
( 23 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ދިލްނަޝީން ބޭނުންވާގޮތަކަށް ، ދިލްނަޝީންގެ އަމިއްލަ ދިރިއުޅުމަށް ގޮތް ނިންމުމަށް ޙައިދަރު އެދުނެވެ. އޭނާގެ ދިރިއުޅުމަށް މަންމަނެތް ދުވަހަކުން ވެދާނެގޮތަކާމެދު ، ދިލްނަޝީން ވިސްނާނެކަމެއް ނެތެވެ. ޙައިދަރު ކައިވެންޏެއް ކުރިޔަސް އަދި ނުކުރިޔަސް އެއީ ދިލްނަޝީން ވިސްނަންވީކަމެއް ނޫނެވެ. އޭނާއާމެދު ، ދިލްނަޝީން ނުވިސްނުމަށް ޙައިދަރު އެދުނެވެ.
މެހެމަލްއާ ކައިވެނި ކުރާނަންތޯ އަނެއްކާވެސް ދިލްނަޝީން ސުއާލު ކުރިއެވެ.
" އަހަރެންނާމެދު ނުވިސްނުމަށް އަހަރެން ބުނެފިންނޫން ހެއްޔެވެ ؟ ދިލްނަޝީންގެ މުސްތަޤްބަލާމެދު ވިސްނާށެވެ ! އަހަރެންގެ މަންމަޔަށްޓަކައި ، އަހަރެންނާއެކު ދުވަސްކޮޅެއް ހޭދަކޮށްލަ ދޭށެވެ ! އަހަރެންގެ އަނތްބެއްގެ ގޮތުގައި ނޫންކަމަށް ވަންޏާ ، އިންސާނިއްޔަތަށްޓަކައިވެސް ، އެކަން ކޮށްލަ ދޭށެވެ ! " ދިލްނަޝީންގެ ވާހަކަ ނުނިމެނިސް ޙައިދަރު ބުންޏެވެ.
ދިލްނަޝީން ގެ ބޮލުން އާނއެކޭ ބުނުމަށް ޢިޝާރާތްކޮށްލަމުން ތެދުވެގެން ހިނގައިގަތްތަނާ ، ޙައިދަރު ގޮވައިލިއެވެ.
" ދިލްނަޝީނެވެ ! ވަރަށްބޮޑަށް ޝުކުރިއްޔާއެވެ ! " ގަދަކަމުން ހިނިތުންވެލަމުން ޙައިދަރު ބުންޏެވެ.
ކުލްސޫމަށް ކޮޓަރީގައި އެކަނި އޮންނަން އުނދަގޫވެގެން އަރިއަޅަމުން ކަހަލަ ގޮތަކަށް މަޑުމަޑުން ހިނގަމުން އައިސް ސިޓިންގރޫމުގައި ޖައްސައިލިއެވެ. މެހެމަލް އައިސް ، ކުލްސޫމް ހިފަހައްޓައި ސޯފާގައި ބޭންދިއެވެ. އެވަގުތު ޙައިދަރާއި ދިލްނަޝީންވެސް ބޭރަށް ނުކުތެވެ. ދިލްނަޝީން ހުރީ ހިނިތުންވެލައިގެން ، ޙައިދަރުގެ އަތުގައި ހިފާލައިގެންނެވެ. ދިލްނަޝީންގެ އެ ޙަރަކާތުން ޙައިދަރަށް ޙައިރާންކަން ލިބުނެވެ. ހެނދުނުހެނދުނާ ދެމީހުން އެކުގައި ފެނުމުން ވަރަށް އުފާވެއްޖެކަމުގައި ކުލްސޫމް ބުންޏެވެ. އެންމެން އެކުގައި ހެނދުނުގެ ނާސްތާކޮށްލަން ދަމާހޭ ބުނެ ދިލްނަޝީން ކުލްސޫމް ގާތަށް އައެވެ. އެހެން ނޫނަސް ، އޭނާއަށް ގޭގެ މުޅި މާޙައުލު އެކޮޅުކޮޅުން ޖަހާލެވުނީމަ ، މަންމަގެ ދަރިފުޅު އެހުރީ އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ. ދިލްނަޝީންގެ އެ ޙަރަކާތުން ، މެހެމަލް ދެލޯއަޅައިގެން ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހުރިހާކަމެއް ގޯސްކޮށްފައި މިހާރުދެން މާ ރަނގަޅުމީހަކަށްވާން ދިލްނަޝީން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟ ޙައިދަރާއި ދިލްނަޝީންގެ ގުޅުމަށް އެއައި ކުއްލި ގާތްކަމަށް ، މެހެމަލްގެ ހިތުގައި އެތައް ސުއާލުތަކެއް އުފެދުނެވެ.
އަނެއްކާ ރޭގައި ކޮން ފަންޑިތައެއް ހެދީ ބާވައެވެ. ބޮޑުދައިތަގެ ބަލިޙާލަތުން މަގުކޮށައިގެން ، ޙައިދަރުގެ ހިތް މެހެމަލްގެ މައްޗަށް އަނބުރައިލުމަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅޭތީ ، މެހެމަލް އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އަނެއްކާވެސް ކޮންމެވެސް ރޭވުމެއް ނުރާވައި ، ދިލްނަޝީން ބައްޔެއް ނުކުރެވޭނެއެވެ. ދަނޑުމަތީގައި ދިލްނަޝީން އެހުރީ ކިރިޔަކިރިޔާއެވެ. އެހާވަރަށް މަސައްކަތް ގެންގޮއްސައި ، ދިލްނަޝީން ދަނޑުން ނުބާލައި ، ބަލިޤަބޫލުކުރުމަކީ މެހެމަލްއަށް ކެތްވާނެކަމެއް ނޫނެވެ. ކޮންމެ ގޮތެއްހަދާފަވެސް ، ޙައިދަރާއި ދިލްނަޝީނާ ދެމެދު އެއުފެދޭ ގާތްކަން ކަނޑުވައިލަން ޖެހޭނެއެވެ. ޙަމްޒާ އެއީ ހަތިޔާރަކަށް ބޭނުންކޮށްގެން ނަމަވެސް ، އެކަން ނުކޮށްފިނަމަ ، ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލުނީއެވެ.
" މަންމަ މިގެޔަށް ތިގެނައީ ކޮންކަހަލަ ޅީދަރިއެއް ހެއްޔެވެ ؟ އަބަދުވެސް އޮންނަނީ ނިދާފައެވެ. " ޙައިދަރުވެސް ސަމާސާ ކޮށްލިއެވެ.
އޭނާގެ ޅީދަރިފުޅާބެހޭގޮތުން އެކަހަލަ ވާހަކަ ނުދެއްކުމަށް ކުލްސޫމް ބުންޏެވެ. މައިދައިތައެއްހެން އޭނާގެ ޅީދަރިފުޅަށް އަމުރު ނުކުރުމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންވެސް ހަމަޖެހިލާފައި ، ޙައިދަރު ބުނާހާގޮތެއް އޭނާ ނުހަދާނެކަމަށް ބުންޏެވެ.
" އަހަރެންގެ މައިދައިތަ އަހަރެންނަށް އެއްވެސް އަމުރެއް ނުކުރާއިރު ، ޙައިދަރު އަހަރެންނަށް ކުރާ އަމުރަކަށް އަހަރެން ކިޔަމަނެއް ނުވާނަމެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީން ބޭނުންވަނީ ، އޭނާއަކީ ހަރުކަށި ފިރިޔަކަށްވާންތޯ ޙައިދަރު ސުއާލުކުރިއެވެ. އެއީ ޙައިދަރާ ގުޅޭކަމެއްނޫންކަމަށާއި ހަރުކަށިވުން އެއީ ޙައިދަރުގެ ޠަބީޢަތުގައި ނެތް ސިފައެއްކަމަށް ކުލްސޫމް ބުންޏެވެ. ޙައިދަރުގެ ބައްޕަޔަކީވެސް ، މީހުންނަށް އޯގާތެރި ހިތްހެޔޮ މީހެކެވެ. ބައްޕަގެ ފަރާތުން ލިބިފައިވާ އެ މަތިވެރި އާދަ ، ޙައިދަރު ދޫކޮށްލުމަކީ ކުލްސޫމް އެދޭކަމެއްނޫނެވެ.
ނާސްތާކުރަން ހިނގާށޭބުނެ ، ކުލްސޫމް ތެދުވުމާއެކީ މެހެމަލް އައިސް ކުލްސޫމްގެ އަތުގައި ހިފެހެއްޓިއެވެ. އަދި ޙައިދަރުވެސް އައިސް ކުލްސޫމްގެ އަނެއް އަތުގައި ހިފެހެއްޓިއެވެ. އެހެންނަމަވެސް ، ކުލްސޫމް ބޭނުންވީ ދިލްނަޝީންގެ އަތުގައި ހިފާލައިގެންހުރެ ކާމޭޒުދޮށަށް ދާށެވެ. ކާމޭޒުދޮށަށް ދިޔަނަމަވެސް ، ޙައިދަރަކަށް އެއްވެސް އެއްޗެއް ނުކެވުނެވެ. އޭނާއަށް ކެވޭނެ އެއްޗެއް އެތާކު ނެތެވެ. ދިލްނަޝީން ތެދުވެގެން ބަދިގެފަރާތަށް ދާން ފެށުމާއެކީ ، ޙައިދަރު އެކަން ހުއްޓުވިއެވެ. އެހެނަސް ، މާގިނައިރެއް ނުވާނޭ ބުނެ ދިލްނަޝީން ހިނގައިގަތެވެ.
" ދަރިފުޅާއެވެ ! ދިލްނަޝީން ދިޔަދޭށެވެ ! އެދަނީ ޙައިދަރަށް ކެވޭނެއެއްޗެއް ތައްޔާރު ކުރާށެވެ. ފިރިމީހާއަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިލްނަޝީނަށް ދޭށެވެ ! " ހިތްހަމަޖެހިފައި އިނދެ ، ކުލްސޫމް ބުންޏެވެ.
ދިލްނަޝީން އައީ ބޭސްފުޅިއެއް ހިފައިގެންނެވެ. އެއީ ގޭހަށް ބޭނުންކުރާ ބޭހެކެވެ. ބޭސް ނުބުއިމަށްޓަކައި ޙައިދަރު ބަހަނާ ދައްކަން ފެށުމާއެކީ ، ކުޑަކުއްޖަކަށް ބޭސް ދޭން މަޔަކު މަސައްކަތްކުރާގޮތަށް ޙައިދަރަށް ބޭސްބޯންދޭން ދިލްނަޝީން މަސައްކަތް ކުރިއެވެ. ކުލްސޫމްވެސް އެކަމަށް ބާރުއެޅިއެވެ. މެހެމަލް އިނީ ، ދެބުމަ ގޮށްޖަހައިގެން ، ދިލްނަޝިނާ ދިމާލަށް ލޯ އަޅައިގެންނެވެ.
ހެނދުނު ތެދުވެ ނާސްތާކޮށްގެން އޮފީހަށް ދިއުމަށްޓަކައި ޙަމްޒާ ނުކުތްއިރު ، އޭނާގެ ކާރެއް ނެތެވެ. ދޮރުވާނު ބުނިގޮތުގައި އެކާރުގައި ބުޝްރާއާއި ރިދާ ދިޔައީ އޮފީހަށެވެ. ގޭޣައި ދެންއޮތް ބާ ކާރެއްގައި ޙަމްޒާ އޮފީހަށްދާން ނުކުތެވެ.
އޮފީހަށް ގޮސް އޭނާގެ ކޮޓަރިޔަށް ވަތްއިރު ، އޭނާގެ ގޮނޑީގައި އިށީނދެއިނީ ބުޝްރާއެވެ. ކުރިމަތީގައި ރިދާ އިނެވެ. އޭނާގެ ގޮނޑީގައި އިށީނދެ އެއިނީ ކީއްވެތޯ ، ޙަމްޒާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
" މިއީ އަހަރެންގެ ފިރިމީހާ ، ވަރަށްބުރަ މަސައްކަތްކޮށްގެން ކޮޅަށްޖެހި ވިޔަފާރިއެއްގެ ނިންމުންތައް ނިންމި ގޮނޑިއެވެ. މިއީ ޙަމްޒާގެ ގޮނޑިއެއްނޫނެވެ. " ބުޝްރާ ބުންޏެވެ.
ޙަމްޒާގެ އެއްވެސް ޙައްޤެއް އެގޮނޑިޔަށް ނެތީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާގެ ޙައްޤުވެސް އޮންނާނެއެވެ. އެކަމަކު އެޙައްޤަކީ ހަމައެކަނި ޙަމްޒާއަށް އޮތް ޙައްޤެއް ނޫނެވެ. ރިދާއަށްވެސް އަދި ބުޝްރާއަށްވެސް އެ ޙައްޤު އޮންނާނެކަމަށް ބުޝްރާ ބުންޏެވެ. ޙަމްޒާ އޭނާގެ މަންމައާގާތަށް ޖެހިލިއެވެ. އަދި އެހެން އެހަދަނީ ކީއްވެތޯ ސުއާލުކުރިއެވެ. މަންމަދެކެ އޭނާ ވަރަށްލޯބިވާކަން އެނގޭ ނޫންހޭ ބުނެ ، ބުޝްރާގެ ކަންފަތްދޮށަށް ގުދުވެ އޮވެ ވާހަކަ ދެއްކިއެވެ.
" އަހަރެންނަށް ބައެއްފަހަރަށް ހީވާގޮތުގައި ، އަހަރެންނަކީ މަންމަގެ އަސްލު ދަރިއެއްނޫނެވެ. ދިލްނަޝީން އަހަރެންނަށް ގެއްލުނީ މަންމަޔާ ހެދިއެވެ. " ޙަމްޒާ ބުންޏެވެ.
ޙަމްޒާއަކީ ، އޭނާގެ އުފަންދަރިއެއް ނޫންނަމަ ، އެއަލިފާންގަނޑުގައި އަނދައި އަނިޔާ ލިބެން ޙަމްޒާ ދޫކޮށްނުލާނެކަމަށް ބުޝްރާ ބުންޏެވެ. ބުޝްރާ އޮފީހަށް އެއައީ ޙަމްޒާގެ ނިންމުން ޤަބޫލުކޮށްގެންނެވެ. އެކަމަކު ، ކުރާނީ ކީއްހެއްޔެވެ ؟ ޙަމްޒާގެ ނަޞީބުވަނީ ޙަމްޒާ ދޫކޮށްލާފައެވެ. ދިލްނަޝީންގެ ފަހަތުން ޙަމްޒާ ދުވާކަމަށް ވަންޏާ ، އެއީ ޙަމްޒާގެ ގޮތްދޫނުކުރުމާއި ބަދަލު ހިފުމުގެ ރޫޙެވެ.
ދިލްނަޝީންދެކެ ޙަމްޒާ ލޯބިވާކަމަށް ޙަމްޒާ ބުންޏެވެ. އެއީ އޭނާގެ ގޮތްދޫނުކުރުމެއް ނޫނެވެ. އެއީ މީހެއްގެ އަނތްބެއްކަން ހަނދާނުގައި ބެހެއްޓުމަށް ބުޝްރާ ބުންޏެވެ. އޭގެ ކުރިން ދިލްނަޝީނަކީ އޭނާގެ ލޯބިވެރިޔާކަމުގައި ޙަމްޒާ ބުންޏެވެ.
" މީހެއްގެ އަނތްބަކާއެކީ ނާޖާއިޒް ގުޅުމެއް ހިންގުމަކީ ، ދީނީގޮތުންވެސް އަދި އަޚުލާޤީ ހަމަތަކުން ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ކައިވެނިކުރަން ބޭނުންކަމަށް ވަންޏާ ކައިވެނި ކުރާށެވެ ! އެކަމަކު އޭގެކުރިން އަހަރެންނާއި ޙަމްޒާއާ ދެމެދު އޮތް ގުޅުން ކެނޑުމަށްފަހުގައެވެ. " ބުޝްރާ ބުންޏެވެ.
" މައިންބަފައިންގެ ތައްޕާހުން މީހަކަށްވެ ހުރެ ، އަމިއްލަ ފައިމައްޗަށް ތެދުވާށެވެ ! އެއަށްފަހު ލޯބިވެގެން މީހުންނާވެސް އިންނާށެވެ ! އެކަމަކު ، އެއްކަމެއް ހަނދާން ކުރައްޗެވެ. އެހެންމީހެއްގެ ޅީދަރިޔަކަށްވެހުރި އަންހެނަކު ، އަހަރެމެންގޭގެ ޅީދަރިއަކަށްވުމަކީ ، އަހަރެމެންގެ ގޭގެ ހަމަތަކާއި އުޞޫލާ ޚިލާފުކަމެކެވެ. އެފަދަ ކުއްޖަކު ގޮވައިގެން އަހަރެމެންގެ ގެޔަށް ވަންނަން ނުވިސްނާށެވެ ! އެގޭގެ ދޮރު އެފަދަ ކުއްޖަކަށްޓަކައި ހުޅުވިފައެއް ނުހުންނާނެއެވެ. " ބުޝްރާ އިތުރަށް ބުންޏެވެ.
އެއްވެސް އިރެއްގައި ދިލްނަޝިނާއި އޭނާ ކައިވެނިކުރުމަކީ ، މަންމަ ބޭނުންވިކަމެއް ނޫންކަމަށް ޙަމްޒާ ބުންޏެވެ. އެކަމަށް ބުޝްރާ އެއްބަސްވިއެވެ. ޙަމްޒާއަށް އެހެން ކޮޓަރިޔެއް ހަމަޖައްސާފައި ހުންނާނެކަމަށާއި އެތަނަށް ގޮސް އިނުމަށް ބުނެ ، ރިދާއަށް ގޮވައިލުމަށްފަހު ބުޝްރާ މަސައްކަތާ ކުރިމަތިލިއެވެ.
އެއްވެސް ޗެކެއްގައި ސޮއިކުރުމާއި މުހިންމު އެއްވެސް ނިންމުމެއް ، ބުޝްރާގެ ހުއްދަނެތި ޙަމްޒާއަށް ނުކުރެވޭނެކަމުގައި ޙަމްޒާއަށް އެންގިއެވެ. އެމީހުންނާއެކީ މަސައްކަތްކުރަން ބޭނުންނުވާކަމަށްބުނެ ، ޙަމްޒާ އެތަނުން ނުކުންނަން ހިނގައިގަތުމާއެކީ ، ރިދާ ތެދުވެ ، ޙަމްޒާ ހުއްޓުވިއެވެ.
" އެމީހަކަށްޓަކައި ޙަމްޒާގެ ހުރިހާއެއްޗެއް ދޫކޮށްލާފައި ތިދާ އަންހެންކުއްޖާއާ އޭނާގެ ފިރިމީހާއާ ދެމެދު އަނެއްކާވެސް ގާތްކަން އުފެދި ، އެކުގައި އުޅެން ފަށައިފިއވެ " ރިދާ ބުންޏެވެ.
ރިދާގެ ފޯނުނަގައި ބަލައިލަބަލާށޭ ބުނެ ، ފޯނުގައިވާ ފޮޓޯތަކެއް ޙަމްޒާއަށް ދައްކައިލިއެވެ. އެއީ ، ޙައިދަރާއި ދިލްނަޝީންގެ ގާތްކަން އަންގައިދޭ ފޮޓޯތަކެކެވެ. އެއީ ރިދާއަށް މެހެމަލް ފޮނުވި ފޮޓޯތަކެކެވެ. އެއީ ، ޙަމްޒާގެ ހިތަށް ހެރެމުންދިޔަ ވިހަ ތީރުތަކެކެވެ. ( ނުނިމޭ )
މަޑުމަޑުންގޮސް ދިލްނަޝީނާއި ޙައިދަރުގެ ގުޅުން ރަނގަޅުވަމުންދާނެކަމަށް އުއްމީދު ކުރަނީ. ވަރަށް ރީތި ވާހަކައިގެ މިހިސާބުވެސް.