ﷲ ވޮޑިގެންވާކަމުގެ ހެކިތައް (9)

ކަނޑުތަކުގެ ގުޅުން

އެއީ އެލަސްކާ ކަނޑުއޮޅީގެ މެދެވެ. އެހިސާބުގައި ދެކަނޑު ގުޅޭ ރޮނގެއް ފާހަގަވާން އޮވެއެވެ. އެއްކަނޑަކީ ލޮނެވެ. އަނެއް ކަނޑަކީ ފެނެވެ. ފެނާއި ލޮނާ އެކެއް ނުވެއެވެ. ދެކަނޑުގެ ސަރަޙައްދު ވަކިކޮށްދެނީ ފެނާއި ލޮނު އެކުނުވާ ރޮނގުންނެވެ.  އެއީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑެވެ.

ދެކަނޑު ބައްދަލުވާހިނދު ، އެދެކަނޑުގެ ލޮނު ނުވަތަ ފެން އެކުނުވަނީ ،  ދެކަނޑުގެ ފިނިހޫނުމިނާއި ލޮނުކަމާ އަދި ތެތްކަން ތަފާތު ވާތީކަން މިއަދުގެ ސައިންސުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކިތަންމެ ރާޅުބޮޑަސް ، ކިތަންމެ އޮއެ ގަދަޔަސް ވަކިހިސާބަކުން ރޮނގެއް ދަމާލެވި ، ދެކަނޑުގެ ފެން އެކުނުވެ ހިފެހެއްޓެއެވެ. ކީރިތި ޤުރުއާނުގެ ފުރުޤާން ސޫރަތުގެ 53 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخاً وَحِجْراً مَّحْجُوراً

"އަދި, އެކަލާނގެއީ ،  ދެކަނޑު އެއްކުރެއްވި (އެބަހީ ، ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށް ލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު . މީރު ފެނެވެ. އަދި ، މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި ، އެކަލާނގެ އެ ދެކަނޑު ދެމެދުގައި ، ހުރަހެއްލައްވައި ، އަދި އެދެމެދު  މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ."

އަދި ހަމައެފަދައިން, ކީރިތި ޤުރުއާނުގެ އައްރަޙްމާން ސޫރަތުގެ 19 އަދި 20 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ﴿١٩﴾ بَيْنَهُمَا بَرْزَخٌ لاَّ يَبْغِيَانِ ﴿٢٠﴾

"އެކަލާނގެ ދެ ކަނޑު (އެބަހީ : ކޯރާއި ކަނޑު) ހައްދަވައި ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލު ވެތެވެ. އެ ދެ ކަނޑު ދެމެދުގައި ، ހުރަހެއް ވެއެވެ. އެ ދެ ކަނޑުވެސް ، އެއްކަނޑު އަނެއްކަނޑުގެ މައްޗަކަށް  އަރައެއް ނުގަނެތެވެ."

މިޒަމާނުގެ ސައިންސުން ކަށަވަރުކޮށްދޭ ގޮތުގައި ، ސާފު ފެނާއި ލޮނުފެން ބައްދަލުވާ ކަނޑުއޮޅީގައި ، ލޮނުފެނުގެ ދެކަނޑު ބައްދަލުވާ ކަނޑުއޮޅިތަކުގައި ކަންހިނގާގޮތާ ވަރަށް ތަފާތެވެ. ތެތްކަން ގަދަ ލޮނުފެނާއި ތެތްކަން ކުޑަ ފެނުގެ ބައްދަލުވުމުގައި ހުރަހެއް ނުވަތަ ފަށަލައެއް އުފެދެއެވެ. މިފަށަލާގައި ، ލޮނުގައިވެސް އަދި ފެނުގައިވެސް ލޮނުހިމެނޭ މިންވަރު ތަފާތު ވެއެވެ.

މީގެ 1400 އަހަރުކުރިން   ،  ﷲ ސުބްޙާނަހޫ ވަތަޢާލާ ، ހަތްއުޑުމަތިން ބާވައިލެއްވި ، އެކަލާނގެ ކަލާމްފުޅުގައި ، ބަޔާންވެގެން ނުވާ އެއްވެސްކަމެއް އަދި ޙާލަތެއް  މިޒަމާނުގެ ސައިންސުން ހޯދިފައެއް ނުވެއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައިކަމެއް ވަކި މަގަކުން ތަރުތީބުކުރައްވައި ، އިންސާނާ ޙައިރާން ކުރުވަނިވި އެތައްކަމެއް ، ﷲ ތަޢާލާގެ ޔަދުޤުދުރަތްފުޅުން ، އިންސާނާގެ ލޮލަށް ދައްކަވަމުން ގެންދެވުމަކީ ،  ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމުގެ ހެއްކަކަށް ނުފުދޭތޯއެވެ ؟

އޮޔާއި ވަޔާ އެކުވެފައިވާ ކަނޑުގެ ލޮނުގަނޑުގެ ކަޅުނޫކުލަ ގަދަ ތެތްކަންވަނީ ،  ކަނޑުގައި ލޮނު ހުރީމައެވެ. އަދި ކޯރުން އޮހިގެން ކަނޑަށް އެޅިގެން އެއަންނަ ފެނުގެ ނޫކުލަ މަޑުވަނީ ،  ކޯރުފެނުގެ ތެތްކަން ލޮނަށްވުރެ ކުޑަވީމައެވެ. އެކައްޗަކީ ރަހަ ގަދަ ލޮނު ފެނެވެ. އަނެކައްޗަކީ ، ވެއްޔާ ލޮއިގެ މަޢުދަނުން މުއްސަނދިވެފައިވާ ، ކޯރުގެ ފެންގަނޑެވެ.

އުޑުގެ މައްޗަށް އަރައިގެން ދިޔައިމަ ލޮލުކޮޅަށް ނުފެންނަ ފަދައިން ، ކަނޑުގެ އަޑިޔަށް ދިޔައިމަވެސް ލޯމަތިން ގެއްލެއެވެ. އެހެނަސް ، އުޑަށް އަރައިގެންދާ އެއްޗެއްވެސް އަދި ކަނޑަށް އަޑިޔަށްދާ އެއްޗެއްވެސް ، އެވަނީ ﷲ ތަޢާލާގެ ބައްލަވައި ވޮޑިގަތުމުގެ ދަށުގައެވެ. ކަނޑުއަޑީގައިވެސް ދިރުންހުރި ، އަދި ހިނގަހިނގާ ހުންނަ ނިޒާމެއް ލެއްވިގެން ވެއެވެ. އުޑުގައި ، ކާއިނާތުގައިވެސް  ތަރުތީބުކުރެވިގެން މެދުކެނޑުމެއްނުވާ ގޮތެއްގައި އަބަދަށް ހިނގަހިނގާ ހުންނަ ، ޤުދްރަތުގެ ނިޒާމްތައް ލެއްވިގެން ވެއެވެ. އެއީ ، ﷲ ތަޢާލާގެ ވޮޑިގަތުމާއި ކުޅަދުންވަންތަކަމުގެ މުޢުޖިޒާތްތަކެއްކަމުގައި މެނުވީ ނުވެއެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.