ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ކެނެޑާގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ބޮޑުވަޒީރު ކަރނީ، އެޤައުމުގެ އާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ އާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރު ކަރނީ އާއި އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކެނެޑާ ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތަށް ކުރައްވާ އިތުބާރުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. ކަރނީގެ ޒަޢާމަތުގައި، އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމަށާ، އަދި މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ކެނެޑާގެ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.