުޅިއައެވެ. އެކަމަކު ، ޢާފިޔާއަށް އެގޭގެ އެއްވެސް މީހަކުގާތު އެވާހަކަ ބުނެވޭނީ ކިހިނެއް ހެއްޔެވެ ؟ އެންމެންވެސް ތިބީ ދިލްނަޝީންދެކެ ރުޅި އައިއްސައެވެ. ދިލްނަޝީންގެ ވާހަކަ އަޑުއަހައިލަން ނޭދޭއިރު ، ދިލްނަޝީންގެ މޫނުދެކެލަންވެސް އެގޭގެ އެއްވެސް މީހަކު ނޭދެއެވެ.
މަންމަ އޮތް ކޮޓަރިޔަށް ޙައިދަރަށް ވަދެވުނުއިރު ، ކުލްސޫމަށް ސޫޕްކޮޅެއް ދެވޭތޯ ސާރާ މަސައްކަތް ކުރަމުން ގެންދެއެވެ. ސޫޕްގެ ރަހަ ނުބައިވެގެން ކުލްސޫމް ޝަކުވާ ކުރަނީއެވެ. ގެއިން ބާބަރާ ލައްވާ ސޫޕްކޮޅެއް ހަދައިގެން ގެނެސްދޭން ސާރާ ގާތު ބުންޏެވެ. އެހެންނަމަވެސް ، ކުލްސޫމަށް މީރުވެގެން އެއުޅޭ ސޫޕް ހަދަނީ ބާބަރާ ނޫންކަން ކުލްސޫމުގެ ހަނދާނަށް އައެވެ. އެއީ ، ދިލްނަޝީންހަދާ ސޫޕެކެވެ. ފަހަރެއްގައި ދިލްނަޝީންގާތުން ބާބަރާ ދަސްކޮށްފަވެސް އޮވެދާނެއެވެ. އެންމެފަހުން ، ބާބަރާ ލައްވާ ސޫޕް ހަދައިގެން ގެނެސްދޭން ކުލްސޫމް އެދުނެވެ. ސާރާ އޭރު އުޅެނީ ގެޔަށް ދާންވެގެންނެވެ. ސާރާ ނުކުތުމާއެކު ، ޙައިދަރަށް ފޯނެއް އައެވެ. އެއީ އަނީސާގެ ފޯނެކެވެ. ޙާލުއަޙުވާލު އަހައިލުމަށްފަހު ، ދިލްނަޝީން ކޮބައިތޯ އަނީސާ ސުއާލު ކުރިއެވެ. ދިލްނަޝީން ރޭގައި އެގެޔަށް ދިޔަވާހަކަ އާއި ، އޭނާއާ ދިލްނަޝީނާ ދެމެދު އެއްވެސް ، ގުޅުމެއް މިހާރު ނެތްކަމަށް ޙައިދަރު ބުންޏެވެ. އަދި އޭނާގެ ގެއިން ދިލްނަޝީން ނެރެލައިފިކަން އަނީސާއަށް އެންގިއެވެ. އެވާހަކަ އިވުމާއެކީ ، އަނީސާގެ އަތުގައި އޮތް ފޯނު ، އަތުން ދޫވެގެން ވެއްޓުނެވެ. ޙައިދަރަކަށް އަނީސާއަކާ އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.
ޙައިދަރު ކަންބޮޑުވެފައި އިންތަން ފެނިފައި ، ކޮންކަމެއް ދިމާވީތޯ ކުލްސޫމް އަހައިލިއެވެ. އެއްވެސް ކަމެއް ދިމާނުވާކަމަށް ޙައިދަރު ބުނިނަމަވެސް ، ކުލްސޫމަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ވެގެން އުޅޭގޮތެއް ކިޔައިދިނުމަށް ކުލްސޫމް އެދުނެވެ.
" ދިލްނަޝީން ، ރޭގައި ގެޔަށް ދިޔައެވެ. ދެންމެ އެގުޅީ ދިލްނަޝީންގެ މަންމައެވެ. އަހަރެން މިއަދު މެހެމަލްއާ ބައްދަލުކުރަން އެގެޔަށް ދިޔައިމެވެ. ދިލްނަޝީންގެ ތަޞައްވުރު ބަދަލުކުރަން މެހެމަލް ރޭވި ރޭވުންތަކާއި ، މަންމައާއި އަހަރެންގެ ހިތުގައި ދިލްނަޝީންގެ މައްޗަށް ނަފުރަތު އުފެއްދުމަށް ކުރި މަސައްކަތް މެހެމަލް ކިޔައިދިނެވެ. އަދި އެ ފިރިހެންކުއްޖާއާ ދިލްނަޝީނާ ގުޅުވަން މެހެމަލް ރޭވި ހުރިހާ ޙީލަތްތެރި ރޭވުންތައްވެސް މެހެމަލް ކިޔައިދިނެވެ. މެހެމަލް ބުނިގޮތުގައި ، ދިލްނަޝީންގެ އެއްވެސް ކުށެއްނެތެވެ. ހުރިހާވެސް ގޯހެއްހެދީ މެހެމަލް އެވެ. " ޙައިދަރު ބުންޏެވެ.
ދިލްނަޝީން މިހާރު ކޮބައިތޯ ކުލްސޫމް ސުއާލު ކުރިއެވެ. ރޭގައި އެގެއިން ދިލްނަޝީން ބޭރުކޮށްލި ވާހަކަ ޙައިދަރު ބުންޏެވެ. އެކަމަކު ، ދިލްނަޝީންގެ މަންމަމެންގެޔަކަށް ދިލްނަޝީނެއް ނުދެއެވެ. ޙައިދަރު އޭނާ ބަލައިނުގެންފިއްޔާ ، ދެން ފެންނާނީ ދިލްނަޝީންގެ ފުރާނަނެތް މަސްގަނޑުކަމަށް ، ޢާފިޔާގާތު ދިލްނަޝީން ބުނިވާހަކަ ، އަނީސާ ދެންމެ ބުނިކަމަށްވެސް ޙައިދަރު ބުންޏެވެ. އެފިރިހެން ކުއްޖާވެސް މިއަދު ނިޔާވެއްޖެއެވެ. ޙައިދަރު ހޮސްޕިޓަލަށް ވަތްއިރު ، އެކުއްޖާ ، ހޮސްޕިޓަލުން ނެރުނުތަން ފެނުނުކަމަށްވެސް ޙައިދަރު ބުންޏެވެ.
ދިލްނަޝީން ވީތަނެއް ނޭނގުނީމަ ، ކުލްސޫމްވެސް ކަންބޮޑުވިއެވެ. އެކަމާ ހާސްވެގެން ، މަންމަޔަށް ގޮތެއްވެދާނެތީ ޙައިދަރު ކަންބޮޑުވެގެންގޮސް މަންމަގާތަށް ޖެހިލިތަނުން އަނެއްކާވެސް ފޯނެއް އައެވެ. އެއީ އަނީސާގެ ފޯނެކެވެ. އަނީސާ އެދުނީ އެންމެ ކަމެއް ކޮށްލަ ދިނުމަށެވެ. ދިލްނަޝީން ރޭ އެގެޔަށް ގޮއްސަ އެގެއިން ނުކުތީ ކޮންއިރަކުތޯ ، ސެކިއުރިޓީކުރެން އަހައިލަ ދިނުމަށެވެ. އެކަން ސާފުކޮށްލާފަ ގުޅާނެކަމަށްބުނެ ، ޙައިދަރު ފޯނު ކަނޑައިލިއެވެ.
ދިލްނަޝީން އެރޭ އިނީ ، ގޯތިތެރޭހުރި ބަގީޗާއެއްގެ ގަހެއްދަށުގައި ނިދާފައި ކަމަށާއި ، އެގެއިން ނުކުތީ ދެންމެ ސާރާ އައިސް އެއްޗެތިކިޔާފައި ގެއިންނެރެ ، މަގުމައްޗަށް ހޫރައިލީމާކަމަށް ، ސެކިއުރިޓީ ބުންޏެވެ. ހެނދުނު ، ބަދިގެތެރެޔަށްވަދެ ، ކުލްސޫމަށް ސޫޕްކޮޅެއް ހަދައިދީފައިވެސް އެއްޗެއް ނުކައި ނުކުމެ ، އެގަސްދަށުގައި ދިލްނަޝީން އިންކަމަށްވެސް ސެކިއުރިޓީ ބުންޏެވެ. އޭގެ އިތުރަށް ، ދިލްނަޝީން ކުލްސޫމަށް ހަދައިދިން ސޫޕްތަށި ސާރާ އުކާލިވާހަކަވެސް ބުންޏެވެ.
އެވަގުތު ، ސާރާ އައިސް ވަނުމާއެކީ ، ސާރާ އެއައީ ކީއްކޮށްފައިހޭ އަހައި ސާރާއާ ދިމާލަށް ޙައިދަރު އެއްޗެތި ކިޔައިގަތެވެ. ދިލްނަޝީނަށް ހެދިގޮތާއި ސޫޕްތަށި އެއްލައިލިވާހަކަ ސާރާ ކިޔައިދިނެވެ. އަދިވެސް ، ބޭބެގެ ޙަޔާތުގައި ދިލްނަޝީން ބަހައްޓަން ވިސްނަނީތޯ ސުއާލު ކުރިއެވެ. ސާރާއަށް ނޭނގޭ އެތައްކަމެއް ޙައިދަރަށް އެނގޭކަމަށާއި ، ސުއާލަކީ އޭނާގެ ޙަޔާތުގައި ދިލްނަޝީން ބެހެއްޓުން ނޫންކަމަށާއި ، އެއީވެސް އިންސާނެއްކަމަށްވާތީ ، ދިލްނަޝީނާ އޭނާ ވަކިވާނީ ރީތިގޮތުގައިކަމަށް ޙައިދަރު ބުންޏެވެ.
ދިލްނަޝީން އައިސް އެގެޔަށް ވަނީމަ ، ޙައިދަރަށްވެސް ވަނީ ، ނުގޮވަންވާވަރަށް އެއްޗެތި ގޮވައި ، ދިލްނަޝީނަށް އަނިޔާވެރިވެ ، ގެއިން ބޭރުކޮށްލާފައެވެ. އެކަމަކު ، ދިލްނަޝީން އިޚްތިޔާރުކުރީ ކެތްތެރިކަމެވެ. ލެއްވި ރަޙުމަތްކަމަށް ބަލައިގެން އެރޭ ހަތަރުދަމު ، ބަގީޗާތެރޭ ގަހެއްދޮށުގައި ބާކީވެފައި އިނީއެވެ. ކޮންމެވެސް ވަރެއްގެ އުއްމީދެއް އޭނާގެ ހިތުގައި ބާއްވައިގެންނެވެ. ޙައިދަރުގެ ރުޅިގަނޑު މަޑުވެ ، ހަމަބުއްދި ލިބި ، ޙައިދަރަށް ހެޔޮވިސްނުން ލިބިދާނެކަމުގެ އުއްމީދުގައެވެ. އަނިޔާވެރިކަން އެއީ ، ﷲ އެކަލާނގެ ޒާތުފުޅަށްވެސް ޙަރާމްކުރައްވާފައިވާ ކަމެއްކަން ، ސާރާއަށް ޙައިދަރު ހަނދާން ކޮށްދިނެވެ. ﷲ ހެއްދެވި މަޚުލޫޤުން އެކަން ހަނދާން ނައްތައިލަން ވެދާނެ ހެއްޔެވެ ؟
ދިލްނަޝީން ގެއިން ނެރެލާފައި ސާރާ އައިމަ އެކަމާ ހިތްހަމަ ނުޖެހިގެން ސާރާއާ ދިމާލަށް ޙައިދަރު އެއްޗެތި ކިޔައި ދެބެންގެ މެދުގައި ޒުވާބެއް އުފެދުނެވެ. ޙައިދަރަށް ގޮވާލައި އެނާގާތު އިށީނދެލުމަށް ކުލްސޫމް އެދުނެވެ.
" ޙައިދަރު ބޭނުންނަމަ ، ދިލްނަޝީނަށް މަޢާފުކުރާށެވެ. އެކުއްޖާއަށް އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. އަދި އެހުރީ ، ޙައިދަރުގެ އަނތްބެއްގެ ގޮތުގައެވެ. ސަބަބަކީ ، ޙައިދަރުގެ ބައްޕަވެސް ، މަންމަޔަށް މަޢާފު ކުރިއެވެ. ތިކަހަލަ ކަމެއްގައި އަހަރެމެން ދެމަފިރިންގެ މެދުގައި އުފެދުނު ޝައްކަކާ ގުޅިގެން ، ޙަޤީޤަތް އޮޅިގެންނެވެ. ކައިވެންޏަށްފަހު ، އަނބިމީހާގެ މާޒީ ، ފިރިމީހާގެ ކުރިމައްޗަށް އަންނަހިނދު ، އަންހެނާއާ ދިމާލަށް އިނގިލި ދިއްކުރެވޭނެއެވެ. މަންމަ މިހުރީ އެކަން ތަޖުރިބާކޮށް އެކަމުގެ ތަކުލީފު އުފުއްލާފައެވެ. ޙައިދަރުގެ ބައްޕަޔަށް ، މަންމަގެ މާޒީ އެނގުނީ ކައިވެނީގެ ފަހުންނެވެ. އެކަމަކު ، އަހަރެން ވަރިއެއް ނުކުރެއެވެ. އަހަރެންނަށް މަޢާފުކޮށް ، ކައިވެނިމަތީ ދެމިހުއްޓެވެ. " ކުލްސޫމް ބުންޏެވެ.
ދިލްނަޝީން އެކުރިކަމެއް ކުރީ ، ކައިވެނީގެ ފަހުންކަމަށް ބުނެ ، މަންމަގެ ވާހަކަޔަށް ސާރާ ނުރުހުން ފާޅުކުރިއެވެ. ސާރާގެ ބޭބެވެސް ، ކައިވެންޏަށްފަހު ، މެހެމަލް ގެނެސް ގެޔަށްވެއްދިކަން ސާރާއަށް ، ކުލްސޫމް ހަނދާންކޮށްދިނެވެ. ޙައިދަރު އެކަން އެކުރީ ކީއްވެތޯ ޙައިދަރާ ސުއާލު ކޮށްބަލާށޭ ބުނެ ، ސާރާ މަޑުން އިނުމަށް ކުލްސޫމް އެންގިއެވެ. ޙައިދަރުގެ މާޒީ ، ދިލްނަޝީނަށް ނުވަތަ އެގޭގެ މީހުންނަށް އެނގުނުނަމަ ، އެމީހުން ޙައިދަރުގެ ކައިވެންޏަށް ރުހޭނެތޯ ކުލްސޫމް ސުއާލު ކުރިއެވެ.
" ދަރިފުޅާއެވެ ! ދިލްނަޝީން މަޢާފަށް އެދޭކަމަށް ވަންޏާ ، އޭނާ އެހުރީ އޭނާއަށް ކުރެވުނު ކުށް ޤަބޫލުކޮށްގެންނެވެ. އެފަދަކަމެއް ތަކުރާރު ނުކުރުމަށް ނިޔަތް ގަނެގެންނެވެ. ތިޔަ ދެމީހުންގެ ދެމެދަށް އެންމެ މީހެއްނޫނެވެ. ދެމީހުން ވަނެވެ. އެދެމީހުންކުރެ މީހެއްގެ އުނދަގުލެއް ދެނެއް ނުފޯރާނެއެވެ. ޙަމްޒާއެއް މިހާރު މިދުނިޔެއަކު ނެތެވެ. މެހެމަލް އެހުރީ ފިރިމީހާގެ ގާތަށް ގޮހެވެ. އެކަން އެހެން އޮތީމަ ، ދިލްނަޝީނަށް އިތުބާރު ކުރާށެވެ ! ދިލްނަޝީނަށް މަޢާފު ކުރާށެވެ ! " ކުލްސޫމްގެ ވާހަކަ ނިންމައިލިއެވެ.
ޙައިދަރު އިންތަނުން ތެދުވިއެވެ. އޭނާއަށް ހަދާނެގޮތް ބޮޑުވިއެވެ. މެހެމަލްގެ ވާހަކަތަކަށްފަހުވެސް ، ޙައިދަރު ނިންމައިގެން ހުރީ އޭނާގެ ދިރިއުޅުން ދިލްނަޝީނާއެކީ ކުރިޔަށް ގެންދާކަށް ނޫނެވެ. މަންމަގެ ވާހަކަތަކުން ދެވަނަ ވިސްނުމަކަށްދާން އޭނާއަށް މަޖުބޫރުވިއެވެ. ދިލްނަޝީންގެ ލޮލުން އޮހޮރުނު ކަރުނައިން ، މަންމަގެ ހިތްތިރިކަން އިތުރުވީކަމުގައި ޙައިދަރު ބުންޏެވެ. އެކަމަކު ، އެހުރިހާކަމެއް އޭނާ ހަނދާން ނައްތައިލާނީ ކިހިނެއް ހެއްޔެވެ ؟ އެއީ އޭނާގެ ޙަލާލު އަނބިމީހާއެވެ. ދިލްނަޝީންގެ ސަބަބުން ކުރިމަތިވި ލަދުވެތިކަމާއި ގެއްލުމުގެ ބަދަލުގައި ، އޭނާއަށް ދިލްނަޝީނަށް މަޢާފު ކުރެވޭނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ.
" އެކަންކަމަކީ ، ފިރިޔަކަށް ބަރުދާސްތު ކުރެވޭވަރަށްވުރެ ބޮޑު ތަކުލީފެއްކަން މަންމަޔަށްވެސް އެނގެއެވެ. އެކަމަކު ، ތިކަހަލަ ހިތް މަޑުމައިތިރި ދަރިޔަކު ، އެއްފަހަރުނަމަވެސް ، ހަމަޖެހިލައިގެން ވިސްނާލައިފިނަމަ ، ދިލްނަޝީންގެ ކިބައިން ކަމެއް އުނިވާނަމަ ، އޭގެ ބަދަލުގައި ރަނގަޅު އެތައްކަމެއްވެސް އެބަހުރިކަމަށް ޤަބޫލު ކުރެވޭނެއެވެ. " ކުލްސޫމް ބުންޏެވެ.
މަންމަގެ ވާހަކަ އަޑުއަހަން ހުރެފައި ، އެއީ އޭނާއަށް ކުރެވޭވަރުގެ ކަމެއް ނޫންކަމަށް ބުނެ ޙައިދަރު އެތަނުން ނުކުތެވެ. ހޮސްޕިޓަލުން ނުކުމެގެން ޙައިދަރު ދިޔައީ ގެޔަށެވެ. ގެޔާ ކައިރިވީތަނުން ، ދިލްނަޝީން އެހިސާބުން ފެނޭތޯ ، ބޭއިޚްތިޔާރުގައި ޙައިދަރަށް ބަލަމުން ގެންދެވުނެވެ.
ގެޔަށް ވަދެގެން އައިއިރު ، މައިގެޔާ ޖެހިގެން އޮތް ފަތާފެންގަނޑު ކައިރީ ، ދަތްދޮޅީގައި އަތްވިދެލައިގެން ދިލްނަޝީން އިންތަން ޙައިދަރަށް ފެނުނެވެ. ދިލްނަޝީންގާތަށް ޖެހިލައި ، އެއީ ދިލްނަޝީންގެ އެންމެ ފަހު ނިންމުންތޯ ޙައިދަރު ސުއާލު ކުރިއެވެ. އާނއެކޭ ބުނުމަށް ދިލްނަޝީން ބޯޖަހައިލިއެވެ. އެފަދަކަމެއް އަލުން ތަކުރާރުވެއްޖިއްޔާ ހަދާނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ.
" ޙަމްޒާ އެއައީ ދެވަނަ ފަހަރަށެވެ. އެކަމަކު ، އަހަރެން އޭނާ އަނބުރާ ފޮނުވައިލީއެވެ. އިތުރަކަށް އޭނާއެއް އަހަރެންގެ ފަހަތަކުން ނާންނާނެއެވެ. " ޙަމްޒާ މަރުވިކަން ނޭނގި ހުރެ ދިލްނަޝީން ޖަވާބު ދިނެވެ.
އޭނާގެ ޙަޔާތުގައި ދިލްނަޝީން ގެންގުޅުމަށް އޭނާގެ ހިތްއެދޭކަމުގައި ޙައިދަރު ބުންޏެވެ. އެކަމަކު ، ދެނެއް އޭނާއަކަށް ދިލްނަޝީނަށް އިތުބާރެއް ނުކުރެވޭނެއެވެ.
" އަހަރެން ، ޙައިދަރުގެ ދިރިއުޅުމުގައި ގެންގުޅެ ދޭށެވެ. މަޑުމަޑުން ގޮސް އަހަރެންނަށް އިތުބާރުވެސް ކުރެވޭނެއެވެ. " ދިލްނަޝީން ބުންޏެވެ.
އޭނާގެ ދިރިއުޅުމުގައި ދިލްނަޝީން ނުގެންގުޅެފިއްޔާ ވާނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެހެންއެކަން ވެއްޖިއްޔާ ފެންނާނީ ، އޭނާގެ ފުރާނަނެތް މަސްގަނޑުކަމަށް ދިލްނަޝީން ބުންޏެވެ.
" ޙައިދަރުގެ ލޯބި ޙާޞިލްކުރުމަށްޓަކައި އަހަރެން ، މަރުނުވެ ދިރި ހުންނަން ޖެހެއެވެ. އެއް ލޯތްބަކީ ލޯކަނު ލޯތްބެވެ. އަނެއް ލޯތްބަކީ ، މީހެއްގެ އާދައާއި ސަޚުޞުން އުފެދޭ ލޯތްބެވެ. ވަގުތާއެކީ ކަންކަން ބޮޑަށް ސާފުވަމުން ދާނެއެވެ. އޭގެތެރެއިން ، ޙަޤީޤީ ލޯބި އަބަދުވެސް ދެމިއޮންނާނެއެވެ. އެލޯބި ނައްތާލަން ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަމެއް ނުވާނެއެވެ. އަހަރެން އެދެނީ ، އަހަރެންގެ މިލޯބި ޙައިދަރު ޤަބޫލު ކުރުމެވެ. " ފެންކަޅިވެފައި ހުރެ ، ދިލްނަޝީން ބުނަމުން ގެންދިޔައެވެ.
ޤަބޫލުނުކޮށްފިއްޔާ ހަދާނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. އެކަންވާނީ ، ޙައިދަރުގެ ބަދުނަޞީބަކަށް ކަމުގައި ދިލްނަޝީން ބުންޏެވެ. އެއިން އެއްވެސްކަމެއް ، އޭނާ ބޭނުންނޫންކަމުގައި ޙައިދަރު ބުންޏެވެ. މަރުވަންޏާ ، މަރުވާން ދާންވީއެވެ. ދިލްނަޝީން އެގެއިން ނުކުމެގެން ދިއުމަށް ޙައިދަރު އެދުނެވެ. މަރުވާން ދާށޭބުނެ ގޭގެ ދޮރޯށި ، ދައްކައި ޢިޝާރާތް ކޮށްލިއެވެ.
އެއީ ޙައިދަރުގެ އެންމެ ފަހު ނިންމުންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އަޑަށް ބާރުލާފައި ، އާނއެކޭ ބުނެ ޙައިދަރު ހިނގައިގަތެވެ.
" އަހަރެމެންގެ ދަރިފުޅު މިދުނިޔެއަށް ނައުމުގައި އަހަރެންގެ ކުށެއްނެތެވެ. ޙައިދަރަށް ހީވަނީ ކިހިނެއްކަމަށް ހެއްޔެވެ ؟ ދަރިޔަކު ނެތި ދިއުމުން އެކަމުގެ ހިތާމަ އޮންނާނީ ހަމައެކަނި ބައްޕަޔަށް ހެއްޔެވެ ؟ މަންމަޔަކަށް އެއްވެސް ތަކުލީފެއް ހިތާމައެއް ނުއޮންނާނެ ހެއްޔެވެ ؟ އަހަރެންނަށްވެސް ، އަހަރެންގެ ދަރިފުޅު ގެއްލިއްޖެއެވެ. " ދިލްނަޝީން ބުންޏެވެ.
އޭނާއަކީ ، ޙައިދަރުގެ އަމިއްލަ މީހެއްގޮތަށް އެއްވެސް އިރެއްގައި ބަލައިގެންފައިވާ މީހެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ. އެންމެ ހިނދުކޮޅަކަށްނަމަވެސް ، ދިލްނަޝީންގެ ނަޒަރުން ، ޙައިދަރު ވިސްނައިލުމަށް ދިލްނަޝީން އެދުނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދިލްނަޝީން އެއުފުއްލަމުން ގެންދިޔައީ ކިހާބޮޑު ތަކުލީފެއް ހެއްޔެވެ ؟ އެ ހުރިހާ ތަކުލީފެއް ދިލްނަޝީން އެއުފުއްލީ ހަމައެކަނި އެންމެ ބޭނުމަކުއެވެ. އެއީ ، ޙައިދަރާއެކީ ބާއްޖަވެރި ޙަޔާތެއް ދަމަހައްޓައި ، ޙައިދަރު ދެކެ ލޯބިވެގެން އުފާވެރި ދިރިއުޅުމެއްގައި އުޅުމުގެ ފޮނި އުއްމީދުގައެވެ.
" އެއީ ޙައިދަރު ބޭނުންވާގޮތް ނޫންކަމަށް ވަންޏާ މައްސަލައެއް ނެތެވެ. މީގެފަހުން ، އެއްވެސްކަމެއް އަހަރެން ޙައިދަރަކަށް ، މަޖުބޫރެއް ނުކުރާނަމެވެ. ޙައިދަރުގެ ގޭގެ ދޮރުމައްޗަށް އިރުއިރު ކޮޅުންނެއް ނާންނާނަމެވެ. އަހަރެން ހިނގައިދާނަމެވެ. " ދިލްނަޝީންގެ ވޭނީ އެބަސްތައް އެއީ ޙައިދަރުގާތު އޭނާބުނާނެ އެންމެ ފަހުބަހަށް ވިއެވެ. ގޭގެ ބޮޑު ދޮރޯއްޓާދިމާލަށް ދިލްނަޝީން ހިނގައިގަތެވެ. ދިލްނަޝީން ނުކުމެގެން ދާތަން ބަލަހައްޓައިގެން ޙައިދަރު ހުއްޓެވެ.
ދޮރާ ހަމަވިތަނާ ، ފަހަތުން އައިމީހަކު ، ދިލްނަޝީންގެ އަތުގައިހިފާ ހުއްޓުވިއެވެ. އަދި އޭނާ އަނބުރާލައި އެމީހަކާ ދިމާލަށް އަނބުރައިލިއެވެ. އެއީ ޙައިދަރެވެ.
" އެންމެ ފުރަތަމަ އަހަރެންގެ ލޮލުގައި ދިލްނޝީން އަޅައިގަތް ހިނދުން ފެށިގެން ، އަހަރެންނަށް ދިލްނަޝީންދެކެ ލޯބި ވެވިއްޖެއެވެ. ޙަޤީޤީ ލޯތްބެއް ހިތެއްގައި އުފެދިއްޖެނަމަ ، އެހިތެއްގައި އިތުރު އެއްޗެއް ނޯންނާނެއެވެ. ވެދިޔަތަން ހަނދާން ނައްތައިލެވޭތޯ މަސައްކަތް ކުރާށެވެ. ދިރިއުޅުމުގެ އާ ޙަޔާތެއް ފަށަމާ ހިނގާށެވެ ! " ޙައިދަރު ބުންޏެވެ.
ދިލްނަޝީންގެ ބޮލުގައި ޙައިދަރު ފިރުމާލިއެވެ. އާނއެކޭ ބުނުމަށް ބޯ ތަޅުވައިލަމުން ދިލްނަޝީން ހީލިއެވެ. ޙައިދަރުގެ އަތް ދިލްނަޝީންގެ ކޮނޑުގައި ބާއްވާލައި ، ބައްދާލައިގެންހުރެ ، ދިލްނަޝީން ގޮވައިގެން ގެޔަށް ވަނުމަށްޓަކައި ޙައިދަރު ހިނގައިގަތެވެ. ވިހަތީރުތަކުން ޒަޚަމްވެފައިވާ އެދެހިތް އަލުން ގުޅުނީއެވެ. އެއީ ، އެ ދެމީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ދެމީހުންނަށްވެސް އެއްބަސްވެވުނީއެވެ. ( ނިމުނީ )
( ވާހަކަ ވިދާޅުވި ބޭފުޅުންނަށް މިވާހަކައިން ، ޢިބްރަތްތެރި ރަނގަޅު ފިލާވަޅުތަކެއް ލިބިގެންދިޔަކަމަށް ހީކުރަމުން ، ވާހަކަ ވިދާޅުވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ވާހަކަޔަށް ކޮމެންޓް ކުރެއްވި ބޭފުޅުންނަށް ، ޚާއްޞަ ޝުކުރެއް އަރިސް ކުރަމެވެ. އިރާދަ ކުރެއްވިއްޔާ ، އިތުރު ވާހަކަޔަކައިގެން ، އާފަތިހުގެ މުނިފޫހި ފިލުވުމުގެ ބަގީޗާއިން ބައްދަލު ކޮށްލުމަށް އުއްމީދު ކުރަމުންނެވެ.)