މާޒީގެ ރޯދަމަހާއި އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ރާއްޖޭގައި ރަސްމީކޮށް ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހުޔާކުރުމުގެ ޕުރޮގުރާމުތައް ފުޅާ ދާއިރާއެއްގައި ފެށުނީ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގެން ހިޖުރައިން 1400 ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރެއިން ފެށިގެންނެވެ.

ހަނދާން ބަލި ނޫންކަމުގައިވާ ނަމަ، ޖެހިގެން އައި 1401ވަނަ އަހަރުގެ ރޯދަމަހުން ފެށިގެން އެ ޕުރޮގުރާމުގައި އަރަބި އިސްލާމީ ގައުމުތަކުގެ ވާއިޒުންނާއި ގާރީން

އޒ.އިބްރާހީމް ރަޝީދު މޫސާ

ބައިވެރިވަޑައިގަންނަވަން ފައްޓަވައިފިއެވެ. މިސްރުގެ އަޒުހަރު ޔުނިވަރސިޓީއާއި ވުޒާރަތުލްއައުގާފާއި ކުވައިތުގެ ވުޒާރަތުލް އައުގާފުގެ ވާއިޒުންނާއި ލީބިޔާއާއި އިރާގުގެ ގާރީން ވެސް އެ ޕުރޮގުރާމަށް ޓަކައި ފޮނުއްވަން ފައްޓވައިފިއެވެ.

ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމުގެ ޕުރޮގުރާމާއި އަސުރުނަމާދަށް ފަހު މާލޭ ބައެއް މިސްކިތްތަކުގައި ހިންގެވި ޕުރޮގުރާމުތަކުގައި އެންމެ ފާހަގަކޮށްލެވުނު އެއްބޭފުޅަކީ، އޭރު މައުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއެވެ. ފަހު މައުހަދުގެ ޑެޕިއުޓީ ޑިރެކްޓަރކަމާއި ޑިރެކްޓަރކަމާއި މުދީރުކަމާއި މުދީރު އާންމުކަމުގައި ވެސް އިބްރާހީމް ރަޝީދު މޫސާގެ ޚިދުމަތްތައް އައީ ރޯދަމަހު ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވެމުންނެވެ.

ބޭރު ގައުމުތަކުން ވަޑައިގަންނަވާ ވާއިޒުންނާއި ގާރީންގެ ކަންތައްތައް އޭރު ބަލަހައްޓަވަމުން ގެންދެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ،މައުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވީ އޭރު މައުހަދުގެ އެންމެ އިސް މަގާމުގައި ހުންނެވި، އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއެވެ.

ރޯދަ މަހުގެ ޕުރޮގުރާމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އެ ބޭފުޅުން ބަލައި އެއަރޕޯޓަށް ވަޑައިގަތުމާއި އެ ބޭފުޅުންގެ މާލޭގައި ތިއްބެވުމާއި ޖަލްސާތަކަށާއި މިސްކިތްތަކަށް ގެންދެވުމާއި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވޭ ޖަލްސާތައް ފިޔަވައި އެހެން ޕުރޮގުރާމުތަކުގެ ތާވަލު ހެއްދެވުން ފަދަ ހުރިހާކަމެއްގެ ވެސް އެންމެ އިސް މޭސްތިރިއަކީ، އެމަނިކުފާނެވެ. އަދި ކޮބައިތޯއެވެ. ރާއްޖެއަށް ކޮންޕިއުޓަރު އާންމުވުމުގެ ކުރިން ލީބިޔާއިން ރާއްޖެއަށް ދެއްވި އަރަބި ޓައިޕުރައިޓަރު ބޭނުންފުޅު ކުރައްވައިގެން ޕުރޮގުރާމުގެ ތާވަލުތައް ޓައިޕުކުރައްވަމުން ގެންދެވީ ވެސް އުސްތާޒު ރަޝީދެވެ. ފުރަތަމަ ފެއްޓެވިއިރު ޓައިޕުކުރައްވަމުން ގެންދެވީ، ޓައިޕުރައިޓަރުން އަކުރު ހޯއްދަވައިގެން އެއް އިނގިލިފުޅުން ވަރަށް ލަސްލަހުންނެވެ. ނަމަވެސް ފަހުން ވަރަށް ފަރިތަފުޅުވެއްޖެއެވެ. ކޮންޕިއުޓަރާ ހަމައަށް އާދެވުނުއިރު ފުދޭވަރެއްގެ އަވަސް ޓައިޕިސްޓަކަށް ވެސް ވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފަހުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން އަރަބިބަހުން ލިޔުއްވަން ޖެހޭ ލިޔުންތައް ވެސް އެ ދުވަސްވަރު ޓައިޕުކުރައްވަނީ އޒ. ރަޝީދެވެ.

ރަމަޟާންމަސް އިހުޔާކުރުމުގެ ޕުރޮގުރާމުގެ ތެރެއިން ދާދިއަވަހަށް މާލޭގެ ބޮޑެތި މިސްކިތްތަކުގައި އަސުރު ނަމާދަށް ފަހު ވެސް ކީރިތި ޤުރްއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުން ފެށިއްޖެއެވެ. 1984ވަނަ އަހަރުގެ ނޮވެންބަރު 11ވަނަ ދުވަހު (ހިޖުރައިން 1405ވަނަ އަހަރުގެ ސަފަރު މަހުން 18ވަނަ ދުވަހު)  ރާއްޖޭގެ ފުރަތަމަ އިސްލާމީ މަރުކަޒު ހުޅުވުމާ އެކު އިސްލާމީ މަރުކަޒުގެ މަސްޖިދުއްސުލްތާނު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ކޮންމެ ދުވަހަކު ވެސް އަސުރު ނަމާދަށް ފަހު ކީރިތި ޤުރްއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުން ކުރިޔަށް ގެންދެވިއެވެ.

ފުރަތަމަ ފަށައިގަތް އިރު، މުލީއާގޭގައާއި އިސްލާމީ މަރުކަޒުގައި ރޭގަނޑާއި އަދި ބޮޑު މިސްކިތުގައި އަސުރުނަމާދަށްފަހު، ބޭއްވޭ ހުރިހާ ނަސޭހަތްތަކެއް ވެސް

ރަމަޟާންމަހުގެ އަސުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައި - 1408

ތަރުޖަމާކޮށްދެއްވަނީ، އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއެވެ. އޭގެ އިތުރުން ކޮންމެ އަހަރަކު ވެސް މާލެއަތޮޅުގެ ދެ ރަށަކަށް ކުރާ ދަތުރުގައި މެންދުރުނަމާދުގެ ފަހުގައާއި އަސުރުނަމާދުގެ ފަހުގައި ފުރޮގުރާމުގައި ބޭރުގެ ވާއިޒުން ދައްކަވާ ވާހަކަފުޅު ވެސް ކޮންމެވެސް އެއް ވަގުތެއްގައި ތަރުޖަމާކޮށްދެއްވަނީ އިބްރާހީމް ރަޝީދު މޫސާއެވެ. އަރަބިބަހަށް ފަރިތަފުޅުކަމާއި ދިވެހިބަހުގެ ބަސްކޮށާރުގެ މުއްސަނދިކަމާ އެކުގައެވެ. އެ ކުޅަދާނަފުޅުކަމުގެ ސަބަބުންނާ އެކު ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގުން، އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985ވަނަ އަހަރު ދިވެހި ސަރުކާރުން އެމަނިކުފާނަށް އެރުވިއެވެ.

އެ އިނާމު ދެއްވުމުގެ ތާރަފުގައި އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. "އެއްބަހުން އަނެއްބަހަށް ތަރުޖަމާކުރުމުގައި ބޭރުބަހަކުން ވާހަކަ ދައްކަމުންދާއިރު ވަގުތުން ދިވެހިބަހަށް ތަރުޖަމާކުރައްވައިގެން އަޑުއަހާ މީހުންނާހަމައަށް ގެނެސްދިނުން އެއީވެސް، ވަރަށް ކުޅަދާނަ އަދި  ދެބަސްވެސް ވަރަށް ރަނގަޅަށް ދަންނަ މީހަކަށްނޫނީ ކުރަން މާފަސޭހަ ކަމަކަށް ނުވާނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފުރަތަމަވެސް މަޝްހޫރުވެގެން ދިޔައީ، މިރޮނގުންނެވެ." މިއީ، އަދި އޒ. ރަޝީދުގެ މަސައްކަތްޕުޅުގެ އެންމެ ކުރީކޮޅެވެ. އޭގެ ފަހުން އެމަނިކުފާނުގެ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާވެ ތަނަވަސްވެގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރު ކުރުމާއި، ޚިދުމަތް ކުރުމާއި،  ދިނީ އިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2015ވަނަ އަހަރު ސަރުކާރުންވަނީ، އެމަނިކުފާނަށް އަރުވައިފައެވެ.

އެ ދުވަސްވަރު، ރޯދަމަހުގެ ދީނީ ޙަރަކާތްތައް އެއްދުވަހުން އަނެއް ދުވަހަށް އައީ ފުޅާވެ ތަރައްގީވަމުންނެވެ. އެކަންކަމުގައި އޒ. ރަޝީދުގެ ގިނަގުނަ ބައިވެރިވަޑައިގަތުން އައީ ފާހަގަކުރެވެމުންނެވެ. އެ ގޮތުން، މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ރޯދަމަހަކު ކުރިޔަށްދާ ސިލްސިލާ ފިލްމެއްކަމުގައިވާ "މުޙައްމަދުއްރަސޫލުﷲ" ފިލްމު، އޭރުގެ ރާއްޖޭގެ ބުރޯޑްކާސްޓިންގ ދާއިރާގެ އެންމެއިސްކޮށް ހުންނެވި އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ލަފާފުޅުގެ މަތީން، މިސްރުގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވައިގެން ހޯއްދަވައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިބަހަށް ތަރުޖަމާކުރެއްވުމަކީ ވެސް އެމަނިކުފާނުގެ ފާހަގަކޮށްލެވުނު ވަރަށް މުހިންމު ޚިދުމަތެކެވެ.

ހަމައެއާ އެކު އޒ. ރަޝީދުގެ ރޯދަމަހުގެ ޚިދުމަތުގެ ތެރޭގައި އެދުވަސްވަރު ރޭޑިއޯއިން ފޮނުވަން ފެއްޓި ދީނީ ސުވާލު މުބާރާތް ފާހަގަކޮށްލެވެއެވެ. އެ މުބާރާތުގެ ސުވާލުތަކާއި ޖަވާބުތައް ތައްޔާރުކޮށްދެއްވައި ސުވާލުތަކުގެ އަޑުއަޅުއްވާފައިވަނީ ވެސް އޒ. ރަޝީދެވެ. އަދި ޓީވީ މޯލްޑިވްސްއިން ގެނެސްދޭ ދީނީ ތަފާތު ޕުރޮގުރާމުތަކުގައި ވެސް އެމަނިކުފާނުގެ މުހިންމު ދައުރެއް އޮތެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްއުސްތާޒު ޢަބްދުﷲ ޙަމީދު، ތައުލިމާ ބެހޭ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރަކީ އޒ. ރަޝީދުގެ ދީނީ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ދިޔަ ދުވަސްވަރެކެވެ. އެ ގޮތުން ރަމަޟާންމަހު އިސްކޫލުތަކުގެ ދަރިވަރުންނަށް ރޯދަމަހުގެ ހެނދުނުގެ ވަގުތުގައި ދީނީ ނަސޭހަތް ދެއްވުމަށް ކުރިޔަށް ގެންދެވި  ޕުރޮގުރާމުތައް ކުރިޔަށް ގެންދެވުމުގައި އއެންމެ އިސްކޮށް އުޅުއްވީ، އޒ. އިބްރާހީމް ރަޝީދު މޫސާއެވެ.

މި ހުރިހާ ސަބަބުތަކަށް ޓަކައި އެ ދުވަސްވަރު ރޯދަމަހުގެ އެންމެ ފާހަގަކޮށްލެވޭ އެންމެ ގިނައިން ނަންފުޅު އިވޭ، އެބޭފުޅެއްގެ އަޑުފުޅު އެންމެ ގިނައިން އިވޭ ޝަޚުސިއްޔަތަކީ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއެވެ.

އޭރުން ފެށިގެން އޒ. ރަޝީދުގެ ޚިދުމަތްތައް އަދިވެސް މި ދަނީ މެދުނުކެނޑި ދިވެހި މުޖުތަމައަށް ލިބެމުންނެވެ. ދީނީ ފޮތްތަކާއި ލިޔުއްވުންތައް މެދުނުކެނޑި ދަނީ ފެންނަމުން، ނުކުންނަމުންނެވެ. ބައިނަލްއަގުވާމީ މަސްރަހުގެ މުހިންމު ލިޔުއްވުންތައް ވެސް ދަނީ ޝާއިއުވަމުންނެވެ. މައުލޫމާތުގެ މުއްސަނދިކަމާއި ދިވެހިބަހުގެ ފަންނުވެރިކަމާ އެކުގައެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ ތިން އިނާމެއް ލިބިވަޑައިގެންފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުން 1983 ވަނަ އަހަރު، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން 1985 ވަނަ އަހަރު އަދި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004ވަނަ އަހަރު ލިބިވަޑައިގެންނެވި އިނާމެވެ.

"އިސްލާމްދީން އުނގަންނައިދިނުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިޢު ކުރުމުގެ ރޮނގުން ޤައުމަށް މި ކޮށްދެއްވާ ޚިދުމަތުން ދުރަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް އިބްރާހީމް ރަޝީދު މޫސާގެ ނެތްކަން އެއީ، ދީނީ ރޮނގުން ރައްޔިތުން ބިނާކުރައްވައި ހޭލުންތެރިކުރެއްވުމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ."

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

  1. ވަރަށް ގާތުން އިބުރާހިމް ރަޝީދު މޫސާ ރޭޑިއޯ/ޓީވީ މެދުވެރިކޮށް ދިވެހި ގައުމަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތައް ދެކިފައި ހުރި މީހެއްގެ ހައިސިއްޔަތުން ޝުކުރުވެރިވާ ވާހަކަ ދަންނަވަން. ޝުކުރިއްޔާ ސަރ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.