
ކަނޑު އަޑީގެ އޮއިވަރާއި ކަނު އަނދިރިކަން
އޮއިވަރުގައި ދަމާފައި ގެންދާތަން ފެންނަނީ ކަނޑުގެ މަތީގައި ހުންނަ ތަކެއްޗެވެ. އެހެންނަމަވެސް ، ސައިންސްވެރިންގެ ދިރާސާތަކުން އެނގޭގޮތުގައި ، ކަނޑުއަޑީގެ އެކި ފުންމިންތަކުގއި އޮއި އުފެދެއެވެ. މިފަދަ އޮއި އެއީ އެހާ ފަސޭހައިން އިންސާނާގެ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އެ އޮއި ފެންނާނީ ، އެކަމަށް ޚާއްޞަކުރެވިގައި ހުންނަ އާލާތާއި ސާމާނު ބޭނުންކޮށްގެންނެވެ.
ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ ސާޅީސްވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގްވާފައި ވެއެވެ.
أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ
މިއާޔަތުގެ މާނައަކީ ؛
" ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް ، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ ( ދަންނާށެވެ! ) ފަހެ ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ. "
އަނދިރީގެ ތިން ފަށަލައެއް މިއާޔަތުގައި ސިފަކުރައްވާފައި ވެއެވެ. އަޑިނޭނގޭ ފުންކަނޑުގައިވާ އަނދިރި ކަމެވެ. އެއަށްފަހު ، އޭގެ މަތިން ރާޅުތަކުގައިވާ އަނދިރިކަމެވެ. ދެން އެއަށްފަހު ޖައްވުގައި ، ވިލާތަކުގައިވާ އަނދިރި ކަމެވެ.
މިއިން ކޮންމެ އަނދިރި ޙާލަތަކީ ، އިންސާނާގެ ހިތަށް ބިރުވެރިކަމާއި ނާމާންކަން ވައްދައިދެނިވި އަނދިރި ކަމެކެވެ. ކަނޑުއަޑީގައިވާ އަނދިރިކަމުގައި އެއްވެސް އެއްޗެއް ފެނިގެން ނުވެއެވެ. އެހެނަސް ، ކަނޑުގައި ލެއްވިގެންވާ ދިރުމާ އެއްގޮތަށް ، މަސްމަހާ މެއްސާއި އިންސާނާއަށް ނުރައްކާވާފަދަ ކަނޑުސޫފި ، ކަނޑުއަޑީގައި ހިމެނިގެން ވެއެވެ.
ދެވަނަ އަނދިރިކަމަކީ ، ރާޅާއި ރާޅުބާނީގެ އޮޅުމާއި ބާރުގަދަ އެނބުރުންތަކުގައިވާ ބިރުވެރިކަމާއި ނާމާންކަމެވެ. އަނބުރަމުން އަނބުރަމުން ގޮސް ރާޅުގެ ބާރު މަޑުވަންދެން ބިންދަމުން ދާއިރު ، އެއްވެސް ތަނެއް ފެންނާކަށް ފުރުޞަތެއް ނުއޮވެއެވެ.
ތިންވަނަ އަނދިރިކަމަކީ ، ޖައްވުގައި ހަވާގައި ދައުރުވާ ވިލާތަކުގައިވާ އަނދިރި ކަމެކެވެ. ވިލާތަކުގައިވާ އަނދިރިކަމަކީ ، އިންސާނާއަށް ބިރުވެރިކަމުގެ އެތައް ގުނަޔަކުން ތަކުލީފު ލިއްބައިދޭނެ އަނދިރި ކަމެކެވެ. މަތިންދުއަވާ ބޯޓެއްގައި އިންނައިރު ، ވިލާތަކެއްގެ ތެރެޔަށް ވަންނަ ހިނދު ، ބޯޓުގެ ވަށައިގެން އެއޮންނަ ކަޅު އަނދިރިކަމަކީ ، ދެންވާނެގޮތަކާމެދު އިންސާނާ ފިކުރުކޮށްލަންޖެހޭފަދަ ޙާލަތެކެވެ.
އެއްގަމާއި ކަނޑުގައި ލައްވާފައިވާ އަނދިރިކަމަކީ ، އިންސާނާއަށް ބޭނުންތެރިނޫން ނުރައްކަލާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން އުފަންވާ އެއްޗެކެވެ. ހިތަށް ބިރުވެރިކަން ވަންނަ ކޮންމެ ޙާލަތެއްގައި ، ﷲ ތަޢާލާގެ ރަސްކަންފުޅުމަތިން އިންސާނާ ހަނދާން ކުރެއެވެ. މައްޗަށް އުޑަށް ބަލާލައި ، ހެއްދެވި ފަރާތުގެ ވާތްގާއި މަދަދަށް އެދެވެއެވެ. ކަލަކު ވޮޑިގެން ނުވާނަމަ ، އެކަން އެގޮތަކަށް ނުހިނގާނެއެވެ. ނެތް އެއްޗެއްގެ މަތިން އިންސާނާ ހަނދާނެއް ނުކުރާނެއެވެ. ( ނުނިމޭ )