ވިހަ ތީރު (91)

( 21 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޓެސްޓްތައް ނިމުމުން ، ނަތީޖާއަށް އިންތިޒާރުކޮށްގެން ޙައިދަރުމެން ، ހޮސްޕިޓަލުގައި މަޑުކޮށްލިއެވެ. ޝާހިދު ވަރަށް މަސައްކަތް ކޮށްގެން ، ތިންހަތަރު ޑޮކްޓަރުން ގެނެސް ޓެސްޓްތަކާމެދު މަޝްވަރާކުރަމުން ގެންދިޔައެވެ. ޙައިދަރު ހުރީ ވާނުވާއެއް ނޭނގި ހަތަރު އުދަރެސް ފެނުޖެހިފައެވެ. ޑޮކްޓަރުންތައް ދިއުމާއެކީ ، ޙައިދަރު ގޮވައިގެން ، އޭނާގެ ކޮޓަރިޔަށް ޝާހިދު ދިޔައެވެ. އިށީނދެ ހަމަޖެހިލަން ބުނެބުނެވެސް ، އިށީންނާކަށް ޙައިދަރު ބޭނުމެއްނުވިއެވެ. މަންމަޔަށް ވެގެން އުޅޭގޮތެއް ސާފުކޮށް ބުނުމަށް ، ޝާހިދުގާތު ، ޙައިދަރު އާދޭސްކުރަން ފެއްޓިއެވެ. އެހާ ގިނަ ޑޮކްޓަރުން ގެނެސްގެން  ޝާހިދު އެޖަހަނީ ކޮން ސަކަރާތެއްތޯ ޙައިދަރު ސުއާލު ކުރިއެވެ.

" ދައްތަގެ ޙާލަތު ވަރަށް ނާޒުކެވެ. މިހާރު އެހުރީ އެބަލީގެ އެންމެ ފަހު ހަރުފަތުގައެވެ. ދައްތަގާތު އެވާހަކަ ބުނާނީ ކިހިނެއްކަމެއް ، ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ބުނެފިނަމަ ދެންވާނެގޮތެއް ނޭނގެއެވެ. ބޮމެއް ގޮވާހެން ޝޮކްޖެހި ފުރާނަޔަށްވެސް ގެއްލުމެއް ލިބިދާނެއެވެ. އިސާހިތަކު ސިކުނޑިޔަށް އަސަރު ފޯރާނެއެވެ. އޭރަށްދެން މަޑުމަޑުން ނިމިގެން ދާނީއެވެ. މިހާރުގެ ޙާލަތުގައިވެސް އެއްކޮށް ފަސޭހައެއް ނުވާނެއެވެ. އެކަމަކު ، ކޮންމެވެސް ފަރުވާއެއްދީގެން ، ދައްތަޔަށްލިބޭ ތަކުލީފުތައް ދުރުކުރެވިދާނެއެވެ. " ޝާހިދު ބުންޏެވެ.

ޙައިދަރަށް ދެލޯމަރައިލެވުނެވެ. މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރާގޮތް ވިއެވެ.

" ދައްތަގެ ސިކުނޑީގައި ފަސް ސެންޓިމީޓަރުގެ ޓިއުމަރ އެއް އެބައިނެވެ. ވީވަރަކުން ، ކަންބޮޑުވުމާއި ހާސްކަމުން ދައްތަގެ ސިކުނޑި ދުރުކުރަން  އެބަޖެހެއެވެ. އެކަމަށް އަހަރެމެންނަށް ފަރުވާ ކުޑަކޮށްލެވިއްޖެނަމަ ، ވަގުތު ޖެހޭނީކޮންއިރަކުންކަމެއް ނޭނގޭނެއެވެ. " ޝާހިދު ބުންޏެވެ.

ޝާހިދުގެ ވާހަކަތައް ޤަބޫލުކުރަން ޙައިދަރަށް އިނީ އުނދަގޫ ވެފައެވެ. ޕާކިސްތާނުން އެކަށީގެންވާ ފަރުވާއެއް ދެވެން ނެތްނަމަ ، މަންމަ ބޭރަށްގެންދަންވެސް ޙައިދަރު އެހުރީ ތައްޔާރުގައެވެ. ކަންބޮޑުވާ ކަހަލަ ވާހަކަ ނުދައްކައި ، އެކަމަށް ޙައްލެއް ހޯދައިދިނުމަށް ޝާހިދުގާތު ޙައިދަރު އެދުނެވެ. ދުނިޔޭގައި މިހާރު ނުކުރެވެނީ ކޮންކަމެއް ހެއްޔެވެ ؟ މަންމަޔާ ނުލައި އޭނާއަކަށް ދުނިޔެއަކު ނުއުޅެވޭނެއެވެ. މަންމަ ނެތް ދުނިޔެއެއްގައި ، އޭނާގެ ޙަޔާތުން އުނިވާބައި އެހެންމީހަކަށް ފޫބައްދައެއް ނުދެވޭނެއެވެ. އެހެންނޫނަސް ، ޙާލާތަށް ބަރޯސާވާން ޖެހޭއިރު ، މަންމަ ނޫން އެހެންމީހަކު މިހާރަކު އޭނާއަކަށް ނެތެވެ. ދެން ތިބީ ހުސް ބޭވަފާތެރިންނެވެ.

އެހެންގޮތެއް ނެތިއްޔާ އޮޕަރޭޝަން ކޮށްގެން މަޞްނޫޢީ ގުނަވަނަކަށް ބަދަލުކުރެވެންޏާ އެކަންކުރަންވެސް ޙައިދަރު އެހުރީ ތައްޔާރަށެވެ. އެހެނަސް ، އޮޕަރޭޝަނެއް ކޮށްފިއްޔާ ، ކުލްސޫމް އެއްކޮށް ވާގިނެތިދާނެކަމަށް ޝާހިދު ބުންޏެވެ. ކޯމާއަކަށްވެސް ހިނގައިދާނެއެވެ. މާގިނަ ފަރުވާތަކެއް ދެވޭކަށް މިހާރަކު ނެތެވެ. ހަމައެކަނި ކުރެވެން އޮތްކަމަކީ ، ﷲ އަށް ވަކީލުކޮށް މަންމަޔަށް ހެޔޮ ދުޢާކޮށް ، މަންމަގެ ހިތަށް އުނދަގޫވާނެ ހުރިހާ ކަމަކުން ދުރުކުރުމެވެ. އެއީ މިވަގުތު ، ގޭތެރޭގެ ޙާލަތު އޮތްގޮތުން ، އެންމެ އެކަށީގެންވާ ގޮތްނޫންކަން އެންމެ ބޮޑަށް އެނގޭނީވެސް ޙައިދަރަށެވެ. އިސްޖަހައިގެން އިނދެ ޙައިދަރު ރޮމުން ގެންދަނިކޮށް ދިލްނަޝީންގެ ފޯނެއް އައެވެ. ދިލްނަޝީން ބޭނުންވީ މަންމަގެ ޙާލު ކިހިނެއްތޯ ބަލައިލުމަށެވެ.

" މަންމަގެ ޙާލު ރަނގަޅެއްނޫނެވެ. ގެޔަށްގޮއްސަ އެވާހަކަ ދައްކާނަމެވެ. " ވަރަށް ހިތްވަރުކޮށްފައި ލަސްލަހުން ޙައިދަރު ބުންޏެވެ.

ޙައިދަރުގެ އަޑުގައިވާ ރިހުން ، ދިލްނަޝީނަށް ފާހަގަ ކުރެވުނެވެ. މަންމަގެ ޙާލު އެނގެން ދިލްނަޝީން ބޭނުންވީކަމަށް ، ޝާހިދުގާތު ޙައިދަރު ބުންޏެވެ. ޙައިދަރު އަދި އެއްވެސް މީހެއްގެ ގާތު އެވާހަކައެއް ނުބުނެއެވެ. އެހެނަސް ، ދިލްނަޝީނަށް އެކަން ނުއެނގުމަކީ ޝާހިދު ، ކަންބޮޑުވި ކަމެކެވެ. އަދި އެކަމާބެހޭގޮތުން ޝާހިދު ސުއާލު ކުރިއެވެ. ޙައިދަރާއި ދިލްނަޝީނާ ދެމެދު ހިނގަމުންދާ އެއްވެސްކަމެއް ޝާހިދަށް އެނގިފައެއް ނެތެވެ. އެއީ ކޮންކަމެއްތޯ ޝާހިދު ސުއާލު ކުރިއެވެ. ޙައިދަރު ދިނީ ވަރަށްކުރު ޖަވާބެކެވެ. ދުރީއެވެ. ދެމީހުންގެ މެދުގައި އެއްވެސް ގާތްކަމެއް ނެތީއެވެ.

" އެއީ ނުވެނުދާނެ ކަމެކެވެ. މެހެމަލް ތިގޭގައި ހުރެގެންކުރާހާވެސް ކަމަކީ އެއީނޫން ހެއްޔެވެ ؟ މެހެމަލް ތިގޭގައި އުޅޭހާ ދުވަހަކު ، ޙައިދަރާ އެހެން އަންހެނަކާ ދެމެދު ގާތްކަމެއް އުފެދުނަކަ ނުދޭނެއެވެ. އެއީ މާކުރީއްސުރެ މެހެމަލް ބުނެފައި އޮތް ނަދުރެކެވެ. " ޝާހިދުގެ އަޑަށް ބާރުލާފައި ބުންޏެވެ.

ފިރިހެނނުންނަކީ ، އަބަދު ގޯސް މީހުންނަކަށް ނުވާނެއެވެ. ބައެއްކަހަލަ ކަންކަމަކީ ، ފިރިހެނުން ސާބިތުކޮށްދޭންޖެހޭ ކަންކަމަށް ވެދާނެއެވެ. އެކަމަކު ، އަންހެނަކު ބޭނުންވާ ހުރިހާކަމެއް ފިރިހެނެއްގެ ފަރާތަކުން ނުފުދޭނެއެވެ. އެކަމަކުވެސް ، އަންހެނުންނާ އަންހެނުންނަކީ ތަފާތު ބަޔެކެވެ. މަދު އަންހެނަކު ފިޔަވާ ، އަނެއް އަންހެނާއަށް ހެވެއް ނޭދޭނެއެވެ. މަންމަގެ ފުރާނަ މިހާރު އެއޮތީ ޙައިދަރުގެ އަތްދަނޑިމަތީގައެވެ. ޙައިދަރުގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ލޮލުން ފެންނަ ދިރުމެއްނެތް އަލިކަން އެއީ ، ކުލްސޫމަށް ތަކުލީފު ލިބޭނެ ކަންކަމެވެ.

ޙައިދަރާއި ދިލްނަޝީނާ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ޚިލާފުތަކާމެދު ، ތަނެއްގައި ހަމަޖެހިލައި އިށީނދެލައިގެންތިބެ ވާހަކަ ދައްކައި ތަންކޮޅެއް އަވަހަށް ޙައްލު ކުރުމަށް ޝާހިދު ލަފާދިނެވެ. ޝާހިދުގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ، އޭނާ އަބަދުވެސް ހުންނާނެކަމުގައި ބުންޏެވެ.

ޙައިދަރު ނުކުންނަން ހިނގައިގަތުމާއެކީ ، ޝާހިދު އޭނާއަށް ގޮވައިލިއެވެ.

" ޙައިދަރެވެ ! އަހަރެންނަކީ ޙައިދަރުގެ ގާތް ރަޙުމަތްތެރިއެކެވެ. ކުޑައިރުއްސުރެ ރައްޓެހި ދެމީހުންނެވެ. ބައެއްކަހަލަ ތަކުލީފަކީ އެކަނި އުފުއްލޭވަރަށްވުރެ ބޮޑު އެއްޗެއްކަން ހަނދާން ކުރައްޗެވެ. " ޝާހިދު ބުންޏެވެ.

ދެމީހުން ކިޔެވީ އެކުއެކީގައެވެ. ޝާހިދު ކިޔަވަން ބޭނުންވީ މެޑިސިންއެވެ. ޙައިދަރު ބޭނުންވީ އާރކިތެކްޗަރަކަށް ވާށެވެ. ދެމީހުންނަކީވެސް އެއްމިޒާޖެއްގެ އަދި ވިސްނުމާއި ފިކުރު އެއްގޮތް ދެ ރައްޓެހިންނެވެ. ބައެއްކަހަލަ ތަކުލީފު އެއީ އެހެންމީހުންނާ ނުބައްސާ އެކަނިން އުފުއްލަންޖެހޭ އެއްޗެއްކަމުގައި ބުނަމުން ، ޙައިދަރު ނުކުތެވެ.

ކުލްސޫމް ގެޔަށް އައުމާއެކީ ، ދިލްނަޝީންގޮސް ، ކުލްސޫމާ ބައްދަލުކޮށް ވާހަކަ އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ޙައިދަރުގެ ފަރާތުން އެއްވެސް ކަމެއް ދިލްނަޝީނަކަށް އޮޅުމެއް ނުފިލިއެވެ.

ކުލްސޫމް ބުނިގޮތުގައި ، ފާޑުފާޑުގެ މެޝިންތައް ގުޅައިގެން އެކިގޮތްގޮތަށް ޓެސްޓްތަކެއް ހެދިއެވެ. އެއީ ކީއްވެގެން ހަދާ ޓެސްޓްތަކެއްކަމެއް ކުލްސޫމަކަށްވެސް ނޭނގެއެވެ. ކުލްސޫމް ދިލްނަޝީނަށް ގޮވައިލިއެވެ.

" ދަރިފުޅާއެވެ ! އަހަރެންނަށް ހެޔޮދުޢާ ކޮށްލަދެއްޗެވެ. އަހަރެން މިހުރީ ވަރަށް ބޮޑަށް ، ދިލްނަޝީންގެ ހިތުގައި ޖައްސާފައެވެ. ދިލްނަޝީންގެ ހިތުގެ ބަދު ދުޢާ އަހަރެންނަށް ނުލިބިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. " ރޮމުންރޮމުން ކުލްސޫމް ބުންޏެވެ.

ކުލްސޫމްގެ ވާހަކަތަކުން ދިލްނަޝީންގެ ހިތަށްވެސް އަސަރު ކުރިއެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ކުލްސޫމްގާތު ، ދިލްނަޝީން ބުންޏެވެ.

އެ މެޝިންތެރޭގައި އޭނާ އޮތްއިރު ، އެކިފަހަރު އެކި ޓެސްޓް ހަދަމުން ގެންދިޔައިރު ، ކުލްސޫމަށް ކުރެވުނު ކުށްފާފަތަކުގެ މަތިން ހަނދާންވަމުންދިޔަ ކަމުގައި ކުލްސޫމް ބުންޏެވެ. އޭގެ ތެރެއިން އޭނާއަށް ކުރެވުނު އެންމެ ބޮޑު ފާފަޔަކީ ، ދިލްނަޝީން ހިތުގައި ޖެއްސުމެވެ. އަދި އޭނާއަށް އެކުރެވުނު ކުށަށް މަޢާފުކޮށްދިނުމަށް ދިލްނަޝީންގެ ކިބައިން އެދުނެވެ. އަދި ދިލްނަޝީންގެ މަންމަގެ ކިބައިންވެސް މަޢާފަށް އެދެން ބޭނުންވާކަމުގައި ކުލްސޫމް ބުންޏެވެ.

ދިލްނަޝީން ، ކުލްސޫމްގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި އެކަހަލަ ވާހަކަ ނުދެއްކުމަށް އެދުނެވެ.  މައިންބަފައިންނަކީ ، އަބަދުވެސް ، ދަރިންނަށް އެންމެ ރަނގަޅުގޮތް އެދޭނެމީހުންނެވެ. ޚާއްޞަކޮށް މައިންނަކީ ، ދަރިންދެކެ ލޯބިވާނެ ބަޔެކެވެ. ދަރިންނަށް ދެރަގޮތެއްވާކަށް މައިންނެއް ނޭދޭނެއެވެ.

މަންމަގެ ރިޕޯޓް ލިބޭނީ ކޮންއިރަކުންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޝާހިދު ބުނިގޮތުންވިއްޔާ ހަފުތާއެއް ދެހަފުތާއެއްވަރު ވާނެއެވެ. މަންމަޔާއެކީ ، ދިލްނަޝީނަށް ނުދެވުނީތީ މަޢާފުކުރުމަށް ދިލންޝީން އެދުނެވެ.  އޭނާއަށް ނުހޭލެވުނީއެވެ. އެއްވެސްމީހަކު ގޮވައިވެސްލީކީ ނޫނެވެ.

އެއީ ކަމެއްނޫންކަމަށް ކުލްސޫމް ބުންޏެވެ. އެތައް ޓެސްޓެއް ހެދިއެވެ. އެތަން ފެނުނީމަ ދިލްނަޝީންވެސް ބިރުގަނެ ކަންބޮޑުވާނެއެވެ. ދިލްނަޝީންގެ ލޮލުން ފާއްދާލާފައިހުރި ކަރުނަތައް ފުހެލައި ކުލްސޫމްގެ ފައިމަތީ ބޯއަޅައިލިއެވެ. އޭރުވެސް ، އޭނާއަށް މަޢާފުކޮށްދިނުން އެދި ދިލްނަޝީންގެ ބޮލުގައި ފިރުމަމުން ކުލްސޫމް އެދެމުން ގެންދިޔައެވެ. މަންމަ އެއުޅެނީ ޙަމްޒާ ބުނިގޮތަށް ބަލިވެގެންކަމަށް އަމިއްލަޔަށް ހެދިގެންނޫންކަން ދިލްނަޝީނަށް ވިސްނުނެވެ.

ޙަމްޒާމެންގެ ގޭގެ ކާމޭޒުމަތީ ، އެންމެން ކެއުމަށް އިންސާފުކުރަމުން ގެންދިޔައެވެ. ޞާދިޤްގެ އޮފީހުގައި ހާރޫންބޭބެ އިންއިރު ކޮންކަހަލަ އިޙްސާސެއްތޯ ކުރެވުނީ ބުޝްރާ ސުއާލު ކުރިއެވެ. ޞާދިޤް އޭނާގެ ވިޔަފާރި ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމުގައި ހާރޫން ބުންޏެވެ. ބުޝްރާވެސް އޮފީހަށް ނުކުންނަން ނިންމިކަމުގައި ބުންޏެވެ. ރިދާވެސް އޮފީހަށް ގެންދާނެއެވެ. އޭރަށް ބުޝްރާއަށް ރިދާވެސް އެހީތެރިވާނެއެވެ. އެއީ ވަރަށް ރަނގަޅު ނިންމުމެއްކަމަށް ހާރޫން ބުންޏެވެ. އެހެންނަމަވެސް ، ޙަމްޒާއަށް ލިބުނީ ޙައިރާން ކަމެކެވެ. މީގެ ކުރިން ބުޝްރާ އޮފީހަށް ނުކުމެ މަސައްކަތް ކޮށްފައެއް ނުވެއެވެ. އެއީ މަންމަޔަށް ފަސޭހަކަމަކަށް ނުވާނެކަމުގައި ޙަމްޒާ ބުންޏެވެ. ޒަމާނާއެކު ވަގުތުވެސް ބަދަލު ވެއްޖެއެވެ. ކަންކަން ދަސްކޮށްގެން އަމިއްލަޔަށް ކުރަންޖެހިފައިވާކަމުގައި ބުޝްރާ ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.