
( 17 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޙައިދަރުގެ މަންމަގެ ފަރާތުން ، ދިލްނަޝީނަށް މަޔެއްގެ ލޯބި ލިބިފައި އޮތެވެ. އެހެންކަމުން ، މަންމަޔަށްޓަކައި ، އެކަން އޭނާކުރާނެކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރުގެ އަންހެނުންގެ ޙައިޞިއްޔަތަކުން ނޫނެވެ. ކަންބޮޑުވާނެކަމެއް ނެތްކަމަށާއި އޭނާ އެގެއިން ނުކުމެގެންދާނީ އެކަމުގެ އަގު ، ފުރިހަމަޔަށް އަދާކޮށްފައިކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން އެއުޅެނީ ، އަވަސްއަރުވާލައިގެން ، ޙައިދަރުގެ ގާތުން ވަރިވެގެންގޮސް ޙަމްޒާއާ ކައިވެނި ކުރާކަށްނޫނެވެ. އެކަންކުރަން އޭނާއަކަށް ލަހެއް ނުވެއެވެ.
އެހެން ހެއްޔެވެ ؟ ޙައިދަރުގެ މަންމަ ، ދިލްނަޝީނަށް އެދިން ލޯތްބެއްދިނީ ، އެމަންމަގެ ދަރިފުޅުގެ ޙައްޤުގައި ކަމުގައި ޙައިދަރު ބުންޏެވެ. އެހެންނޫންނަމަ ، އެއީ ދިލްނަޝީނަށް ޙައްޤު އެއްޗަކަށް ނުވާނެއެވެ. ދިލްނަޝީންވެސް އެބުނީ ހަމަ އެވާހަކައެވެ. އެ މަންމަގެ ލޯބި އެއީ އޭނާގެ ފިރިހެންދަރިފުޅުގެ ޙައްޤުގައި ދިލްނަޝީނަށް ލިބުނު އެއްޗެކެވެ.
ޅީދަރިއެއްދެކެ ، މައިދައިތައެއް ލޯބިވާނީ ޅީދަރިއެއްގެ ޙައިޞިއްޔަތުންނެވެ. އޭނާގެ މަންމަ ، ދިލްނަޝީނަށް އިންތިހާއަށް ލޯބިދިންކަމަށް ޙައިދަރު ބުންޏެވެ.
" ހަމަ އެގޮތަށް އެހާ އަނިޔާވެރިވެސް މެއެވެ. ޙައްޤުން ކަމަކާނުލައި ، އަހަރެންގެ އަބުރާއި ޢިއްޒަތަށް އިނގިލި ދިއްކުރިއެވެ. އެންމެ ދެރަވެގެން ، އަހަރެންގެ މަންމަގާތަށްގޮސް ، އަހަރެން ނާޖާއިޒް ގުޅުންތަކެއް ހިންގާކަމުގެ ޝަކުވާ ކުރިއެވެ. އަހަރެންގެ ނަފުސަށާއި ޖިސްމަށް އަނިޔާ ލިބުނެވެ. " ދިލްނަޝީން ބުންޏެވެ.
ޙައިދަރު ހީލިއެވެ. އަދި އަބުރާއި ޢިއްޒަތުގެ ވާހަކަ ، ދިލްނަޝީން ނުދެއްކުމަށް ބުންޏެވެ. ޙައިދަރު އެބުނި އެއްޗެއްގެ މާނަޔަކީ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އަދި އެނބުލާފައި ޙައިދަރުގެ ކުރިމައްޗަށް ހުއްޓުނެވެ.
" އަހަރެންގެ އަބުރުގެ ވާހަކަ ނުދައްކަންވީ ކީއްވެގެން ހެއްޔެވެ ؟ އަހަރެންގެ އަޚުލާޤު ގޯހީ ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީނާ ޙައިދަރު ކައިވެނި ކުރުމުގެ ކުރިން ދިލްނަޝީނަށް ކުރެވިފައިވާ ހުރިހާކަމެއް އޭނާ މަޢާފު ކުރިކަމަށް ޙައިދަރު ބުންޏެވެ. އެހެންނަމަވެސް ، ކައިވެނީގެ ފަހުން ، ދިލްނަޝީން ވަމުން އެދާ ބޭވަފާތެރިކަމަކީ އޭނާއަށް ޤަބޫލުކުރެވޭނެ ކަންކަން ނޫންކަން ޙައިދަރު ހާމަކުރިއެވެ. ދިލްނަޝީން މިހާރު އުޅެމުން އެގެންދާ އުޅުމަށް ލޯބިކުރާ އަންހެންކުދިންނަށްކިޔަނީ ، ތުންފުހި ކަމުގައި ޙައިދަރު ބުންޏެވެ. އަދި ، ތިރިޔަށް ގޮސް މަންމަޔާ ބައްދަލުކޮށް ، މަންމަގެ ޙާލު އަހައިލުމަށް ދިލްނަޝީންގެ ކިބައިން ޙައިދަރު އެދުނެވެ. އަދި ފޫހިވެފައިހުރެ ، ކޮޓަރިން ނުކުމެގެން ދިޔައެވެ.
އޭނާ ވަރިނުކުރަނިސް ، ޙަމްޒާއާ ދިލްނަޝީނާ ކައިވެނި ނުކުރެވޭނެކަންވެސް ، ދިލްނަޝީނަށް ޙައިދަރު ހަނދާން ކޮށްދިނެވެ. އެކަން ވަރަށް ރަނގަޅަށް ، ހަނދާނުގައި ބެހެއްޓުމަށް ދިލްނަޝީންގާތު ބުންޏެވެ.
ތިރިޔަށްގޮސް ، މަންމަޔަށް ފެންތަށްޓެއްދިނުމަށްފަހު ، ކުލްސޫމްގާތު ދިލްނަޝީން އިށީނދެލިއެވެ. މަންމަ ބަލިވެ އުޅޭވާހަކަ ޙައިދަރު ބުނިކަމަށް ދިލްނަޝީން ބުންޏެވެ. ކުލްސޫމްގެ އަޑުގައިވަނީ ތަކުލީފާއި ރިހުމެވެ. އޭނާގެ ބްލަޑް ޕްރެޝަރ ތަންކޮޅެއް މަތިވީކަމުގައި ކުލްސޫމް ބުންޏެވެ. އިތުރު ޓެސްޓެއް ހަދަންވެގެން ހޮސްޕިޓަލަށްވެސް މިއަދު ގޮއްސިއެވެ. ވާނެ އެއްޗެއް ނޭނގެއެވެ. ޑޮކްޓަރުންނަކީ ، ކިރިޔާވެސް ބައްޔެއްވެގެން ، އެމީހުންގާތަށް މީހަކަށް ދެވިއްޖިއްޔާ ދޫކޮށްލާ ބައެއްނޫނެވެ. ޢާއިލީ ޑޮކްޓަރުކަމަށްވިޔަސް ، ޝާހިދުވެސް އެއީ ހަމަ އޭގެ މީހެކެވެ. ކުލްސޫމް ދައްކަމުންދިޔަ ވާހަކަތައް ދިލްނަޝީނަށް އިވުނުހެއްނެއް ހިއެއް ނުވެއެވެ. ދިލްނަޝީންއިނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ. ދިލްނަޝީނަށް ކުލްސޫމް ގޮވައިލިއެވެ.
" ދަރިފުޅާއެވެ ! އުފަލުގައި ހުންނާށެވެ ! އުފާވެރިކަމުގެ ނޭވާއެއްލައިގެން މިދުނިޔޭގައި އުޅެވޭނީ ވަރަށް ނަޞީބުގަދަ މީހަކަށެވެ. އުފަލާއި އަރާމު ހޯދަން ، ހޭބޯނާރާ އެންމެން އެ މަސައްކަތްކުރަނީ އެހެން ވެގެންނެވެ. އެއީ ހޯދަން އުނދަގޫ އެއްޗެއްވީމައެވެ. ދަރިފުޅާދޭތެރޭ ، އަހަރެންނަށް ވަރަށްދެރަކޮށް ކަންކަން ކުރެވިފައިއޮތްކަމަށް އަހަރެން ޤަބޫލު ކުރަމެވެ. ގޭގެ މައްސަލަތައް ގެއިންބޭރަށް ނުގެންދިއުން އެއީ އަހަރެމެން މުސްކުޅިން އަހަރެމެންގެ ދަރިންނަށް އަބަދުވެސް ، ހަނދާން ކޮށްދޭ ކަމެކެވެ. އެކަމަކު ، މިފަހަރު އެކަން ކުރެވިފައިމިއޮތީ ، ޚުދު މުސްކުޅި މަޔަކަށެވެ. ދިލްނަޝީންގެ މަންމަ މިކަމުގައި ބައިވެރިކުރުވުން އެއީ އަހަރެމެންނަށް ހެދުނު ގޯހެކެވެ. އަހަރެމެންނަށް އެހެދުނު ގޯހުގެ އަގު އަދާކުރަން ތިޖެހުނީ ދަރިފުޅަށެވެ. ގެވެހި އަނިޔާއެއްގެ ގޮތުގައެވެ. އެކަމާ އަހަރެން މިހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. އެކަމުގެ ބަދަލުގައި ދިލްނަޝީން އަހަރެންނަށް ދޭނެ އަދަބެއް އަހަރެން މިހުރީ ޤަބޫލުކުރާށެވެ. އަހަރެންގެ ދަރިފުޅަށް އަނިޔާވެރިނުވާށެވެ ! " ކުލްސޫމްގެ ދެއަތް އާދޭހުގެ މަޢާފަކަށް ދިލްނަޝީނާ ދިމާލަށް އުފުލާލަމުން ބުނަމުން ގެންދިޔައެވެ.
ދިލްނަޝީން ކުއްލިޔަކަށް ކުލްސޫމާ ގާތަށް ޖެހިލައި ކުލްސޫމްގެ އަތުގައި ހިފައި ދެއަތް ތިރިކުރުވިއެވެ. އޭރުވެސް ކުލްސޫމް ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. ދިލްނަޝީން އެއްވެސް އެއްޗެކޭ ނުބުނެއެވެ.
" ދަރިފުޅާއެވެ ! ތިދެމަފިރިން އަހަރެންނާ ވަކިވެގެން ދިއުން އެއީ މަންމަ އެދޭގޮތެއްނޫނެވެ. ކައިވެންޏަކީ ﷲ މިންވަރުކުރައްވާ ގޮތެއްގެމަތިން ކުރެވިގެންދާ ކަމެކެވެ. ކައިވެންޏަށްފަހު ، އެކައިވެނި ދެމެހެއްޓުން އެއީ އިންސާނާގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. އަހަރެމެންގެ ވަށައިގެން ކައިވެނިކޮށްގެން އެކުގައި އެދިރިއުޅޭ އެންމެންނަކީ އަންހެނާގެ ޤުރުބާނީއާއި މަޢާފުން އެމީހުންގެ ދިރިއުޅުން އާބާދުކުރަމުންގެންދާ މީހުންނެވެ. ފަޚުރުވެރިކަމާއެކީ ، އެއީ އެމީހުންގެ ގެކަމުގައި ފިރިހެނުން އެބުނާ ގޭގެ ، ގެޔަށްހަދަނީ އަނބިމީހާއެވެ. ބުއްދިވެރި އަންހެނަކާ ނުލައި ގެޔެއް އާބާދެއް ނުވާނެއެވެ. އެކަން ކުރުމަށްޓަކައި ، އަންހެނުންގެ ހިތަކީ ވަރަށް ހަރުދަނާ ވިސްނުމަކުން ގެތިފައިވާ ގުނަވަނަކަށް ވާން ޖެހެއެވެ. "
ކުލްސޫމްގެ ވާހަކަތައް އަޑުއަހަން ދިލްނަޝީން މަޑުމަޑުން އިނެވެ. އޭނާގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް ކުލްސޫމަށް ފެނުނަކަ ނުދެއެވެ. އިރުކޮޅަކު ކުލްސޫމްގާތު އިނދެލުމަށްފަހު ، ދިލްނަޝީން އޭނާގެ ކޮޓަރިޔަށް އައެވެ.
ރިދާގެ ޢަމަލުތައްހުރިގޮތުން ދިލްނަޝީނަށް އެލިބުނު ތަކުލީފަށް ، ދިލްނަޝީންގެ ކިބައިން ޙަމްޒާ މަޢާފަށް އެދުނެވެ. ދިލްނަޝިނާ ބައްދަލުކުރަން ރިދާ ދިޔަކަމެއް ޙަމްޒާއަކަށް ނޭނގެއެވެ. އެކަން އެނގުނީ ދިލްނަޝީންގެ ފޯނުން ރިދާގެ އަޑުއިވުމުންނެވެ. އޭގެފަހުން އެފަދަ ކަމެއް ރިދާގެ ފަރާތުން ނުހިނގާނެކަން އޭނާ ކަށަވަރުކުރާނެކަމަށް ޙަމްޒާ ބުންޏެވެ.
ދެންވާނީ ކިހިނެއްތޯ ދިލްނަޝީން ، ޙަމްޒާއާ ސުއާލު ކުރިއެވެ. ޙައިދަރަށް ހުރިހާކަމެއްވެސް އެނގެއެވެ. ނޭނގޭ ހަމަ އެއްކަމެއްވެސް ނުއޮންނާނެއެވެ. އަދި ހީވާގޮތުން ، ޙައިދަރު އެހުރީވެސް ، ނަފްސާނީގޮތުން އެކަމަށް ތައްޔާރުވެގެންނެވެ.
" އެކަމަކު އަހަރެން ވަރިޔަށް އެދުނަސް ، ޙައިދަރު އަހަރެން ވަރިކުރާނެކަމުގެ ޔަޤީންކަމެއް ނެތެވެ. ޙައިދަރުގާތުން އަހަރެން ވަރިވީމަ ، އަނެއްކާވެސް ކުރީފަހަރު ކުރިކަހަލަ ކަމެއް ޙަމްޒާ ނުކުރާނެކަމުގެ ޔަޤީންކަމެއްވެސް އަހަރެންނަކަށް ނެތެވެ. " ދިލްނަޝީން ބުންޏެވެ.
މިފަހަރު ، އޭނާ އެހުރީ އެހުރިހާކަމަކަށް ތައްޔާރުވެގެންކަމަށާއި ، ޙަމްޒާއާއި ދިލްނަޝީން ދުރުކުރެވޭނެ އެއްވެސް ބާރެއް މިދުނިޔެމަތީ ލައްވާފައި ނުވާނެކަމަށް ޙަމްޒާ ބުންޏެވެ. އެހާހިސާބަށް ދާނދެން ދިމާވާ ކަންކަން ޙައްލުކުރަމުން ގެންދިއުމަށް ދިލްނަޝީންގާތު ޙަމްޒާ އެދުނެވެ. އަދި ، ޙައިދަރުގެ މަންމަގެ ޙާލުބަލަން އޭނާގާތަށް ދިއުމުގެ ބޭނުމަކީ ކޮބައިތޯ ޙަމްޒާ ސުއާލު ކުރިއެވެ. ކުލްސޫމަށް ގޮވާލަން ދިލްނަޝީން ދިޔައިމަ ، އެކަމާ ޙަމްޒާހުރީ ހިތްހަމަ ނުޖެހިފައެވެ.
" ޙަމްޒާވެސް ޤަބޫލުކުރަންޖެހޭނެ ހަމަތަކެއް ހުންނާނެއެވެ. ތިމާ ބޭނުންވާހާގޮތަކަށް ހުރިހާކަމެއް ނުހިނގާނެއެވެ. އަހަރެންނާއި ޙައިދަރުގެ ގުޅުން ވަކިވެގެންދާންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކީ ތަރުތީބުވެގެންދާ ފިޔަވަޅުތަކެއްގެ މަތިންނެވެ. އިރު އޮއްސިފަ އަނެއްދުވަހަށް އިރުއަރާއިރަކަށް ، ހުރިހާކަމެއް ނުވާނެއެވެ. މިކަހަލަ ކަންކަމަށް ވަގުތު ނަގާނެއެވެ. މިކަމާ ގުޅިފައިވާ އެންމެންނަށްވެސް ވަގުތުވެސް ދޭންޖެހޭނެއެވެ. އެމީހުން ، އެއްކައިރީގައި ބައިތިއްބައިގެންނެއްވެސް ކަންކަން ޙައްލެއް ނުކުރެވޭނެއެވެ. އެއީ ބޮމެއްގެ ނަރުތައް ކަނޑަމުން ކަނޑަމުންގޮސް ، އެބޮން ނުގޮވާގޮތަށް ހެދުން ކަހަލަ ކަމެކެވެ. " ދިލްނަޝީން ބުންޏެވެ.
ނިންމަމުން ގެންދަން ޖެހޭނީ ފަހަރަކު ކަމެކެވެ. އަވަސް އަރުވާލައިގެން އުޅެނިކޮށް ގޮވާލެއް މާ އަޑުގަދަވާނެއެވެ. ލިބޭ ގެއްލުންވެސް ބޮޑުވާނެއެވެ. ފުރާނަވެސް ސަލާމަތް ނުކުރެވިދާނެއެވެ.
ޙަމްޒާ ކަންބޮޑުވަނީ ، ޙައިދަރު ދައްކާ ވާހަކައިން ދިލްނަޝީންގެ ޚިޔާލު ބަދަލުވެގެންގޮސް ، ޙައިދަރާއި ދިލްނަޝީން އަލުން އެކުގައި ދިރިއުޅެން ފަށާފާނެތީއެވެ.
މަންމަގެ ޙާލާމެދު ޙައިދަރުގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުން އޭނާގެ މޫނުމަތިންވެސް ފާޅު ވެއެވެ. ޙައިދަރު އެކަނި ބަގީޗާތެރެޔަށް ނުކުމެ އިންދާ މެހެމަލް އައިސް ، އޭނާވެސް ބޮޑުދައިތަގެ ޞިއްޙަތާމެދު ކަންބޮޑުވާކަމަށް ބުންޏެވެ.
އެކަމުގައި ޙައިދަރަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެހެނަސް ، އެކަމާ އެހާބޮޑަށް ނުވިސްނުމަށް މެހެމަލް ބުންޏެވެ. އޭނާ އަބަދުވެސް ހުންނާނީ ޙައިދަރާ އެކީގައެވެ. އޭރަށް ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ.
އެއްކަމެއްވެސް ރަނގަޅު ވާންނެތްކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރުގެ އޮތިއްޔާ އޮތް އުއްމީދެއްގައި އެއްވެސް މިންވަރެއްގެ ފޮނިކަމެއް ، މެހެމަލްއާއެކީއެއް ނުވެއެވެ. އެހެންކަމުން ، އެކަމުގައި މެހެމަލްއަށް ކުރެވޭނެ އެއްވެސްކަމެއް ނެތުން ފަދައެވެ. (ނުނިމޭ)
ވަރަށް ރީތި ޝުކުރަނއ