ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ކަނޑުގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިގޮތުން އަތުލެވުނު ތަކެތީގެ ބަރުދަނުގައި  ޖުމްލަ 3.534 ކިލޯ ގްރާމް ހުއްޓެވެ. މިތަކެތި އަތުލައިގަނެފައިވަނީ، 2025 މާރިޗު 12 ވަނަ ދުވަހު ކަނޑުގެމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް 2025 މާރިޗު 13 ވަނަ ދުވަހުގެ ފަތިހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ.

މިގޮތުން އަތުލެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ތަހުލީލުކުރިއިރު، 1086 ގްރާމް ކެޓަމިން (Ketamine)، 2138 ގްރާމް މެތަމްފެޓަމިން (Methamphetamine) ، އަދި 310 ގްރާމް ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި މައްސަލާގައި އަތުލެވުނު މަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރައެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.