
( 19 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެދެމީހުންގެ ގުޅުމާމެދު ދިލްނަޝީން ވަކިގޮތެއް ނިންމާނީ ، މަންމަގެ ބައްޔަށް ލުޔެއް ލިބުނީމައެވެ. ބަލިވެ އުޅެނިކޮށް ، މައިދައިތަޔަށް އިތުރު ތަކުލީފެއް ލިބޭނެގޮތެއްވާކަށް ދިލްނަޝީންވެސް ބޭނުމެއް ނޫނެވެ. މަންމަގެ އަޞްލު ބަލީގެ ވާހަކަ އެއްވެސް މީހަކުގާތު ބުނާކަށް ، ޙައިދަރު އަދި ބޭނުމެއްނޫނެވެ. އެވާހަކަ އެހެންމީހުންގާތު ބުނާނީ ބަލަންވާވަރަށް ބަލާފައި ، އެކަން ޙައިދަރަށް ޔަޤީންވާ ހިސާބުންނެވެ.
ހެނދުނު ތެދުވިއިރު ، ކުލްސޫމްގެ ބޮލުގައި ރިއްސާވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ގައިގެ ވަރުވެސް އެހާ ދެރައެވެ. ކުލްސޫމާއެކީ އޭނާއަށް އެހީތެރިވާން އުޅެނީ މެހެމަލް އެވެ. ޙައިދަރު އެ ކޮޓަރިޔަށްވަނމަށްފަހު ، ތައްޔާރުވެލަން ކުލްސޫމްގާތު ބުންޏެވެ. އިތުރު ޓެސްޓްތަކެއް ހަދަން ހޮސްޕިޓަލަށް ދާންޖެހިގެންނެވެ. އެހެންނަމަވެސް ، ހޮސްޕިޓަލަށް ދާކަށް ކުލްސޫމް އެއްބަހެއް ނުވިއެވެ. ޝާހިދުގާތު ބުނެގެން ، ބޭނުންވަރަކަށް އޭނާގެ ގައިން ލޭނަގަންވީއެވެ. ޝާހިދު ގެޔަށް ގެނެސް ލޭ ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުލްސޫމް އެދުނެވެ. ލޭނަގަން ބޭނުންނުވާ ކަމަށާއި ، އެކްސްރޭ ނަގައި ސިޓީސްކޭންނެއް ހަދަންޖެހޭކަމަށް ޙައިދަރު ބުންޏެވެ. އެއިން އެއްވެސް ކަމެއް ކުރާނެކަމެއް ނެތްކަމަށް ކުލްސޫމް ބުންޏެވެ. ބްލަޑް ޕްރެޝަރގެ ބެހުގެ ޑޯޒް ތަންކޮޅެއް މަތިކޮށްލީމަ ރަނގަޅުވެދާނެއެވެ.
ބޮޑުދައިތަގެ ޢުމުރާ ބަލާއިރު ، ބޭހަށް މިހާރު ނުގުޑަނީކަމަށް މެހެމަލްވެސް ބުންޏެވެ. ހަދަން އެބުނާ ޓެސްޓްތައް އެއީ ވަރަށް މުހިންމު އެއްޗެކެވެ. ބޭހަށް ހަދަންޖެހޭ ގޮތެއްވެސް އެނގޭނީ ޓެސްޓްހަދައި ވާގޮތެއް އެނގިގެންނެވެ. ބޮޑުދައިތަ ތައްޔާރު ވެލަން ބުނަމުން އޭނާވެސް އެބަ އަންނަމޭ ބުނެ މެހެމަލް ހިނގައިގަތެވެ.
" ނޫނެކެވެ ! މެހެމަލް ދާނެކަމެއް ނެތެވެ. މަންމަޔާއެކީ ހޮސްޕިޓަލަށްދާނީ ދިލްނަޝީނެވެ. އަހަރެންވެސް ތައްޔާރުވެލައިގެން ، ދިލްނަޝީން ގޮވައިގެން އެބަ އަންނަމެވެ. މަންމަ ތަންކޮޅެއް އަވަހަށް ރީތިވެލާށެވެ. " ޙައިދަރު ބުންޏެވެ.
އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ، ދިލްނަޝީން ދާކަން އެނުގީމަ ، ކުލްސޫމްވެސް ، މައްސަލައެއް ނުޖައްސައި ހޮސްޕިޓަލަށްދާން އެއްބަސްވިއެވެ. އެކަމަކު ، މެހެމަލްގެ ހިތް ހަލާކުވިއެވެ. ޙައިދަރާއި ބޮޑުދައިތަގެ ހިތް އަތުލައިގަތުމަށްޓަކައި ލިބިފައި އެއޮތް ރަނުގެ ފުރުޞަތުން ، ރަވިފުކެއްގެ މިންވަރުވެސް ދޫކޮށްލާކަށް މެހެމަލް ބޭނުމެއްނޫނެވެ. އެނގިގެންނަމަވެސް ، ނޭނގިނަމަވެސް ، އޭނާގެ މަގަށް ޙައިދަރު އެބަހުރަސް އަޅާކަމުގައި މެހެމަލްގެ ހިތަށް އެރިއެވެ. ދިލްނަޝީންގެ މައްޗަށް ، ކުލްސޫމުގެ ހިތް ގޯސްވެދާނެ އެއްވެސްކަމެއްވާކަށް ޙައިދަރެއް ބޭނުމެއް ނުވެއެވެ. ޙައިދަރަށް ކިތަންމެ ބޮޑު ޤުރުބާނީއެއްވާން ޖެހުނަސް އެންމެ ރަނގަޅެވެ. އެކަމެއްގެ ޒިންމާ ޙައިދަރު އެބަ ނަގައެވެ. އެއީ މެހެމަލްގެ މަގަށް އެޅޭ ހުރަހެކެވެ. ޙައިދަރު އެހުރީ ، ދިލްނަޝީނާއެކީ އުޅެން ފޫހިވެފައެވެ. އެހާ ތަކުލީފުވެސް ، ދިލްނަޝީންގެ ފަރާތުން އެބަލިބެއެވެ. އެކަމަކުވެސް ، ދިލްނަޝީންގެ މައްޗަށް މަންމަގެ ހިތް ގޯސްވެދާނެ އެއްވެސްކަމެއް ވިޔަކަ ނުދެއެވެ.
ދިލްނަޝީން ތައްޔާރު ވީމަ ގޮވައިގެން އަންނާނަމޭ ކިޔައި ފޮނިކަނޑާފަ ، ޙައިދަރު ކޮޓަރިޔަށް އައިއިރު ، ދިލްނަޝީން އޮތީ ގަދަ ނިދީގައެވެ. ޙައިދަރު ، ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އެއަށްފަހު ، މޭޒުދޮށަށްގޮސް ، މޭޒުމަތީ ހުރިތައްޓެއް ބާރަށް ބެހެއްޓިއެވެ. ދިލްނަޝީނަކަށް ހިލަމެއް ނުވެއެވެ. ފެންތަށްޓެއް އަޅައި ބޮއިލުމަށްފަހު ، އެތަށިވެސް މޭޒުމަތީ ބާރަށް ބެހެއްޓިއެވެ. އަދިވެސް ، ދިލްނަޝީނަކަށް ހެޔެއް ނުލެވެއެވެ.
ލޯބިން ގިލިގިލި ކޮށްޓާލާފައި ، އޭނާއާ ދިމާލަށް ދިލްނަޝީން އަނބުރުވައިލަން ޖެހޭކަހަލަ ދަނޑިވަޅެކެވެ. ދިލްނަޝީންގެ މޫނުމައްޗަށް ވެއްޓި ، އެމޫނުގެ ނަލަފަރިކަން ގެއްލިފައި އޮންނަ ވަގުތު އޭނާއާދިމާލަށް މޫނުއަނބުރާލާފައި އެމޫނުގައި ނުހަނު ލޯބިން ބޮސްދީގެން ދިލްނަޝީން ހޭލައްވާ ލެވިދާނެއެވެ. ޙައިދަރުގެ ހިތަށް އަރައިފާއިބަމުންދާ މޮޔަ ޚިޔާލުތަކާމެދު ޚުދު ، ޙައިދަރުގާތަށްވެސް ހިނި އައެވެ. އެނާއަކީ އެވަރުގެ ނަޞީބުގަދަ މީހެއްނޫނެވެ. އަންހެނެއްގެ ލޯތްބަކީ އޭނާއަށް ޙައްޤު އެއްޗަކަށް ނުވަނީއެވެ.
ޙައިދަރުގެ ހިތްއަވަސްވާން ފެއްޓިއެވެ. ހަމައެއާއެކީ ރުޅިވެސް އަންނަން ފަށައިފިއެވެ. މޭޒުމަތީ ބާރަށް ޖަހައި އަޑުގަދަ ކޮށްލެވެން އެއްޗެއް އޮތިއްޔާ އެއެއްޗެއް ނަގައި އަތުގައި ހުރިބާރެއްލާފައި މޭޒުމަތީ ޖަހައިފިއެވެ. ދިލްނަޝީނަށް އޮތީ އަދިވެސް ނިދިފައެވެ.
ދިލްނަޝީންގެ ވާހަކަ ނުބުނެ ، މެހެމަލް ދާންހުރިއިރު ، މަންމަޔާ އެއްކޮށް މެހެމަލް ފޮނުވުނުނަމަ މިއަށްވުރެ ހިތަށް ފަސޭހަވީހެވެ. ޙައިދަރުގެ ހިތަށް އެރިއެވެ. އެކަމަކު ދެން ، ބަދަލެއް ނުކުރެވޭނެއެވެ. ދިލްނަޝީން ދާވާހަކަ މަންމަގާތު ބުނެ ފޮނިކަނޑާފައި ، ދިލްނަޝީން ނުދާގޮތަށް ހަމަޖެއްސީމަ ، ޙައިދަރުގެ އަގުވެސް އެބަ ވެއްޓެއެވެ. އެއީ މަންމަވެސް ދެރަވާނެ ކަމެކެވެ.
ރުޅިއަރައިގަނެގެންގޮސް ދޮރުފޮތިގަނޑު ވީދައިގެން ދާވަރަށް ދަމައިގަތެވެ. އެއަޑުފައްގަނޑަށް ، ދިލްނަޝީނަށް ސިހުންލިބިފައި ހޭލެވޭގޮތް ވިއެވެ. އެކަމަކު ދިލްނަޝީންގެ ލޮލެއް ނުހުޅެވެއެވެ. މޯޅިޔަކަށް ދެމިލާފައި ފޮތިގަނޑު ނަގާ ގަޔަށް ހެޔޮވަރުކޮށްލާފައި ، އަރިޔަކަށް ޖެހިލައި ހަމަޖެހިލިއެވެ. އެތަންބަލަން ޙައިދަރަށް ހުރެވެނީކީ ނޫނެވެ. އައިސްހުރި ރުޅިއާއި ވެފައިހުރި ފޫހިން މީހާހުރީ މާޔޫސްވެގެންގޮސް އަވަދިވެފައެވެ. އެވަރުވީއިރުވެސް ، ދިލްނަޝީނަށް ގޮވާލާކަށް ޙައިދަރު ބޭނުމެއް ނުވިއެވެ.
މައްސަލައެއް ނެތެވެ. މަންމަޔާއެކީ ގޮސްދިނުމަށް ދިލްނަޝީންގާތު ބުނީ ޙައިދަރެވެ. މަންމަޔާއެކީ ދިލްނަޝީން ދާނެކަމަށް ބުނީވެސް ޙައިދަރެވެ. އެކަމަކު ، ދިލްނަޝީން ނިދާފައި އޮތީމަ ، ތައްޔާރުވެލަން ތެދުވަން ގޮވާލާކަށް ޙައިދަރު ބޭނުމެއް ނުވެއެވެ. އެއީ ޙައިދަރުގެ މައްސަލައެކެވެ. އެކަމަކު ، އާޚިރުގައި އެކަމުގައިވެސް ކުށްވެރިވާނީ ދިލްނަޝީނެވެ.
އެކަމުގައި އިތުރަށް ވަގުތު ނަގާލާކަށް ޙައިދަރު ބޭނުމެއް ނުވިއެވެ. މަންމަގެ ކޮޓަރިޔަށް ދިޔައިރު ، މަންމަ އިނީ ތައްޔާރުވެގެން އެމީހުންގެ އިންތިޒާރުގައެވެ. ދިލްނަޝީން ކުޑަކޮށް ވަރުބަލިކޮށް އުޅޭތީ ، ދިލްނަޝީނަށް ދެވެން ނެތްވާހަކަ ޙައިދަރު ބުންޏެވެ. އަދި ލަސްނުވާނެކަމަށް ވަންޏާ ، މެހެމަލް ތަންކޮޅެއް އަވަހަށް ތައްޔާރުވެލަން ބުންޏެވެ.
މެހެމަލް ހުންނާނީ އެކަހަލަ ފުރުޞަތަކަށް ބަލަބަލައެވެ. ދެމިނިޓްގެ ތެރޭ ތައްޔާރުވެލައިގެން އެބަ އަންނަމޭ ބުނެ ، މެހެމަލް ކޮޓަރިޔަށް ދިޔައެވެ. ހެވިދިލިފަ ހުރެގެންނެވެ. މިއަދަކީ މެހެމަލްގެ ނަޞީބު އޭނާގެ އަތުގައި ހިފާފައިއޮތް ދުވަހެކެވެ. ރޭގަ މުޅިން އިދިކޮޅަށް ދިޔަކަމެއް މިއަދު އެއޮތީ އޭނާއާ އެއްކޮޅަށެވެ.
ދިލްނަޝީންގެ ފޯނު ރަނގަބީލުވާން ފެށިއަޑަށް ހޭލެވިގެން ފޯނަށް ބަލައިލިއިރު އެއީ ޙަމްޒާއެވެ. އަދިވެސް ނިދާފައިތޯ އޮތީ ޙަމްޒާ ސުއާލު ކުރިއެވެ. އަދި ، ޙައިދަރު އޮފީހަށް ނުދަނީތޯ ސުއާލު ކުރިއެވެ. ޙައިދަރު ނުފެންނަ ކަމަށާއި އެވާނީ އޮފީހަށްދިޔައީކަމަށް ކަމުގައި ދިލްނަޝީން ބުންޏެވެ.
" އަހަރެން މިބުނާ ވާހަކައެއްގެ އަޑު އަހާށެވެ ! ވަގުތެއް ހޯދާފައި ، ވަރީގެ ވާހަކަ މިއަދު ޙައިދަރާ ދައްކާށެވެ ! " ޙަމްޒާ ބުންޏެވެ.
އާނއެކޭ ބުނުމަށްފަހު ، ޙައިދަރުގެ މަންމަ އުޅެނީ ބަލިވެކަމަށް ދިލްނަޝީން ބުންޏެވެ. އެހިސާބުން ، މަންމަ ގޮވައިގެން މިއަދު ހޮސްޕިޓަލަށް ދާން ބުނެފައި އޮތްކަން ކުއްލިޔަކަށް ދިލްނަޝީންގެ ހަނދާނަށް އައެވެ. ފަހުން ގުޅާނަމޭބުނެ ފޯނު ކަނޑައިލިއިރު ، ޙަމްޒާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއަށްވުރެ ، ދިލްނަޝީނަށް މުހިންމުވީ މަންމަ ހޮސްޕިޓަލަށް ގެންދަން އޭނާވެފައި އޮތް ވަޢުދެވެ. އެއީ އޭނާގެ ވާޖިބެކެވެ. ޙައިދަރާ އިނދެގެންހުރިހާ ދުވަހަކު ، އެކަހަލަ މުހިންމު ވާޖިބުތައް އޭނާގެ ހުންނާނެއެވެ. އެއީ ކިތަންމެ ބޭނުންވިޔަސް އަޅައިނުލާ ދޫކޮށްލެވޭނެ ކަންކަމެއްނޫނެވެ.
ކުޑަދޮރުކައިރިޔަށް ޖެހިލައި ، ދިލްނަޝީން ބޭރުބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. މެހެމަލް ގޮވައިގެން މަންމަ ހޮސްޕިޓަލަށް ގެންދަން ޙައިދަރު ނައްޓައިލަނީއެވެ. އޭނާއަށް އެކުރެވުނީ ރަނގަޅުކަމެއްނޫންކަން ދިލްނަޝީނަށް އިޙްސާސް ވިއެވެ. އެހެނަސް ، އޭނާއަށް ނިދިފައި އޮއްވާ ، ދާންވީމަ ގޮވައިލުމަކީވެސް ޙައިދަރުގެ ޒިނންމާއެކެވެ. އެކަމުގައި ގޯސް ހެދުނީ ދިލްނަޝީނަށް އެކަންޏެއްނޫނެވެ.
އެ އަންހެނާ މަރުވާކަށްވެސް ނޫޅުނޭ ކިޔައި ޙަމްޒާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އެތަނަށް ބުޝްރާއަށް އާދެވުނެވެ.
" ތިއުޅެނީ ކާކުގެ މަންމައެއް މަރުނުވެގެން ހެއްޔެވެ ؟ ދިލްނަޝީންގެ މަންމަ ހެއްޔެވެ ؟ ނުވަތަ ދިލްނަޝީންގެ ފިރިމީހާގެ މަންމަ ހެއްޔެވެ ؟ ނުވަތަ ޙަމްޒާގެ އަމިއްލަ މަންމަ ހެއްޔެވެ ؟ " ބުޝްރާ ސުއާލު ކުރިއެވެ.
ޙަމްޒާ އެއިނީ ސަމާސާ މިޒާޖެއްގައި ނޫންކަމަށާއި މިހާރު އޭނާގާތުން ދުރަށް ދިއުމަށް ބުޝްރާއަށް އެންގިއެވެ. ބުޝްރާވެސް އެއައީ ޙަމްޒާއާ ޒުވާބުކުރާކަށް ނޫނެވެ.
" އަހަރެން މިއައީ އަހަރެންގެ ނިންމުން ، ޙަމްޒާއަށް އިއްވައިލުމަށެވެ. އަފްސިޔާއާ ނުވަތަ އެހެން ކޮންމެވެސް ކުއްޖަކާ ޙަމްޒާ އިންނާށެވެ. އެކަމަކު ، އެބުނާ ޙައިދަރުގެ އަންހެނުންނާ އިނުމުގެ ހުވަފެން ދެކޭކަމަށް ވަންޏާ ، އަހަރެން މިބުނާ ވާހަކައެއްގެ އަޑުއަހާށެވެ. ބައްޕަނިޔާވުމާގުޅިގެން ، އެޢާއިލާގެ ހުރިހާ މިލްކކިއްޔާތެއް ހުރީ އަހަރެންގެ ނަންމައްޗަށް ރަޖިސްޓަރީ ކުރެވިފައެވެ. ދިލްނަޝީނާ ޙަމްޒާ ކައިވެނިކޮށްފިކަމަށް ވަންނާ ، އާޢިލީ މުދަލުން އެންމެ ލޯލާރިއެއްވެސް ޙަމްޒާއަކަށް ނުލިބޭނެއެވެ. އުފަލުން ހެމުންދާށެވެ ! ދިލްނަޝީނާ ކައިވެނި ކުރާށެވެ ! އަމިއްލަ ދުނިޔެ އާބާދު ކުރާށެވެ. އެކަމަކު އަހަރެމެންނާ ނުލައެވެ. " ބުޝްރާ ބުންޏެވެ. ( ނުނިމޭ )