ވިހަ ތީރު (102)

( 6 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މަންމަގެ ދަރިފުޅުގެ ނަޞީބު ވަރަށް ރަނގަޅުކަމަށް އައްވަލް ބުންޏެވެ. އެހެނެއްކަމަކު ، ވިސްނުމާއި ފިކުރު ރަނގަޅުކޮށްލަން މަސައްކަތްކުރަން އެބަ ޖެހެއެވެ. ދިލްނަޝީނާ ، އައްވަލް ދިމާކުރަމުންގެންދާތީ ، ދިލްނަޝީނާ ދިމާލަށް ފާޑުފާޑުގެ ވާހަކަ ދައްކައި ދިމާނުކުރުމަށް ، އަނެއްކާވެސް އަނީސާ އެދުނެވެ. ދިލްނަޝީން މިހާރު އެހުރީ ރަނގަޅުވެފައެވެ. އެމީހުންނަށް އިޙްތިރާމް ކުރާކަމަށްވެސް އަނީސާ ބުންޏެވެ. އެމީހުންނަށް ދިލްނަޝީނާ ދިމާލަށް ލައްކަ އެއްޗެތި ކިޔިއްޖެއެވެ. އަނިޔާވެސް ދެވިއްޖެއެވެ. އެކަމަކު ، ޗުއްޕުވެސް ބުނެނުލައެވެ. އެއީ މިހާރު ކިޔަމަންތެރި ، ރަނގަޅު ކުއްޖެކެވެ. ހެޔޮވިސްނުންވެސް އެހުރީ އޭނާގެ ދަރިފުޅަށް ލިބިފައިކަމަށް އަނީސާ ބުންޏެވެ. އެކަހަލަ ކުއްޖަކު ، އެހެންމީހަކަށް ނުލިބޭނެއެވެ. ބަލަން ހުންނާށެވެ ! ދިލްނަޝީންގެ ގޭގެ ބާއްޖަވެރިކަމުގެ ވާހަކައިން މުޅިދުނިޔެ ޙައިރާން ކުރުވާނެއެވެ. އައްވަލްމެން ނިކަން ދެކެން ތިބޭށޭ ބުނެ ، ޢާފިޔާއާ ދިމާލަށް އަނީސާ ، ދޯ އެއްލިއެވެ.

" އާނއެކެވެ ! އެއީ ކިޔަމަންތެރި ކުއްޖެކެވެ. އިންސާނުންނަށް މަގު އޮޅޭނެއެވެ. އެހެނަސް ، އޮޅިފައިވާ މަގުން ގޯޅިއަޅައި ތެދުމަގަށް ރުޖޫޢަވުމުގެ ނަޞީބު ލިބެނީ މަދު މީހަކަށެވެ. ދިލްނަޝީނެވެ ! އަހަރެމެންނަކީ ، ގޯސް އަދި ދިލްނަޝީނަށް އަނިޔާވެރި ، ހެޔޮނޭދޭ ބަޔަކުކަމުގައި ދިލްނަޝީނަށް ހީވެދާނެއެވެ. ދުޝްމަނުންކަމަށްވެސް ބެލިދާނެއެވެ. އެކަމަކު ، ޙަޤީޤަތަކީ އެއީއެއްނޫނެވެ. ތިޔައީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއެވެ. އަހަރެން ދިލްނަޝީނަށް އިޙްތިރާމް ކުރަމެވެ. މުޅިދުނިޔޭގެ ޢިއްޒަތާއި ޤަދަރާ އަދި އިޙްތިރާމް ދިލްނަޝީނަށް ލިބުމަށް އަހަރެމެން އެދެމުއެވެ. އެކަމަކު ، ދިލްނަޝީންގެ މައުޞޫމިއްޔަތު ކަމުގެ ފައިދާ އެހެންމީހުން ނަގާތަން ފެނުނީމަ އަހަރެމެން ހިތްހަމައެއް ނުޖެހެއެވެ. އެއީ ، އަހަރެމެންނަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވަނީއެވެ. އަހަރެމެން ދެރަވެ ހަނގުރާމަކުރަނީ އަހަރެމެންގެ ނަޞީބާއެވެ. ދިލްނަޝީންގެ ދިރިއުޅުމަށް ކުރިމަތިވާ އާފާތްތަކުން ދުރުކުރުމަށް ޓަކައެވެ. އަހަރެމެންގެ އަމިއްލަ އެއްވެސް އެދުމެއް އޮވެގެންނެއް ނޫނެވެ. " އައްވަލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ބޭބެ ދައްކާ ވާހަކަތަކަށް ކަނުލައި އަޑުއަހަން ދިލްނަޝީން އިނެވެ. އެއްބައިފަހަރަށް ހިނިތުން ވެލައެވެ. އަނެއްބައި ފަހަރަށް ދެބުމަ ގޮށްޖެހެއެވެ.

" ދިލްނަޝީން އަމިއްލަޔަށް ބުނެބަލާށެވެ ! ޞާދިޤާއި އޭނާގެ އަންހެނުންނަށް ، ދިލްނަޝީން މުހިންމުވީ ކޮން އިރަކު ހެއްޔެވެ ؟ އެމީހުންނާ އެއްފެންވަރަކަށް ދިލްނަޝީން އަންނައުޅޭކަން އެނގުނު ހިނދު ، އެދެމީހުންވެސް ދިލްނަޝީނާ ދެކޮޅުވެރި ވެއްޖެއެވެ. އޭގެކުރިން ތިއީ އެމީހުންގެ އަންހެންދަރިފުޅުގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އެމީހުންގެ ވިސްނުން ކުއްލިޔަކަށް ބަދަލުވީ ، ދިލްނަޝީނަކީ ނިކަމެތި ފަޤީރަކަށްވެ ހުރެ ، އެމީހުންނާ އެއްހަމަޔަކަށް ދާން އުޅުނީމައެވެ. އަހަރެންގެ ކޮއްކޮއަށްޓަކައި ، ﷲ ތަޢާލާގެ ހެޔޮ ރަޙުމަތްފުޅުން ، އެގެޔަށްވުރެ މާ ބޮޑު އަދި ލޯތްބާއި އިޙްތިރާމް ލިބިގެންވާ ގެޔެއް މިންވަރު ކުރައްވައިފިއެވެ. މިކަހަލަ ބޮޑެތި ގަނޑުވަރުތަކަށް އަހަރެމެން ހިތެއް ނުކިޔައެވެ. އަހަރެމެން މިކަހަލަ ގަނޑުވަރާއި މުދަލާ އަދި ފައިސާ ބޭނުމެއް ނޫނެވެ. ޕޮލިސް ސްޓޭޝަނަށް އަހަރެމެން ދެބެއިން ގެންގޮސް ، އަހަރެމެން ކޮށްލި ފަޟީޙަތާއި ދިން އަނިޔާ އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. އެކަމަކު ، އެދުވަހުވެސް ، ދިލްނަޝީން އަހަރެންގެ ބަސްއެހިއެވެ. އަހަރެންނަށް އިޙްތިރާމް ކުރިއެވެ. " އައްވަލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އައްވަލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދި ތެދުވެގެން އައިސް ދިލްނަޝީންގެ ބޮލުގައި ފިރުމާލިއެވެ.

" ތިޔައީ އަޞްލުގައިވެސް ރަނގަޅު ކޮއްކޮއެކެވެ. ތި ކޮއްކޮކަހަލަ ، އަންހެން ދަރިޔަކު ކޮއްކޮއަށް ލިބޭނެއޭ އަހަރެންގެ ހިތް ބުނެއެވެ. އަހަރެން އެދޭގޮތަކީވެސް އެއީއެވެ. ތިކަހަލަ ލޯބި އަންހެންދަރިޔަކު ، ކޮއްކޮއަށް މިންވަރުކުރެއްވުން އެދި އަހަރެން ދުޢާ ކުރަމެވެ. ކޮއްކޮ ، ގަދަވެ ސަލާމަތުން ގިނަދުވަހު ދުނިޔޭގައި ލަހައްޓަވާށިއެވެ. ކޮއްކޮގެ ފިރިމީހާއާއެކީ ، އަބަދުގެ އަބަދަށް އުފަލުގައި ލަހައްޓަވާށިއެވެ ! " ދިލްނަޝީންގެ ބޮލުގައި ފިރުމަމުން އައްވަލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ދިލްނަޝީންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ކުއްލިޔަކަށް ތެދުވެ ، ބޭބެގެ ގައިގާ ބައްދާލިއެވެ. ދިލްނަޝީންގެ ލޯހުޅުވި ، ހެޔޮވިސްނުން ދެއްވި ފަދައެވެ. ބޭބެގެ ވާހަކަތަކުން ، ހިތްމަޑުމޮޅިވެ ، ދެވަނަ ވިސްނުމަކަށްދާން ދިލްނަޝީންގެ ވިސްނުން ބަދަލުވި ކަހަލައެވެ. ދިލްނަޝީންގެ ލޮލުން އަލިކަމެއް ފާޅުވިއެވެ.

ދިލްނަޝީން ، ޑޮކްޓަރަށް ދެއްކުމަށް ކުލްސޫމް ކިޔައިގަތްގަތީނުންގޮސް ، އެކަން ކޮށްދިނުމަށްޓަކައި ، ދިލްނަޝީން ގޮވައިގެން ޙައިދަރު ، ކްލިނިކަށް ދިޔައެވެ. ދިލްނަޝީންގެ ލޭ ހުރީ ތަންކޮޅެއް މައްޗަށް ގޮހެވެ. ބޭސްދީފައި އެބޭސް ކެއުމުން ރަނގަޅުވެދާނެކަމަށް ޑޮކްޓަރ ބުންޏެވެ. އަދި ، އަންހެނުން ކަންބޮޑުވާކަމެއް އުޅެނީތޯ ޙައިދަރާ ޑޮކްޓަރ ސުއާލު ކުރިއެވެ. ބަލާބެލުމަށް ، ހިތަށް އުނދަގޫވާ ކަންތައްތަކެއް އޭނާގެ އަންހެނުންގެ އެބަހުރިތޯއާއި ، އެއީ ދުރުކުރަންޖެހޭކަމެއްކަމަށްވެސް ޑޮކްޓަރ އެންގިއެވެ. އެހެންނޫނީ ބަނޑުގައި އޮތްދަރިފުޅަށް އެކަމުން ނޭދެވޭ އަސަރު ފޯރާނެއެވެ.

އެކަހަލަ އެއްވެސް ކަމެއް ނޫޅޭކަމުގައި ދިލްނަޝީން ، ޑޮކްޓަރގާތު ބުންޏެވެ. ފިރިމީހާގެ ލޯތްބާއި އަޅައިލުމުން ދުރުހެލިވެފައިވާ މީހަކަށް ދިލްނަޝީން ނުވުމަށް ޑޮކްޓަރ ނަޞޭޙަތް ދިނެވެ. ރަނގަޅު ކާނާއާއި ، އުފާވެރި މާޙައުލު އަދި ކަންބޮޑުނުވާ ސިކުނޑިއަކުން ، ދަރިފުޅުގެ ދުޅަހެޔޮކަން އިތުރު ކޮށްދޭނެއެވެ.

ދިލްނަޝީނާ ދިމާނުވެގެން ޙަމްޒާހުރީ މޮޔަވާވަރު ވެފައެވެ. މުޅޅިކޮޓަރިތެރެ އެފުށްމިފުށަށް ޖަހައިފިއެވެ. އެންމެފަހުން ، ނުގުޅަން ހުރެފައި މެހެމަލްއާ ޙަމްޒާ ގުޅިއެވެ. މެހެމަލްގެ ފޯނަށް ޙަމްޒާގެ ނަންބަރު އޮތީ ސޭވް ކޮށްފައެވެ. އެހެންކަމުން ފޯނުއައުމާއެކީ ، އެއީ ޙަމްޒާގެ ފޯނެއްކަން މެހެމަލްއަށް އެނގުނެވެ. ޙަމްޒާ އެގުޅީ ، ދިލްނަޝީނާ ދިމާނުވެގެންނެވެ. ފޯނު ނިއްވައިލާފަ އޮންނަތާ އެތައް އިރެއް ވެއްޖެއެވެ. ދިލްނަޝީނަށް ވެގެން އުޅެނީ ކިހިނެއްތޯ ބަލައިލަ ދިނުމަށް ޙަމްޒާ އެދުނެވެ.

" އެހާ ފާޅުކަންބޮޑުކަމެއް ، ޙަމްޒާއަށް ނުވިސްނެނީ ހެއްޔެވެ ؟ މީހެއްގެ ފޯނު ނިއްވައިލާފައި އޮތުމުގެ މާނަޔަކީ ، ފޯނު ބޭނުންކުރަން އެމީހާ ނޭދުމެވެ. ދިލްނަޝީންގެ ފޯނު ނިއްވައެއް ނުލައެވެ. ޙަމްޒާގެ ފޯނު ނަންބަރު ބްލޮކް ކޮށްލީއެވެ. ޙަމްޒާއާ ދިމާލަށް ދާން ހުޅުވިފައި އޮތްދޮރު ، ދިލްނަޝީން ބަންދު ކުރީއެވެ. " މެހެމަލް ބުންޏެވެ.

އެކަން އެހެން ނުވާނެކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނަށް ވަގުތުކޮޅެއް ދިނުމަށް އޭނާ އޮތީ އެދިފައެވެ. ދިލްނަޝީނަށް ބޭނުންވަނީ ވަގުތުކޮޅެއްނޫންކަމަށާއި ، ދިލްނަޝީން އެދެނީ ޙަމްޒާއާ ދުރަށްދިއުންކަމަށް މެހެމަލް ބުންޏެވެ.

" ދިލްނަޝީންގެ މަތިން ހަނދާން ނައްތައިލާށެވެ ! ދިލްނަޝީން ބޭނުންވަނީ އޭނާގެ ފިރިމީހާއާއެކީ ދިރިއުޅުން އާބާދު ކުރާށެވެ. އެއީ ދިލްނަޝީން މިހާރު އެދޭ ގޮތެވެ. ދިލްނަޝީނަށް އުފާވެރިކަން އޮތީވެސް އެގޮތުގައެވެ. " މެހެމަލް ބުންޏެވެ.

އެހެންކަމަށް ވަންޏާ ، މެހެމަލްއަށް އޮތީ ކޮންގޮތެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. މެހެމަލް އެހުރީ އޭނާގެ ފިރިމީހާގެ ގާތަށް އެނބުރި އައިސް ، ވަރަށް އުފަލުންނެވެ.

" ދިލްނަޝީން މަތިން ހަނދާން ނައްތައިލާށެވެ. ދިލްނަޝީން އެހުރީ އުފަލުގައެވެ. އެވަރުން ޙަމްޒާ ފުއްދައިލާށެވެ. ދިލްނަޝީނަކީ ޙައިދަރުގެ ދަރިފުޅުގެ މަންމައެވެ. އޭނާ އެއިނީ ، ޙައިދަރުގެ ދަރިޔަކަށް ބަލިވެއެވެ. " މެހެމަލް ބުންޏެވެ.

މެހެމަލްގެ އެންމެފަހު ޖުމްލައިން ، ޙައިދަރުގެ ދުނިޔެ އެނބުރިގެން ދިޔައެވެ. ނުބައި އެއްޗެއްބުނެ ، މެހެމަލްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

" ޙަމްޒާ މައިތިރި ވާށެވެ ! ތިޔައީ ވަރަށް ގޮތްކުޑަ އިންސާނެކެވެ. ޙައިދަރާއި ޙަމްޒާއާ އަޅައިކިޔޭނީ ކިހިނެއް ހެއްޔެވެ ؟ ދެމީހުންގެ މެދުގައި އުޑާއި ބިމާ ދެމެދުގެ ފަރަގު އެބަހުއްޓެވެ. ދިލްނަޝީން އެހެދީ ރަނގަޅަށެވެ. ތިކަހަލަ ގޮތްކުޑަ އާވާރާ އިންސާނަކާ ދުރަށް ދިއުމަކީ ، ދިލްނަޝީންގެ ޙަޔާތުގައި އޭނާއަށް ކުރެވުނު އެންމެ ރަނގަޅު އެއްކަމެވެ. އަހަރެން އެކަމަށް އުފާ ކުރަމެވެ. ދެވަނަ ފަހަރަށް އަހަރެންނަށް ފޯނުކުރަން ހިތަށްވެސް ނާރުވައްޗެވެ. " މެހެމަލް ބުންޏެވެ.

ޙަމްޒާގެ ނަފްސު ކޮންޓްރޯލް ނުވެގެން މުޅިކޮޓަރިތެރޭ ތެޅިފޮޅިގަތެވެ. ފޯނު ހޫރާލައި ، އިށީނދެއިން ގޮނޑި ހޫރައިލިއެވެ. އަދި އެނބުރެމުން އެނބުރެމުންގޮސް ތަޅުންގަނޑުމައްޗަށް އަނގަވަތަށްލައި ވެއްޓުނެވެ.

މަންމަމެން އައިސް އެދެއްކި ވާހަކަތަކުން ހިތްވަރުލިބުނުނަމަވެސް ، އޭނާގެ ވަށައިގެން އެހިނގާ ކަންކަމާމެދު ދިލްނަޝީން ހުރީ ހިތްނުތަނަވަސްވެ ، ހާސްކަމެއްގެ ތެރޭގައެވެ. ރަނގަޅާއި ނުބައި ވަކިނުކުރެވޭވަރަށް އޭނާގެ ސިކުނޑިވަނީ ހުއްޓިފައެވެ. ހޮސްޕިޓަލުން އައިސް ، އެހާސްކަންމަތީ ކޮޓަރިތެރޭ އިށީނދެލައިގެން ގަބުވެފައި އިންދާ ، ޙައިދަރު އައިސް ދިލްނަޝީންކާންޖެހޭ ބޭސް އޭނާއަށް ދިއްކޮށްލިއެވެ. ޙައިދަރު އައީ ފެންތަށްޓެއްވެސް ހިފައިގެންނެވެ. މަޑުމަޑުން އިސްއުފުލާލައި ، ބޭސްގުޅަ ނަގައި ކައިލިއެވެ. އަދި ޙައިދަރާ ދިމާލަށް ބަލައިލަމުން ޙައިދަރުގެ އިޙްސާންތެރިކަމާއި އަޅައިލުމުގެ މައްޗަށް ދިލްނަޝީންގެ ވިސްނުން ދިޔައެވެ. ދިލްނަޝީން ހާސްވެ ކަންބޮޑުވަނީ ކޮންކަމަކާތޯ ޙައިދަރު ކުރި ސުއާލަށް ދޭނެޖަވާބެއް ، ކުއްލިޔަކަށް އޭނާގެ ހިތަކަށް ނައެވެ.

" ޙައިދަރެވެ ! އަހަރެންނަށް މިވަނީ މަގުއޮޅި ހަދާނެގޮތް ބޮޑުވެފައެވެ. އަހަރެންނަށް އިޙްސާސްކުރެވެނީ ، އަހަރެން މިހުރީ ތޫފާނެއްގެ މެދުތެރޭ ތާށިވެފައި ކަމުގައެވެ. ހަތަރު އަނގޮޅިއެއްގެ މެދުގައި ދާނެ ވަކިދިމާލެއް ކަނޑައަޅަން ނޭނގި ހުއްޓި ހުރެވޭ ހެންނެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އަދިވެސް އެ ވިސްނަނީ އޭނާގެ ނިންމުން ބަދަލުކުރަންތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ވަކިގޮތަކަށް ނިންމާފައިނުވާކަމަށާއި ، އޭނާ އެދަނީ ، ޙާލަތު އޭނާއަށް ދައްކާމަގުންކަމުގައި ބުންޏެވެ. ވަކިގޮތެއް އޭނާ ނިންމާނެނަމަ ، ކައިވެނީގެ ކުރިން އެގޮތެއް ނިންމާނެއެވެ.

" ޙައިދަރެވެ ! ކައިވެންޏަށްފަހު ، މިކައިވެނި ދެމެހެއްޓޭތޯ ކުރެވެން އޮތް ހުރިހާމަސައްކަތެއް އަހަރެން ކުރީމެވެ. އެކަމަށް ﷲ ހެކިވެވޮޑިގެންވާނެއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ، އަބަދުވެސް ، އަހަރެންގެ މާޒީއާއި ޙައިދަރުގެ މާޒީ ، އަހަރެންގެ އުފަލަށް އައީ ހުރަސް އަޅަމުންނެވެ. " ދިލްނަޝީން ބުންޏެވެ.

މަޑުމައިތިރިކަމާއެކީ ، ދިލްނަޝީނަށް ޙައިދަރު ގޮވައިލިއެވެ. އެ ދެމީހުންގެ ކައިވެނީގެ ގުޅުމުގެ ތެރެއިން ނުކުންނަން ދިލްނަޝީން ނިންމީ ޙައިދަރުގެ ކުށުން ނުވަތަ އޭނާއަށް ކުރެވުނުކަމަކުންކަމަށް ވާނަމަ ، އޭނާ މަޢާފަށް އެދޭކަމަށް ޙައިދަރު ބުންޏެވެ.

" އަހަރެންނަށް މަޢާފު ކުރާށެވެ ! މިގޭގެ ޙައްޤުގައި މިގޭގެ އާބާދުވަމުން އައި ދުނިޔެއާއި އަހަރެންގެ މަންމަގެ ދިރިއުޅުމުގައި އޮތް ކުޑަދުވަސްކޮޅުގެ ޙައްޤުގައި ، އަދި ޚާއްޞަކޮށް އަހަރެމެންނަށް ލިބެން މިއުޅޭ ދަރިފުޅަށްޓަކައި އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެން ، ދިލްނަޝީނަށް ވަޢުދުވަމެވެ. ދިލްނަޝީން ހިތްހަމަ ނުޖެހޭނެ އެއްވެސް ބަހެއް ނުބުނާނަމެވެ. އެއްވެސްކަމެއްވެސް ނުކުރާނަމެވެ. ވެދިޔަކަމެއް ވެ ނިމުނީއެވެ. އަހަރެމެން ވަކިވާން ދިލްނަޝީން ނިންމި ނިންމުން އަނބުރާ ގެންދާށެވެ ! " ޙައިދަރު ބުންޏެވެ.

ޙައިދަރު އެހެން އެބުނަނީ ، އޭނާއަށް އޮތް އިޚްތިޔާރު ގެއްލި ، މެހެމަލް އެގެއިން ނުކުމެގެން ދިޔައިމަތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙައިދަރު ވަގުތުން ނޫނެކޭ ބުންޏެވެ.

" އާނއެކެވެ ! އިޚްތިޔާރު ގެއްލުނީއެވެ. އެއަށްފަހު ، ޙައިދަރު ތި ނިންމީ ، ލިބިފައި އޮތް އިޚްތިޔާރު ނެތިދިޔައިމަ ، މި ގޮތެއްފޮތެއްނެތް އަންހެންކުއްޖާއާއެކީ ދިރިއުޅުމަކުން ، ވާނެ އިތުރު ގެއްލުމެއްވެސް ނޯންނާނެކަމަށް ނޫންހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

އޭނާ ކުރާނީ ކީއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރު އެހުރީ ، ދިލްނަޝީން އެދޭ ކޮންމެ ވާހަކައެއް ދިލްނަޝީން ބުނާގޮތަކަށް ބުނަން ތައްޔާރަށެވެ. ދިލްނަޝީން އޭނާގެ ޙަޔާތުން ނުކުމެގެން ދިއުމަށްފަހުވެސް ، މެހެމަލްއާ ކައިވެނިކުރުމުގެ އެއްވެސް ވިސްނުމެއް ދުވަހަކުވެސް އޭނާ ނުގެންގުޅޭކަމުގައި ޙައިދަރު ބުންޏެވެ. އެކަމަށް ހުވާކުރަންވެސް ޙައިދަރު އެހުރީ ތައްޔާރަށެވެ. އެހެންނަމަވެސް ، ޙައިދަރު މިހާރު ބުނާނީ އެހެންކަން ދިލްނަޝީނަށް އެނގެއެވެ. ދިލްނަޝީނަށް އެކަން އޭނާ ޔަޤީންކޮށްދޭންވީ ކޮންގޮތަކަށް ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ބުނާ ކޮންމެކަމެއް ކުރަން ޙައިދަރު އެހުރީ ތައްޔާރަށްކަމުގައި ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.

" މީހެއްގެ އިތުބާރު ހޯދުމަށްޓަކައި ހާދަބޮޑަކަށް ޙައިދަރު ތިހުރީ ކެތްމަދުވެފައެވެ. އެޔަޤީންކަން ނުލިބުނީމަ ހަދާނެގޮތް ބޮޑުވަނީ ހެއްޔެވެ ؟ ނުޙައްޤު ގޮތުގައި މީހެއްގެ އިތުބާރު ނެތިދިޔައިމަ ކިހާބޮޑަކަށް މާޔޫސްވޭ ހެއްޔެވެ ؟ ޚާއްޞަކޮށް އަންހެން ކުއްޖަކަށް އޭނާއަށް ލިބުން ޙައްޤު އިތުބާރު ނުލިބުނީމަ ލިބޭނެ ތަކުލީފު އިޙްސާސް ވޭ ހެއްޔެވެ ؟ އަންހެންކުއްޖަކު ، އޭނާގެ އަބުރާއި ޢިއްޒަތް ޙައްޤުން ކަމަކާނުލައި ގެއްލިގެން ދާހިނދު ، އެއްވެސް މީހަކު އެކުއްޖާގެ އަޑު ނޭހީމަ ،  އެކުއްޖާއަށް ކިހާބޮޑު ތަކުލީފެއް ލިބޭނެކަން އިޙްސާސް ވޭހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

ޙައިދަރަށް ހަދާނެގޮތެއް ނެތްހިނދު ، އޭނާއާ ސަމާސާކޮށް މަލާމާތް ކުރަނީތޯ ޙައިދަރު ސުއާލު ކުރިއެވެ.

" ސަމާސާ އާއި މަލާމާތުގެ ވާހަކަ ނުދައްކާށެވެ ! މަލާމާތް ލިބުނީ އަހަރެންނަށެވެ. އެންމެންވެގެން ، އަހަރެންނާ ދިމާލަށް ނުގޮވާކަ އެއްޗެއް ނެތެވެ. ނުކުރާކަ ކަމެއްނެތެވެ. ނުދޭކަ އަނިޔާއެއް ނެތެވެ. އެނގޭ ހެއްޔެވެ ؟ އަހަރެންނަށްވުރެ ބޮޑަށް ހަމަޖެހިލައިގެން ތިހުރީ ޙައިދަރެވެ. ކަންބޮޑުވުން އެބައޮތެވެ. އެކަމަކުވެސް ، ޙައިދަރު ތިހުރީ ހަމަޖެހިލައިގެންނެވެ. ހުރިހާކަމެއްގެ ކޮންޓްރޯލް މިވަގުތު އޮތީ ޙައިދަރުގެ އަތްމަތީގައެވެ. ޙާލާތުގެ މެދުވެރިޔަކަށް މިހާރަކު ޙައިދަރެއް ނުވަމުއެވެ. އަހަރެންގެ މަތިން މިހާރު ތިޔަ ހަނދާން ކުރަނީ ކީއްވެ ހެއްޔެވެ ؟ މިހާރުވެސް ޙައިދަރު ބޭނުން ހަމަ ކޮންމެ ގޮތެއް ހެދިދާނެއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ޙައިދަރުހުރީ ބުނާނެ ވަކިއެއްޗެއް ނޭނގިފައެވެ. ޙައިދަރަށް ބޭނުންގޮތެއް ހަދަން ފުރުޞަތު ލިބުނީމަ ، ޙައިދަރު ބޭނުންވާގޮތެއް އިޚްތިޔާރު ނުކުރަން އެއުޅެނީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

" މަންމަ ބަލިވެ އުޅޭތީ ހެއްޔެވެ ؟ މިދަރިފުޅު ލިބޭތީ ހެއްޔެވެ ؟ މިޙާލަތަށް އައުމުގެ ކުރިން ، އެތައްފަހަރަކު ، އެންމެ ފަހަރަކު ނަމަވެސް ، އަހަރެންނަށް އިތުބާރުކުރުމަށް އެންމެންގާތު އާދޭސް ކުރަމުން ރޮމުންގެންދިޔައިމެވެ. ހަމަ އެކަކުވެސް އަހަރެންގެ ވާޙަކަ ޤަބޫލެއް ނުކުރިއެވެ. އަހަރެންގެ ބޮލުގައި ނުޙައްޤު އިލްޒާމްތައް އަޅުވަމުން އަހަރެން ބޭޒާރުކޮށް ފަޟީޙަތްކުރަމުން ގެންދިޔައެވެ. އަހަރެންގެ ހިތުގެ ތަދު ، ޙައިދަރަށް އިޙްސާސް ކުރެވޭ ހެއްޔެވެ ؟ ނޫނެކެވެ. ނޫނެކެވެ. އަހަރެންގެ ހިތުގެ ތަދާއި ތަކުލީފު ، ޙައިދަރަކަށް އިޙްސާސެއް ނުކުރެވެއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީނަށް ރޮވެމުންގޮސް އިތުރަށް ވާހަކަ ނުދެއްކިގެން ދުރަށްޖެހިލައި އެނދުމަތީ އިނދެ ރޮމުން ގެންދިޔައެވެ. ޙައިދަރުގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. އެހެނަސް ދިލްނަޝީން މަސަލަސްކުރުމަށްޓަކައި ، އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ދިލްނަޝީން އެދެއްކީ މުޅިންވެސް ތެދުވާހަކައެވެ. އޭނާއަށް މަގުއޮޅުނުފަދައިން ، ދިލްނަޝީނަށްވެސް މަގުއުޅެން މަޖުބޫރު ވެދާނެކަން ޙައިދަރަށް މިހާރު އިޙްސާސް ކުރެވެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ކިހާރީތި ތަރުޖަމާއެއް، ބަސްމަގު އަބުއި، ކިޔަންހިތްއެދޭފަދަ
    ރީތި ޢިބާރާތްތަކެއް، އާނ! ބަސްވާރުންނަކީ ގަލަމުގެ ބާރުން ބޮޑެތި ބާރުތައް ފައިދިގުމަކުނުގެ ގެއަށް ހަދާލާނެބައެއް!
    جزاك الله خيرا ވަރަށްބޮޑަށް شكرية فاروق

    • އަސްލުވެސް. ޢިބާރާތްތައް އެއަށްވުރެ ރީތިކޮށް އިތުރަށް ނުބުނެވޭފަދަ ފުރިހަމަގޮތަކަށް ، ކިޔާލަން ދުލަށް ފަސޭހަކޮށް ، ދޭހަކުރަން ސިކުނޑިއަށް ލުއިކޮށް ޖުމްލަތައް ގެނެސް ދެއްވާފަ އެހުންނަނީ. " ވިސްނާ " ގެ ވިސްނުމަށް ތާއީދު. މުފައްކިރު ލިޔުންތެރިންނަކީ ޤަލަމީ ބާރުން ހިތްތައް ކަތިލާ ، ފަންނުވެރި ބަޔެއް. އަޅުގަނޑަށްވެސް ބުނެވޭނީ شكرية فاروق

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.