ވިހަ ތީރު (105)

( 15 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މާ ނުގަޑިއެއްގައި ޙައިދަރު ގެޔަށް އައިސް ، މަންމަގެ ކޮޓަރިޔަށް ވަތްއިރު ، ސާރާވެސް މަންމަގާތުގައި މަންމަގެ ފައިމޮޑެދޭން އުޅެއެވެ. އެދެމައިންނަށް ޙައިދަރު ސަލާމް ގޮވައިލިއެވެ. ޙައިދަރު ގެޔަށް އެއައީ ، އޮފީހުގައި މާމުހިންމުކަމެއް ނެތީމަ ، ގެޔަށް އައުން މާ މުހިންމުކަމަށް ދެކިގެންނެވެ. ސާރާވެސް އައިސް އުޅޭތީ ، ޙައިދަރުގެ ބޭނުމަކަށްވީ ، އެންމެން އެކުގައި މެންދުރުގެ ނާސްތާވެސް ކޮށްލުމެވެ. ޙައިދަރު އެހެދީ ރަނގަޅަށް ކަމަށާއި ދިލްނަޝީން އައިމަ އެންމެން ކާންދާނީކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީން ބޭރަށްދިޔަކަމެއް ޙައިދަރަކަށް ނޭނގެއެވެ. ދިލްނަޝީން އިރުކޮޅަކުން އަންނާނެކަމަށް ކުލްސޫމް ބުންޏެވެ. ޙައިދަރުގެ ޖީބުން ފޯނުނަގައި ، ދިލްނަޝީންގެ މެސެޖެއްނަމަވެސް އޮތްތޯ ބަލައިލިއެވެ. މެސެޖެއްވެސް ކޯލެއްވެސް ނެތެވެ. ޙައދަރު ހިންދިރުވާލައިފާ ގަދަކަމުން ހީލިއެވެ. ދިލްނަޝީން ބޭރަށްދަމުން އޭނާއަށް އަންގައިލާނެކަމަށް ހީވުމަކީ ، އޭނާގެ ހިތް އޭނާއަށް ހެދި ދޮގެއްކަމަށް ޤަބޫލުކޮށްލުން ނޫންގޮތެއް ނެތުނެވެ.

ޙަމްޒާ އަދިވެސް އިނީ މަގުމެދުގައި ކާރު ބާއްވައިގެންނެވެ. މަގުގެ އެއްފަރާތަށް ޖެހިލާކަށް ނޫޅެއެވެ.

" އަހަރެން މިއަދު މިއައީ ، އެންމެ ފަހުފަހަރަށް ޙަމްޒާއާ ބައްދަލު ކުރާށެވެ ! އެންމެ ރަނގަޅު ގޮތަކީ ، ޙަމްޒާ އަހަރެންނާ ގުޅަން މަސައްކަތް ނުކުރުމެވެ. ޙަމްޒާގެ މަންމަ ބޭނުން އެވާ ފުރިހަމަ މުއްސަނދިމީހާއާ އިނދެގެން ޙަމްޒާގެ ދުނިޔެ އާބާދު ކުރާށެވެ ! އަހަރެން ، އަހަރެންގެ ޙާލަށް ދޫކޮށްލާށެވެ ! " ދިލްނަޝީން ބުންޏެވެ.

އެއްވެސް މީހަކު ދިލްނަޝީނާ ދިމާލަށް އެއްޗެކޭ ބުނީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ދިލްނަޝީނާ ދިމާލަށް އެއްވެސް މީހަކު އެއްޗެއް ނުބުނާކަމަށް ދިލްނަޝީން ބުންޏެވެ. ވީގޮތަކީ ، އޭނާއަށް ރަނގަޅާއި ނުބައި ވަކިވާވަރަށް ހަމަބުއްދި ލިބުނީއެވެ.

" އަހަރެންގެ އަމިއްލަ ނަފްސަށް މިދެވޭ އަނިޔާ އަހަރެންނަށް ވިސްނުނީއެވެ. އަހަރެންގެ ގޭގެމީހުންނަށް މިކުރެވެނީ ޖެއްސުމެއްކަން އެނގުނީއެވެ. އަހަރެންގެ ފިރިމީހާއަށް މިކުރެވެނީ ކިހާމިންވަރެއްގެ ބޭވަފާތެރިކަމެއްކަން އިޙްސާސްވީއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެދައްކަންފެށި ވާހަކަޔަކީ ، ޙަމްޒާއަށް އާ ވާހަކަތަކެކެވެ. ކުރިޔަކުން އެކަހަލަ އެއްވެސް ވާހަކައެއް ދިލްނަޝީން ނުދައްކައެވެ. ވެގެން މިއުޅޭނީ ކިހިނެއްކަމެއް ޙަމްޒާގެ ވިސްނުމަކަށް ނައެވެ. އެންމެފަހުން ، ފޯނުކުރިފަހަރުވެސް ، ޙަމްޒަދެކެ ލޯބިވާ ވާހަކަ ދިންޝީން ބުންޏެވެ. އެހެންނަމަވެސް ، އެއީ ގަދަކަމުން މަޖުބޫރުކޮށްގެން ، ދިލްނަޝީން ލައްވާ ޙަމްޒާ ބުނުވި ވާހަކައެއްކަމެއް ، ޙަމްޒާއަކަށް ނުވިސްނުނެވެ.

" އަހަރެންނަށް ހީވަނީ ، މިއީ ޙަމްޒާވެސް ވިސްނުން ބަދަލުކޮށް ، ކުރިޔަށް ފިޔަވަޅެއް އަޅަންވީ ވަގުތު ކަމަށެވެ. ޙަމްޒާގެ ގޭމީހުން އެދޭގޮތަށް ، ޙަމްޒާވެސް ޢަމަލު ކުރާށެވެ ! " ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ދިލްނަޝީންގެ ފިރިމީހާޔާ ގަޔާވާގޮތްވަނީތާއޭ ބުނެ ، ޙަމްޒާ ދިލްނަޝީނަށް މަލާމާތް ކޮށްލިއެވެ. އެކަމަށް ދިލްނަޝީން އެއްބަސްވިއެވެ. އޭނާގެ ޙަޔާތުގައި މިވަގުތުހާ ހިތްހަމަޖެހޭ ދުވަހެއް އައިއްސައެއް ނުވެއެވެ. ދިލްނަޝީނަށް އޭނާގެ ފިރިމީހާދެކެ ލޯބިވާން ފެށިއްޖެއެވެ. ދިލްނަޝީންގެ ޙަޔާތުގައި ޙައިދަރުފަދަ ހެޔޮލަފާމީހަކު ނުދެކޭކަމުގައި ދިލްނަޝީން ބުންޏެވެ. ޙަމްޒާއަކަށް ދިލްނަޝީންގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ދިލްނަޝީން އެއިނީ ރުޅިއައިއްސައެވެ. ދިލްނަޝީން ލޯބިވަނީ ޙަމްޒާ ދެކެކަން ، ދިލްނަޝީނަށް ޙަމްޒާ ހަނދާން ކޮށްދެމުން ގެންދިޔައެވެ.

" ނޫނެކެވެ ! އަހަރެން ޙަމްޒާދެކެ މިހާރު އެއްވެސް ވަރަކަށް ލޯތްބެއް ނުވަމެވެ. އަންހެނާގެ ކައިރީގައި ހުންނަން ޖެހޭނީ ، އެ އަންހެނާއަށް އިޙްތިރާމްކޮށް ޤަދަރުކުރާ މީހެއްކަން ، އަހަރެން ކަންބޮޑުވާ ކޮންމެ ފަހަރަކު ، އަހަރެންގެ ހިތް އަހަރެންނަށް އެބަ ހަނދާން ކޮށްދެއެވެ. އެއީ ، އެއަންހެނާއަށް ލޯބިދީ އަޅައިލާ ފިރިހެނަކަށްވާން ޖެހެއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެދައްކަންފެއްޓީ ކޮންވާހަކައެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ ލޯ ހުޅުވުނީއެވެ. މިހާރު އޭނާއަށް  އެބުނެވެނީ ، ބުނަން އޮތް އެންމެ ރަނގަޅު ވާހަކައެވެ. އެއީ ، މާކުރިން ބުނަންޖެހޭ ވާހަކަ އެކެވެ. އޭނާއަށް އޮތް އެންމެ ރަނގަޅު ގޮތެވެ.  މީހަކަށް ހިތްކިއުމަކީ އަދި އެމީހާދެކެ ލޯބިވުމެއްނޫނެވެ. އެކަމަކު ، އެމީހަކީ އޭނާގެ މީހަކަށްވެފައި ރަނގަޅުމީހެއްކަމަށް ވަންޏާ ، އެމީހަކުދެކެ ލޯބިވާން ޖެހޭނެއެވެ. " ދިލްނަޝީންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ދިލްނަޝީންގެ ޙަޔާތުގައި އޭނާއާއެކީ މިވަގުތުހުރި ، އޭނާގެ ފިރިމީހާއަކީ ، އޭނާގެ އަތުގައި ހިފައިގެން ދުނިޔޭގެ ކޮންމެތާކަށްވެސް ދާން ތައްޔާރަށް ހުރި މީހެކެވެ. ދިލްނަޝީނަށް އިޙްތިރާމާއި ޤަދަރު ލިބިގެންވާ ، މުޖުތަމަޢަކަށް ނުކުމެ ، އިސް އުފުލާލައިގެން އުޅެން ފުރުޞަތު ހޯދައިދޭނެ ފިރިއެކެވެ.

" އަހަރެންގެ މައިދައިތައާއި އެގޭގެ އެންމެން ، އެގެޔަށް ގެނެސް އަހަރެން ވެއްދީ ވަރަށް ޤަދަރުވެރި ގޮތަކަށެވެ. އެމީހުންގެ ލޯބި އަހަރެންނަށް އިންތިހާއަށް ދިނެވެ. އެހާ ވަރަށް އަޅައިލިއެވެ. އެގޭތެރެޔަށް ވެރިވެފައި އޮތް ހަމަހިމޭންކަމަށް ދިރުމެއްލިބި ، ގޭތެރެ އަލިވެގެން ދިޔައެވެ. " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

އެހުރިހާ ކަންކަމަކީވެސް ، ޙަމްޒާއަށްވެސް ދިލްނަޝީނަށް ފުރިހަމަކޮށްދެވޭނެ ކަންކަންކަމުގައި ޙަމްޒާ ބުންޏެވެ. އެއީ ، ޙަމްޒާގެ ފަރާތުން އޭނާ ބޭނުންވާ ކަންކަމެއްނޫންކަމަށް ބުނެ ، ދިލްނަޝީން ، ޙަމްޒާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

" އެހުރިހާ އެއްޗަކާއި ކަމެއް ، ޙަމްޒާއަށްވުރެ ކުރިން ، އަހަރެންގެ ފިރިމީހާ ފުރިހަމަކޮށްދީ އަހަރެންގެ ހިތް މިލްކު ކޮށްފިއެވެ. " ދިލްނަޝީން ބުންޏެވެ.

އެހެންކަމަށް ވަންޏާ ، އެދެމީހުންގެ ލޯބި އެވަނީ ކޮންތާކަށްތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެއްފަހަރު ނަމަވެސް ޙަމްޒާގެ ހިތާ އެކަމާބެހޭގޮތުން ސުއާލު ކޮށްލުމަށް ދިލްނަޝީން އެދުނެވެ. ޙަމްޒާ އެބުނާ ލޯބި ނިމިދިޔަތާ އެތައް ދުވަހެއް ވެއްޖެކަން ، ޙަމްޒާއަށް އޭރުން އިޙްސާސް ވާނެކަމުގައި ދިލްނަޝީން ބުންޏެވެ. ޙަމްޒާ އެބުނާ ލޯތްބަކީ ލޯތްބެއްނޫނެވެ. އެއީ ގޮތްދޫނުކުރުމާއި ޖަދަލު ކުރުމެވެ.

އެއީ ، ގޮތްދޫނުކުރުންކަމުގައި ބުނެ ، ދިލްނަޝީނާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާކުރާ ޖަދަލެއް ނޫނެވެ. ބަދަލު ހިފުމެއްވެސް ނޫނެވެ. އޭނާއަށް އެހެން ނުހެދުމަށާއި އޭނާ ދޫކޮށްނުލުމަށް ، ޙަމްޒާ އެދެމުން ގެންދިޔައެވެ. ދިލްނަޝީނާ ނުލައި އޭނާ ދިރިހުރުމަކީ ، ނުވާނެކަމެއްކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީންގެ ދުލުން އޭނާދެކެ ، ދިލްނަޝީން ލޯބިނުވާ ވާހަކަ ނުބުނުމަށް އެދުނެވެ. އެއިން އެއްވެސް ކަމަކީ މިހާރު ، ދިލްނަޝީންގެ ބާރު ހިނގާ ކަންކަމެއްނޫނެވެ. ތަޤްދީރު އެވަނީ އެހުރިހާކަމެއް ރާވައި ، އެއާ އިދިކޮޅަށް މަގުދައްކާފައެވެ. އެކަމުގައި ދިލްނަޝީން ކުރާނެ ހަމަ އެއްވެސްކަމެއް ނެތެވެ.

ޙައިދަރު ބޭރަށް ނުކުމެ ، އިރުއިރުކޮޅުން ދިލްނަޝީނަށް ފޯނު ކުރަމުން ގެންދިޔައެވެ. ދިލްނަޝީންގެ ފޯނުއޮތީ ނިއްވައިލާފައެވެ. ދިލްނަޝީން އަނެއްކާވެސް އެދިޔައީ މޯލްއަށޭ ކިޔާފައެވެ. ޙަޤީޤަތް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ކަންބޮޑުވެފައިހުރެ ، ކުރިމަތީހުރި ގޮނޑީގައި ޙައިދަރު އިށީނދެލިއެވެ. އެވަގުތު ، ސާރާވެސް އެތަނަށް އައެވެ. ސާރާ އޭނާގެ ބޭބެޔަށް ގޮވައިލިއެވެ. އަދި ، ކަންބޮޑުވެފައި އެއިނީ ކޮންކަމަކާތޯ ސުއާލު ކުރިއެވެ. އެއްވެސްކަމެއް ނުވާކަމަށްބުނެ ، ޙައިދަރު އިސްއުފުލައިލިއެވެ. ޙައިދަރުގެ މޫނުމަތިން ފެންނަންހުރި އުދާސްތަކުން ކޮންމެވެސް ގޯހެއް އުޅޭކަން ސާރާ ފާހަގަ ކުރިއެވެ. އެގެޔަކީ ، އަޅާނެ ކާއެއްޗެއް ނެތް ހުސްތަށްޓެއްގެ ގޮތުގައި އޭނާއަށް އެ ސިފަކުރެވެނީ ކީއްވެގެންކަމެއް ސާރާއަކަށް ނޭނގެއެވެ.

ޙައިދަރު ކަންބޮޑުވެފައި އެއިނީ މަންމަގެ ބަލީގެ ސަބަބުންކަމުގައި ބުނެ ، ސާރާ ހަމަޖައްސައި ލެވޭތޯ މަސައްކަތް ކުރިއެވެ. އަދި ، ސާރާއަށް ދަތިނޫންކަމަށް ވަންޏާ ކޮންމެ ދުވަހަކުވެސް އެގެޔަށް އައިސް މަންމައާ ބައްދަލުކޮށްލުމަށް ސާރާގެ ކިބައިން ޙައިދަރު އެދުނެވެ. އޭރަށް މަންމަގެ ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެއެވެ. މަންމަގެ ހުރިހާ ކަމެއް ދިލްނަޝީން ބަލަހައްޓަމުން ގެންދާކަމަށް ޙައިދަރު ބުންޏެވެ. އެހެންނަމަވެސް ، ސާރާއަކި މަންމަގެ އުފަން ދަރިއެކެވެ. ދިލްނަޝީނަކީ ޅީދަރިއެކެވެ. އެތަފާތު މަންމަޔަށްވެސް އިޙްސާސް ކުރެވޭނެއެވެ.

ސާރާއަށް އެއީ ދަތިކަމެކެވެ. ދިލްނަޝީން އެހާ ރަނގަޅަށް މަންމަ ބަލަހައްޓަމުން ދަނިކޮށް ސާރާ ކޮންމެ ދުވަހަކު އަންނަން ވެއްޖިއްޔާ ، މަންމަ ޝަކުވާ ކޮށްފާނެއެވެ. ދިލްނަޝީން އެގެންދަނީ ބޭބެވެސް އުފަލުގައި ބަހައްޓަން މަސައްކަތް ކުރަމުންނެވެ. ކުރިއާ ބަލާއިރު ދިލްނަޝީން ވަރަށްބޮޑަށް ތަފާތު ވެއްޖެއެވެ. އެންމެ މުހިންމު ކަމަކީ ، އެގެޔަށް ކުއްޖަކު އުފަންވާން އުޅުމެވެ. އެނޫން އެހެންކަމެއް އެމީހުންނަކަށް ބޭނުމެއް ނުވެއެވެ.

ސާރާ އެބުނީ ރަނގަޅު ވާހަކައެއްކަމަށް ބުނެ ، މަންމަ އެކަނިވެދާނެތީ ގޭތެރެޔަށް ދަމާހިނގާށޭ ބުނެ ، ސާރާވެސް އައުމަށް އެދެމުން ޙައިދަރު ގޭތެރެޔަށް ވަނެވެ.

" ޙަމްޒާއެވެ ! އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިޔަކު އަހަރެންނަށް ލިބިއްޖެއެވެ. އެކަމަށްޓަކައި ، އަހަރެން ﷲ އަށް ޝުކުރު އަދާނުކުރަންވީ ކޮންސަބަބަކާހެދި ހެއްޔެވެ ؟

ވެގެން އުޅޭގޮތް އޭނާއަށް މިހާރު ވިސްނިއްޖެކަމުގައި ޙަމްޒާ ބުންޏެވެ. ދިލްނަޝީން މިވަގުތު އެއިނީ ، ޙަމްޒާދެކެ ރުޅިއައިއްސައެވެ. ރުޅިމައިތިރި ކުރުމަށްޓަކައި އޭނާއާ ދިމާލަށް އެއްޗެތިކިޔަސް ، ބަދު ދުޢާކުރިޔަސް ޙަމްޒާއަށް އެއީ މައްސަލައެއްނޫނެވެ. އެކަމަކު ، ދިލްނަޝީންގެ ޙަޔާތުން ޙަމްޒާ ބޭރުކޮށްލުމުގެ ވާހަކަ ނުދެއްކުމަށް ޙަމްޒާ އެދުނެވެ.

ޙަމްޒާވަނީ  މާކުރިންވެސް ، ދިލްނަޝީން ދޫކޮށްލާފައިކަމުގައި ދިލްނަޝީން ބުންޏެވެ. އަދި ދިލްނަޝީންވެސް ވަނީ ، ޙަމްޒާ ދޫކޮށްލާފައެވެ. އެންމެ ރަނގަޅުގޮތަކީ ، އޭނާ އަނބުރާ ގެންގޮސް މޯލްއަށް ލައިދިނުންކަމުގައި ދިލްނަޝީން ބުންޏެވެ. އޭގެފަހުން ، ދިލްނަޝީނާ ޙަމްޒާ ބައްދަލުކުރަން އުޅުމަކީ ދިލްނަޝީން އެދޭކަމެއްނޫނެވެ. އޭގެފަހުން ، ޙަމްޒާ އޭނާ ބްލެކްމެއިލްކޮށް އުނދަގޫ ކުރާކަމަށް ވަންޏާ ، އޭނާގެ ފިރިމީހާއަށް ޙަމްޒާގެ ޝަކުވާ އުފުލުން ނޫން އެހެންގޮތެއް ނޯންނާނެކަމަށް ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެބުނީ ކީކޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. ފިރިމީހާ ހެއްޔެވެ ؟ އޭނާގެ ތިމާގެ އަންހެންކުއްޖަކާ ލޯބީގެ ގުޅުން ހިންގާ ފިރިމީހާތޯ ޙަމްޒާ ސުއާލު ކުރިއެވެ. މެހެމަލް މިހާރު ، އޭނާގެ ފިރިމީހާގެ ގާތަށް ، ފިރިމީހާގެ ގެޔަށް ހިނގައްޖެކަމުގައި ދިލްނަޝީން ބުންޏެވެ. އެހެންނޫނަސް ، އެ އަންހެންކުއްޖާ ، ދިލްނަޝީންމެންގެ ގޭގައި އުޅުނަސް ، އޭނާގެ ފިރިމީހާ ލޯބިވަނީ ހަމައެކަނި ދިލްނަޝީން ދެކެއެވެ. އެކަމަށް އިޢުތިރާފްވެ ، އެވާހަކަ ދިލްނަޝީންގާތުގައި ބުނީ ޚުދު ، އޭނާގެ ފިރިމީހާ ، ޙައިދަރެވެ.

" އެނގޭ ހެއްޔެވެ ؟ އަހަރެންނަކަށް ދެނެއް މަޑެއް ނުކުރެވޭނެއެވެ. ދިލްނަޝީން އެނބުރި ގެޔަށް ދާށެވެ ! ފިރިމީހާއާ ވަރީގެ ވާހަކަ ދައްކައި ، ވަރިވެގެން އަންނާށެވެ ! އަހަރެމެން ހަމަ މިއަދު ކައިވެނި ކުރާނީއެވެ. " ޙަމްޒާ ބުންޏެވެ.

ޙައިދަރުގާތުން އޭނާ ވަރިނުވާނެކަމަށް ދިލްނަޝީން ބުންޏެވެ. ހަމަމމިހާރު ގޮސް ، ޙައިދަރުގާތުން ވަރިވެގެން އޭނާގާތަށް އަންނާށޭ ބުނެ ، ޙަމްޒާ ހަޅޭއްލަވައިގަތެވެ.

" ޙަމްޒާއެވެ ! އަހަރެން މިއިނީ ، ޙައިދަރުގެ ދަރިޔަކަށް ބަލިވެއެވެ. މިޙާލަތުގައި ޙައިދަރުގާތުން އަހަރެން ވަރިއެއް ނުވާނަމެވެ. " ދިލްނަޝީން ބުންޏެވެ.

ޙަމްޒާގެ ދުނިޔެ އެނބުރިގެންދިޔައެވެ. ދެލޯބޮޑުވެފައި އިނދެ ، ދިލްނަޝީން އެބުނީ ކީކޭތޯ ސުއާލު ކުރިއެވެ. ދިލްނަޝީން ބަލިވެއިންވާހަކަ ، މެހެމަލްވެސް އޮތީ ޙަމްޒާގާތު ބުނެފައެވެ. ޙަމްޒާ އެހުރީ އެއީ ، ޙަމްޒާ ދެރަކޮށްލުމަށްޓަކައި މެހެމަލްބުނި ވާހަކައެއްކަމަށް ބަލައިގެންނެވެ. އޭނާ ބަލިވެއިން ވާހަކަ އަނެއްކާވެސް ދިލްނަޝީން ތަކުރާރު ކުރިއެވެ. ޙަމްޒާގެ ދެލޯ ތަންމިނަށް ބޮޑުވިއެވެ. ނޭވާ ހާސްވެގެންގޮސް ، ނޭވާ ތާށިވެ ،  މާނޭވާ ލެވެން ފެއްޓިއެވެ. އަދި ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ. ކުއްލިޔަކަށް ކާރު ސްޓާރޓްކޮށް ބާރަށް ދުއްވައިލިއެވެ. ފަހަރަކަށްފަހު ފަހަރެއް ، ކާރުގެ ސްޕީޑް ބާރުކުރަމުންގޮސް ، އިތުރު ފިތެއް ނެތްވަރަށް ބާރު ކޮށް ކާރު ދުއްވަމުން ދިޔައެވެ. ކާރުގެ ސްޕީޑް މަޑުކުރުމަށް ، ދިލްނަޝީން އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ޙަމްޒާ އެއަޑުއަހާކަށް ބޭނުމެއްނޫނެވެ. ކުއްލިޔަކަށް އެމީހުންގެ ކާރުގެ ކުރިމައްޗަށް ހުރަސްވި ކާރަކާޖެހި އެކްސިޑެންޓް ވިއެވެ. އެއާއެކީ ، ދިލްނަޝީން ހަޅޭއްލަވައިގަތް އަޑު ކާރުތެރެއިން އިވުނެވެ.

ދެން ފެނުނީ ، ބަރުގޮނުއަޅާފައި ބާރު ސްޕީޑެއްގައި އެމްބިއުލެންސެއް އައިތަނެވެ. ދެމީހުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ، ދެމީހުންކުރެ މީހެއްގެ ހެޔެއް ނެތެވެ. ބޮލުންނާއި ގައިގެ އެތައް މިތަނުން ލޭތައް ފައިބާފައި ހުއްޓެވެ. ދެމީހުންކުރެ އެކެއްގެ ފޯނު ނަގައި ، އެފޯނުން މިސްވެފައިހުރި ފޯނު ނަންބަރަކަށް ، ސިފައިންގެ އޮފިސަރަކު ގުޅިއެވެ. އެއީ އެތަނުންކާކުގެ ފޯނެއްކަމެއްވެސް ، އަދި އެގުޅާ ނަންބަރަކީ ކާކުގެ ނަންބަރެއްކަމެއްވެސް ސިފައިންގެ އޮފިސަރަކަށް ނޭނގެއެވެ. ކަންދިމާކުރި ގޮތުން އެފޯނުވީ ، ދިލްނަޝީންގެ ފޯނަށެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.