
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާއި ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ރޭ 12 ޖެހިއިރުގައެވެ.
މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުންވެސް ބައިވެރިވެލެއްވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކިޔުން އޮތެެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޙަސަން ސަޢީދެެވެ. އަދި ދުއާ އިސްވެ ވިދާޅުވެދެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނަޡީފެެވެ.
ފުލުހުންގެ 92ވަނަ އަހަރީ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އެރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަކީ ނަޒާހަތްތެރިކަމާއި، ހިތްވަރާއި އަދި ޒިންމާދާރުކަމުގެ އަސާސްތައް ދަމަހައްޓައި، މުޖުތަމައުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ އޮފިސަރުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ހިދުމަތެއް އުފެދިގެންދިޔައީ 1933ގައި ރާއްޖޭގައި އޭރު ހުންނެވި ރަސްކަލުން ސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. އެ ގާނޫނު އަސާސީގެ ތެރޭގައި އެކުލެވުނު ފުލުހުންނާ ބެހޭ ގާނޫނުން ބާރު ލިބިގެންނެވެ.