އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް އެއްވެއުޅުމަށް އެޗްއާރްސީއެމް އިން އިލްތިމާސްކޮށްފި

އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރާއިރު، އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމް އިން މިފަދައިން ބުނެފައި ވަނީ މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ. އެގޮތުން އެ ބަޔާނުގައި ބުނީ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާއިރު، އެ ހައްގުގެ ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ، ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށެވެ.

އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާއި އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް އެޗްއާރުސީއެމުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރައާތުތަކަށް ސަމާލުވުމަށާއި އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމުން ފުލުހުންނަށް ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމް އިން މިފަދައިން ބަޔާން ނެރެފައި މި ވަނީ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގައި ޒުވާނުން މަޖީދީ މަގުމަތީ ކެރަމް ކުޅެ، މިއުޒިކް ޝޯ ކުޅުމުގެ ސަބަބުން ފުލުހުން މުޒާހަރާ ރޫޅާލާ އެ މުޒާހަރާ ލީޑްކުރަމުންދިޔަ ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެންނެވެ. އެ ދެ ޒުވާނުންގެ ބަންދަށް ކޯޓުން ވަނީ 3 ދުވަސް ޖަހާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.