
ނިތްކުރި
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ބޮޑު ދުޝްމަނަކީ އަބޫ ޖަހުލެވެ. އެއީ އެޒަމާނުގައި މައްކާގެ އަހުލުވެރިން ނިސްބަތްވާ ވަންހަތަކުން އަރާހުރި ވަންހައެއްގެ ބަސްވިކޭ ، މުނާފިޤުންކުރެ އަރާހުރި އިސްމީހެކެވެ. މިކަލޭގެޔާ ބެހޭގޮތުން ، ކީރިތި ޤުރުއާނުގެ ސޫރަތުލްޢަލަޤްގައި ﷲ ތަޢާލާ ބަސްވަޙީ ކުރައްވާފައި ވެއެވެ. ޚާއްޞަކޮށް މިކަލޭގެ ގެ ނިތްގަނޑު ނުވަތަ ނިތްކުރިޔާ ގުޅުއްވައިގެންނެވެ. އަބޫޖަހުލުގެ ނިތްކުރިޔަކީ ، ދޮގާއި މަކަރާ އަދި ޙީލަތުން އިންސާނިއްޔަތަށް ބަނަކަން ގެނެސްދީފައިވާ ، އަނިޔާވެރި ގުނަވަނެކެވެ.
ސައިންސްގެ ހޯދުންތަކުން އެނގޭގޮތުގައި ، ސިކުނޑީގެ މޫނާވީ ފަރާތަކީ ނުވަތަ ނިތްކުރިޔާވީ ފަރާތަކީ ކަންކަން ރާވައި ، އިސްނަގައި ، ޢަމަލީގޮތުން ފިޔަވަޅު އެޅުމުގެ ރޭވުންތައް އިންތިޒާމް ކުރެވޭ ސަރަޙައްދެވެ. ސިކުނޑީގެ އެހިސާބަކީ ، ދޮގު ހެދުމުގެ ޙީލަތްތެރިކަން އުފަންވެ ، ތެދު ، ދޮގަށް ހަދައި މީސްތަކުންނަށް އޮޅުވައިލުމުގެ މަސައްކަތް އިންކުރެވިފައިވާ ސަރަޙައްދެވެ.
ސައއިންސްގެ ހޯދުންތަކަށް ތަޖުރިބާކުރެވުނު މީހުންގެ ޢަމަލުތަކަށްބާލާއިރު ، ދޮގުހަދާއިރު ، ދޮގުހަދާމީހާގެ ސިކުނޑީގެ ނިތްކުރިޔާވީ ފަރާތުގެ ޙަރަކާތްތައް އިތުރުވެ ގިނަވެގެން ދެއެވެ.
ސުބްޙާނަﷲ ! މީގެ ސާދަސަތޭކަ އަހަރުކުރިން ، ކީރިތި ޤުރުއާން މެދުވެރިކުރައްވައި ، ﷲ ތަޢާލާވަނީ ، މިކަމާބެހޭ ޢިލްމުން މިޒަމާނުގެ މީސްތަކުން ޙައިރާން ކުރައްވައި ، އެކަލާނގެ ޔަދުޤުދުރަތްފުޅުގެ މަތިވެރިކަން އަނގަވާފައެވެ.
އަލްޢަލަޤް ސޫރަތުގެ 14 ، 15 އަދި 16 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ (14) كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ (15) نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (16)
މި ތިންއާޔަތުގެ މާނައީ ؛
" ހަމަކަށަވަރުން ، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ (14) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ، އޭނާ އެކަންތައް ހުއްޓައިނުލިނަމަ ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. (15) އެއީ ދޮގުވެރި ، ކުށްވެރި ނިތްގަނޑެކެވެ. (16)
15 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި އެވަނީ ، ޤުރުއާނުގެ ޢިލްމުން މާނަފުން އަދި ވަރަށްގިނަ މަޢުލޫމާތު އުފަންކުރެވިދާނެ ، އަދި ސައިންސުން އެތައްކަމެއް ހޯދިދާނެ ، ވަޙީގެ ބަސްފުޅެކެވެ. އިންސާނާގެ ސިކުނޑިއާއި ނިތްކުރިޔަށް އިޝާރާތް ކުރައްވައި ، ﷲ ތަޢާލާގެ ޢިލްމުފުޅުން ، އިންސާނާއަށް ވިސްނައި ފިކުރުކޮށް ހޯދުމަށް ދެއްވާފައި އެވަނީ ވަރަށް މުހިނމު އަދި ސިއްރުތަކުން ފުރިގެންވާ އިޝާރާތެކެވެ. ވިސްނައި ފިކުރުކުރާ ބަޔަކަށް މުހިންމު ފިލާވަޅެކެވެ.
މިފަދަ ބައެއް މުޢުޖިޒާތަކީ ، ކީރިތި ޤުރުއާން މެދުވެރިކުރައްވައި މީސްތަކުންނަށް ދެއްވާފައިވާ ވަޙީގެ ބަސްފުޅުތަކެވެ. އިރުއަރައިގެން އައިސް ދުނިޔެއަށް ފެތުރި މުޅި ދުނިޔެ އަލިވެގެންދާފަދައިން ، ﷲ ތަޢާލާގެ ނޫރުފުޅަކީ ޢިލްމުން ހުސްވެގެންވާ އަޑިނުފެންނަފަދަ ތަނަވަސް އަލިކަމެކެވެ. އިރު އައިސް ދުނިޔެއަށް އަލިކަންދޭފަދައިން ، އިންސާނާގެ ދުނިޔެ އަލިވެ އުޖާލާވެ ، ބާއްޖަވެރިވެގެންދަނީ ، އެކަލާނގެ ދުނިޔޭގައި ލައްވާފައިވާ ޢިލްމުންނެވެ.
ކީރިތި ޤުރުއާނުގެ އަލްޢަލަޤް ސޫރަތުގެ މި އާޔަތްތައް ބާވައިލެއްވީ މާތް ﷲ ގެ ޢަދުއްވު އަބޫޖަހުލާ ބެހޭގޮތުންނެވެ. އޭނާގެ މުނާފިޤް ޢަމަލުތަކުގެ ކާފަރުކަމާއި ، އިސްލާމްދީނާއި ރަސޫލު ﷺ ގެ މައްޗަށް އޭނާގެ ހިތުގައި އޮންނަ ޢަދާވާތްތެރިކަން ވަޒަންކޮށްލުމަށްޓަކައި ސޫރަތުލްޢަލަޤްގެ މިއާޔަތްތަކާބެހޭ ތަފްސީރަށް ކުޑަކޮށް ޖެހިލާނަމެވެ.
عَنْ أَبِي هُرَيْرَةَ ، قَالَ قَالَ أَبُو جَهْلٍ هَلْ يُعَفِّرُ مُحَمَّدٌ وَجْهَهُ بَيْنَ أَظْهُرِكُمْ قَالَ فَقِيلَ نَعَمْ . فَقَالَ وَاللاَّتِ وَالْعُزَّى لَئِنْ رَأَيْتُهُ يَفْعَلُ ذَلِكَ لأَطَأَنَّ عَلَى رَقَبَتِهِ أَوْ لأُعَفِّرَنَّ وَجْهَهُ فِي التُّرَابِ - قَالَ - فَأَتَى رَسُولَ اللَّهِ صلى الله عليه وسلم وَهُوَ يُصَلِّي زَعَمَ لِيَطَأَ عَلَى رَقَبَتِهِ - قَالَ - فَمَا فَجِئَهُمْ مِنْهُ إِلاَّ وَهُوَ يَنْكِصُ عَلَى عَقِبَيْهِ وَيَتَّقِي بِيَدَيْهِ - قَالَ - فَقِيلَ لَهُ مَا لَكَ فَقَالَ إِنَّ بَيْنِي وَبَيْنَهُ لَخَنْدَقًا مِنْ نَارٍ وَهَوْلاً وَأَجْنِحَةً . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " لَوْ دَنَا مِنِّي لاَخْتَطَفَتْهُ الْمَلاَئِكَةُ عُضْوًا عُضْوًا " (صحيح مسلم ، كتاب صفة القيامة والجنة والنار ، باب قَوْلِهِ { إِنَّ الإِنْسَانَ لَيَطْغَى * أَنْ رَآهُ اسْتَغْنَى}) " އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އެއްދުވަހަކު އަބޫޖަހުލު ( ޤުރައިޝު ވަންހައިގެ ބޮޑުންނަށް ) ބުންޏެވެ. މުޙައްމަދުﷺ ތިޔަބައިމީހުންގެ ތެރޭގައި ހުންނަވައިގެން އެކަލޭގެފާނުގެ މޫނުފުޅު ވެލީގެ ތެރެއަށް އެބަ ކޮއްޕަވާ ހެއްޔެވެ؟ (އެބަހީ ، އެކަލޭގެފާނު ތިޔަބައިމީހުންގެ ކުރިމަތީގައި ނަމާދުކުރައްވައި ، އެކަލޭގެފާނުގެ ނިތްކުރިފުޅު ބިމުގައި ޖައްސަވާ ހެއްޔެވެ؟) އެބައިމީހުން ބުންޏެވެ. އާނއެކެވެ. އޭނާ އެބައިމީހުންނަށް ބުންޏެވެ. ލާތައާއި ޢުއްޒާ ގަންދީ ބުނަމެވެ. އަހުރެންނަށް އެކަލޭގެފާނު އެކަން ކުރައްވާތަން ފެނިއްޖެއްޔާ ، އަހުރެން އެކަލޭގެފާނުގެ ކަނދުރާފުޅަށް ފައިން އަރާހުށީމެވެ. ނުވަތަ އެކަލޭގެފާނުގެ މޫނުފުޅު ވެލީގެ ތެރެއަށް ކޮއްޕާހުށީމެވެ. އަބޫހުރައިރާ رضي الله عنهވިދާޅުވިއެވެ. ދެން، އެއްދުވަހަކު ރަސޫލުﷲ ﷺ ނަމާދަށް ހުންނަވަނިކޮށް ، އެކަލޭގެފާނުގެ ކަނދުރާފުޅަށްފައިން އަރަންކަމަށް ހީކޮށް އަބޫޖަހުލު އަތުވެއްޖެއެވެ. އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. ފަހެ ، އޭނާ ( ރަސޫލުﷲ ﷺ އާ ގާތްވުމާއެކު ) އޭނާގެ ދެއަތުން މޫނު ފޮރުވަމުން އެނބުރި ދުއްވައިގަތުމާއެކު އެބައިމީހުންނަށް ކުއްލި ސިހުމެއް ލިބުނެވެ. އެ ހިނދު އެބައިމީހުން އޭނާއަށް ބުންޏެވެ. ތިބާއަށް ވީ ކީއްހެއްޔެވެ؟ އޭނާ ބުންޏެވެ. އަހުރެންނާއި އެކަލޭގެފާނާ ދެމެދު އަހުރެންނަށް ފެނުނީ އަލިފާނުގެ ޚަންދަޤެކެވެ. އަދި ބޮޑު ބިރުވެރިކަމަކާއި ފިޔަތަކެކެވެ. އަހަރެން ޖަހައިނުގަތީ ކިރިޔާއެވެ. ދެން ، ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. " އޭނާ ތިމަންކަލޭގެފާނާ ގާތްވިނަމަ ، މަލާއިކަތްބޭކަލުން އޭނާގެ ގުނަވަނަކުން ގުނަވަނަކުން އޭނާ ޖަހައިގެންނެވީހެވެ." (ޞަޙީޙު މުސްލިމް، ޙަދީޘް: 2797) ﴿أَرَءَيْتَ ٱلَّذِى يَنْهَىٰ * عَبْدًا إِذَا صَلَّىٰٓ .......﴾ މިއާޔަތްތައް ބާވައިލެއްވީ އަބޫޖަހުލާ ބެހޭގޮތުންނެވެ. މިއާޔަތްތައް ބާވައިލެއްވީ އޭނާއާ ބެހޭގޮތުން ކަމުގައި ވިޔަސް އެއީ އެންމެހާ މީސްތަކުންނަށް ވާ ނަސޭހަތެކެވެ. އަދި ހެޔޮކަންކަމަށާއި ، އަޅުކަންކުރުމަށް ހުރަސްއަޅާ މީހަކަށް ވާ އިންޒާރެކެވެ. ފަހެ ، އެފަދަ މީހުން ވާހުށީ މިއިންޒާރުގައި އަބޫޖަހުލުގެ ބައިވެރިއަކަށެވެ.
ސޫރަތުލް ޢަލަޤް ގެ 15 އަދި 16 ވަނަ އާޔަތް ނިންމަވާލައްވާފައިވަނީ ، އެ އަނިޔާވެރި އަބާއްޖަވެރިޔާއަށް ، އަބޫޖަހުލަށް ، ދެއްވާފައިވާ ފާޅުކަން ބޮޑު އިންޒާރަކުންނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ، ގަދަފަދަކަން ބޮޑުވެގެންވާ ހަރުކަށި ވަޢީދެކެވެ. އޭނާގެ މުނާފިޤް ޢަމަލުތައް ނުހުއްޓައިފިނަމަ ، ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވައި ، އޭނާގެ ނިތްގަނޑުގައި ހިއްޕަވައިގެން ، ނަރަކަޔަށް އެއްލައިލައްވާނެ ކަމުގެ އިންޒާރުންނެވެ. އަދި އެއީ ދޮގުވެރި ، ކުށްވެރި ނިތްގަނޑެއްކަންވެސް ކަނޑައަޅުވައި އެކަން އަންގަވަމުންނެވެ. ( ނުނިމޭ )