ވިހަ ތީރު (80)

( 10 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދިލްނަޝީން އެދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. ޙައިދަރަށް އެނގޭހާވެސް އެއްޗަކީ ، މެހެމަލް އެހަދަމުން ގެންދަނީ މުޅިން ދޮގު ނޫންކަމެވެ. މިފަހަރުވެސް ، މެހެމަލް އެބުނި ވާހަކައެއް އެ ދިމާވީއެވެ. ކޮންމެ ނިޔަތެއްގައިކަމަށް ވިޔަސް ރާވައިގެން ކުރިޔަސް ، މެހެމަލް ޖަހަމުން އެގެންދާ މަޅީގައި ދިލްނަޝީން ޖެހެންވީ ސަބަބެއް ނެތެވެ.

ހިނގަމުންހިނގަމުންގޮސް ދިލްނަޝީން ނުކުތީ ބޭރަށެވެ. ޙައިދަރުވެސް ކުރަންދިޔަކަންތައް ދޫކޮށްލާފައި ، ދިލްނަޝީންގެ ފަސްފަހަތްބަލަމުން އައެވެ. މޯލްގެ މައިދޮރާ ހަމަޔަށް ޙައިދަރަށް އާދެވުނުއިރު ، ދިލްނަޝީން ކާރަކަށް އަރަނީއެވެ. ދިލްނަޝީން އެރީ ކާރުގެކުރީ ޝީޓަށެވެ. އޭގެމާނަޔަކީ ، އެއީ ދިލްނަޝީން ދަންނަމީހެއްގެ ކާރުކަމެވެ. ޙައިދަރުވެސް އެއީ ކާކުގެ ކާރެއްތޯ ބެލުމަށް ތަންކޮޅަކަށް އައެވެ. އައިތަނުން ، ޙަމްޒާގެ މޫނު ޙައިދަރަށް ފެނުނެވެ. އެއީ ޙަމްޒާގެ ކާރެވެ.

ޙައިދަރުގެ ފައިދަށުން ބިންގަޑު ދެމިގެންދިޔަ ކަހަލައެވެ. ފޯނު ނަގައި ދިލްނަޝީނަށް ޙައިދަރު ގުޅިއެވެ. ޙައިދަރުގެ ފޯނަށް ޖަވާބު ދިނުމަށް ޙަމްޒާ ބުންޏެވެ. އެހެނަސް ފޯނުނަގާފައި ބުނާނީ ކީކޭކަމެއް ދިލްނަޝީނަކަށް ނުވިސްނުނެވެ. ފޯނުނަގައި ސަލާމް ގޮވައިލުމާއެކީ ، ދިލްނަޝީންގެ ޙާލު ކިހިނެއްތޯ ޙައިދަރު އެހިއެވެ. ހެނދުނުއްސުރެ ވާހަކަ ދައްކައިނުލެވޭތީ ، ޙާލުއަހައިލީކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީން އެއުޅެނީ ކޮންތާކުތޯވެސް ޙައިދަރު އެހިއެވެ.

ދިލްނަޝީންގެ ޙާލު ރަނގަޅުކަމަށް ބުނެ ދިލްނަޝީން ޖަވާބު ދިނެވެ. އަދި ، އޭނާ އެއުޅެނީ ސެލޫނުގައިކަމަށްވެސް ބުނެ ދޮގު ހެދިއެވެ. ޙައިދަރުގެ ކަކުލުހުޅުން ވާގިދޫވިއެވެ. އެހެނަސް ، ހިތްވަރުކޮށްފައި ހަށިގަނޑު ތެދަށް ހިފަހައްޓައިލިއެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ، ޙައިދަރަކަށް ނުހުއްޓުވުނެވެ. ދިލްނަޝީން ވާހަކަދައްކަމުން ދަނިކޮށް ޙައިދަރު ފޯނު ކަނޑައިލިއެވެ. އަދި އަނބުރާ މޯލުތެރެޔަށް ވަދެގެން ދިޔައެވެ.

އެއްވެސްކަމެއް ނުވާނެއެވެ. ދިލްނަޝީން ހަމަޖެހިލުމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނަށް ޤަބޫލުކުރެވުނު ގޮތުގައި އޭނާއަށް އެހެދުނީ ވަރަށްބޮޑު ގޯހެކެވެ. ޙަމްޒާއާ ބައްދަލުކުރަން ދިލްނަޝީން އެގޮތަށް އައިސްގެން ނުވާނެއެވެ.

" ތިހެދީކީ ގޯހެއްނޫނެވެ. ގޯހެއްކަމަށްވިޔަސް މައްސަލައެއް ނެތެވެ. އަހަރެމެންހެދި އެންމެ ގޯހަކުން އެތައްބަޔަކަށް ތަކުލީފު ލިބެމުން އެބަދެއެވެ. ހެދުނު ގޯހުން ، ކުޑައިރުކޮޅަކަށްނަމަވެސް ، އުފާޥެރިކަމެއް ހޯދުމަކީ ފާފައެއްނޫނެވެ. " ޙަމްޒާ ބުންޏެވެ.

ޙަމްޒާގެ ބޭނުމަކީ ، އޭނާގެ ލޯކުރިމަތީ ދިލްނަޝީން ފެންނަން އިނުމެވެ. އެއްވެސް ހުރަހެއްނެތި ދިލްނަޝީންގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެލަން ފުރުޞަތު ހޯދުމެވެ. އެކަމަކު ، ދިލްނަޝީނަށް އެކުރެވެނީ ވަރަށްބޮޑު ގޯސް ކަމެކެވެ. އެއީ ، ޙަމްޒާ ބުންޏަސް އޭނާ ކޮށްގެންވާނެކަމެއް ނޫނެވެ. ޙަމްޒާ ވާހަކަ ދައްކަމުންގޮސް ، ދިލްނަޝީންގެ އަތުގައި ހިފައިލިތަނުން ދިލްނަޝީން ސިއްސައިގެން ދިޔައެވެ. އަދި އޭނާގެ އަތް ދަމައިގަނެ ، ދޯޕައްޓާތެރެޔަށްލައި ދެއަތް ފޮރުވިއެވެ. އެކަމާ ޙަމްޒާ ހިތްހަމަ އެއް ނުޖެހުނެވެ. ޙަމްޒާ ހިތްހަމަ ނުޖެހުނަސް ، އެއީ ދިލްނަޝީނަށް މައްސަލައެއްނޫނެވެ. ޙަމްޒާއާ ބައްދަލުކުރަން ދިލްނަޝީން އެއައީ ކޮންމެހެން ޙަމްޒާގެ ހިތްހަމަޖައްސައިދޭކަށްނޫނެވެ. ޙައިދަރާއި ޙައިދަރުގެ މަންމަގެ ފަރާތުންނާއި ޚުދު އޭނާގެ އަމިއްލަ މަންމަގެ ފަރާތުން ލިބުނު އަނިޔާއާއި އޭނާގެ ޝަޚުޞަށް އެމީހުންގެ ފަރާތުން ލިބުނު ގެއްލުމާ ގުޅިގެން ޖަޒުބާތީވެފައި އިންދާ ، ޙަމްޒާއަކީ އޭނާއާ ދޭތެރޭ ވިސްނާ ހަމައެކަނި މީހާކަމަށް ދެކިގެން ، ދިލްނަޝީންގެ ހިތަށް އިބިލީސް ވަސްވާސް ދިނީއެވެ. ޙަމްޒާއަކީވެސް ވަކި ރަނގަޅު މީހެއްނޫނެވެ. ކޮންމެ މީހަކުވެސް އުޅެނީ ، އެމީހެއްގެ އަމިއްލަ އެދުމެއް ފުއްދާށެވެ. ސަހަލު ހަމައެކަކުވެސް ނެތެވެ.

ދިލްނަޝީންގެ އަތުގައި ހިފައިލުމަށް ފުރުޞަތު ނުދިނުމާ ގުޅިގެން ، ޙަމްޒާގާތަށް އައި ރުޅި ކޮންޓްރޯލް ކޮށްލިއެވެ. އޭނާއަކަށް ދިލްނަޝީންގެ މައްޗަކަށް އެއްވެސް ޙައްޤެއް ނެތެވެ. ޙައްޤެއްނެތްތާނގައި ބަހެއްވެސް ނުކިޔޭނެއެވެ. ކުޑައިރުކޮޅެއްފަހުން ، މައިތިރި ވެލުމަށްފަހު ، އޭނާ އަބަދުވެސް ހުންނާނީ ދިލްނަޝީނާއެކުގައިކަމަށް ޙަމްޒާ ބުންޏެވެ.

" އެކަމަކު ޙަމްޒާއަކީ އަހަރެންގެ މީހެއްނޫނެވެ. އަހަރެންނާވާ ބެހޭމީހެއްވެސް ނޫނެވެ. ކަން އެހެން އޮތްއިރު ، އަހަރެންނާއެކީ ، އަބަދު ކީއްކުރަން ހެއްޔެވެ ؟ ކުޑައިރުކޮޅަކުވެސް އަހަރެންނާއެކީ ވާންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

އެއީ އުނދަގޫކަމެއްނޫންކަމަށް ޙަމްޒާ ބުންޏެވެ. ޙަމްޒާއަކީ ދިލްނަޝީނުގެ މީހަކަށް ވެވިދާނެއެވެ. ކުރިންވެސް އޮތްގޮތަށެވެ. އޭނާ އެކަންކޮށްފައި ދައްކާނެކަމަށް ޙަމްޒާ ބުންޏެވެ. އަދި ، ކާރު އިސްޓާޓުކޮށްލާފައި ބާރަށް ދުއްވައިލިއެވެ.

އެމީހުން އެދަނީ ކޮންތާކަށްތޯ ދިލްނަޝީން ސުއާލުކުރަމުން ގެންދިޔައެވެ. އެދަނީ އެމީހުން ދާންޖެހޭ ތާކަށްކަމަށް ޙަމްޒާ ބުންޏެވެ.

ސިންގަޕޫރު ގްރޫޕްގެ މީހުންނަށް ކާންދީ ނިމިގެން ޙައިދަރު ބޭރަށް ނުކުމެ ބަލައިލާ ފުންމާނޭވާއެއް ލިއެވެ. ދިލްނަޝީން އެދިޔަތާކަށް ގޮސް ނިމިއްޖެއެވެ. އަދި ، ސިންގަޕޫރު ގްރޫޕްވެސް ފޮނުވައިލިއެވެ. އެތަން ބެލެހެއްޓުމަށް ޗޯކީދާރަކަށް އެވަގުތު ހުރީ ޙައިދަރު ދަންނަ ޔޫސުފް ކިޔާ މީހެކެވެ.

" ޔޫސުފެވެ. ދިލްނަޝީން މެޑަމްގެ ޙާޟިރުގައި ، އަހަރެންމިތަނުން ފެނުނުވާހަކަ ނުބުނައްޗެވެ. " ޔޫސުފްގާތު ޙައިދަރު ބުންޏެވެ.

ދިލްނަޝީން ގޮވައިގެންގޮސް ޙަމްޒާވަނީ ، ވަރަށްރީތިކޮށް ހަދާފައިވާ ގަނޑުވަރެއްކަހަލަ ތަނަކަށެވެ. އޭނާ އެގެނައީ ކޮންތާކަށްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އެތަނަކީ ، އެމީހުންގެ ކުންފުނީގެ ވެރިންނަށް ކުންފުނިން ތައްޔާރުކޮށްފައިވާ ތަނެއްކަމަށް ޙަމްޒާ ބުންޏެވެ. އެތަން ހަދައިދިނީ ދިލްނަޝީންގެ ފިރިމީހާ ޙައިދަރެވެ. އޭނާ ގޮވައިގެން އެތަނަށް އެއައީ ކީއްކުރަންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދިލްނަޝީންގެ ޙައިރާންކަމުން ހީވަނީ ، ދިލްނަޝީންގެ ކުރިމަތީގައި ޙައިދަރު ހުރި ހެންނެވެ.

" މިތާނގެ ހުރިހާ ބިތަކުން ، ޙައިދަރުގެ ލޮލަށް އަހަރެން ފެންނަކަން އިޙްސާސް އެބަ ކުރެވެއެވެ. ޙައިދަރު އެހުންނަނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. " ދިލްނަޝީން ބުންޏެވެ.

އެފެންނަ ފެނުމާއި ކުރެވޭ އިޙްސާސުން ވާނީ ކޮން ތަފާތެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ފާރުތައް އެހެރީއެވެ. ހަމަހިމޭންކަންމަތީގައެވެ. ކުރާނެކަމެއް ނޭނގިފައެވެ. ކުރެވޭނީ ކޮންކަމެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. މާގިނަ ވާހަކަ ނުދައްކާ ޙަމްޒާ ބުނަންބޭނުންވާ ވާހަކައެއް ބުނުމަށް ދިލްނަޝީދު އެދުނެވެ. އޭނާގެ މަތިން ދިލްނަޝީން ހަނދާންވޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. ހަނދާން ކުރިން ކަމުގައި ދިލްނަޝީން ބުންޏެވެ. އޭނާދެކެ ލޯބިވޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. ލޯބިވެސްވީންކަމަށް ދިލްނަޝީން ބުންޏެވެ. މިހާރުގެ ޙާލަތަކީ ކޮބައިތޯ ޙަމްޒާ ސުއާލު ކުރިއެވެ.

" އަހަރެން މިހާރު މިހުރީ ކަންބޮޑުވެފައެވެ. ބައެއްފަހަރަށް ރުޅިވެސް އާދެއެވެ. ދޮންވެލި ގޮނޑުދޮށެއްގައި ، އަހަރެން ވެލިން ގަނޑުވަރެއް ބިނާކުރީމެވެ. އެކަމަކު ، ގޮނޑުދޮށަށް ބީއްސާލި ބިޔަ ރާޅުތަކެއް އައިސް  އެގަނޑުވަރު ހަލާކުކޮށްލައިފިއެވެ. އަހަރެން ބިނާކުރި ގަނޑުވަރު ސަލާމަތްކޮށްދޭނެ އެކަކުވެސް ނެތެވެ. މެހެމަލްވެސް މެއެވެ. މަންމަވެސް އަދި ޙަމްޒާވެސް އޭގެތެރޭގައި ހިމެނެއެވެ. " ދިލްނަޝީން ބުންޏެވެ.

ޙައިދަރުވެސް ހެއްޔެވެ ؟ ޙަމްޒާ ސުއާލު ކުރިއެވެ.

ޙައިދަރުވެސް އޭނާގެ ނަޞީބާއެކީ ރޮމުން ދިލްނަޝީނާއެކީ އެބަހުރިކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ ހިތުގައި ޙައިދަރުގެ މައްޗަށް ހާދަބޮޑު ހަމްދަރުދީއެއް އުފެދިފައި އެބައޮތްކަމުގައި ޙަމްޒާ ބުންޏެވެ.

" އާނއެކެވެ ! އަހަރެންގެ މައްޗަށް ޙަމްދަރުދީއެއް އޮތް ހަމައެކަނި މީހަކީ އެއީއެވެ. ޙާލަތު ރަނގަޅުގޮތުގައި ބާއްވައިގެން ކުރިޔަށް ދެވޭތޯ ޙައިދަރު އެބަ ބަލައެވެ. އެކަމަކު ، އޭނާއަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. " ދިލްނަޝީން ބުންޏެވެ.

ޙައިދަރުގެ ކިބައިން ސަލާމަތްވުމަށް ދިލްނަޝީންގާތު ، ޙަމްޒާ ބުންޏެވެ. ޙަމްޒާ އެބުނި ވާހަކައެއްގެ މާނައެއް ދިލްނަޝީނަކަށް ނުވިސްނުނެވެ. އެހެންކަމުން ، ޙަމްޒާ އެވާހަކަ ތަންކޮޅެއް ތިލަކޮށްލިއެވެ. ޙަމްޒާ އެބުނީ ޙައިދަރުގާތުން ވަރިވާ ވާހަކައެވެ.

އެއީ ދިލްނަޝީނަށް އެހާ ފަސޭހަކަމެއްނޫނެވެ. އެކަމަކު ، އެކުގައި އުޅެންވެސް އެހާ އުނދަގޫ ނޫންހޭ ޙަމްޒާ ބުންޏެވެ. އަދި ދިލްނަޝީނަށް ގޮވައިލިއެވެ.

" ދިލްނަޝީނެވެ ! އަމިއްލަ އެދުންބޮޑު ގުޅުމަކުން ، ދިލްނަޝީންގެ އަމިއްލަ ނަފުސަށް އަނިޔާ ނުދޭށެވެ ! ދިލްނަޝީންގެ ދިރިއުޅުން ނަރަކަޔަކަށް ނުހަދާށެވެ ! " ޙަމްޒާ ބުންޏެވެ.

އޭނާއަށް އެކަނި އެކަން ނުކުރެވޭނެކަމަށް ދިލްނަޝީން ބުންޏެވެ. ޙަމްޒާ އިތުރު ވަގުތެއް ނުނަގާ ، އޭނާއެހުރީ ދިލްނަޝީނާއެކުގައިކަމަށް އަނެއްކާވެސް ބުންޏެވެ. ޙަމްޒާ ކުރިންވެސް ދިލްނަޝީނާ އެކުގައި ހުއްޓެވެ. އެކަމަކު ވީކޮންކަމެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙަމްޒާ އޭރުހުރީ ކުރެވޭނެ މާބޮޑުކަމެއްނެތިކަމަށް ޙަމްޒާ ބުންޏެވެ. އެކަމަކު ، މިހާރު އޭނާއެހުރީ މިނިވަންކަމާ އެކުގައި ބޭނުންކަމެއް ބޭނުންގޮތަކަށް ކުރެވޭގޮތަށެވެ. އެދެމީހުންގެ ދިރިއުޅުން އާބާދުކޮށް ، އަލުން އުފާވެރިކަން ގެނެވިދާނެއެވެ. އެދެމީހުން ބޭނުންގޮތަކަށް އެމީހުންގެ ދިރިއުޅުން ބިނާކުރެވިދާނެއެވެ. އެކަމަށް ހުރަސްއެޅޭނެ އެއްވެސްމީހަކު ނުހުންނާނެއެވެ. އެކަމާމެދު ފުންކޮށް ވިސްނުމަށް ދިލްނަޝީނަށް ޙަމްޒާ އާދޭސް ކުރަމުން ގެންދިޔައެވެ. ވާހަކަ ދައްކަމުންގޮސް ، ދިލްނަޝީނާ ގާތަށް ޙަމްޒާ ޖެހިލިއެވެ.

އެތަނުގައި އިތުރަށް ހުންނާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. އަދި އެތަނުން ނުކުމެގެންދާން ދިލްނަޝީން ހިނގައިގަތެވެ. އޭނާގެ ގައިގައި ޙަމްޒާ ބީހޭކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. ކުރިންވެސް ދިލްނަޝީނަކީ އެކަހަލަ ކަމަކަށް ޙަމްޒާއަށްވެސް ފުރުޞަތުދިން މީހެއްނޫނެވެ. އަދި މިހާރުވެސް ، އޭނާގެ ގައިގައި ބީހޭކަށް ޙަމްޒާއަކަށް ފުރުޞަތެއް ނުދޭނެކަމަށް ދިލްނަޝީން ބުންޏެވެ. އޭނާގެ ފިރިމީހާ ، އޭނާއަށް އިތުބާރު ނުކުރާކަމަށް ދިލްނަޝީން ބުންޏެވެ. އެއީ ޙައިދަރުގެ ބަދުނަޞީބެވެ. ﷲ ހުރިހާކަމެއް ދެނެވޮޑިގެންވާނެއެވެ.

" އަހަރެންގެ ގެ ސަލާމަތްކުރުމަށްޓަކައި އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރީމެވެ. އަދިވެސް ކުރާނަމެވެ. މިތަނުން ދަމާ ހިނގާށެވެ ! އަހަރެން ހާސްވެގެންގޮސް ނޭވާ އެބަ ކުރުވެއެވެ. " ދިލްނަޝީން ބުންޏެވެ.

އޭނާދޭ ޖަވާބަކަށް އިންތިޒާރު ކުރާނެކަމަށް ޙަމްޒާ ބުންޏެވެ. އޭރު ، ދިލްނަޝީން އެތަނުން ނުކުންނަންވެގެން ހިނގަމުންގޮސް ބޭރަށް ނުކުންނަންހުރި ދޮރާ ހަމަވެއްޖެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ދިލްނަޝީން މީ ކޮންކަހަލަ ގަމާރެއްތަ ؟ ފޫހިވެއްޖެ ދިލްދެކެ. ހެޔޮ ދެން ދިލްއަށް ކޮންމެ ގޮތެއްވިޔަސް. އެއޮށް ލޯބި މަންޖެ ހިތުގަ ޖެހުނީމަ ދުނިޔެ އޮޅިގެން އެދިޔައީ. ކިހާދެރަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.