
( 20 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ސަންދޯކެއްހެން ހީވާ މެޝިންތަކަކަށް ލައިގެންނާއި ފާޑުފާޑުގެ އެއްޗެތި ގައިގަ ތަތްކޮށްގެން އެހަދާ ޓެސްޓްތަކުން ، ކުލްސޫމަށް ތަކުލީފު އެބަލިބޭކަމަށް ކުލްސޫމް ބުންޏެވެ. އަދި ، އެހާގިނަ ޓެސްޓްތަކެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ސުއާލުކޮށް ޝަކުވާ ކޮށްގަތެވެ. އެވަގުތު ، ޑޮކްޓަރ ޝާހިދުވެސް އެތަނަށް އަތުވެއްޖެއެވެ. ކުލްސޫމްގެ ޝަކުވާތައް ޝާހިދަށް އިވުނެވެ. ޝާހިދު އެއްޗެއް ބުނެގެންނޫނީ ކުލްސޫމް މައިތިރި ނުވާނެކަން ޝާހިދަށް ވިސްނުނެވެ. ވެގެންއުޅޭގޮތެއް އެނގޭނީ ޓެސްޓް ހަދައިގެން ނޫންހޭ ޝާހިދު ބުންޏެވެ. ދެން ކުރިމަތިވި ސުއާލަކީ ޖަވާބުދޭން އަދިމާ އުނދަގޫ ސުއާލެކެވެ. އޭނާއަށް ވެގެން އުޅޭގޮތަކާބެހޭ ގޮތުން ކުރެވުނު ސުއާލެވެ. ޙައިދަރުވެސް އަދި ޝާހިދުވެސް އެވަގުތު ނޭވާ ހިފަހައްޓާލަން ޖެހުނެވެ. ދެމީހުން ދެމީހުންނަށް ބަލައިލެވުނެވެ.
ޝާހިދު އެއްޗެއް ބުނަންޏާ ބުނާނީ ރަނގަޅަށެވެ. އެކަން އޮންނަ ގޮތަށެވެ. އެހެންކަމުން ، ޝާހިދު އެއްޗެއްބުނުމުގެ ކުރިން ، ޙައިދަރު ވާހަކަ ދައްކަން ފެއްޓިއެވެ. އެއީ ، އެއްވެސްކަމެއްނޫނެވެ. އެކްސްރޭ އާއި ސީޓީސްކޭންފަދަ ޓެސްޓަކީ މީހާ މުސްކުޅިވަމުންދާ ވަރަކަށް ކުރަންޖެހޭ ކަންކަންކަމުގައި ޙައިދަރު ބުނަމުން ގެންދިޔައެވެ. ޙައިދަރުގެ ޖަވާބުންނާއި ޝާހިދުގެ ޢަމަލުތައް ހުރިގޮތުން ، މެހެމަލްގެ ހިތުގައިވެސް ، ކުލްސޫމެކޭ އެއްގޮތަށް ޝައްކުތަކެއް އުފެދުނެވެ. ޙައިދަރާއި ޝާހިދު ، ކޮންމެވެސްކަމެއް އެބަ ފޮރުވާކަމަށް މެހެމަލްގެ ސިކުނޑިޔަށް ވިސްނުނެވެ.
" އަނެއްކާ އަހަރެން މަރުވާން ތައްޔާރުވަނީކީ ނޫންހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.
ކުލްސޫމްގެ ސުއާލުން ޙައިދަރުގެ ހިތަށް ކުރިއަސަރުން ކުއްލިޔަކަށް ތެދުވެވުނެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް މަންމަގާތު ޙައިދަރަށް ބުނެވުނެވެ. އެވަރަކުންވެސް ، ކުލްސޫމްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. އެންމެ ފަހުން ކަންބޮޑުވެގެންގޮސް ، ޙައިދަރުގާތަށް ރުޅި އައެވެ. ޝާހިދުމެންނަކީ ބޭނުމެއްނެތް ބަޔެއްކަމަށާއި ، މީހުންނަށް އެހާ އަނިޔާލިބޭކަހަލަ ޓެސްޓްތައް ނުހަދާ ބައްޔެއްގެ އަޞްލު ހޯދައިލަންވެސް ނޭނގޭނެކަމަށް ބުނެ ޝާހިދުމެންފަދަ ޑޮކްޓަރުން ގޯސްކުރިއެވެ.
ހޮސްޕިޓަލަށް ނުދެވުނީމަ ، އެކަމާ ދިލްނަޝީން ކަންބޮޑުވެފައި ހުއްޓާ އޭނާއަށް ފޯނެއް އައެވެ. އެއީ ޙަމްޒާއެވެ. އޭނާ ގުޅާތާ އެތައް އިރެއްވެއްޖެކަމަށާއި ފޯނުނުނަގަނީ ކީއްވެތޯ އަހައި ، ދިލްނަޝީނާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ. ދިލްނަޝީން އުޅުނީ ފާޚާނާގައި ކަމަށް ބުނުމުންވެސް ޙަމްޒާ މައިތިރިވާގޮތެއް ނުވިއެވެ. އޭނާ ވާހަކަ ދައްކަދައްކާ ހުއްޓާ ފޯނުކަނޑައިލުމުން އެކަމާ ޝަކުވާ ކުރިއެވެ. އެކަމާގުޅިގެން ޙަމްޒާގާތަށް އައިސްހުރި ރުޅި ، އަދިވެސް މައިތިރިއެއް ނުވެއެވެ.
ދިލްނަޝީނަށް ވަރަށްބޮޑު ގޯހެއް ހެދިއްޖެކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރުގެ މަންމަގޮވައިގެން ސީޓީސްކޭނެއްހަދަން ހޮސްޕިޓަލަށް ................
" ތިގޭގައި އުޅޭހާމީހެއްގެ ކަންކަމަށް އަހަރެންގެ ޝައުޤުވެރިކަމެއް ނެތެވެ. އެ މުސްކުޅިމީހާ އެއުޅެނީ ބަލިވެގެންކަމަށް ހަދައިގެން އަނެއްކާވެސް ، ދިލްނަޝީން ބްލެކްމެއިލްކޮށްގެން ، ގިނަދުވަސްތަކެއްގައި ދިލްނަޝީން ހައްލާލައިގެން ގެންގުޅެން ވެގެންނެވެ. އެމީހާގަނޑު މަރުވަންދެން އަހަރެން މަޑުކުރަންވީ ހެއްޔެވެ ؟ " ދިލްނަޝީން ވާހަކަ ދައްކަން ފުރުޞަތުނުދީ ، ޙަމްޒާ ހަޅޭއްލަވަމުން ގެންދިޔައެވެ.
ޙަމްޒާ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދުވަސްވީ މީހުންނާބެހޭގޮތުން އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެއެވެ. މައިދައިތަގެ މައްޗަށް ދިލްނަޝީންގެ ހިތުގައި ހާދަ ބޮޑު ހަމްދަރުދީއެއް އެބައޮތޭ ބުނެ ޙަމްޒާ މަލާމާތް ކޮށްގަތެވެ.
ނޫނެކެވެ. ދިލްނަޝީން ބުންޏެވެ. އެއީ އިންސާނިއްޔަތަށްޓަކައި ، ޙައިދަރުގެ މަންމަގެ މައްޗަށް ، އޭނާގެ ހިތުގައި އުފެދިފައިވާ ހަމްދަރުދީއެކެވެ. އެއީކީ ، ޙަމްޒާ އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. ޙައިދަރު ގެޔަށް އައިމަ ، މިއަދުން މިއަދަށް ވަރިވުމާބެހޭ ވާހަކަ ދެއްކުމަށް ޙަމްޒާ އަމުރު ކުރިއެވެ. ޙައިދަރުބުނަނީ ބުނަނީ ކީކޭތޯ ބަލަން ޙަމްޒާ ނުހުންނާނެކަމަށް ބުންޏެވެ. ވަރިކޮށްފިއްޔާ މައްސަލައެއް ނެތެވެ. ވަރިނުކޮށްފިއްޔާ އެމީހުން ކޯޓަށްދާނީކަމަށް ޙަމްޒާ ބުންޏެވެ.
ދިލްނަޝީންގެ ނަޒަރުގައި ، ޙަމްޒާ މިހާރު ދައްކަމުން އެގެންދަނީކީ އެހާ ހަމަޖެހޭ ވާހަކަތަކެއްނޫނެވެ. ދިލްނަޝީން އިނީ ޙަމްޒާގެ ވާހަކަތަކުން ޙައިރާންވެ ދެލޯބޮޑުވެފައެވެ. ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ. މިހާރު އެވާހަކަތައް އެދަނީ އޭނާގެ ބޯމަތިންނެވެ. ކަންފަތަކަށް ލައްވައެއް ނުލައެވެ.
ދިލްނަޝީންގެ ހިތްހުއްޓުނީތޯ ޙަމްޒާ ސުއާލު ކުރިއެވެ. އަދި އަނގައިން ނުބުނެ އެހުރީ ކީއްވެތޯ ސާފުކޮށްދޭން ބުންޏެވެ.
" އަހަރެން މި ވިސްނަނީއެވެ. ޙަމްޒާއަށްވެސް ، ޙަމްޒާގެ ލޯބީގެ ދަރަޖަ އަންގައިދޭން ޖެހޭނެއެވެ. " ދިލްނަޝީން ބުންޏެވެ.
ޙަމްޒާއަށް ވާހަކަ އެދެއްކުނު ރާގާއި ބަސްމަގަށްޓަކައި ދިލްނަޝީންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި އޭނާގެ ޙާލަތާމެދު ވިސްނައިލުމަށް އެދުނެވެ. ކެތްކުރަމުން ކުރަމުންގޮސް ، އޭނާ އެހުރީ އިތުރަށް ކެތްކުރެވޭވަރަށްވުރެ މަތީގައެވެ.
" ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ، ދިލްނަޝީން ތިހުންނަނީ ޙައިދަރާއެއްތާކު ، ޙައިދަރުގެ އަނތްބެއްގެ ގޮތުގައެވެ. ދިރިއުޅެމުން ތިގެންދަނީ އޭނާއާ އެކީގައެވެ. އެކަންކަމާގުޅިގެން އަހަރެންގެ ހިތުގައި އަޅާނެވޭން ، ދިލްނަޝީނަށް އިޙްސާސެއް ނުކުރެވޭނެއެވެ. އަހަރެން ، ދިލްނަޝީންދެކެ އިންތިހާއަށް ލޯބި ވެއެވެ. އެބަސް ތަކުރާރު ކުރާށެވެ. އަހަރެން ދެކެ ލޯބިވަމޭ ބުނެލާށެވެ. " ޙަމްޒާ ބުންޏެވެ.
ދެން އެންމެ ރަނގަޅެވެ. ދިލްނަޝީންގެ އެބަސް ނުނިމިގެން އުޅެނިކޮށް ، ކޮން ދެން އެންމެ ރަނގަޅެކޭ ބުނާކަށްހޭ ބުނެ އަނެއްކާވެސް ދިލްނަޝީނާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ. އަދި ، ދިލްނަޝީންގެ ދުލުން " އަހަރެން ލޯބިވަމޭ " ބުނެ އެބަސް ތަކުރާރު ކުރުމަށް ބުންޏެވެ. އަހަރެންވެސް ލޯބިވަމޭ ބުނާށޭ ބުނެ ، ޙަމްޒާގެ އަޑު ބާރުކޮށްލިއެވެ.
" އަހަރެންވެސް ޙަމްޒާދެކެ ލޯބިވަމެވެ. " ދިލްނަޝީން ބުންޏެވެ.
އެހިސާބުން ޙަމްޒާ މައިތިރި ވިއެވެ. އަދި ، ޙައިދަރު ގެޔަށް އަންނަތަނުން ވަރީގެ ވާހަކަ ފެއްޓުމަށް ބުންޏެވެ. ޙައިދަރު ދައްކާ ބަހަނާގެ އަޑު ނޭހުމަށް ދިލްނަޝީނަށް އެންގިއެވެ. ދިލްނަޝީންގެ ރީތިކަމާއި ފުރިހަމަކަން ފެނިފައި ، ދިލްނަޝީން ދޫކޮށްލުމަކީ ޙައިދަރަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމަކުވެސް ދިލްނަޝީން އޭނާގެ ގޮތް ދޫނުކުރުމަށް ޙަމްޒާ އެދުނެވެ. އަދި ސީދާ ޕޮއިންޓަށް ގޮސް ، ބޭކާރު ވާހަކަ ނުދައްކާ ހަމައެކަނި ވަރީގެ ވާހަކަ ދެއްކުމަށް ނަޞޭޙަތްލައިދިނެވެ. އަދި ދިލްނަޝީންދެކެ ، ޙަމްޒާ އިންތިހާއަށް ލޯބިވާކަމުގައި ބުންޏެވެ. އެއަކަށް ދިލްނަޝީން ޖަވާބެއް ނުދެއެވެ. ހަމައެކަނި ، ބޯޖަހާލާފައި ހީލީއެވެ.
ޙަމްޒާގެ ޖަޒުބާތީ ވާހަކަތަކުން ދިލްނަޝީނަށް އަސަރު ކުރިއެވެ. ހަމއެއާއެކީ ، ޙައިދަރުގެ މަންމަޔާ ގޭތެރޭވެސް ހަމްދަރުދީ އުފެދުނެވެ. އެދެމީހުންގެ ތެރެއިން ދިލްނަޝީން ބޮޑަށް ވިސްނަންވީ ކާކާދޭތެރޭގައިތޯ އޭނާގެ ހިތާ ސުއާލުކުރަމުން ގެންދިޔައެވެ. އެތައް އިރަކު ވިސްނާ ވިސްނާވެސް ، ހަދަންވީގޮތެއް އޭނާގެ ހިތަކަށް ބުނެއެއް ނުދެވުނެވެ.
ދިލްނަޝީން އެހުރީ ޙަލާލު ކައިވެންޏެއްގެ މަތީގައެވެ. އެ ކައިވެންޏަކީ ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏެއްކަމަށްވިޔަސް ، ކައިވެނި ދެމެހެއްޓުމަކީ ، ދިލްނަޝީންގެވެސް ވާޖިބެކެވެ. އެވާޖިބު ފުރިހަމަކުރުމަށްޓަކައި ދިލްނަޝީން ކުރަންޖެހޭ ކަންކަމާއި އުފުއްލަންޖެހޭ ޒިންމާތައް ، ކުލްސޫމާއި އަނީސާގެ ފަރާތުން ކޮންމެ ސިފައެއްގައިނަމަވެސް ލިބެމުން އެބަދެއެވެ.
ދެންހުރީ ޙަމްޒާއެވެ. އެފަރާތުގައި އެހުރީ ޙަމްޒާ އެކަންޏެވެ. ޙަމްޒާގެ ޢާއިލާގެ އެންމެންވެސް ދިލްނަޝީނާ ދެކޮޅެވެ. ޙަމްޒާ ދިލްނަޝީނާ ކައިވެނި ކުރިޔަސް ، އެކަންކުރަންޖެހޭނީ ، އާއިލާގެ ނުރުހުމާއި ޖެއްސުންތަކާ އެކީގައެވެ. ކުރިންވެސް ދިލްނަޝީންވަނީ ޙަމްޒާގެ ޢާއިލާގެ " އޯގާތެރިކަން " ފިސާރި ރަނގަޅަށް ތަޖުރިބާ ކޮށްފައެވެ.
ޙަމްޒާގެ ވާހަކަތަކަށްބަލާއިރު ، ޙަމްޒާ އެދައްކަނީ ހަމައެކަނި އޭނާއަށް ވިސްނައިގެން ދައްކާ ވާހަކަ ތަކެކެވެ. ދިލްނަޝީންގާތުގައި ކުރަން އެބުނަނީ ، ދިލްނަޝީނަށް އުނދަގޫ ، އެހެނަސް ޙަމްޒާގެ އަމިއްލަ އެދުމާ އެއްގޮތަށް ކުރަންޖެހޭ ކަންތައް ތަކެކެވެ. އެންމެ ދެރަވެގެން ، ދުވަސްވީ މީހުންގެ ކަރާމާތަށްވެސް ޙަމްޒާއަށް ބަލައެއް ނުލެވެއެވެ. ޙަމްޒާއަކަށް އެހެންމީހުންގެ އިޙްސާސް ދެނެގަންނާކަށް ނޭނގެއެވެ. އެހެންމީހުންގެ އިޙްސާސަށް އިޙްތިރާމް ކުރާކަށް ނޭނގެއެވެ. އެއީ ، ޙަމްޒާގެ ކެތްތެރިކަން ނެތީއޭ ބުނެ ދޫކޮށްލެވޭވަރަށްވުރެ ، މުހިންމު މައްސަލައެކެވެ.
ވަރިޔަކީ ، ދުނިޔެމަތީ އިންސާނާކުރާ ޢަމަލުތަކުންކުރެ ، ﷲ އެންމެ ރުހިވޮޑިގެންނުވާ ޢަމަލެވެ. ދިލްނަޝީނަށް ޙަމްޒާ ، ބާރުއަޅަމުން އެގެންދަނީ އެފަދަ ކަމެއްކުރުމަށް އިސްނެގުމަށެވެ. އަންހެނަކަށްވެ ހުރެއެވެ. ފިރިހެނުންނަކީ ، ފިރިމީހާއަށް ސަޖިދަކުރަން ، އިސްލާމްދީނުގައި ހުއްދަ ކުރެވޭނަމަ ، އެކަންކުރުމަށް އަންހެނުންނަށް އަންގަވާނެކަމަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވާކަމަށް ޢިލްމުވެރިން ވިދާޅުވާފަދަ ، އަނބިންގެ ކުރިމަތީ އަގުހުރި ބަޔެކެވެ.
ދީނީ މިންގަނޑުންނާއި އަދަބީ މިންގަނޑުން އަދި ޖަމާޢަތުގެ އާދަކާދައިގެ ތެރެއިން ، ވަރިޔަކީ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައި މެނުވީ ކުރަން ހުއްދަ ކުރެވޭކަމެއްނޫނެވެ. އެއީ ، ޤާޟީއެއްގެ ކުރިމައްޗަށްގޮސް ، އަންހެންމީހާއާއި ފިރިހެންމީހާ ވާހަކަ ދައްކައި ، އެކަން ޙައްލު ނުވެއްޖެނަމަ ، ޞުލްޙަވެ އެކުގައި އުޅެން މުއްދަތެއްދީ އެމުއްދަތުގައިވެސް ދެމީހުންނަށް އެއްގަލަކަށް ނޭރިއްޖެ ޙާލަތެއްގައި މެނުވީ ، އަދި ޢަދުލުވެރި ޤާޒީއެއްގެ ހުއްދަ ލިބިގެން މެނުވީ ނުކުރެވޭ ކަމަކެވެ. އަދި ، ޤާޒީގެ ހުއްދަ ނުލިބިކުރެވޭ ވަރިޔަކީ ބޮޑު ޢަދަދުތަކުން ޖޫރިމަނާވާ ޢަމަލެކެވެ.
ދިލްނޝީންގެ ހިތް ، އޭނާބޭނުންވާގޮތެއް އެހިސާބުންވެސް ، ބުނެއެއް ނުދިނެވެ. ސައިޑް ޓޭބަލްމަތީ ބެހެއްޓިފައިހުރި ، އޭނާގެ ކައިވެނީގެ ފޮޓޯއަކަށް ދިލްނަޝީން ބަލައިލިއެވެ. އެފޮޓޯގައި އެތިބީ ، ޙައިދަރާއި ދިލްނަޝީނާ ދެމަފިރިންނެވެ. މާބޮޑު ރައްޓެހިކަމެއް ކުރިން އުފެދިފައި ނެތަސް ، ކައިވެނީގެ ރޭ ނެގުނު އެފޮޓޯއިން ފެންނަނީ އެއީ ދެ ރަޙުމަތްތެރިންގެ ގޮތުގައެވެ. ދެމީހުން ދެމީހުންގެ ލޮލަށް ބަލަހައްޓައިގެން ، ހިނިތުންވެފައި ތިބިތަން ފެނުމުން އެއީ ލޯބިންގޮސް މަރުވާވަރަށް ލޯބިވާ ދެމީހުންކަމަށް ، އެމީހުން ނުދަންނަ މީހުން ނިންމާނެއެވެ.
ދިލްނަޝީން ، އެފޮޓޯނަގައި ، ރަނގަޅަށް ބަލައިލުމަށްފަހު ، ބަންޑުން ބޭއްވިއެވެ. އެއީ ބޭނުންކަމެއް ނޫންކަން ދޭހަވާފަދަ ފަރުވާކުޑަ ގޮތަކަށެވެ. އެއީ އޭނާގެ ހިތުގެ ނިންމުމެވެ. ސިކުނޑީގެ ނިންމުންކަމަށް ނުވެހިނގައިދާނެއެވެ. ( ނުނިމޭ )