ﷲ ވޮޑިގެންވާކަމުގެ ހެކިތައް (10)

ކާއިނާތުގައި އިރު ދައުރުވުން

އިރާއި ހަނދާ އަދި ޖައްވުގައިވާ އެހެނިހެން މަޑިކިލަނބުތައް ދަތުރުކުރާކަން ، ކީރިތި ޤުރުއާނުގައި މީގެ ސާދަސަތޭކަ އަހަރުކުރިން ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ. ދާދި މިދާކަށްދުވަހާ ޖެހެންދެންވެސް ، ބެލެވެމުން އައީ މިދެންނެވި ތަކެއްޗަކީ ، ދައުރުވުމެއްނެތި އެއްތާކު ހުއްޓި ހަރުލާފައި ހުންނަ ތަކެތި ކަމުގައެވެ. އެތަކެތީގެ ވަށައިގެން ބޯޅައެއްހެން އެނބުރެމުންދަނީ ދުނިޔެ ކަމުގައެވެ.

ކީރިތި ޤުރުއާނުގެ އަލްއަންބިޔާ ސޫރަތުގެ ތެއްތިރީސްވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ.

وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ آيَاتِهَا مُعْرِضُونَ

މިއާޔަތުގެ މާނައީ ،

" އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި ، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ ( އިރުހަނދާއި ، ތަރިތައްފަދަ ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. "

އަދި ހަމަ އެފަދައިން ، އެއާޖެހިގެން އޮތް ، ތެއްތިރީސްވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.

وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ

މިއާޔަތުގެ މާނައީ ؛

"  އެކަލާނގެއީ ، ރޭގަނޑާއި ދުވާލު ، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. "

އިރުހަނދާއި ތަރިތަކުގެ ޢިލްމަކީ ޚާއްޞަވެގެންވާ ޢިލްމެކެވެ. އެ ޢިލްމުގެ ތެރެޔަށް ފީނައި ހޯދަމުންދިޔަވަރަކަށް ، އެތަކެތި ހެއްދެވި ފަރާތެއްވާކަން ، އެ ޢިލްމު އުނގެނޭ މީސްތަކުންނަށް އެނގި ދޭހަވެއެވެ. މިކަމުގެ ހެއްކަކީ ، އެ ޢިލްމުގެ އަހުލުވެރިންކުރެ އެތައްބަޔަކު ، އިސްލާމްދީން އިޚްތިޔާރުކޮށް ، ﷲ ގެ މަގަށް ރުޖޫޢަވުމެވެ.

އަލްމާއިދަތު ސޫރަތުގެ ސޯޅަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ

މިއާޔަތުގެ މާނައަކީ ؛

" ﷲ، އެކަލާނގެ ރުއްސަވާ މަގަށް ތަބަޢަ ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ. "

މިއާޔަތުގެ މަފްހޫމަކީ  ، ކާއިނާތުގެ ޢިލްމުންދަސްވެ އުނގެނޭ އެއްޗަކުން ، އެޢިލްމު އުނގެނޭ ބަޔަކަށް ﷲ މަގުދައްކަތެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. ހަމައެއާއެކު ، ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް މަގު ދައްކަވަތެވެ. އެއީ ﷲ ގެ މަގެވެ. އެކަލާނގެ ވޮޑިގެންވާކަމުގެ ހެއްކާއި ދަލީލުން އެބައިމީހުންގެ އިޢުތިޤާދު ހަރދަނާވެގެން ދިއުމަށް މަގުފަހިކޮށް ދެއްވުމެވެ.

އަލްމާއިދަތު ސޫރަތުގެ ސަތޭކަވިހިވަނަ އާޔަތަށް ބަލައިލަމާތޯއެވެ ؟ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

މިއާޔަތުގެ މާނައަކީ ؛

" އުޑުތަކާއި ، ބިމާއި ، އެތަންތާނގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަންވަނީ ، ﷲއަށެވެ. އަދި އެކަލާނގެއީ ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. "

ވިހިވަނަ ޤަރުނުގެ އެސްޓްރޮނޮމިސްޓުން ، ޤަބޫލުކުރާ އެތައް ހެކިތަކެއް ، މީގެ ސާދަސަތޭކަ އަހަރުކުރިން ﷲ ތަޢާލާވަނީ ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައި މީސްތަކުންނަށް އަންގަވާފައެވެ. ކަލަކު ވޮޑިގެންވާކަމުގެ ހެކިތަކަށް ބާރުލިބޭ ، ކާއިނާތުގެ އެތައް ސިއްރުތަކެއް ، މިޒަމާނުގައިވަނީ ސައިންސުން ހޯދާފައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.