ވިހަ ތީރު (83)

( 13 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދިލްނަޝީން އެވާހަކަ ދައްކަނީ ޙަމްޒާއާތޯ ޙައިދަރު ސުއާލުކުރިއެވެ. ދިލްނަޝީން އެކަމަކަށް އިންކާރެއް ނުކުރެއެވެ. އޭނާ އެވާހަކަ ދެއްކީ ޙަމްޒާއާކަމުގައި ދިލްނަޝީދު ބުންޏެވެ.

" އެއްވެސް ޖެހިލުމެއްނެތި ހެއްޔެވެ ؟ އަހަރެންގެ ކުރިމަތީގައި އެފަދަ ކަމެއްކުރާވަރުގެ ހިތްވަރެއް ތިލިބެނީ ، އަޅެފަހެ ، ތީ މީހެއްގެ އަނތްބެއްނޫން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

ދިލްނަޝީންގެ ޖެހިލުންކުޑަކަން ހުރިމިންވަރު ޙައިދަރަށް މިއެނގުނީ އަދި ކިރިޔާއެވެ. ޙައިދަރު ހުރީ އާޝޯޚުވެފައެވެ. ކޮޓަރިން ނުކުންނަން ދަނިކޮށް ، ދިލްނަޝީންގެ އަތުގައި ހިފައި އޭނާ ހުއްޓުވައި ޙައިދަރުގެ ކުރިމައްޗަށް އަނބުރައިލިއެވެ. ބުރެއް އަޅައިފައެވެ. ދިލްނަޝީންގެ އަތަށް ތަދުނުވާކަމެއްވެސް ނޭނގެއެވެ.

" މޫނަށް ރުލެއްވެސް އަރުވައިނުލާ ، ލޮލުން ލަދުވެތިކަމުގެ ކުޑަވެސް އަސަރެއް ފާޅުނުކޮށް ، މޫނަށް ޖެހިލުންވުމުގެ ކުލަވެސް އަރުވައިނުލާ ، ބިރުވެރިކަމުގެ އެއްވެސް އިޙްސާސެއް ހިތަށް ނުގެނެސް ، ތިކުރާކަމެއްގެ ކުޑަބޮޑުމިން ދިލްނަޝީނަށް އެނގޭ ހެއްޔެވެ ؟ " ޙައިދަރު ، ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ޙައިދަރު އެބުނި ހުރިހާކަމަކީ ، ޙައިދަރު އޭނާއަށް ޝައްކުކުރަން ފެށީއްސުރެ ، އޭނާގެ ހަށިގަނޑާއި ނަފްސާ ވަކިވެފައިވާ ކަންތައްތަކެއްކަމަށް ދިލްނަޝީން ބުންޏެވެ. އަމިއްލަ ނަފުސާއި އަބުރާއި ޢިއްޒަތް ސަލާމަތުން ރައްކާތެރިކަމާއެކީ ދެމެހެއްޓުމަށްޓަކައި ، ދިލްނަޝީން ކުރަމުން ގެންދިޔަ މަސައްކަތްތަކާހުރެ ، އަދި ކޮންމެ ކަމަކަށް ހެކިދައްކަމުންގޮސް އޭނާ ވަރުބަލިވެއްޖެއެވެ.

"  ނުކުރާ ކަންތައްތަކެއްގެ އިލްޒާމް އަޅުވައިގެން އަހަރެންނަށް އަނިޔާ ދޭއިރު ، ކަމެއްކޮށްގެން އަނިޔާލިބުން މާ އައުލާކަން ބޮޑުނޫން ހެއްޔެވެ ؟ އަހަރެންނަށް ދެން އަނިޔާ ލިބޭނީ އަހަރެން ކުރިކަމަކަށެވެ. އަހަރެން މިނުކުންނަނީ އަހަރެންނާ ދިމާލަށް އެއްޗެތި ގޮވައި ، އަނިޔާކުރަންޖެހޭ ކަހަލަ ޢަމަލުތަކަކަށް އަރައިގަންނާށެވެ. އެއަށްފަހު އެކަމާ ގުޅިގެން އަނިޔާއެއް ލިބުނަކަސް އަހަރެންގެ ހިތަކަށް ތަދެއް ނުވާނެއެވެ. އެއަނިޔާއަކީ ޙައްޤު އެއްޗެއްކަން އެހިތް ދެނެގަންނާނެއެވެ. " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

އޭގެއިތުރަށް ، ދިލްނަޝީންދެކެ ލޯބިވާ އިންސާނާ އޭނާގެ ކުރިމަތީގައި ހުންނާނެކަން އޭނާގެ ހިތަށް އެނގޭނެކަމަށް ދިލްނަޝީން ބުންޏެވެ. ހުރިހާ ކަމެއް އެނގިހުރެމެ ، ނޭނގޭކަމަށް ހަދައިގެން ، ނަމެއްގައި ފިރިޔަކަށް ހުރިމީހަކަށް ބަރޯސާވުމަށްވުރެ ، ލޯބިވާ ވާހަކަ ބުނާ އަދި ޖާނުންފިދާވާ މީހެއްގެ ގާތުގައި ހުރެލުމުން ހިތަށްވެސް އަރާމު ލިބޭނެކަމަށް ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ ވާހަކަތަކަށް ކެތްނުވެގެން ، ރުޅިއައިސް ރަތްވެފައިހުރެ ، ދިލްނަޝީންގެ މޫނުމަތީ ޖެހުމަށް އަމާޒުވަމުން އައި ، ޙައިދަރުގެ އަތް ، ދިލްނަޝީން ހިފެހެއްޓިއެވެ. ޙައްޤަކާނުލައި ، އޭނާގެ މޫނުމަތީ ޖެހި ފުރަތަމަ އެތިފަހަރުން އެޅިވޭނަށް އޭނާ ކެތްކޮށްފިކަމަށް ދިލްނަޝީން ބުންޏެވެ. އެހިސާބުން އެ ނިމުނީއެވެ. ޙައިދަރުގެ ބަހެއް ދެން ، ދިލްނަޝީނެއް ނާހާނެއެވެ. ބުނާކަމެއްވެސް ނުކުރާނެއެވެ. ދިލްނަޝީން ހަދާނީ ، ދިލްނަޝީނަށް ފެންނަގޮތެއްކަމަށް ، ޙައިދަރާ ދިމާލަށް އިނގިލި ދިއްކޮށްގެންހުރެ ބުންޏެވެ. ޙައިދަރު ހުރީ ގަބުވެފައެވެ. އޭނާގެ ހަށިގަނޑުން ނޭވާނުކުންނަހެންނެއްވެސް ހިއެއް ނުވެއެވެ. ދިލްނަޝީން އޭނާގެ މޫނުމަތީގައި އެޖެހީ ، މުޅިޢުމުރުގައިވެސް ، އިންސާނަކު އޭނާގެ މޫނުމަތީޖެހި އެންމެ ބާރުގަދަ ތަފާލެވެ. ހިތަށް ތަދުވިއެވެ. ސިކުނޑި ސުމަކަށް ދިޔައެވެ.  އިސްއުފުލައިލާނެހާ ބާރުވެސް ހަށިގަނޑަކު ނެތެވެ. ދިލްނަޝީން އެބުނި ވާހަކައެއް ބުނުމަށްފަހު ، ކޮޓަރިން ނުކުމެގެންދިޔައިރުވެސް ، ޙައިދަރުގެ ޙަރަކާތްހުރީ ކެނޑިފައެވެ.

ގޭގެ ބަގީޗާތެރޭ ފޯނާކުޅެން ރިދާ ހުއްޓާ ، ޙަމްޒާ ކުރިކަނޑައިލިއެވެ. ޙަމްޒާގެ މިޒާޖު ، މިއަދު އެހުރީ އެއްކޮށް ބަދަލުވެފައެވެ. ދިލްނަޝީން އޭނާއާއެކީ ހުރިއިރު ، ޙަމްޒާގެ ތަޞައްވުރުހުރި މިންވަރަށް އޭނާ އެހުރީ ބަދަލުވެފައިކަމަށް ރިދާ ބުންޏެވެ. އަދި އެކަމުގެ އަސްލަކީ ކޮބައިތޯ ސުއާލު ކުރިއެވެ.

" ދިލްނަޝީނެއް އެއްވެސް އިރަކު އެއްވެސް ތާކަށް ނުދެއެވެ. އަހަރެންގެ ހިތުން ދިލްނަޝީނެއް ނުދެއެވެ. އަދި އަހަރެންގެ ދިރިއުޅުމަކުންވެސް ، ދިލްނަޝީނެއް ނުދެއެވެ. އަބަދުވެސް ހުރީ އަހަރެންނާ އެކީގައެވެ. " ޙަމްޒާ ބުންޏެވެ.

ޙަމްޒާގެ ހަނދާން ހާދަބައްޔޭބުނެ ، ރިދާ މަލާމާތް ކޮށްލިއެވެ. ދިލްނަޝީން އެވަނީ ޙަމްޒާގެ ދިރިއުޅުމުން ބޭރުވެފައެވެ. ޙައިދަރާ ކައިވެނި ކުރިދުވަހުންފެށިގެން ، ޙަމްޒާގެ ހަޔާތުން ދިލްނަޝީން ނުކުމެއްޖެއެވެ. ހަނދާން ކޮށްލަ ބަލާށެވެ ! " ރިދާ ބުންޏެވެ.

އަނެއްކާވެސް އެދެމީހުންގެ މެދުގައި ކަމެއް ހިނގަނީތޯ ރިދާ ސުއާލު ކުރިއެވެ. އެސުއާލަކަށް ޙަމްޒާ ޖަވާބެއް ނުދެއެވެ. އޭނާކުރީ ސުއާލެކެވެ. ޙަމްޒާގެ ދިރިއުޅުމުގައި ހިނގަމުންދާ ކަންކަމާ ރިދާ އެހާބޮޑަށް ޖަޒުބާތީވަނީ ކީއްވެކަން ސާފުކުރަން ޙަމްޒާ ބޭނުންވިއެވެ. ޙަމްޒާ އުފާވެފައި ހުއްޓަސް ، ރިދާއަށް އެއީ މައްސަލަޔަކަށް އެބަ ވެއެވެ. ކެޔަސް ބުޔަސް އަދި ނުކެޔަސް ނުބުޔަސް ، ރުޅިއަޔަސް އަދި ދާހިއްލައިގަތަސް ، ސިނގިރެޓް ބުޔަސް އަދި ނުބުޔަސް ، ރދާއަށް މައްސަލަޔަކަށް ވަނީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ.

ޙަމްޒާގެ ވާހަކަތަކުން ، ރިދާހުރީ އަނގަހުޅުވި ، ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެނަސް ، ޙަމްޒާއަށް ޖަވާބެއް ދިނުމަކީ އެހިސާބުން ކުރަންޖެހިއްޖެކަމެއްކަމަށް ރިދާއަށް ޤަބޫލު ކުރެވުނެވެ. އަދި ، ޙަމްޒާގެ ކަންކަމާ އޭނާ ޖަޒުބާތީވަނީ އަދި ކަންބޮޑުވެގެން ވިސްނަނީ ، ޙަމްޒާގެ ދިރިއުޅުން ބަރުބާދުވެގެންދާތަން ދެކެން ބޭނުންނުވާތީކަމަށް ރިދާ ބުންޏެވެ. ޙަމްޒާ މިހާރު ދަތުރުކުރަމުން އެގެންދަނީ ، ނާމާންކަމުން ފުރިގެންވާ މިސްރާބަކަށެވެ. އެއީ އެއްކޮޅަށް ދުއްވާ މަގެކެވެ. ވަދެއްޖެނަމަ ، އަނބުރާލާފައެއް އެމަގަކުން ނާދެވޭނެއެވެ. ދާގޮތަށްގޮސް ތާކުލައްވައިނުލާ ނިމޭނީއެވެ.

ޙަމްޒާގެ ދިރިއުޅުމުގެ ކަންކަމާ ނުބެހުމަށް ރިދާއަށް ޙަމްޒާ އިންޒާރު ދިނެވެ. ޙަމްޒާ ޢަމަލުކުރަމުން އެގެންދަނީ އޭނާގެ ހިތްބުނާ ގޮތަކަށެވެ. އެހިތް އެދޭ ގޮތަށެވެ. އޭނާގެ ނިންމުންތަކަށް ގޮތްކިޔުމުގެ އެއްވެސް ޙައްޤެއް އެއްވެސް މީހަކަށް ނުދެއެވެ. ޚުދު ، ދިލްނަޝީނަށްވެސް ، އެޙައްޤު ދީފައެއް ނުވެއެވެ.

" އޭގެ މާނަޔަކީ ، ދިލްނަޝީނާއި ޙަމްޒާގެ ނާޖާއިޒް ގުޅުން  އަދިވެސް ކުރިޔަށްދަނީއެވެ. " ރިދާ ބުންޏެވެ.

ބެހޭކަމެއްނޫނެވެ. އެއީ ، ރިދާއާ ބެހޭކަމެއްނޫންކަމަށާއި ، އެއްބަނޑު އެއްބަފާ އަންހެނެއްގެ ގޮތުގައި ހުރުމަށް ޙަމްޒާ ބުންޏެވެ.

" ނިކަން ދެކިބަލާށެވެ ! އަހަރެންގެ މޫނުމަތިން މިހިރަ ފެންނަ އުފާވެރިކަން ނިކަން ދެކިބަލާށެވެ ! މިއީ އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދި އުފާވެރިކަމެއްގެ ނަތީޖާއެވެ. ރިދާމެންގެ ކުޑަވެސް ޙިއްޞާއެއް ނެތިއެވެ. ރިދާމެންނާ ބައްސައިފިއްޔާ މި އުފާވެރިކަންވެސް އަހަރެންގެ އަތްމަތިން ބީވެގެން ދާނެއެވެ. ކުރިންވެސް ވެފައި އޮތީ އެހެންނެވެ. އަހަރެން މިހޯދާ އަމިއްލަ އުފަލަށް ހިތްބަރުނުކޮށް ، އަހަރެންގެ ހިތުގެ އުފާތަކައިގެން ކުރިޔަށް ފިޔަވަޅު އެޅިޔަ ދޭށެވެ. " ޙަމްޒާ ބުނަމުން ގެންދިޔައެވެ.

ޙަމްޒާގެ ބަސްމަގު ހުރިގޮތުން ، ރިދާ ހުރީ އަޖައިބުވެފައެވެ. އެއީ އޭނާގެ ކޮއްކޮއެއްކަމުގެ އެއްވެސް އިޙްސާސެއް ނެތެވެ. ބަލަމުން އެދަނީ އޭނާއަކީ ޙަމްޒާގެ ދުޝްމަނެއްކަމުގައެވެ.

ޙަމްޒާގެ އެ ހިނިތުންވުމަކީ ، ވަގުތީކަމެއްކަމަށް ރިދާ ބުންޏެވެ. އެއްދުވަހަކުން ، ދެން އެނބުރި ދުނިޔެއަށް ނާދެވޭވަރަށް ޙަމްޒާގެ ހިތަށާއި ނަފްސަށް ގެއްލުންވާނެކަން ، ރިދާ ހަނދާން ކޮށްދިނެވެ. އެ ދިލްނަޝީނަކީ ، ޙަމްޒާގެ ދިރިއުޅުން އެއްފަހަރު ބަރުބާދުކޮށްލާފައިވާ އަންހެނެކެވެ. އަނެއްކާވެސް އެއުޅެނީ ، އެ ދިލްނަޝީނާ އަޅައިގަނެގެންނެވެ. ކުރީފަހަރު ، ކަރުބުޑުގައި ލީރަހަ އަދިވެސް ނުފިލަނީތޯ ރިދާ ސުއާލު ކުރިއެވެ. އެދުވަހަކުން ، ޙަމްޒާގެ އުފާތައް އޮންނާނީ އެކޮޅުކޮޅުން ޖެހިފައެވެ. އަދިވެސް ވަގުތު އެބައޮތެވެ. ޙަމްޒާ ހޭއެރުމަށް އެދި ރިދާ ، ނަޞޭޙަތްދެމުން ގެންދިޔައެވެ. އެހެންނަމަވެސް ، ރިދާގެ އެއްވެސް ވާހަކަޔަކަށް ޙަމްޒާ ސަމާލުކަމެއް ނުދިނެވެ.

ޙަމްޒާއަކީ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރެއްގައި އޮތް ބަލިމީހެއްކަމުގައި ބެލުމަށް ރިދާގާތު ޙަމްޒާ އެދުނެވެ. އަދި މަސްނޫޢީ މެޝިންތަކެއްގެ އެހީގައި ނޭވާލަމުންދާ މީހެއްގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުމުގެ އަސަރު އެއީ ވަރަށް އަގުބޮޑު އެއްޗެއްކަމުގައި ޙަމްޒާ ބުންޏެވެ. ރިދާ ވާހަކަ ދައްކަދައްކާ އޮއްވައި ، ކުދިކިޔަމުން ޙަމްޒާގޮސް އޮބާލިއެވެ.

ޙަމްޒާ ދިއުމާއެކު ރިދާ ، އަވަސްއަވަހަށް މެހެމަލްއާ ގުޅިއެވެ. މެހެމަލްއިނީ ބަގީޗާތެރެޔަށް ނުކުމެލައި ، އޭނާއަށް ލިބެމުންދާ ކުރިއެރުންތަކާމެދު ހިތްއުފާ ކޮށްލުމުގައެވެ. ރިދާވެސް މެހެމަލްއާ ނުގުޅާތާ ދުވަސްތަކެއް ވެއްޖެއެވެ. ރިދާގެ ފޯނުން މެހެމަލްއަށް ލިބުނު ޙައިރާންކަން ފޮރުވަމުން ، ފޯނުނަގައި ސަލާމް ގޮވައިލިއެވެ.

ދިލްނަޝީންގެ ފިރިމީހާއާއެކީ ، ކައިވެނީގެ ޙަޔާތު ވޭތުކުރަނީ ހިތްހަމަޖެހިގެން އުފަލުގައިނޫންކަމަށް ، މެހެމަލް ބުނިކަން ރިދާ ހަނދާން ކޮށްދިނެވެ. ހުރިހާކަމެއް ރަނގަޅުތޯ މެހެމަލް ސުއާލު ކުރިއެވެ. ކުއްލިޔަކަށް ރިދާ ، އެސުއާލު އެކުރީ ކީއްވެ ހެއްޔެވެ ؟

އެސުއާލު ކުރުމަށް އޭނާއަށް ޢުޒުރެއް އޮންނާނެކަމުގައި ޤަބޫލުކުރުމަށް ރިދާ އެދުނެވެ. އަދި އެސުއާލުގެ ޖަވާބު ދެވިދާނެތޯ އެހިއެވެ.

" މިހާރަކު ދިލްނަޝީނަށް އެކައިވެންޏަކުން އުފަލެއް ނެތެވެ. އެންމެ ފުރަތަމަ ، އޭނާ އުޅެނީ އުފަލުންކަމުގައި ދައްކަން ދިލްނަޝީން ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ، މިހާރު އެއުޅެނީކީ އުފަލުގައެއް ނޫނެވެ. އަބަދުވެސް އޮންނަނީ ޙައިދަރާ މައްސަލަ ޖެހިފައެވެ. ހީވާގޮތުން ، ދިލްނަޝީން މިހާރު އެއުޅެނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކީގައެވެ. " މެހެމަލް ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.