
( 27 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މަންމަގެ ބަލީގެ އަޞްލު އެނގުމާއެކީ ، މަންމަޔާނުލައި ތިމަންނަމެން ދިރިއުޅޭނީ ކިހިނެއްހޭ ބުނެ ، ސާރާއަށް ރޮވެމުންރޮވެމުންގޮސް ، ހިނދޭވަރަށް ރޮވުނެވެ. ސާރާއަށް އެކަން އަންގަން ޙައިދަރު ޖެހިލުންވި ސަބަބަކީ އެއީއެވެ. އެއީ އަމްދުން ، އަންހެންދަރިޔަކަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމަކަށް ނުވާނެތީއެވެ. ކުލްސޫމްގެ ލޭގެ ޕްރެޝަރ ތިރިކޮށް އެކަމަށް އިތުރު ފަރުވާދިނުމަކީ ، މިވަގުތަށް ވަރަށް މުހިންމު ކަމެކެވެ. ޝާހިދު ލަފާދިނީ ވީ އެންމެ އަވަހަކަށް ، ކުލްސޫމް ހޮސްޕިޓަލްގައި އެނދުމަތި ކުރުމަށެވެ. އެއީ ގޭގައި ބާއްވައިގެން ފަރުވާދެވޭ ވަރުގެ ކަމެއްނޫނެވެ. ލޭގެ ޕްރެޝަރ މިހާރު ހުރިވަރަށްވުރެ މައްޗަށް ހިނގައްޖެނަމަ ، ކުލްސޫމްގެ ސިކުނޑިޔަށް ޝޮކެއްލިބި ، ފުރާނަޔަށް ނުރައްކާ ވެދާނެއެވެ. ސާރާ މަސަލަސް ކުރެވޭތޯ ޙައިދަރު މަސައްކަތް ކުރަމުން ގެންދިޔައެވެ.
ކުލްސޫމް އޮތީ ނިދިފައިކަމަށް ބަލައިގެން ޙައިދަރު ، ވާހަކަ ދައްކަމުން ގެންދިޔައިރު ، އޭނާއަށް އޮތީ ނިދިފައެއްނޫނެވެ. އެހުރިހާ މައްސަލައެއްގެ އަޞްލުގޮސް ގުޅެނީ ކުލްސޫމާކަން އޭނާއަށް އެނގުނެވެ. އޭނާއަކީ ، މަރުވާން ތައްޔާރުވެފައި އޮތްމީހެކެވެ. ކުދިންގެ އުފަލަށްޓަކައި ، އޭނާއަށް އެއްވެސްކަމެއް ނޭނގޭކަމަށް ހެދުމަކީ ، އެވަގުތަށް މުހިންމުކަމެއްކަމަށް ކުލްސޫމަށް ފެނުނެވެ. އޭނާގެ ސަބަބުން ، ކުދިންނަށް ލައްކަ ތަކުލީފު ދެވިއްޖެއެވެ.
" ދަރިފުޅާއެވެ ! މައްސަލައެއް ނެތެވެ. އިންސާނެއްގެ ޙަޔާތުގައި ލައްކަ ތަކުލީފާ ކުރިމަތިލާން ޖެހޭނެއެވެ. ހިތާމަޔަކީ ކޮންމެ އިންސާނަކުވެސް ތަޙައްމަލުކުރަން ޖެހޭނެ ކަމެކެވެ. އެކަމަށް ކުރިމަތިލައި ކެތްތެރިވެ ، އެ ތަކުލީފު ތަޙައްމަލްކުރުމަކީ ، އިންސާނާގެ ޚުލްޤު ހެޔޮކަމުގެ ފާލެކެވެ. ދަރިފުޅުގެ ފަހަރިޔަކީ ، ދިލްނަޝީންގެވެސް ފަހަރިއެކެވެ. ދިލްނަޝީނާ ދިމާލަށް ގޯސްކޮށް ، އަހަރެން އެއްވެސް އެއްޗެކޭ ބުނަން ބޭނުންނުވަނީ އެސަބަބަށްޓަކައެވެ. މިދިމާވި ކަންކަން ، ވީ އެންމެ އަވަހަކަށް ހަނދާން ނައްތައިލުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތެވެ. އަހަރެމެންގެ ޤަދަރާއި ކަރާމާތް އުފުލިގެންދާނީ އެމަގުން އެކަން ކޮށްގެންނެވެ. " ކުލްސޫމް މަޑުމަޑުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
މަންމަގެ ވާހަކަ އަޑުއަހަން ސާރާއާއި ޙައިދަރު މަޑުން ތިއްބެވެ. މަންމަ އެބުނީ ރަނގަޅު ވާހަކައެއްކަމަށް ޙައިދަރު އެއްބަސް ވިއެވެ.
" އަހަރެމެން ، އެހެންމީހުންނަށް ބަދުދުޢާ ކުރާނަމަ ، އެކަން އަހަރެމެންގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ. އެހެންވީމާ ، މިއަދުން ފެށިގެން ، މިގޭގައިދިލްނަޝީންގެ ނަންގަނެގެން ނުވާނެއެވެ. " ކުލްސޫމް ބުންޏެވެ.
މަންމަ އެބުނިގޮތަށް ހަދާނެކަމަށް ޙައިދަރު އެއްބަސްވިއެވެ. ޝާހިދު ބުނާގޮތުގައި މަންމަ ، ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހޭކަމަށް ޙައިދަރު ބުންޏެވެ. އެއީ ، މާބޮޑުކަމެއްނޫނެވެ. ހަމައެކަނި ، ލޭގެ ޕްރެޝަރ ދަށްކޮށްލުމަށްޓަކައެވެ. މަންމަ ދެރަވާނެކަމެއްނެތް ކަމަށާއި ހިތްވަރުކޮށްލީމާ ، ހުރިހާކަމެއް ރަނގަޅުވާނެކަމަށް ޙައިދަރު ބުންޏެވެ.
ޙައިދަރު ބުނި ކޮންމެތާކަށް ދާން ކުލްސޫމްހުރީ ތައްޔާރަށެވެ. އޭނާގެ ދެދަރިން ތިބިއްޔާ އޭނާ ދެރަވާންވީ ކޮން ސަބަބަކާ ހެދި ހެއްޔެވެ ؟ ކުލްސޫމް ޙައިދަރަށް ގޮވައިލިއެވެ.
" މައިމީހާގެ އުނގުގައި ބޯ އަޅާލައިގެން ރޮއެލީމަ ، ހިތުގެ އުދާސްތައް ދާލެއް އަވަސްވާނެއެވެ. އަންނާށެވެ ! މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ، ރޮއެލާށެވެ ! ދަރިފުޅުގެ މަންމަ އަދި ދުނިޔޭގައި އެބައިނީމެވެ. ދަރިފުޅުގެ ލޮލުން ކަރުނަ ފުހެލަދީ ، ހެޔޮ ރަޙުމަތްލެއްވުން އެދި ، ދުޢާކޮށްދޭވަރަށް މަންމަގެ ޙާލު ރަނގަޅެވެ. ދަރިފުޅަކީ ޚުލްޤު ރަނގަޅު ހެޔޮލަފާ ދަރިޔެކެވެ. " ކުލްސޫމް ބުންޏެވެ.
ކުލްސޫމަށް އެލިބުނު ހުރިހާ ތަކުލީފެއް ލިބުނީ ހައިދަރާ ހެދިއެވެ. އެކަމުގެ މެދުވެރިޔަކީ ޙައިދަރެވެ. މިހާރުވެސް އޭނާ އެހުރީ އިންތިހާއަށް ދެރަވެފައެވެ. ހިތަށް ސިއްރުން ، އޭނާގެ ނަފުސަށްލިބޭ ތަކުލީފުން އަނދަމުންދާ އަލިފާން ، އޭނާގެ އެތެރެހަށީގައި ގަދަޔަށް އަނދަމުން އެބަދެއެވެ. ޙައިދަރުގެ ހިތްދަތިކަމާއި ކުލްސޫމްގެ ހިތްދަތިކަމުގައި ތަފާތެއް ނެތެވެ. ކުލްސޫމްގެ ބަލި އެއްފަރާތްކޮށްފައި ބަލާއިރު ، އެއީ ، އެކެއްގެ ފަރާތުން އެދެމައިންނަށް ލިބުނު ތަކުލީފެކެވެ. ދިލްނަޝީންގެ ފަރާތުން ލިބުނު ތަކުލީފު ، ޙައިދަރުގެ ހިތުގައި ނުބޭއްވުމަށް ، ކުލްސޫމް އެދުނެވެ. ދާންބޭނުންވާ މީހާ ދާންވީމާ ދިޔަދޭނީއެވެ. އަންނަން ބޭނުންވާ މީހާ އައިމަ މަރުޙަބާ ކިޔާނީއެވެ. އެހުންނަނީ ، ދިރިއުޅުމުގައި ކުރިމަތިލާޏްޖެހޭ ތަޖުރިބާއެވެ.
ދިލްނަޝީން އޭނާގެ ފިރިމީހާއާ ވާހަކަ ދައްކައިލަން ބޭނުންވާކަމުގައި ، ނަރުސްކުއްޖާގާތު ބުނެ އެކުއްޖާގެ ފޯނު ލިބިދާނެތޯ ސުއާލު ކުރިއެވެ. ވަރަށް ޖެހިލުންވެފައިހުރެ ، ނަރުސްކުއްޖާގެ ފޯނު ދިލްނަޝީންއަތަށް ދިނެވެ.
ޙައިދަރު މަންމަގާތު އުޅެފައި ކޮޓަރިޔަށް އައިސް އިންދާ ، އޭނާއަށް ފޯނެއް އައެވެ. ބަލައިލިއިރު ، އެއީ އޭނާ ނުދަންނަ ނަންބަރަކުން އައި ފޯނެކެވެ. ފޯނުނަގައި ސަލާމް ގޮވައިލުމާއެކީ ، ސަލާމް ބަލައިގެންފައި ވާހަކަ ދެއްކީ ދިލްނަޝީނެވެ.
" ޙައިދަރެވެ ! ވާހަކަ ދައްކަނީ ދިލްނަޝީނެވެ. އަހަރެންގެ އަޑުއިވޭ ހެއްޔެވެ ؟ ޙައިދަރެވެ ! ގޯސް އެއްވެސްކަމެއް އަހަރެންނެއް ނުކުރަމެވެ. އަހަރެން ދިޔައީ ، އެންމެ ފަހުފަހަރަށް ޙަމްޒާއާ ބައްދަލުކޮށް ޙަމްޒާއަށް ނޫނެކޭ ބުނެ ، ޙަމްޒާގެ ފަރާތުން ސަލާމަތްވާން ވެގެންނެވެ. " ދިލްނަޝީން ބުންޏެވެ.
ޙައިދަރު އެއްވެސް އެއްޗެކޭ ނުބުނެ އިނުމަށްފަހު ޙަމްޒާގެ ނަން އިވުމާއެކީ ، ފޯނުކަނޑައިލިއެވެ.
އޭނާއަކީ ކުށްވެރިއެއްނޫންކަމާއި ، އޭނާ އެއްވެސްކަމެއް ނުކުރާކަމަށް ބުނެދިނުމަށް ، ނަރުސްކުއްޖާގާތު ދިލްނަޝީން އެދުނެވެ. އެވާހަކަ ޙައިދަރުގާތު ބުނެދޭނީ ކާކު ހެއްޔެވެ ؟ އެއްވެސްމީހަކު އޭނާއަކާ ވާހަކައެއް ނުދައްކައެވެ. ހުރިހާކަމެއް ނިންމައިލަން ދިއުމުން ، ނިމިގެން އެދިޔައީ އޭނާގެ ދިރިއުޅުމެވެ. އެހެނަސް ، އެކަން ޤަބޫލުކުރާނެ އެއްވެސް މީހަކު ނެތެވެ. ޙަމްޒާ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙަމްޒާ އޭރު އޮތީ އައިސީޔޫގައި ކަމަށް ނަރުސްކުއްޖާ ބުންޏެވެ. ޙަމްޒާ އޮތީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. ފުރާނަ ސަލާމަތް ކުރެވޭނެކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ. ޙަމްޒާއަކަށްވެސް ޙައިދަރުގާތު އެވާހަކަ ބުނެދެވޭކަށް ނެތެވެ. ދިލްނަޝީންގެ ހިތަށް އެރިއެވެ.
އެއްވެސް މީހަކު ، ދިލްނަޝީނަށް މިހާރު އިތުބާރެއް ނުކުރާނެއެވެ. ނަރުސްކުއްޖާ އަތުގައި އޮތީ ބައްތި ފޯނެކެވެ. އެ ފޯނު ބޭނުންކުރަން ދިލްނަޝީނަށް އެހާ ފަސޭހައެއްވެސް ނޫނެވެ. އެކަމަކު ، ގޭގައި އުޅުނުއިރު ، ދިލްނަޝީން ގޭގައި ބޭނުންކުރީ މަންމަ އަތުގައި އޮންނަ ބައްތި ފޯނެވެ. ކުޑައިރުކޮޅަކު ، އެކުއްޖާގެ ފޯނު ، އޭނާއަތުގައި ބާއްވައިލުމުގެ ހުއްދައަށް އެދުމުން ، ޖެހިލުންވެފައިހުރެ ، އެކުއްޖާ އެކަމަށް އެއްބަސް ވިއެވެ. ދިލްނަޝީނަށް ރޮވިފައި އިނީމަ ، އެކުއްޖާގެ ހިތުގައި ދިލްނަޝީންގެ ޙާލަށް ހަމްދަރުދީ އުފެދުނެވެ. ނަރުސްކުއްޖާގެ ހުއްދަލިބިގެން ވަރަށް އުނދަގުލުން ލިޔެ ، ދިލްނަޝީން ޙައިދަރަށް މެސެޖެއް ފޮނުވިއެވެ.
" ޙައިދަރެވެ ! އަހަރެން އެއްވެސްކަމެއް ނުކުރަމެވެ. އަހަރެން ދިޔައީ ޙަމްޒާއަށް ވިސްނައިދީ ، ޙަމްޒާއަށް ނޫނެކޭ ބުނަން ވެގެންނެވެ. އަހަރެން ޙައިދަރުދެކެ އިންތިހާއަށް ލޯބިވެއެވެ. " ދިލްނަޝީންގެ މެސެޖްގައި ލިޔެފައި އޮތެވެ.
ދިލްނަޝީންގެ މެސެޖަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ޙައިދަރަށް އިނދެވުނެވެ. އެހިނދު ، އޭނާގެ ކުރިމަތީ ނިއުޅެމުން އެދިޔައީ ، ދިލްނަޝީނާ ކައިވެނިކުރީއްސުރެ ، އެވަގުތުކޮޅާ ހަމަޔަށް ، އެދެމީހުންގެ މެދުގައ ހިނގައިދިޔަ ކަންކަމެވެ. އެއީ ޢިބްރަތުން ފުރިގެންވާ ދުވަސްކޮޅެކެވެ. ކައިވެންޏަށް އަހަރެއްވަނީއެވެ. ދުނިޔެ ހިނގަނީ އެއްވަތު މަތިން އަނެއްވަތު ދަށުންކަން ، ޙައިދަރުގެ އެ އެއްއަހަރުގެ ތަޖުރިބާއިން ސާފުކޮށް އެނގެއެވެ. ދިލްނަޝީނަކީ ، ރަނގަޅު ކުއްޖަކަށްވެސް ވެދާނެއެވެ. އޭނާއާ ދިލްނަޝީނާ ދެމެދު މައްސަލަ ޖެހެން ދިމާވި ހުރިހާކަމެއް އެނގޭނެ އެކަކީ ، މެހެމަލް އެވެ. ގޮތެއް ނިންމުމުގެ ކުރިން މެހެމަލްއާ ބައްދަލުކޮށްފައިނޫނީ ، ދިލްނަޝީން އެދައްކާ އެއްވެސް ވާހަކަޔަކަށް ގޮތެއް ނުނިންމުމަށް ޙައިދަރު ނިންމިއެވެ. ދިލްނަޝީންގެ މެސެޖަށް ޖަވާބުދޭކަށް ޙައިދަރު ބޭނުމެއް ނުވިއެވެ. އެއީ އޭނާގެ ފޯނަށް ނާންނަ މެސެޖެކެވެ. ދިލްނަޝީން އެދައްކާ ވާހަކަ ޤަބޫލުކުރާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. ދިލްނަޝީންގެ މެސެޖް އޭނާއަށް ލިބުނުކަމަށް ޙައިދަރު ޤަބޫލުކުރާނީ ، މެހެމަލްއާ ބައްދަލު ކުރުމަށްފަހުގައެވެ.
ޙައިދަރުގެ ޖަވާބެއް ނުލިބުމުން ، ދިލްނަޝީން ދެންގުޅީ އޭނާގެ ބޭބެ އައްވަލާއެވެ. އޭރު ، އައްވަލް އޮފީހުން އައިސް ގެޔާ ހަމަވަނީއެވެ. އައްވަލް ފޯނު ނެގުމާއެކީ ، ބޭބެޔަށް ގޮވައިލުމަށްފަހު ، އޭނާ ޙަމްޒާގާތަށް ދިޔައީ ، ޙަމްޒާއާ އެކު އޮތް އޭނާގެ ގުޅުން ކަނޑާލައި ޙަމްޒާގެ ކިބައިން ސަލާމާތްވާން ކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ އަޑުގައިވާ މޮޅިވެރިކަންވެސް އައްވަލަކަށް އިޙްސާސެއް ނުވިއެވެ. ދިލްނަޝީނަކީ ، އޭނާގެ ޙަޔާތުގައި މަރުވެފައިވާ މީހެއްކަމަށްބުނެ ، ފޯނުކަނޑައިލިއެވެ. އެއީ ދިލްނަޝީންގެ ފޯނެއްތޯ ޢާފިޔާ އަހައިލުމުންވެސް ޖަވާބެއްނުދީ ، ޢާފިޔާއާ ދިމާލަށް ލޯއަޅަމުން ، ކޮޓަރިތެރެޔަށް ވަނެވެ.
އެ ފޯންކޯލަކީ ، ދިލްނަޝީންގެ ކުށެއްނެތްކަން ސާބިތުކޮށްދިނުމަށް އޭނާކުރާނެ އެންމެ ފަހު ފޯނުކަމަށް ދިލްނަޝީން ނިންމިއެވެ. އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އެ ބޭބެވެސް އެވަނީ އޭނާ މަރުވެފައިކަމަށް ބަލާފައެވެ. އޭނާއަށް ޒިޔާރަތްކޮށް ، ޙާލު ބަލައިލާނެ މީހަކު ނެތްތާނގައި ، އޭނާގެ ފޯނަށް ޖަވާބުދީ ، އޭނާ އެދައްކާ ވާހަކަ އަޑުއަހައިލާނެ މީހަކުވެސް ނެތެވެ. ދެލޮލުން އޮހޮރިގަތް ކަރުނަތައް ފުހެލަމުން ، އޭނާގެ އަތުގައި އޮތް ނަރުސްކުއްޖާގެ ފޯނު އަނބުރާ ދިނެވެ. ބަލި އެނދުގައި އޮވެ މަރުވިޔަސް ، ދެން އެއްވެސް މީހަކަށް ދިލްނަޝީން ފޯނެއް ނުކުރާނެއެވެ. އެހެންނަމަވެސް ، މަރުވުމުގެ ކުރިން ، އޭނާގެ ކުށެއްނެތްކަން ދުނިޔެއަށް ، އޭނާ ސާބިތުކޮށްދޭނެއެވެ. ކޮންމެ ފަދަ ޤުރުބާނީއެއްވެގެންވެސް ، އެކަން ކުރުމަށް ދިލްނަޝީން ނިންމިއެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ދިލްނަޝީން ބޯއަޅާލައި ، ދެލޯ މަރައިލިއެވެ. ލިބިފައިވާ އަނިޔާއިން ހަށިގަނޑުގައި އަޅާ ވޭނަށްވުރެ ، އޭނާގެ ހިތުގައި އަޅާ ވޭން ބޮޑެވެ.
ނަރުސްކުއްޖާ ގޮވައިލީމަ ، ބުޝްރާއާއި ރިދާ އަދި ހާރޫން ، ޙަމްޒާބާއްވާފައި އޮތް ކޮޓަރިޔަށް ވަނެވެ. އޭނާގެ ދަރިފުޅަށް އާ ޙަޔާތެއް ދެއްވިކަމަށްޓަކައި ، ﷲ އަށް ، ބުޝްރާ ޝުކުރު އަދާކުރިއެވެ. އެއީ އަނީސާއަށްވެސް ކޮށްލަން ނުކެރުނު ކަމެކެވެ. ބުޝްރާމެން ކޮޓަރިޔަށް ވަނުމާއެކީ ، ޙަމްޒާގެ ދުލުން ބޭރުވި ފުރަތަމަ ބަހަކީވެސް ، އޭނާ ކައިވެނިކުރަން ބޭނުންވާ ކަމެވެ. ޙަމްޒާގެ ޙާލު ރަނގަޅުވެ ، ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް ، އޭނާގެ ކައިވެނި ކޮށްދޭނެކަމަށް ބުޝްރާ އެއްބަސްވިއެވެ. ޙަމްޒާ ކައިވެނިކުރަން ބޭނުންވީ ، ބުޝްރާގެ ރުހުމާ އެކީގައެވެ. އެހޮސްޕިޓަލުގައެވެ. ޙަމްޒާ ބޭނުންވީ އަފްސިޔާއާ ކައިވެނި ކުރާށެވެ. އެންމެ ފުރަތަމަ ، ޙަމްޒާ ރަނގަޅުވެ ގެޔަށް ދިއުމަށް ހާރޫނު އެދުނެވެ. ކައިވެންޏާމެދު ވިސްނާނީ އޭގެފަހުންނެވެ. ކައިވެނިކުރަން ޙަމްޒާ ބޭނުންވަނީވެސް ހޮސްޕިޓަލުގައި ހަމަ ، މިއަދުއެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް ޙަމްޒާ ބޭނުމެއްނޫނެވެ.
ހާރޫނު އެކަމަށް ބަސްކިޔަމުންދަނިކޮށް ، ޙަމްޒާ ބޭނުންވިގޮތަށް ، މިއަދުންމިއަދަށް ޙަމްޒާގެ ކައިވެނި ކޮށްދޭނެކަމަށް ބުޝްރާ އެއްބަސްވިއެވެ. ހާރޫނު ، އަނގައިން ނުބުނެ މަޑުންހުރުމަށް ، ބުޝްރާގެ ޢިޝާރާތުން އެންގިއެވެ.
" ދިލްނަޝީނެވެ ! އަހަރެންނަކީ ކުރިންވެސް ދިލްނަޝީންގެ މީހެއްނޫނެވެ. އަހަރެމެންގެ ލޯތްބަށް ، ދިލްނަޝީން އިޙްތިރާމެއް ނުކުރީމުއެވެ. އަހަރެންގެ ހިތުގައި ދިލްނަޝީނަކަށް ، އެއްވެސް ޖާގައެއް މިހާރަކު ނެތެވެ. " ޙަމްޒާގެ ގޮތް ނިންމިއެވެ.
ހާރޫނު ގެޔަށްގޮސް ، އޭނާގެ ދަރިފުޅު އަފްސިޔާއާ ، ޙަމްޒާގެ ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަފްސިޔާއަށް ފެނުނުގޮތުގައި ބައްޕަ އެއުޅެނީ މާ އަވަސް އަރުވާލައިގެންނެވެ. ކައިވެންޏަކީ އޭނާގެ މުޅި ޙަޔާތާ ގުޅިފައި އޮތް ކަމެކެވެ. އަފްސިޔާއަކަށް ، އަދި ރަނގަޅަކަށް ޙަމްޒާ ދަހެއް ނުވެއެވެ. ލޯބިވާނީ ކިހިނެއް ހެއްޔެވެ ؟ މިޒަމާނުގައި ކައިވެންޏަކީ ލޯބީގެ ބިންގަލުގެ މަތީގައި އާބާދު ކުރެވޭ މުހިންމު ގުޅުމެކެވެ. ނިންމުން އަވަސްވިނަމަވެސް ، އެއީ ނަގާލާވަރަށް ވުރެ ، އެމީހުންނަށް ފައިދާހުރި ނިންމުމެކެވެ.
" ޙަމްޒާގެ ހިތް ހަލާކުވެފައިވާއިރު ، އަހަރެން އުފަލުގައި ބެހެއްޓޭނެ ހެއްޔެވެ ؟ " އަފްސިޔާ އޭނާގެ ބައްޕަޔާ ސުއާލު ކުރިއެވެ.
އަފްސިޔާއަކީ ، ހާރޫނުގެ ދަރިޔެއްކަން އަފްސިޔާއަށް ހާރޫނު ހަނދާން ކޮށްދިނެވެ. ލޯތްބަކާނުލައިވެސް ، އަފްސިޔާއަށް ، ޙަމްޒާއާއެކީ ދިރިއުޅެވިދާނެއެވެ. ފެންނަ ފެނުމަށް މުއްސަނދި ވިޔަފާރިވެރިއެއްހެން ހީވިޔަސް ، ހާރޫނުމެންގެ ވިޔަފާރިވަނީ ބަނގުރޫޓު ވެފައެވެ. ޙަމްޒާމެންގެ ގެފަދަ ، އަގުބޮޑު ޒީނަތްތެރި ގަނޑުވަރަކަށް އެމީހުންވަނީ ބޭނުންވެފައެވެ. އެފަދަ ގަނޑުވަރެއް އެމީހުންނަށް ލިބޭނީ ކޮންތާކުން ހެއްޔެވެ ؟ އެންމެ ޒަމާނީ ފެޝަންގެ ތަކެއްޗާނުލައި އަފްސިޔާއަކަށް ދިރިއެއް ނޫޅެވޭނެއެވެ. ކުރަން ހިތްނޭދޭ އެތައްކަމެއް ކުރަންޖެހޭނެކަމަށާއި ، ކޮންމެގޮތެއް ހަދާފައިނަމަވެސް ، އެގެޔަށް އެމީހުން ވެރިވާން ޖެހޭކަމުގައި ހާރޫން ބުންޏެވެ. ލޯތްބަކީ މިހާރު އަގެއްހުރި އެއްޗެއްނޫނެވެ. ދެކުއްޖަކު ވިހާއިރަށް ، ސަލާމަތްނުވެގެން ، ޙަމްޒާއަށް ޖެހޭނީ އަފްސިޔާދެކެ ލޯބިވާންކަމުގައި ހާރޫނު ބުންޏެވެ. ޙަމްޒާ ކަހަލަ މުއްސަނދި ޢާއިލާއެއްގައިހުރި ހަމައެކަނި ފިރިހެންކުއްޖަކު ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަފްސިޔާއަށް އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އޭނާއަކީ ، ބައްޕަ ބޭނުންވިކަމެއް ، ދުވަހަކުވެސް ބޮލާޖެހި ކުއްޖެއްނޫނެވެ. ނޫންގޮތަކަށް ބޯޖަހައިލުމަށްފަހު ، ޙަމްޒާއާ ކައިވެނިކުރަން އޭނާ އެއްބަސްވާކަން އަފްސިޔާ ހާމަކުރިއެވެ. ( ނުނިމޭ )
Dhilnasheen Hamza aa eku dhaakah nujehey. Dhiun massala ekee. Anekka vagah e dhiyaee ves.
އަސަރުންގޮސް ހިތަށް ތަދުވާ ހިސާބަކަށް ވާހަކަ މިއައީ. ދިލްނަޝީނަށް ލަނޑުދީފަ ޙަމްޒާއަކަށް ވަކިމޮޅެއް ނުލިބޭނެ. ނިމުން ރީތިވާނެކަމަށް ހީކުރަން.
އަސްލު ދިންނަޝީންގެ ކުށެއް ތިޔަކުނެތް. އެކަމަކު ހުރިހާ ދެރަޔެއް އެލިބުނީ އެފަކީރަށް. ވަރަށް ދެރަވެއްޖެ އެންމެ ފަހުވަގުތު ހަމްޒާ އެކަންތައް ކުރިގޮތުން ، ހަމްޒާ ދިލްނަޝީންގެ ދަރިފުޅު މަރާލީ ހަމަގަސްތުގައި. ވަރަށް އަސަރުގަދަ ހިސާބަކަށް އާދެވިފައިމިވަނީ.
Varahves reethi shukuran