
ފަރުބަދަތަކުގެ ދައުރު
އުސްޢިމާރާތްތަކުގެ ބިންގާ ބިމުގެ އަޑީގައި ވަޅުލެވި ފުނަށް ލެވިފައި ހުންނަ ބީދައިން ، ފަރުބަދަތަކަކީވެސް ، ދުނިޔޭގެ ބިންގަނޑު އެއްހަމައެއްގައި ހިފަހައްޓައި ، ބިންގަނޑުގެ ލޮޅުން ކުޑަކުރުމަށްޓަކައި ﷲ ގެ ކުޅަދުންވަންތަކަމުން ، ބިންމަތީ ލެއްވިފައިވާ އެއްޗެކެވެ.
އައްނަބާ ސޫރަތުގެ 6 އަދި 7 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
أَلَمْ نَجْعَلِ الْأَرْضَ مِهَادًا ﴿6﴾ وَالْجِبَالَ أَوْتَادًا ﴿7﴾
ކީރިތި ޤުރުއާނުގެ އައްނަބާ ސޫރަތުގެ ، މޫރިތި މި ދެއާޔަތުގެ މާނައަކީ :
" ތަންމައްޗެއް ކަމުގައި ، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ ؟ (6) އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި ، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ ؟ "
ދުނިޔެ ވަށައިގެން އެނބުރި ބުރުއަޅަމުންދާއިރު ، ދުނިޔޭގެ ބިންގަނޑު ވަކިނިޒާމަކުން ، އެތުރުއްވި ކަލެއްގެ ކުޅަދުންވަންތަކަން ބުއްދި ސަލާމަތުންހުރި އިންސާނަކަށް ވިއްޔާ ، ވަރަށް ފަސޭހަކަމާއެކު އެނގޭނެއެވެ. ވަށް ބޯޅައެއްފަދަ އެއްޗެއްގެ ވަށައިގެން ހިނގާއިރު ، އަބަދުވެސް ހުންނާނީ ކޮޅަށް ޖެހިފައެވެ. ބިންގަނޑުގެ ފަހާއި ފަހާއެކުވެފައިވާ އެއްޗެއް އަދި ފަރުބަދަތަކެއް މައްޗަށް އަރައިގެންނެއް ނުދެއެވެ. މާސިންގާ ކަނޑުގެ ލޮނުގަނޑު މައްޗަށް އަރައިގެންނެއް ނުދެއެވެ. ޤުދްރަތީ ބާރަކުން އެތަކެތި އެހުންނަނީ ކޮއްޅަށެވެ. އުޑާ ދިމާލަށް ސީދާ ތެދަށެވެ. މައްޗަށް އެއްޗެއް އެއްލައިފިނަމަ ، އަރައިގެންގޮސް ގެއްލިގެންނެއް ނުދެއެވެ. އެއެއްޗެއް އަނބުރާ ބިންމައްޗަށް ތިރިވެއެވެ.
ކީރިތި ޤުރުއާނުގެ އަލްޙިޖްރު ސޫރަތުގެ 19 ވަނަ އާޔަތުން ފެށިގެން 21 ވަނަ އާޔަތުގެ މައްޗަށް ބަލައިލަމާތޯއެވެ. ﷲ ތަޢާލާ ވާޙީކުރައްވައި އަންގަވާފައި ވެއެވެ.
وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ ﴿19﴾ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ ﴿20﴾ وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ ﴿21﴾
މިތިން އާޔަތުގެ މާނައަކީ ؛
" އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް ، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް ، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ. (19) އަދި ތިޔަބައިމީހުންނަށްޓަކައްޔާއި ، އެ ތަކެއްޗަށް ތިޔަބައިމީހުން ރިޒްޤު ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި ، ދިރިއުޅުމުގެ ވަސީލަތްތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. (20) އެ އެއްޗެއްގެ ޚަޒާނާތައް ތިމަންރަސްކަލާނގެ ޙަޟްރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ. (21)
ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ މިފަދަ އިލްހާމުން ، އިންސާނާގެ ބުއްދީގެ މިންވަރުން ކައްސާލައި ، ރޫޙާނިއްޔަތާ ގާތަށް ދަތުރުކުރާފަދަ ، މުޢުޖިޒާތްތަކުގެ އެތައް ވާހަކައެއް ، ﷲ ތަޢާލާވަނީ ބަޔާންކުރައްވައި އަންގަވާފައެވެ.
ލުޤްމާން ސޫރަތުގެ 15 ވަނައާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
މިއާޔަތުގެ މާނައީ ؛
" ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި ، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި ، ހަރުލައި ހުންނަ ފަރުބަދަތައް ، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން ، ގަސްގަހާގެހި ފެޅުއްވީމެވެ. "
އަދި ހަމައެފަދައިން ، ޤާފު ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ بَهِيجٍ
މިއާޔަތުގެ މާނައީ ؛
" އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި ، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. "
ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައިވާ ކޮންމެ މުޢުޖިޒާތަކީ ، ﷲ ވޮޑިގެންވާކަމުގެ ހެކިތަކެވެ.
އެވަރެސްޓް ފަރުބަދަޔަކީ ، ކަނޑުގެ ޞަޠަޙައަށްވުރެ ، 9 ކިލޯމީޓަރު އުހުގައިވާ ފަރުބަދައެކެވެ. ބިމުއަޑީގެ 125 ކިލޯޟީޓަރު އަޑިޔަށް އެ ފަރުބަދައިގެ ބައިތައް ފައިބާފައި ވެއެވެ. މިއީ ، މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން ސާފުކޮށް އެނގެން ހުންނަ ޙަޤީޤަތެވެ. އަޅެފަހެ ، މިފަދަ މުޢުޖިޒާތްތަކުން ، ކަލަކު ވޮޑިގެންވާކަމާއި ، ހުސްޠާހިރުވަންތަ ކަލާނގެއީ ، ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގެ ހެކިތައް ސާބިތެއް ނުވޭތޯއެވެ ؟ ( ނުނިމޭ )