ﷲ ވޮޑިގެންވާކަމުގެ ހެކިތައް (7)

އުޑުގެ ޙިމާޔަތާއި ރައްކާތެރިކަން

ދުނިޔެއަކީ ، އިންސާނުންނާއި އެންމެހާ ދިރޭ ތަކެތިއުޅޭ ބިމާއި ކަނޑާ އަދި ވައި ހިމެނޭ ތަނެވެ. ދުނިޔެއަކީ ވަށްކޮށް އޮންނަ ތަނެކެވެ. ވަށްބުރަށް ، ޖައްވުގައި ދައުރުވަމުން އަންނަ ތަނެކެވެ. އިރާއި ހަނދާ އަދި ތަރިތައް ފަދައިން ހަވާގައި ދައުރުވަމުން އަންނަ ތަނެކެވެ. ދުނިޔެ ކިތަންމެ ވަރަކަށް ބުރުއެޅިޔަސް ، ކޮޅަށްތިބޭ މީހުންނާއި ދިރޭތަކެތީގެ ޙަރަކާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މިކަމުގައިސަބަބަކަށް މެދުވެރިވަނީ ގްރެވިޓީއެވެ. މިސާލަކަށް ދުނިޔޭގެ ގްރެވިޓީއަކީ އިންސާނާ ކޮޅަށް ހުންނަން އެހީތެރިވެދޭ ވަސީލަތެވެ. އެއްޗެއްގެ މެދަށް ކޮޅަށް ހުރުމަށް ބާރުއަޅާ މާއްދާއަކީ ގްރެވިޓީއެވެ. މިފަދަ ބާރެއް ނެތްނަމަ ، އިންސާނުން އަބަދުވެސް ތިބޭނީ އޮށޯވެ ނުވަތަ ހޫރިހޫރިއެވެ. ކޮޅަކަށް ނުހުރެވޭނެއެވެ. ޖައްވީ އުޅަނދުފަހަރުގައި އެސްޓްރޮނޯޓުން އުޅޭ ބީދައިންނެވެ.

ބިމުގެ ގްރެވިޓީ އެންމެ ސިކުންތަކަށް ނެތުނަސް ، ވަރުގަދަ ޒަލްޒަލާއެއް އައިސް ، ދިރުން ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިދާނެއެވެ. ބިމުގެ އަޑިން ލޯވަޅެއް އަޅައި ، އަނެއްފަރާތަށް ފޫދުއްވައިލުމަށްފަހު ، ހިލަކޮޅެއް ވައްޓައިލިޔަސް އަނެއްފަރާތަކަށް އެހިލަކޮޅަކަށް ނުދެވޭނެއެވެ. ލޯވަޅުގެ މަތިންނާއި ތިރިން ދެކޮޅުން އަންނަ ގްރެވިޓީ ބައްދަލުވާ ޕޮއިންޓްގައި އެހިލަކޮޅު ހަރުލާނެއެވެ. އެ ޕޮއިންޓަކީ ، ވަރަށް ޕްރެޝަރ ގަދަވެފައި އާދަޔާޚިލާފް ގަދަ ހޫނެއް އުފެދިފައި ހުންނަ ޕޮއިންޓެކެވެ. 3.6 ބިލިއަން އެޓޮމްގެ ބާރުގަދަ ޕްރެޝަރެއް އެޕޮއިންޓްގައި ހުރެއެވެ. އިތުރަށް ނުކޮނެވޭވަރުގެ ބާރުގަދަ ހޫނެއް އެ ޕޮއިންޓްގައި ވެއެވެ. ބިމުގެ މެދު ކަމަށް ބެލެވޭ ޕޮއިންޓަކީ ، ދެކޮޅުންކުރެ ކޮންމެ ކޮޅަކުން ބެލިނަމަވެސް ، ގާތްގަނޑަކަށް ހަތަރުހާސް މޭލެވެ. ނުވަތަ ހަކިލޯ މީޓަރެވެ.

ބިމުގެ އެއްކޮޅުން އަނެއްކޮޅަށް ، އެއްފަރާތުން އަނެއްފަރާތަށް ފޫދާގޮތަށް ލޯވަޅެއް އެޅިފައެއް ، މިހާތަނަކަށް އަދި ނެތެވެ. އެންމެ އަޑިޔަށްވެސް ކޮނެވިފައިވަނީ ގާތްގަނޑަކަށް ބާރަހާސް މީޓަރު ނުވަތަ ސާޅީސްހާސް ފޫޓަށެވެ.

ދުނިޔޭގެ މެދަކީ ، މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ އެއްޙަރަމްފުޅުކަމުގައިވާ ، ކައުބަތުﷲ ގެފުޅެވެ. އެކަންވަނީ ސައިންޓިފިކް ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކަށަވަރު ކުރެވިފައެވެ.

އުޑަކީ ތަނބަކާނުލައި ޖައްވުގައި ، ހަވާގައި އޮތް ސަރާސަރު ތަނެކެވެ. އެއީ އެކަކަށްވުރެ ގިނަޢަދަދަކަށް އުފައްދަވާފައިވާ ތަނެކެވެ. އުޑުތަކާއި ބިން ، މިފަދަ ގޮތްގޮތަށް ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި  ވަޙީކުރައްވާފައި ވެއެވެ. ކީރިތި ޤުރުއާން ބާވައިލެއްވުނީ ހަތްއުޑުމަތިންކަމަށް ، ޢިލްމުވެރިން ލިޔުއްވައެވެ. އުޑުތަކާއި ބިންތަކަކީ ، ލަޢޢުނަތްލެއްވިގެންވާ ޝައިޠާނާއަށް ކައިރި ނުވެވޭފަދަ ގޮތަކަށް ރައްކާތެރި ކުރެއްވިގެންވާ ތަންތަނެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މިޢުރާޖު އަރައިވަޑައިގަތްރޭ ، އެއްއުޑުކޮޅުން އަނެއް އުޑުކޮޅަށް ވަޑައިގަންނަވަމުން ގެންދެވިކަމަށް ، ޢީލްމީ ފޮތްތަކުގައި ބަޔާންކުރެވިފައި އެބަހުއްޓެވެ. އެކިއުޑުން ، އެކިއެކި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާ ބައްދަލުވެވަޑައިގެންފައި ވެއެވެ.

ކީރިތި ޤުރުއާނުގެ އަލްއަންބިޔާއު ސޫރަތުގެ ބައްތިރީސްވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައި ވެއެވެ.

 

وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ آيَاتِهَا مُعْرِضُونَ

މިއާޔަތުގެ މާނައަކީ ؛

" އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި ، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ ( އިރުހަނދާއި ، ތަރިތައްފަދަ ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. "

ކީރިތި ޤުރުއާނުގެ ލުޤްމާން ސޫރަތުގެ ދިހަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ

މިއާޔަތުގެ މާނައަކީ ؛

" ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި ، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި ، ހަރުލައި ހުންނަ ފަރުބަދަތައް ، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން ، ގަސްގަހާގެހި ފެޅުއްވީމެވެ. "

ކީރިތި ޤުރުއާނުގެ އައްރަޢުދު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

 اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ

މިއާޔަތުގެ މާނައަކީ ؛

" ﷲ އީ  ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި ، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން ޢަރްޝުގެ މައްޗަށް އެކަލާނގެ އިސްތިވާ ވެވޮޑިގަތެވެ. އަދި އިރާއި ، ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ ތަދްބީރު ކުރައްވަތެވެ. އާޔަތްތައް ތަފްޞީލު ކޮށްދެއްވަތެވެ. ( އެއީ ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން ، ތިޔަބައިމީހުން ޔަޤީން ކުރުމަށްޓަކައެވެ. "

ކީރިތި ޤުރުއާނުގެ އައްރަޙްމާން ސޫރަތުގެ ހަތްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

 وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ

މިއާޔަތުގެ މާނައަކީ ؛

" އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ޢަދުލު އިންޞާފު ލެއްވިއެވެ. "

ޖައްވުގައި އުޑުގައިވާ ހުރިހާ ބާވަތެއްގެ ގޭސް މެދުވެރިކޮށް ، އިރުގެ ވިހަދޯދިތަކުންނާއި ބިމާއި ބިމުގެ އަހުލުވެރިންގެ ޙަޔާތް ސަލާމަތްކޮށްދޭކަން ، ސައިންސްގެ ހޯދުންތަކުން ސާބިތުކޮށްދެއެވެ. ޖައްވުގައި ޤުދްރަތުން ލައްވާފައިވާ ފަށަލަތައް ނެތްނަމަ ، ދިރުންލައްވައި ފުރާނައެޅުއްވި ތަކެއްޗަކަށް މިބިންމައްޗަކު ނޫޅެވޭނެއެވެ. ފިނިގަދަވެގެންގޮސް ، މައިނަސް 270 އަށް އަރައިގެންދާނެއެވެ. އެއީ ދިރޭތަކެތި ދިރިއުޅުމަށް ނުކުޅެދޭފަދަ މިންވަރެއްގެ ފިނިކަމެކެވެ. ހަމައެފަދައިން ޖައްވުގެ ނުވަތަ އުޑުގެ ފިނިކަންވެސް ގަދަވެގެންދާނެއެވެ.

އެހެންކަމުން އުޑޫތަކާއި ޢާލްމްތަކަކީ ، ﷲ ގެ ކުޅަދުންވަންތަކަމުން ، އޭގެޒާތުގައި ރައްކާތެރިކަން ލިބިގެންވާ ތަކެއްޗެވެ. އުޑަކީ ބިމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލެއްވިގެންވާ އެއްޗެކެވެ.

ކީރިތި ޤުރުއާނުގެ ޤާފުސޫރަތުގެ ހަވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

 أَفَلَمْ يَنظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ

މިއާޔަތުގެ މާނައަކީ ؛

" ފަހެ ، އެއުރެންނާ ދިމާ މަތީގައިވާ އުޑު ، ތިމަންރަސްކަލާނގެ ހައްދަވައި ، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. "

މީގެ އިތުރަށް ޤާފުސޫރަތުގެ ނުވަވަނަ އާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ

މިއާޔަތުގެ މާނައަކީ ؛

" އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި ، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. "

އުޑާއި އުޑުތަކާއި ޢާލަމްތައް ހައްދަވައި ، ހިނގަހިނގާ ހުންނަ ވަކި ނިޒާމަކުން އެ އެންމެހައި ތަކެތި އެއްވެސް މައްސަލައެއް  ނުޖެހި ، ހިނގަހިނގާ ހުންނަގޮތުގައި އުފެއްދެވި ކަލެއްގެ މަތިވެރިކަމާއެވެ. އިންސާނާ އޭނާގެ ބުއްދިފިލައިދާވަރަށް ހޯދައި ބެލިޔަސް ، އުޑުތަކާއި ކާއިނާތުގައި ﷲ ލައްވާފައިވާ އަޖައިބުތަކުގެ ސިއްރު ދެނެގަތުމަކީ ، އެކަށީގެންވާ ކަމެއްނޫނެވެ. ކީރިތި ޤުރުއާނުގައި ވަކިގޮތަކަށް އަންގަވައި ބަޔާންކުރައްވާފައިވާ ކަމެއް ފިޔަވައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.