
ޤައުމު ތަރައްޤީގެ ކަންކަން ކުރިއަށްގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެނިފެސްޓޯ ގައި ހިމެނޭ ވަޢުދުތަކާއި، ރިޔާސީ ކެމްޕެއިން ވަޢުދަކާއި، ދަތުރުފުޅުތަކުގައި ވަޢުދުވެވަޑައިގަތް ކަންކަމުގެ އިތުރުން އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި ވަޢުތުތައް ހިމެނޭހެން މިހާރު ޖުމްލަ 2129 ވަޢުދު ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މުޅި ޤައުމުގެ ކުރިއެރުމަށްޓަކައި، މި ވަޢުދުތައް ފުއްދުމަށް އެކިދާއިރާތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކަށްވާނީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަޞްލަޙަތު އިސްކޮށް ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ޙިމާޔަތްކޮށް ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންކަމަށް ބެއްލެވުމާއެކު، ހުރިހާ ޤައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ. އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންމުން އެންމެ ގެއްލުން ކުޑަ ޙައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ދެއްވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ޙިއްޞާކުރެއްވިއެވެ. މިގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ތެރޭގައި އެކިދާއިރާތަކުން ސްޕެޝަލައިޒްޑް ވެފައި ތިއްބެވި ޑޮކްޓަރުން، ބަލިމީހުންނަށް ޚިދުމަތް ދެވޭގޮތަށް، ބެލޭ ވަގުތު އިތުރުކުރެވޭ އޯ.ޕީ.ޑީ ކްލިނިކްތަކެއް ހަދަން މިހާރު ނިންމާފައިވާކަމަށާއި އެކަން ކުރުމަށް މަސައްކަތްތަކެއް ކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރަމުންދާ ކަންކަންވެސް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.