
ފުރާނައަޅުއްވައި ދިރުއްވުން
މިދުނިޔެއާއި ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ، ﷲ ސުބްޙާނަހޫގެ ކަށަކުޅަދުންވަންތަކަމުން ، ނެތުމުގެ ތެރެއިން އުފައްދަވައި އަދި ފަނާކުރައްވާ އެއްޗެކެވެ. އޭގެ ތެރެއިން ، އެންމެ ބޮޑު އެއް މުޢުޖިޒާތަކީ ، ފުރާނަ އަޅުއްވައި ދިރުން ދެއްވި އެންމެހައި ތަކެއްޗެވެ. ކޮންމެ ފުރާނަޔަކަށްވެސް މިދުނިޔޭގައި ވަގުތެއް ލައްވާފައި ވެއެވެ. އެއީ ، އެހެން އެއްވެސް ފަރާތަކަށް ބާރު ނުހިނގާ ، އަދި ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅަށް ޚާއްޞަވެގެންވާ ކަމެކެވެ. ވަގުތު އައުމުން އުފަންވެ ، ދިރުން ލިބިގެންދާނެއެވެ. އަޖަލު ޖެހުމުން ލަހެއްނުވެ ، ފުރާނަވަކިވެ ދިރުން ނެތިގެން ދާނެއެވެ.
ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. ﷲ ވޮޑިގެންވާކަމާއި ، އެކަލާނގެޔަށް ޝަރީކަކު ނުވާކަމުގެ ހެއްކާއި ދަލީލު ، އެފޮތުގައި ބަޔާން ވެގެން ވެއެވެ. ކީރިތި ޤުރުއާނުގެ މުއުމިނޫން ސޫރަތުގެ 12 ވަނައާޔަތުން ފެށިގެން 15 ވަނަ އާޔަތުގެ ނިލަޔަށް ، އެ ހަތަރު އާޔަތުގައި ، ﷲ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ (12) ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ (13) ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (14) ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ (15)
މި އާޔަތްތަކުގެ މާނަޔަކީ ،
" ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ. (12) ދެން ތިމަންރަސްކަލާނގެ އެ އިންސާނާ ، ރައްކާތެރިތަނެއްގައި ، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. (13) ދެން ތިމަންރަސްކަލާނގެ އެ މަނިތިކި ، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު ، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު ، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ ﷲ ، މަތިވެރިވެވޮޑިގެންވެއެވެ. (14) ދެން ހަމަކަށަވަރުން ، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ. (15)
އިންސާނާ އުފަންވުމާބެހޭ ގޮތުން ، ޤުރުއާނުގެ ޢިލްމުގައި ބަޔާންކުރެވިފައިވާ ޤުދްރަތީ މި ސިއްރުތައް ، ސައިންސްގެ އެހީގައި ހޯދިފައިވަނީ އިހަކަށް ދުވަހުއެވެ. އެހެނަސް ، އެއްޗެއް އުފަންވުމުގެ އެ މަރުޙަލާތަކަކީ ، އިންސާނާގެ ބާރުހިނގާ ކަމެއްނޫނެވެ. ދިރުންހުރި ފުރާނައެއް އިންސާނާއަށް މަރައި ލެވިދާނެއެވެ. އެހެނަސް ، ފުރާނަނެތް މަސްގަނޑަކަށް ފުރާނައެއް ނޭޅުވޭނެއެވެ. އެއީ އިންސާނާގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. އެކަމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ އެއްކައުވަންތަ އިލާހެއްގެ އިރާދަފުޅާއި މިންވަރުފުޅާނުލައި ، އެކަމެއް ނުވާނެއެވެ. މިއަދު ހޯދިފައިވާ ސައިންސްގެ އާ މިފަދަ ހޯދުންތަކަކީ ، މީގެ ސާދަސަތޭކަ އަހަރުކުރިން ، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ކަންކަމެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި މަތިވެރިވަންތަކަމުގެ ބޮޑުކަމާއެވެ ! ( ނުނިމޭ )