ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވަނީ

މި އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފައްޓައިފިއެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ފަހު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު، ޕީއެސްއެމަށް ރޭ ދެއްވި އިންޓަރވިޔުގައި ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށާ، އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި ޢީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަނިކުފާނު ޕީއެސްއެމަށް ރޭ ދެއްވި އިންޓަރވިޔުގައި އީދަށް ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއްކަމާ، މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މި ދިޔަ އަހަރު ކަމަށް ވިދާޅުވިއެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ޙަރަކާތަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް ޢީދުލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާލޭސިޓީގައި ޢީދުލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށާ، މި ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޢީދަށް މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ޙަރަކަތްތެރިވެ ވަޑައިގަންނަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިޠުރުޢީދުގައި ދިއްލައިލެވިގެންދާނެއެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ދިއްލުމުގެ ޙަރާކާތު ކޮމިޓީން މަޢުލޫމާތު ދެއްވިއެވެ.

މި އަހަރު "ޢީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.