ވިހަ ތީރު (100)

( 30 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

އެކަހަލަ ކަމެއް އޭނާގެ ހިތުގައި ނެތްކަމަށް ދިލްނަޝީން ބުންޏެވެ. މަހެއް ދެމަހެއްވަރު މަންމަޔަށްޓަކައި މަޑުކުރުމަށް ބުނީ ޚުދު ޙައިދަރެވެ. އޭނާ ބަލިވެއިންކަން ޙަމްޒާއަށް އެނގިއްޖިއްޔާ ......

" އެ ޙަމްޒާއަކީ ކާކު ހެއްޔެވެ ؟ " ޙައިދަރު ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

އޭނާގެ އަންހެނުންނާއި އޭނާގެ ދަރިފުޅަށް އިންޒާރުދީ އެދެމެދަށް ވަންނަން އެއީ ކާކުތޯ ޙައިދަރު ސުއާލު ކުރިއެވެ. އެހުރިހާކަމަކަށް އެދެމީހުން ވަކިގޮތަކަށް އެއްބަސްވެފައިވާކަން ދިލްނަޝީން ، ޙައިދަރަށް ހަނދާން ކޮށްދިނެވެ. ވަކިގޮތަކަށް ނިންމާ އެނިންމުމާ އެއްގޮތަށް ޢަމަލު އެކުރަނީ ، ދިލްނަޝީނާއި ޙަމްޒާކަމަށް ޙައިދަރު ބުންޏެވެ. އޭނާއެއް އެއްވެސް ގޮތަކަށް ކަމެއް ނުނިންމައެވެ.

އޭނާއަށް ކުށެއް ކުރެވުނީކަމަށް ދިލްނަޝީން ބުންޏެވެ. އެހެން ނޫންކަމަށް ވަންޏާ ، ޙައިދަރާއި މެހެމަލްއާ ދެމީހުންގެ ނިންމުންތައް އޭނާއަށް ނޭނގި ، ދިލްނަޝީންގެ ޙަޔާތަށް ތޫފާނެއްގެ ސިފައިގާ އަންނާނެއެވެ.

" އަހަރެންނާއި މެހެމަލްއާ ދެމީހުން އެއްވެސްކަމެއްގައި އެއްވެސް ގޮތެއް ނުނިންމާކަން އަހަރެން ސާބިތުކޮށްދޭންވީ ކިހިނެއް ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

އެއީ ދިލްނަޝީނާ ބެހޭކަމެއްނޫނެވެ. އެއަށްވުރެ ޙައިދަރާއި މެހެމަލްގެ ގުޅުން މާ ބަދަހިވެފައި ގާތެވެ. ދިލްނަޝީން ބޭނުންވަނީ އޭގެ ތެރެއިން ނުކުމެވޭނެގޮތެއް ހޯދާށެވެ. ޢީޝަލްގޮތަށް ، ބައްޕައެއްގެ އަޅައިލުން ނުލިބި ، އޭނާގެ ދަރިފުޅު ދުނިޔެއަށް ގިނަވެގެންދާކަށް ދިލްނަޝީނެއް ނޭދެއެވެ. ދިލްނަޝީނަށް އެބުނެވެނީ ކީކޭކަން އެނގޭތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީނަށް އެބުނެވުނު ވާހަކައެއްގެ އަޑު މަންމަޔަށް އިވިއްޖިއްޔާ ދެންވާނެގޮތަކާމެދު އެއްފަހަރުވެސް ދިލްނަޝީން ވިސްނައިލިންތޯ ޙައިދަރު ސުއާލު ކުރިއެވެ.

" އަހަރެންނަށް އިތުބާރުނުކޮށް ، އަހަރެންގެ އަބުރާއި ޢިއްޒަތަށް ޙައިދަރު އަރައިނުގަތްނަމަ ...... އަހަރެންގެ ހިތް މިއޮތީ ފޮތިފޮތިވެ ، ނަފްސު ކަތިލެވިފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގޭ ވަރަށް ދުނިޔެއަށް ގިނަވެފައެވެ. ދިރިހުއްޓާ ވަޅުލެވިފައެވެ. ޙައިދަރު އަހަރެންނަށް އިތުބާރު ނުކޮށްގެންނެވެ. ޙައިދަރަކީ ވަރަށް ޗާލާކީ މީހެކެވެ. އެހުރިހާކަމެއް ކޮށްފައި މިހާރު ތިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ ؟ " ރޮމުންރޮމުން ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

ޙައިދަރުގެ ލޯބި ޙާޞިލްކުރުމަށްޓަކައި އޭނާގެ ބޭނުން ޙައިދަރުކޮށްފައިވާކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރު އެބުނާ ވާހަކައެއް ދިލްނަޝީނަށް ޤަބޫލު ނުކުރެވިގެން އެއުޅެނީ ކީއްވެތޯ ޙައިދަރު ސުއާލު ކުރިއެވެ.

" މެހެމަލްއަކީ އަހަރެންގެ ކުރީގެ ލޯބިކަމަށް އަހަރެން މިހާރުވެސް އެއްބަސްވަމެވެ. އެކަމަކު ، މިހާރު އެއީ އަހަރެންގެ ލޯތްބެއް ނޫނެވެ. އަހަރެންގެ ލޯބި ވަނީ މިގޭގައެވެ. ދިލްނަޝީންގެ އަތްމަތީގައެވެ. އަހަރެންގެ މަންމައާއި އަހަރެންގެ އަންހެނުންނާ އަދި ކޮއްކޮއެވެ. އަދި މި ދަރިފުޅެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން މަސައްކަތްކުރަމުން މިގެންދަނީ ހުރިހާ ކަމެއް ހަމަޔަކަށް އެޅުވުމަށެވެ. އެކަމަކު އަހަރެންކުރާ ހުރިހާކަމެއް ވަޔަށް އަރައިގެންދާ ވެލިތަކެއްހެން އަހަރެންގެ ދިރިއުޅުމަށް އައިސް ކިލަނބުވަނީއެވެ. އަހަރެން މިބުނާ ވާހަކަތައް ޔަޤީން ކުރާށެވެ. " ޙައިދަރު ރޮމުންރޮމުން ބުނަމުން ގެންދިޔައެވެ.

އެވަޤުތު ދިލްނަޝީންގެ ފޯނު ރިންގްވާން ފެށިއެވެ.  އިރުކޮޅެއް ކޮށްލާފައި ދިލްނަޝީން ފޯނުނަގައި ، އެވަގުތު އޭނާއަށް ވާހަކަ ދެއްކެން ނެތްކަމުގައި ބުނެ ފޯނު ކަނޑައިލިއެވެ. އެހެންނަމަވެސް ، ޙަމްޒާއާ ވާހަކަ ދައްކަން ދިލްނަޝީނަށް ފުރުޞަތުދީފައި ޙައިދަރު ކޮޓަރިން ނުކުމެގެން ދަނީއެވެ. ޙައިދަރު ހުއްޓުވަން ދިލްނަޝީން އެއްވެސްކަމެއް ނުކުރެއެވެ.

ކުލްސޫމް ބަލިވެއުޅޭތީ ، ކޮންމެމީހަކުވެސް ވަގުތެއް ވެއްޖިއްޔާ އެވަގުތުކޮޅު ހޭދަކުރަނީ ކުލްސޫމްގެ ކޮޓަރީގައި އޭނާއާއެކީގައެވެ. ސާރާވެސް ، މެހެމަލްވެސް އަދި ޙައިދަރާއި ދިލްނަޝީންވެސް ކުލްސޫމްގާތުގައި ތިއްބެވެ. އެމީހުންގެ މެދުގައި ކުރެވެމުންދިޔަ ބަޙުސަކީ ، އެގެޔަށް އަންނަ މެހެމާނީ ، ފިރިހެން ކުއްޖެއްތޯ ނުވަތަ އަންހެންކުއްޖެއްތޯ ބެލުމަށް ކުރެވުނު ބަޙުސެކެވެ. އެޙައްޤު ހަމައެކަނި ލިބިގެންވަނީ ، ދިލްނަޝީނަށް ކަމަށްބުނެ ، ދިލްނަޝީންގެ އިޚްތިޔާރަށް އެކަން ކުލްސޫމް ދޫކޮށްލިއެވެ. އަދި ދިލްނަޝީން ބޭނުންވާގޮތަކީ ކޮބައިތޯ ސުއާލު ކުރިއެވެ. ފިރިހެން ކުއްޖެއްކަމަށްވިޔަސް ނުވަތަ އަންހެންކުއްޖެއްކަމަށް ވިޔަސް ދިލްނަޝީނަށް ތަފާތެއް ނެތެވެ. ކޮންމެ ވައްތަރެއްގެ ކުއްޖަކުވެސް އޭނާއަށް އެންމެ ރަނަގޅެވެ. ދިލްނަޝީން  އެދިނީ އޭނާއަށްވެސް އެންމެ ކަމުދާ ޖަވާބުކަމަށްބުނެ ، ދިލްނަޝީންގެ ބޮލުގައި ، ކުލްސޫމްގެ ދެއަތުން ފިރުމައިލިއެވެ. ދިލްނަޝީން އިނީ ކުލްސޫމްގާތަށް އެނދުމައްޗަށް އަރުވައި ބޯލާކޮޅުގައި ބައިންދާފައެވެ.

އެންމެން ވާހަކަ ދައްކަން ތިއްބާ ، މިއޮތީ ބައްޕަގެ ފޯނެކޭ ބުނެ ޢީޝަލް އައިސް މެހެމަލްގާތު އެވާހަކަ ބުނެފައި ފޯނުހިފައިގެން  ވާހަކަ ދައްކަމުން ދުއްވައިގަތެވެ. ޢީޝަލްއާއި އަންޞާބު ވާހަކަ ދެއްކުމަކީ ، މެހެމަލް އެހާ އެދޭކަމެއްނޫނެވެ. ޢީޝަލް ދުއްވައިގަތްތަނާ ފަހަތުން މެހެމަލްވެސް ދިޔައެވެ. އަދި ، ޢީޝަލް އޭނާގެ ބައްޕަޔާ ވާހަކަ ދައްކަން ހުއްޓާ ، ޢީޝަލް އަތުން ފޯނު އަތުލިއެވެ. އަދި ސަލާމް ގޮވައިލިއެވެ.

މެހެމަލް ސަލާމް ގޮވައިލުމާއެކީ ، އެގޭގެ ބޮޑުދޮރުހުޅުވުނެވެ. މެހެމަލްގެ ކުރިމަތީ އެހުރީ އަންޞާބެވެ. އަންޞާބު ޢީޝަލްއަށް ބަލައިލިއެވެ. އަދި އޭނާގާތަށް އައުމަށް ޢިޝާރާތް ކޮށްލިއެވެ. ޢީޝަލް އުރައިލުމަށްފަހު އެއީ ޢީޝަލްގެ ބައްޕަކަމާ އަދި ބައްޕަ އެނގޭތޯ ޢީޝަލް ކުރެން އަންޞާބު އަހައިލިއެވެ. ޢީޝަލްއަށް ބައްޕަގެ ފޮޓޯ ކޮންމެވެސް ތާކުން ފެނުނުކަމަށް ޢީޝަލް ބުންޏެވެ.

" މެހެމަލްއެވެ ! ޙާލު ކިހިނެއް ހެއްޔެވެ ؟ އަހަރެން މިއައީ މެހެމަލްއާއި ޢީޝަލް ބަލައެވެ. މިއީ މެހެމަލްއަށް ވަރަށް ޙައިރާންކަން ލިބިގެންދާނެ ކަމެއްއްކަން އެނގެއެވެ. އެހެނަސް ، ޤަބޫލު ކުރާށެވެ. އަހަރެން މިއައީ ، އަހަރެންގެ އަނބިމީހާއާއި ދަރިފުޅާ ދެމައިން އަހަރެންގެ ގެޔަށް ގެނދާން ، ބަލައެވެ. އަހަރެންގެ ޢަމަލުތަކާމެދު ނުވިސްނާށެވެ. " އަންޞާބު ބުންޏެވެ.

އޭނާގެ އާދަތައް އެއީ ތަފާތުކަމެއްކަމުގައި އަންޞާބު ބުންޏެވެ. އަންޞާބާއެކީ މެހެމަލް ހިނގައްޖެނަމަ ، ވަރަށް ބޮޑަށް ޝުކުރުވެރިވާނެކަމަށް އަންޞާބު ބުންޏެވެ. ކުޑަދުވަސްކޮޅެއްކުރިން ، އެމެރިކާގައި އޭނާ އެކްސިޑެންޓެއް ވިއެވެ. ވަރަށްގިނަދުވަހު ، އެނދުމަތިވެފައި އޮންނަން ، އަންޞާބަށް މަޖުބޫރުވިއެވެ. އެހެން އެއޮތް ދުވަސްތަކުގައި ، މެހެމަލްއާއި ޢީޝަލްމަތިން އަންޞާބު ވަރަށް ހަނދންވިކަމަށް ބުންޏެވެ. އެ ޙާދިސާ އޭނާއާ އެދިމާވީ ، ޢާއިލީ ދިރިއުޅުމެއްގެ އަގު ވަޒަންކުރުމުގެ ފުރުޞަތު އޭނާއަށް އިލްހާމް ކޮށްދެއްވުމަށްޓަކައިކަމަށް ވެދާނެއެވެ. އޭނާގެ އެއްވެސް ރައްޓެއްސެއް އަދި ، ވިޔަފާރީގެ ބައިވެރިޔަކުވެސް ،  އޭނާގެ ޙާލު ބަލައިލާފައެއް ނުވެއެވެ. އެކުގައި އުޅުނު އެއޮށް ހުރިހާ އަންހެންކުދިންކުރެ އެއްކުއްޖަކުވެސް ، އަންޞާބުގެ ޙާލު ބަލައިލާފައެއް ނުވެއެވެ.

އަންޞާބު ވާހަކަ ދައްކަމުންދިޔައިރު ، މެހެމަލްގެ ހިތައްވެސް އަސަރު ކުރަމުން ދިޔައެވެ. ލޮލުން ކަރުނަ ފާއްދަމުން ދިޔައެވެ.

އަންޞާބުގެ އެކްސިޑެންވެ ، އެނދުމަތިވާން ޖެހުމާގުޅިގެން ، މެހެމަލްއަށް ފޯނުކޮށް އެވާހަކަ ބުނަން ހިތަށްއެރި ނަމަވެސް ، މެހެމަލްއާ ދޭތެރޭ އަންޞާބަށް ކަންތައް ކުރެވިފައި އޮތްގޮތުން ، ފޯނުކުރަން ނުކެރުނީއެވެ. އެއީ އެއަށްވުރެ ބޮޑު ކަމެއްގެ ގޮތުގައި އަންޞާބަށް ފެނުނެވެ. މެހެމަލްގެ ކިބައިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަޢާފަށް އެދުންކަމަށް އަންޞާބު ނިންމިއެވެ. މިއަދު ، އަންޞާބު އައިސް މެހެމަލްގެ ކުރިމަތީ އެހުރީ މަޢާފަށް އެދި ދެއަތް އުފުލާލައިގެންނެވެ.

މެހެމަލްއަށް އަންޞާބުގެ ފަރާތުން ލިބިފައިވާ ނިކަމެތިކަމާއި ތަކުލީފަކީ ، މަޢާފުކުރާށޭ ބުނެލުމަކުން ހަމަޖެއްސޭ ވަރަށްވުރެ މާބޮޑެތި ކަންކަމެވެ. އެހެންކަމާއެކުވެސް ، އޭނާއަށް މަޢާފު ކުރުން އެދި އަންޞާބު ، މެހެމަލްގެ ކުރިމަތީގައި ހުރެ ދެކަކޫ މައްޗަށް ގުދުވެލިއެވެ.

އަނންޞާބުގެ ހަމަކަނި ބޭނުމަކީ ، މެހެމަލްއާއި ޢީޝަލް ، އަނބުރާ އެގެޔަށް ދިއުމެވެ. އެއީ އެދެމައިންގެ ގެޔެކެވެ. އަންޞާބަށް މަޢާފުކުރަން މެހެމަލް ބޭނުން ނޫންކަމަށް ވަންޏާ މަޢާފު ނުކުރިޔަސް ، އަންޞާބުގެ މައްސަލައެއް ނެތެވެ. އަންޞާބު އެގެއިން ފެންނަން ، މެހެމަލް ބޭނުންނޫންކަމަށް ވަންޏާ ، އެހެންގެޔަކަށްވެސް އަންޞާބު ހިނގައިދާނެއެވެ. އެހެނަސް ، ދަރިފުޅާއެކީ ، މެހެމަލް އަނބުރާ ގެޔަށް އައުމަކީ އޭނާގެ އާދޭހެކެވެ.

" ކުރިޔާ އަޅާބަލާއިރު ، އަހަރެން މިހުރީ ވަރަށްބޮޑަށް ބަދަލު ވެފައެވެ. އަހަރެންނަކީ މިހާރު އެހެން މީހެކެވެ. ކުރީގެ އާދަތަކެއް މިހާރަކު އަހަރެންނެއް ނުގެންގުޅެމެވެ. މެހެމަލް އާއި ޢީޝަލްއާ ނުލައި ، އަހަރެންނަށް ދުނިޔޭގައި ދިރި ނުއުޅެވޭނެކަމުގެ އިޙްސާސް އަހަރެންނަށް ލިބިއްޖެއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އާދޭސްކޮށްފައި ބުނަމެވެ. " ދެއަތް އުފުލައިގެންހުރެ ، އަންޞާބު މެހެމަލްއަށް އާދޭސް ކުރަމުން ގެންދިޔައެވެ.

މެހެމަލްގެ އެއްއަތް އުފުލާލައި ، އަންޞާބުގެ އަތުގައި ހިފައިލިއެވެ. އަދި ، ބޯ ޖަހައިލަމުން އންޞާބަށް މަޢާފުކޮށްފިކަމަށް ބުންޏެވެ. އަދި ، ކުލްސޫމް ގާތަށް ގޮސްލާފައި އެބަ އަންނަމޭބުނެ ، ގޭތެރެޔަށް ވަނެވެ.

އަންޞާބު ، އޭނާ ބަލައި އައިވާހަކަ މެހެމަލް ބުނުމާއެކީ ، ކޮޓަރިތެރޭތިބި އެންމެންނަށް ސިހުންލިބިގެން ދިޔައެވެ. ޙައިދަރަށްވެސް އަދި ދިލްނަޝީނަށްވެސް އެއީ ވަރަށްބޮޑު ކަމެކެވެ. މެހެމަލް ބޭނުންވަނީ ކޮންގޮތެއްތޯ ކުލްސޫމް ސުއާލު ކުރިއެވެ. މެހެމަލްވެސް ބޭނުންވަނީ އަންޞާބާއެކީ އަނބުރާ އެގެޔަށް ދާށެވެ. ބޮޑުދައިތަމެންގެ އިޒުނަ އޮތިއްޔާއެވެ. މެހެމަލްގެ ނިންމުމަށް ކުލްސޫމް އުފާކުރިއެވެ.

ގޭތެރެޔަށް އަންޞާބު ނުވައްދައިގެން ޙައިދަރުހުރީ މެހެމަލް ދެކެ ހިތްހަމަ ނުޖެހިފައެވެ. އަންޞާބަށް ސައިތަށްޓެއް ހެދުމަށް ސާރާގާތު ބުނަމުން ،  ޚުދު އޭނާގޮސް އަންޞާބު ގެންނާނެކަމަށްބުނެ ، ޙައިދަރު ނުކުތެވެ. މެހެމަލްއަށް ގޮވާލައި އޭނާގާތު އިށީނދެލުމަށް ކުލްސޫމް އެދުނެވެ. ކުލްސޫމް ބޭނުންވީ ، މެހެމަލް އެގެއިން ދިއުމުގެ ކުރިން ، ނަޞޭޙަތް ދޭށެވެ.

" ދަރިފުޅާއެވެ ! އަނބިމީހާއާއި ފިރިމީހާގެ ގުޅުމަކީ އާދައިގެ ގުޅުމެއްނޫނެވެ. އެއީ ، ކަރުދާސްގަނޑެއްގައި ލިޔެވިފައި އޮންނަ ގުޅުމެކޭވެސް ބުނެވިދާނެއެވެ. އެކަމަކު އަޞްލަށް ބަލާއިރު ، އެއީ ޖަޒުބާތާއި ތެދުވެރިކަމާއި ވަފާތެރިކަން އަދި ޙައްޤުތަކެއް ހިމެނި މަސްހުނިވެގެން އުފެދިފައި އޮންނަ މާތް ގުޅުމެކެވެ. އަންޞަބުބުނީ ކީކޭ ހެއްޔެވެ ؟ " ކުލްސޫމް ސުއާލު ކުރިއެވެ.

އަންޞާބުގެ އެކްސިޑެންޓެއް ، އެމެރިކާގައި ހުއްޓާ ވީކަމަށް ބުންޏެވެ. ބަލިއެނދުގައި އެތައް ދުވަހަކު އޮތް އިރު ، އޭނާގެ އެއްވެސް ރަޙުމަތްތެރިޔަކު ޚަބަރު ބަލައިލާފައެއް ނުވެއެވެ. ޢާއިލީ ދިރިއުޅުމެއްގެ އިޙްސާސް އަންޞަބަށް ކުރެވުނީ އެހިސާބުންނެވެ. އަންޞަބް ބުނީ އޭނާއެއައީ މެހެމަލްއާއި ޢީޝަލް ބަލައިކަމުގައި މެހެމަލް ބުންޏެވެ.

" ނިކަން ދެކިބަލާށެވެ ! އެ ގުޅުމެއްގައި އިޙްސާންތެރިކަމާއި ލޯތްބެއްނެތް ގުޅުމެއް ، އޭގެ އަޞްލު ހެޔޮމަގަށް ބަދަލުވިގޮތް ނިކަން ދެކިބަލާށެވެ ! އަނތްބަކާއި ފިރިއެއްގެ ގުޅުމުގެ ޙަޤީޤަތަކީ އެއީއެވެ. ދެބަސްވުމާއި އެކަކު އަނެކަކަށް ދޫނުކޮށް ، މައްސަލަތައް ޙައްލުނުކޮށް ދާންވެއްޖިއްޔާ ، ކިތަންމެ މާތް ގުޅުމެއްނަމަވެސް ، ވަކިވާކަށް ލަހެއް ނުވާނެއެވެ. އެކަމަކު އެކަންކަމަށް ސަމާލުވެގެން ދިރިއުޅުން އާބާދުކުރަން ދެމީހުންވެސް ވިސްނައިފިނަމަ ، ލޯތްބާއި އަޅައިލުން އުފެދި އެގުޅުމެއް ހަރުދަނާވެގެން ދާނެއެވެ. " ކުލްސޫމް ބުނަމުން ގެންދިޔައެވެ.

އެއީ ، ދިލްނަޝީނަށް އަމާޒު ނުވިނަމަވެސް ، ދިލްނަޝީންގެ ދިރިއުޅުމުގެ ޙާލަތާވެސް ގުޅުންހުރި ނަޞޭޙަތެކެވެ. އެކަން ދިލްނަޝީނަށްވެސް އިޙްސާސްވަމުން ދިޔައެވެ. އެވަގުތު ، އަންޞާބުވެސް އެތަނަށް އައެވެ.

" އަހަރެންނަށް ދައްތައޭ ކިޔަން އާދަވެފައެއް ނުވެއެވެ. މެހެމަލް ، ދައްތަޔަށް މުޚާތަބުކުރަނީ ބޮޑުދައިތައޭ ކިޔާފައިނޫން ހެއްޔެވެ. ދެން އަހަރެންވެސް ދައްތަޔާ ވާހަކަ ދައްކާނީ ބޮޑުދައިތައޭ ކިޔާފައެވެ. " އަންޞާބު ބުންޏެވެ.

ދިލްނަޝީނާ އަންޞާބާ އަދި ބައްދަލުވެފައެއް ނުވެއެވެ. އެހެންކަމުން ، ޙައިދަރު އޭނާގެ އަންހެނުންގެ ގޮތުގައި ، އަންޞާބަށް ދިލްނަޝީން ތަޢާރުފް ކޮށްދިނެވެ. ދިލްނަޝީންވެސް އަންޞާބަށް ސަލާމް ގޮވައިލިއެވެ.

އިރުކޮޅަކު ވާހަކަ ދައްކައިލަން އިނުމަށްފަހު ، ދަމާހިނގާށޭ ބުނެ މެހެމަލްއާ އަންޞާބު މުޚާތަބު ކުރިއެވެ. މެހެމަލްވެސް އާނއެކޭ ބުނެ ، ޢީޝަލްގެ ދަބަސް ތައްޔާރު ކުރުމަށް ކޮޓަރިޔަށް ދިޔައެވެ.

ދިލްނަޝީނާ ދިމާލަށް ފުން ނަޒަރަކުން ، ޙައިދަރު ބަލައިލިއެވެ. ދިލްނަޝީންގެ ހުރިހާ ޝައްކަކާއި ވަހުމެއްގެ ނިމުން އެއައީކަމުގައި ޙައިދަރު ބުނި ކަހަލައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.