މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 14 ތަނެއް މިއަހަރު ބަންދުކޮށްފި

މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންއައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށްދިޔަ މަސައްކަތެކެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނާއިފް އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ ތަނެއް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ނާޢިފް ވިދާޅުވިގޮތުގައި، މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަމެވެ. އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.