
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 22 ޙާފިޡުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވާފައިވެއެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. ހަމައެއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރްއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދެއެވެ. އަދި މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ޚާއްޞަ މުބާރާތެއްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގެންނެވި 22 ބޭފުޅުންނަކީ:
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު މަންހާ ބިންތް އިސްމާޢީލް (އަސުރުމާގެ / ވ. ތިނަދޫ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު (ޑިއަރެސްޓް / ސ. ފޭދޫ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އުވައިސް ބިން ޢިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
- ޢުމުރުން 17 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު (މ. ރިހިރާޅު / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އާތިކު ޢަބްދުއްސައްތާރު (ނިރު / ނ. މާފަރު)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ / އދ. މަހިބަދޫ)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
- ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާސިރު ޢާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު)
- ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން (ހައިވޭ / ޏ. ފުވައްމުލައް)
- ޢުމުރުން 23 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ބިލާލް ބިން އަޙްމަދު (ގ. ހީނާ ހިޔާ / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަލާވީ އައްޔޫބު ބިން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)
- ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)