ވިހަ ތީރު (92)

( 22 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މަންމަގެ އެނދުކައިރީގައި މަންމަޔާ ދިމާލަށް ބަލަހައްޓައިގެން ރޯންހުރެފައި ކޮޓަރިން ނުކުންނަން ހިނގައިގަތްތަނާ ، ކުލްސޫމް ޙައިދަރަށް ގޮވައިލިއެވެ. އަދި އޭނާއާ ދިމާލަށް ޙައިދަރު ބަލަހައްޓައިގެން ހުންނަގޮތުން ، އޭނާ މަރުވަނީކަމަށް ހީވާކަމަށް ކުލްސޫމް ބުންޏެވެ. މަންމަގެ ދެއަތުގައި ހިފައިލުމަށްފަހު ، ﷲ އަށްޓަކައި އެކަހަލަ ބަސްބަސް ބޭނުންނުކުރުމަށް ޙައިދަރު އެދުނެވެ. އެކަހަލަ ބަސްތައް މަންމަގެ ދުލުން ބޭރުވީމަ ، އޭނާގެ ހިތަށް ތަދުވާނެކަން ، މަންމަޔަށް އެނގެންޖެހޭނެކަމަށް ޙައިދަރު ބުންޏެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ މަންމައެވެ. ދުނިޔޭގެ އުފަލާއި އަރާމާ އަދި އެއްކުރެވިފައިހުރި މުދަލާއި ފައިސާއާ އަދި ، ހޯދިފައިވާ މުއްސަނދިކަމަށްވުރެ ، މަންމަގެ އަގު ޙައިދަރުގެ ކުރިމަތީގައި ބޮޑެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ މަންމައެވެ. މަންމަޔަކީ އޭނާގެ މުޅިދުނިޔެކަމަށް ޙައިދަރު ބުންޏެވެ. އޭނާ ދުނިޔޭގައި ހުއްޓާ ، މަންމަޔަށް އެއްވެސް ތަކުލީފެއް ލިބުނަކަ ނުދޭނެއެވެ.

" އެކަމަކު ، ޑޮކްޓަރުން އެބުނަނީ ކީކޭ ހެއްޔެވެ ؟ ޓެސްޓް ތަކުގެ ނަތީޖާ ލިބޭނީ ހަފުތާއެއް ދެހަފުތާއެއްފަހުން ކަމަށް ބުނީމެއްނޫން ހެއްޔެވެ ؟ އެއީ ބޭރަށް ފޮނުވައިގެން ހަދަންޖެހޭ ޓެސްޓްތަކެއް ކަމަށް ވަންޏާ ، މިބައްޔަކީ އާދައިގެ ކަމެއްނޫނެއް ނޫންހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.

ހުރިހާ ޑޮކްޓަރުންވެސް އަދި ޝާހިދުވެސް ބުނިގޮތުގައި މަންމަ ކަންބޮޑުވެގެން ރަނގަޅެއް ނުވާނެއެވެ. އެއްވެސްކަމަކާ ކުލްސޫމް ކަންބޮޑެއް ނުވެއެވެ. އޭނާ އެއޮތީ ވަރަށް ހަމަޖެހިގެންނެވެ. އުފަލުގައެވެ. އެކަމަކު އަހަރެން މަރުވުމުގެ ކުރިން ......

ޙައިދަރު ފުންމައިގެން ތެދުވެ ، އެހެން ނުބުނުމަށް ކުލްސޫމްގެ ކިބައިން އެދުނެވެ. މަރުވާ ވާހަކަ އެއްވެސް ވަރަކަށް ދައްކައިގެން ނުވާނެއެވެ. އެހެން ކޮންމެ ވާހަކައެއް ދެއްކިޔަސް އެންމެ ރަނގަޅެވެ. އަދި ، އެވާހަކަ ދައްކާކަށް ނުވެއެވެ. ޙައިދަރަށް ރޮވިގެންގޮސް ގިސްލެވެން ފެށިއެވެ. އޭނާއަށް އަވަސް ޝިފާއެއް ދެއްވުންއެދި ﷲ އަށް ދުޢާކުރުމަށް ޙައިދަރުގެ ކިބައިންވެސް ކުލްސޫމް އެދުނެވެ.

ގިސްލަމުން މޫނުފުހެމުން ، ޙައިދަރު އައިސް ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީން އިނީ ޙަމްޒާއަށް މެސެޖް ކުރާށެވެ. ޙައިދަރު ވަނުމާއެކީ ފޯނު ކަނޑާލައި އެނދުމަތީ ބޭއްވުމަށްފަހު ، ޙައިދަރަށް ސަލާމް ގޮވައިލިއެވެ. ދެލޯފުހެމުން ޙައިދަރު ސަލާމް ބަލައިގަތުމަށްފަހު ، ގޮނޑީގައި ޖައްސައިލުމަށްފަހުވެސް ރޯން ފެއްޓިއެވެ. ކިހިނެއްވީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އަދި ، ޙައިދަރު ރަނގަޅުތޯ ސުއާލުކޮށް ، އެނދުން ތެދުވެގެން ޙައިދަރުގާތަށް ދިޔައެވެ. އަދި ރޮނީ ކީއްވެތޯ އަހައި ޙައިދަރުގެ އަތުގައި ހިފައިލިއެވެ.

" މަންމަ އެއޮތީ މަރަށް ތައްޔާރުވެފައެވެ. " ޙައިދަރު ބުންޏެވެ.

ސިއްސައިގެންގޮސް ، ޙައިދަރު އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ދިލްނަޝީނަށް އަހައިލެވުނެވެ. މަންމަގެ ބައްޔާ ގުޅިފައިވަނީ ސިކުނޑީގެ ޓިއުމަރެއްކަމަށް ރޮމުންރޮމުން ޙައިދަރު ބުންޏެވެ. މާގިނަ ދުވަހެއް ނެތެވެ. އެއީ ، ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ. މަންމަގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް ، މިވަގުތު ނުކުރުމަށް ޑޮކްޓަރުން އޮތީ ލަފާދީފައެވެ. ޝާހިދުގެވެސް ލަފަޔަކީ އެއީއެވެ. ހިތަށްލިބޭ ތަކުލީފަކުން މަންމަގެ ފުރާނަ ހިނގައިދާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

" ފަހަރެއްގައި މިހެންވެސް ވެދާނެ ނޫންހެއްޔެވެ ؟ މަންމަ އެހާ ބައްޔެއްނޫނެވެ. ޑޮކްޓަރުންނަށް އޮޅިގެން އެކަހަލަކަމެއް ފާހަގަ ކުރެވުނީކަމަށް ވެދާނެއެވެ. " ދިލްނަޝީން ބުންޏެވެ.

ޑޮކްޓަރުންނަށް އެއްވެސް އޮޅުމެއް ނާރައެވެ. އެތައް ޓެސްޓެއް ހަދައިގެންވެސް ނުކުތީ އެއްނަތީޖާ އެކެވެ. މަންމަގާތު އެވާހަކަ ބުނާނެ ގޮތެއް ނޭނގިގެން ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ ހަފުތާއެއް ދެހަފުތާއެއް ފަހުންކަމަށް ޝާހިދުވެސް ބުނީއެވެ. ޙައިދަރުވެސް ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ އެއައީ ބަލާފައެވެ.

" ދިލްނަޝީނެވެ ! ދިލްނަޝީން ކޮންމެގޮތަކަށް ނިންމިޔަސް ، މަންމަ ދުނިޔޭގައި އޮތްހާ ހިނދެއްގައި ، އެނިންމުމެއް ނިންމުން އިހަށް ލަސްކޮށްލަ ދޭށެވެ. މަންމަގެ ޙައްޤުގައި އަހަރެން ، ދިލްނަޝީނަށް އާދޭސްކޮށްފައި ބުނަމެވެ. އެހާ އަވަހަށް އަހަރެންނާ މަންމަ ވަކިވެގެންދާކަށް އަހަރެންނެއް ނޭދެމެވެ. އަހަރެންގެ މަންމަ އެހާ ގިނަދުވަހަކު ދުނިޔެއަކު ނުހުންނާނެއެވެ. މަންމަ ނިޔާވާ ދުވަހުވެސް ، ދިލްނަޝީން އެދޭކަމަށްވަންޏާ ، އެދުވަހުން އެދުވަހަށްވެސް އަހަރެން މިހުރީ ދިލްނަޝީން ވަރިކުރާށެވެ. އެކަމަކު ، އެ މުސްކުޅި މަންމަޔަށްޓަކައި ، ދިލްނަޝީންގެ ނިންމުން އިހަށް ފަސްކޮށްލަ ދޭށެވެ. ﷲ އަށްޓަކައި އާދޭސްކޮށްފައި ބުނަމެވެ. " ޙައިދަރުގެ ވާހަކައިން ، ދިލްނަޝީންގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ.

" މަންމަގެ ޙައްޤުގައި ހުވާކޮށްފައި ބުނަމެވެ. މަންމަ ނިޔާވާދުވަހުވެސް ، މިގެއިން މަންމަގެ ސަންދޯއް ނެރޭނީ ، ދިލްނަޝީން ބޭނުންކަމަށް ވަންޏާ ދިލްނަޝީން ވަރިކުރުމަށްފަހުގައެވެ. އެހާތަނަށް ، މަންމަގެ ހިތަށް ތަކުލީފެއް ލިބޭނެ އެއްވެސްކަމެއް ނުކުރުން އެދި ، ދެފައިގާ ހިފައި ދިލްނަޝީނަށް އާދޭސް ކުރަމެވެ. " ޙައިދަރުގެ ވާހަކަ ރޮމުންރޮމުން ކުރިޔަށް ގެންދިޔައެވެ.

" މަންމަގެ ކުރިމަތީ ، މަންމަގެ ހިތަށް އަސަރުކޮށްފާނެ އެއްވެސްކަމެއް ނުކުރުން އެދި އާދޭސް ކުރަމެވެ. ކޮންމެ ޙާލެއްގައި އޮތަސް ، އަހަރެމެންގެ ދެމީހުންގެ މެދުގައި މިއޮތް ރޫޅެމުންދާ ކައިވެނީގެ ޙައްޤުގައެވެ. އެފަދަކަމެއް ހިނގައިފިއްޔާ ، ވަގުތަށްވުރެ އަވަހަށް މިދުނިޔެއާ މަންމަ ވަކިވެދާނެއެވެ. މިއީ ހަމައެކަނި އަހަރެންގެ އާދޭހެއްނޫނެވެ. ޝާހިދުގެވެސް އެދުމެކެވެ. " ޙައިދަރު ، ރޮމުންރޮމުން ، ދިލްނަޝީނަށް އާދޭސްކުރަމުން ގެންދިޔައެވެ.

މެހެމަލްއަށް އެކަން އެނގޭތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އެވާހަކަ ޙައިދަރު އެބުނީ ހަމައެކަނި ދިލްނަޝީން ގާތުގައެވެ.

ދިލްނަޝީންގެ އަތް ، ޙައިދަރުގެ ބޮލުގައި ބޭއްވުމަށް އުފުލައި ލެވުނެވެ. އެހެނަސް ، މަޑުމަޑުން އެއަތް ތިރިވިއެވެ. ދިލްނަޝީނަށް ތެދުވެގެން ދުރަށް ޖެހިލެވުނެވެ. އޭނާގެ ކުރިމަތީ ، ގިސްލަގިސްލާފައި ރޯން އެއިނީ ، ދިލްނަޝީންގެ ޙަލާލު ފިރިމީހާއެވެ. އޭނާގެ ބޭނުން ، އޭނާގެ ފިރިމީހާއަށާއި މަންމަޔަށް އެހާ ބޮޑެވެ. ޙައިދަރުގެ ހިތާމައިގާ ބައިވެރިވުމުގެ ހިތްވަރެއް ދިލްނަޝީންގެ ކިބަޔަކު ނެތެވެ. ދެން އޮތީ ޙަމްޒާއެވެ. ޤާނޫނީ އަދި ޝަރުޢީ އެއްވެސް ގުޅުމެއް ، އޭނާއާއެކީ އުފެދިފައި ނެތް އިންސާނެކެވެ. އޮތިއްޔާ އޮތީ ހިތުގެ ގުޅުމެކެވެ. ދެމާބުރުންކުރެ ، އޭނާއާ ގާތަށް ގެންނާނީ ކޮން މާބޫރެއްކަން ވަކިކުރާކަށް ދިލްނަޝީނަކަށް ނޭނގުނެވެ. ދިލްނަޝީންގެ ހިތަށް ލިބިފައިވާ ވޭނުގެ ތެރެއިން ، އޭނާގެ އަމިއްލަ އެދުން ނެރެ ، ޙައިދަރުގެ މަންމަޔާ ދެކޮޅަށް ކަމެއްކުރާހާ ހިތްވަރެއް އޭނާއަށް ލިބިފައެއް ނެތެވެ. ޙައިދަރަށް ދޭނެޖަވާބެއްވެސް ދިލްނަޝީނަކަށް ނުވިސްނުނެވެ. ދިލްނަޝީންގެ ހަނުހުރުމުން ޙައިދަރު ނަގާނެ މާނައެއް ނަގަންވީއެވެ. ޙައިދަރުގެ ހިތާމައާއި ހިތްދަތިކަމުން ، ދިލްނަޝީންގެ ހިތްވެސް މަޑުވިއެވެ.

ރޭގަނޑު ނިދަން އޮށޯތްއިރުވެސް ، ޙައިދަރުގެ ގިސްލުމެއް ނުހުއްޓެއެވެ. ކުއްލި ކުއްލިޔަށް ދޭތެރެޔަކުން ، ޙައިދަރުގެ ރުއިމުގެ އަޑުވެސް އިވެމުން ދިޔައެވެ. ދިލްނަޝީނަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ޙައިދަރު އޮތްފަރާތަށް ދިލްނަޝީން އެނބުރިލިއެވެ. ހިތްމަޑުވެގެންގޮސް ، ޙައިދަރުގެ ގައިގައި ބީހިލުމަށްޓަކައި ދިލްނަޝީންގެ އަތް ދިއްކޮށްލިއެވެ. އެހެނަސް ، ދެމީހުންނަށް އޮށޯވެ ތިބެވުނު ދުރުމިނުން ، ދިލްނަޝީންގެ އަތް ޙައިދަރާ ހަމަޔަކަށް ނުފޯރިއެވެ. އިތުރު މަސައްކަތެއް އެކަމަށް ކުރާކަށް ދިލްނަޝީންގެ ހިތެއް ނުބުންޏެވެ. އަތްތިރިކޮށްލުމަށްފަހު އަނެއް ފަރާތަށް ، ދިލްނަޝީން އެނބުރިލައި ލޯމަރައިލިއެވެ.

ހެނދުނު ހޭލައިގެން އެނދުން ނުތެދުވެވެނިސް ، އޭނާގެ ފޯނަށް މެސެޖެއް އައިއަޑަށް ދިލްނަޝީނަށް ލޯ ހުޅުވައިލެވުނެވެ. މެސެޖް ބަލައިލުމަށްފަހު ޙައިދަރު އެނދުގައި އޮތްތޯ ބަލައި ލެވުނެވެ. އެއީ ޙަމްޒާގެ މެސެޖެކެވެ. ޙައިދަރު އޭރު ، ތެދުވެގެން ހިނގައްޖެއެވެ.

ޙައިދަރުގެ ރީޑިންގރޫމަށްގޮސް ބަލައިލިއިރު ، އެތާހުރި ގޮނޑިއެއްގައި ޖައްސާލައިގެން އިންދާ ޙައިދަރަށް އިނީ ނިދިފައެވެ. ބޯ އޮތީ އެލިފައެވެ. ކައިރީހުރި މޭޒެއްމަތީ ، ނޫޑްލްސް ތަށްޓެއް ހުއްޓެވެ. އެތަށިން އެއްވެސް އެތިކޮޅެއް ކައިފައެއް ނެތެވެ. އެވާނީ ، ބަނޑުހައިވެގެން ، ޙައިދަރުގޮސް ނޫޑްލްސް ކޮޅެއް ހަދައިގެން އައިސް ކާން މަސައްކަތްކުރީ ކަމަށެވެ. އެކަމަކު އެއިން އެތިކޮޅެއް އޭނާގެ އަރުތެރެޔަށް ނުވަނީއެވެ.

ދިލްނަޝީން ، ޙައިދަރާ ގާތަށް ޖެހިލިއެވެ. ޙައިދަރަށް ގޮވާނީ ބާވައެވެ. ނުވަތަ ޙައިދަރުގެ އަމިއްލަ ޙާލަށް ދޫކޮށްލާފައި އެތަނުން ނުކުމެގެން ދާނީހެއްޔެވެ ؟ އެކަމުގައި ގޮތެއް ނިންމަން ދިލްނަޝީންގެ ހިތަށް އުނދަގޫވިއެވެ. ތުރުތުރު އަޅައަޅާ ޙާލުގައި މަޑުމަޑުން ޙައިދަރަށް ގޮވައިލިއެވެ. ދިލްނަޝީންގެ އަޑެއް ޙައިދަރަކަށް ނީވުނެވެ. ތަންކޮޅެއް ގާތަށް ޖެހިލައި އަތުގައި ކޮށްޓާލުމާއެކީ ، އަނެއްކާވެސް ޙައިދަރަށް ގޮވައިލިއެވެ. ސިއްސައިގެންގޮސް ، ޙައިދަރަށް ހޭލެވި އާނއެކޭ ބުނެވުނެވެ.

ރީޑިންގރޫމުގައި ޙައިދަރު އެ ނިދަނީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ނިދިނައިސްގެން އޭނާ ، އެތަނަށް އައީކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރުގެ ލޮލުގައި މިހާރު ނިދިއެބަހުރިކަމަށާއި ، އެނދަށްގޮސް ނިދުމަށް ދިލްނަޝީން ބުންޏެވެ.

" ނޫނެކެވެ. އެތަނުގައި އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުވެއެވެ. އަހަރެންނަށް ނިދޭނީ މިތާ އޮވެގެންނެވެ. " ޙައިދަރު ބުންޏެވެ.

ބޭރަށް ނުކުންނަންދިޔަ ދިލްނަޝީނަށް ހުއްޓިލެވުނެވެ. އަދި ޙައިދަރާދިމާލަށް އެނބުރިލާފައި އައިސް ގޮނޑިކައިރީ އިށީނދެލިއެވެ.

" އަހަރެން ދިޔަދޭށޭ މިބުނަނީ އެހެންވެގެންނެވެ. އަހަރެންނާއެކީ އެއް އެނދެއްގައި އޮވެގެން ، ޙައިދަރުގެ ހިތަށް ހަމަޖެހުމެއް ނުލިބޭތީއެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ދިޔަނުދީ އޭނާ އެހިފަހައްޓަނީ އޭނާއަށްޓަކއި ނޫންކަމަށް ބުނެ ، ބިންމަތިން ތެދުވެ ، ގޮނޑީގައި އޭނާގާތު އިށީނދެލުމަށް ޙައިދަރު ޢިޝާރާތް ކުރިއެވެ. އެކަން ޙައިދަރު އެކުރަނީ މަޖުބޫރު ވެގެންނެވެ. އުފަލުގައި ހުރިކަމަށް ހެދިގެން މީހުންނަށް އެކަން ދައްކަން ވެގެންނެވެ. މަންމަގެ އެންމެ ފަހުދުވަސްކޮޅު ، އޭނާގެ މަންމަ އެދޭއެދުންތައް ފުއްދައިދެވޭތޯ ބެލުމަކީ އޭނާގެ ވާޖިބެކެވެ. އެކަން އެހެންކުރާކަމަށް ވަންޏާ ، މަންމަޔަށް އެދެވެނީ ގޯސް ތަސައްލީއެއް ނޫންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙައިދަރަކީ ފިރިހެނެކެވެ. އަހަރެން ވަރިކޮށްފައި ގެއިން ނެރެލަންވީ ނޫންހެއްޔެވެ ؟ ވަރަށް އަސަރާއެކީ ދިލްނަޝީނަށް ބުނެވުނެވެ. އޭރަށް ، ޙައިދަރާ މެހެމަލްއާ ދެމީހުންނަށް ވަގުތުން ކައިވެނި ކުރެވޭނެއެވެ. ޙައިދަރު ބޭނުންވާ އަނބިމީހާއާއެކީ ، ޙައިދަރުގެ ، އާބާދުވެފައިވާ ފުރިހަމަ ގެ ، ޙައިދަރުގެ މަންމަޔަށް ދައްކައިލަންވީ ނޫން ހެއްޔެވެ ؟

ކައިވެންޏާއި ވަރިޔަކީ ، ދިލްނަޝީން އެބުނާހާ ފަސޭހައެއްޗެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން އެކުރާ ކަމަކީ ، ޙައިދަރު އެދޭގޮތަށް ޙައިދަރުގެ ދިރިއުޅުން ބަށްޓަންކުރުމަށް ފަސޭހަކޮށްދެނީއެވެ. އެކަމަށް މަގުފަހިކޮށްދެނީއެވެ.

" އަހަރެންނަށް ކަމެއް ކޮށްދޭކަމަށް ވަންޏާ ، އަހަރެންގެ އަނތްބެއްގެ ގޮތުގައި ހެދިގެން ދުވަސްކޮޅަކު އުޅެދޭށެވެ ! މާގިނަދުވަހެއް ނުވާނެއެވެ. މަންމަ ނިޔާވިހާ އަވަހަކަށް އަހަރެންގެ ޙަޔާތުން ދިލްނަޝީން މިނިވަން ކޮށްދޭނަމެވެ. ދިލްނަޝީން ބޭނުންވެގެން އުޅޭކަމަކީ އެއީ ނޫންހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.