
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 21ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކުއެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބައިވެރިވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ ނަސްވަން އާދިލް (30އ) އާއި އެޑްރިއަންސަޔާ (25އ) އާއި މުޙައްމަދު އިޤްބާލް މަކްރޫމް (30އ) ގެ އިތުރުން އިންޑިއާއާގެ ރައްޔިތުން ކަމަށްވާ ޕްރަބާކަރަން ނަގަރާޖަން (35އ) އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ) ގަނޭޝް ބޮމްމާލީ (22އ) އާއި ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) އާއި ޕީޓާ ވިނީ (28އ) އާއި ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއް ދުވަހަށް ބަންދުކުރުމަށް އަމުރު ކުރި މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހާޒިރު ކުރުމުން އެކަކަށް އިތުރު 3 ދުވަހަށް އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.