ﷲ ވޮޑިގެންވާކަމުގެ ހެކިތައް (8)

ދަނގަޑާއި ގިނިހިލަ

ސައިންސްވެރިން ހާމަކުރާގޮތުގައި ، ބިމަކީ އެތައް ބިލިއަން އަހަރެއްވެފައިވާ ތަނެކެވެ. އޭރު ބިން އުފެދިފައިއޮތީ ހިލައިގެ ބާވަތްތަކުންނެވެ. ބިމުގައިވާކަމަށް ބެލެވޭ މަޢުދަނުގެ ތެރެއިން ދަނގަޑަކީ ، ހިލައިގެ ތެރެއިން ފެންނަމުންދިޔަ މަދު އެއްޗެކެވެ. އެހެނަސް ، ބިންގަނޑުގޮވައިގެންދިއުމުގެ ސަބަބުން ، މިހާރު އިންސާނުން ދިރިމިއުޅޭ ބިމުއަޑީގައި ދަގަނޑު ހިމެނުނީއެވެ.

ކީރިތި ޤުރުއާނުގެ އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

 

 لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ

މިއާޔަތުގެ މާނައަކީ ؛

" ހަމަކަށަވަރުން ، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި ، ފޮތާއި ، ޢަދުލު އިންޞާފުގެ ތިލަފަތް ، އެ ރަސޫލުންނާއެކު ބާވައިލެއްވީމެވެ. ( އެއީ ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި ، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި ، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން ، ﷲ އީ ، ބާރުވެރިވަންތަ ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ. "

ދަގަނޑު ބާވައިލެއްވިކަން ، މިއާޔަތުގެ މެދުތެރޭގައި ﷲ ތަޢާލާ ބަޔާން ކުރައްވާފައި ވެއެވެ. އެހެނީ ، ދަނގަޑަކީ  ކުރިން ބިމުގައި ނެތް އެއްޗަކަށްވެފައި ،  ގޮވިގޮވުމެއްގެ ތެރެއިން ބިމާއެކުވެ ބިމުއަޑީގައި ލެއްވިގެންވާ މަޢުދަނަކަށް ވެގެން ދިޔައީއެވެ. އަދި އެއީ މީސްތަކުންނަށް މަންފާކުރަނިވި އެއްޗެއްކަންވެސް މިއާޔަތުގައި އެވަނީ ބަޔާން ކުރައްވާފައެވެ. ދަގަނޑު ބޭނުންކޮށްގެން އިންސާނާ ނުއުފައްދާ އެއްޗެއް ނެތެވެ. މަތިންދުއްވާ ބޯޓާއި ކަނޑުގައި ދަތުރުކުރާ އާގުބޯޓާ އަދި ޖައްވަށް ފޮނުވާ ރޮކެޓްވެސް އިންސާނާ އުފައްދަމުންގެންދަނީ ދަގަނޑުގެ ބާވަތްތަކުންނެވެ. އެއީ ގަދަފަދަކަމެއް ލެއްވިގެންވާ އެއްޗެއްކަންވެސް ﷲ ވަނީ ބަޔާން ކުރައްވާފައެވެ.

ކީރިތި ޤުރުއާނުގައި ދަގަނޑުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައެވެ. މިއާޔަތަކީ ، ކީރިތި ޤުރުއާނުގެ 5100 ވަނަ އާޔަތެވެ.

ދުނިޔެއަށް ދަގަނޑު ތަޢާރުފްވެގެން ދިޔައީ ، ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ބާރަސަތޭކަ ނުވަތަ ފަނަރަސަތޭކަ އާ ދެމެދުގެ އަހަރުތަކުގައެވެ. އެދުވަސްވަރު ދިމާވަމީ ދާއޫދު ޢަލައިހިއްސަލާމްގެ ނަބީކަމުގެ ދުވަސްވަރާއެވެ.

ދަގަނޑާ ބެހޭގޮތުން ، ކީރިތި ޤުރުއާނުގެ ކަހްފުސޫރަތުގެ ނުވަދިހަ ހަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

 

 آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا

މިއާޔަތުގެ މާނައަކީ ؛

" ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު ، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ. "

މަތީގައިވާ އާޔަތުގައި ، ޙުޟުރުގެފާނާ ދިމާވެވަޑައިގަތް ބަޔަކަށް ރައްކާތެރިކަމާއި ސަލާމަތްކަން ހޯއްދަވައިދެއްވުމަށްޓަކައި ދެފަރުބަދައެއްގެ ދެމެދުގައިވާ ހުސްޖާގަ ދަގަނޑުން ފުރުއްވައި ، އެބައިމީހުންނަށް ، ސަލާމަތްކަން ހޯއްދަވައި ދެއްވިއެވެ. މިޒަމާނުގައި ކުރެވޭ ބޮޑެތި ހަނގުރާމަތަކުގައިވެސް ، އެންމެ ގިނައިން ބޭނުންކުރެވެނީ ދަގަނޑުގެ ބާވަތްތަކުން ތައްޔާރުކުރެވިފައި ހުންނަ ހަތިޔާރެވެ. ދަގަނޑުގެ މާއްދާއަކީ ، އިންސާނާގެ ހަށިގަނޑަށްވެސް ބޭނުންވާ މުހިންމު މާއްދާއެކެވެ.

އަލްޙަދީދު ސޫރަތުގައި ބަޔާންކުރައްވާފައިވާ ފަދައިން ، ދަގަނޑު ބާވައިލައްވައި ، އެއީ ، މީސްތަކުންނަށް މަންފާހުރި އެއްޗެއްކަން ﷲ ތަޢާލާވަނީ ލައްވާފައެވެ. އިންސާނާގެ ހައްޓާއި ނަފްސުގެ ރައްކަލަށާއި ޞިއްޙީ ރައްކާތެރިކަމަށްވެސް ދަނގަޑަކީ މުހިންމު އެއްޗެކެވެ. ބިމުއަޑީގައި ލައްވާފައިވާ މަޢުދަނުގެ ތެރެއިން ދަނގަޑަކީ ، އެންމެ ގިނައިން އިންސާނާ ބޭނުންކުރަމުން އަންނަ އެންމެ ޢާންމު މާއްދާއެވެ. އިންސާނާ އުފައްދަވާފައިވަނީ މަށިންނެވެ. އެހެންކަމުން އޭގެޒާތުގައިވެސް ، އިންސާނާގެ ހަށިގަނޑުގައި ދަގަނޑު ހިމެނެއެވެ. އިންސާނާގެ އަޖަލު ހަމަވުމުން އެނބުރިދަނީވެސް ބިމުގެ ތެރެޔަށް ވަޅުލެވިގެންނެވެ. މިހުރިހާ މުޢުޖިޒާތަކީވެސް ، ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ޢިލްމުފުޅާ އަދި ޙިކުމަތްފުޅުގެ މަތިވެރިކަމެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.