ވިހަ ތީރު (79)

( 9 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ކާމޭޒުދޮށުން ތެދުވެގެން ، ޙަމްޒާ ދިޔައީ ގޭގެ ސްވިމިންގ ޕޫލު އޮތް ފަރާތަށެވެ. އެތަނުގައި އޭނާއަށް ދިލްނަޝީނާއެކީ އެކަނިވެލެވިދާނެއެވެ. އެގަޑީގައި އެތަނަކަށް އެއްވެސް މީހަކު ނުއަންނާނެއެވެ. ދިލްނަޝީން ، ޙަމްޒާއަށް ފޯނުކުރީ ، ވަކިބޭނުމެއްގައެއްނޫނެވެ. ހަމަ ގުޅައިލީއެވެ. އެކުރެވެނީ ރަނގަޅުކަމެއްކަން ނުވަތަ ގޯސްކަމެއްކަން ވަކިކުރާކަށް ދިލްނަޝީނަކަށް ނޭނގެއެވެ. އެކަމަކު ، އެމީހުންނާމެދު ، ކަންކަން ވެނިމިގޮސްފައިވަނީ ރަނގަޅަށްނޫންކަން ، ޙަމްޒާ ، ދިލްނަޝީނަށް ހަނދާން ކޮށްދިނެވެ. ދިލްނަޝީން ފޯނުކޮށްލުމަކީ ، ޙަމްޒާގެ ހިތާއި ފުރާނަޔަށް ލިބޭ ދިރުމެކެވެ. އެގޮތަށް ފޯނުކޮށްލައި ހެދުމަށް ޙަމްޒާ އެދުނެވެ. ގޯސްކޮށް ކަމެއް ކޮށްގެން އެމީހުންނަށް އުފަލެއް ލިބުނުތޯ ޙަމްޒާ ސުއާލު ކުރިއެވެ.

ދިލްނަޝީންވެސް ޙަމްޒާއާ ކުރީ ސުއާލެކެވެ. ޙަމްޒާ އެނބުރިއައީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙަމްޒާގެ ޖަވާބު ވަރަށް ސާދާއެވެ. ފަހަރެއްގައި އެދެމީހުން އަލުން ބައްދަލުވުމަށް ނަޞީބުގައި އޮތީކަންނޭނގެއެވެ. އެކަހަލަ ހުވަފެން ނުދުށުމަށް ދިލްނަޝީން ބުންޏެވެ. އެއީ ، މިހާރުދެން ވާންއޮތްކަމެއް ނޫނެވެ. އެހެނަސް ، އެ ހުވަފެން ނުދެކި ޙަމްޒާއަކަށް ދިރިއެއް ނުހުރެވޭނެއެވެ.

ދިލްނަޝީންގެ މަތިން ހަނދާން ނައްތާލުމަށް ޙަމްޒާގާތު ދިލްނަޝީން ބުންޏެވެ. ދިލްނަޝީން އޭނާގެ ހިތުން ނެރެލެވޭތޯ ޙަމްޒާ ލައްކަ މަސައްކަތް ކޮށްފިއެވެ. އޭނާގެ ދުނިޔެ އެކޮޅުކޮޅުން ޖެހިއެވެ. ހުރިހާކަމެއް ހަނދާން ފުހެލިއެވެ. އެކަމަކު ، ދިލްނަޝީންގެ ހަނދާންތަކަކާ ،  ޙަމްޒާއަކަށް ދުރެއް ނުވެވުނެވެ. ޙަމްޒާއާ ބައްދަލުކޮށްލުމަށް ދިލްނަޝީން އަންނާނީ ކޮންއިރަކުންތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެއީ ، ޖަވާބެއްދޭން ދިލްނަޝީނަށް ވަރަށް އުނދަގޫވި ސުއާލެކެވެ. ޙަމްޒާއާ ބައްދަލުކުރަން ދިލްނަޝީން ދާންވީ ކީއްކުރަން ހެއްޔެވެ ؟ ބައްދަލުކުރާކަށް ދިލްނަޝީން އެއްބަހެއް ނުވެއެވެ. އެއްބަސްވީ ހަމައެކަނި ވާހަކަ ދައްކައި ލުމަށެވެ.

" މައްސަލައެއް ނެތެވެ. ވާހަކަ ދައްކަމުން ދައްކަމުންގޮސް ބައްދަލުވެސް ވާނެއެވެ. ފުރަތަމަ ވާހަކަ ދައްކާނީއެވެ. ދެން ބައްދަލުވާނީއެވެ. " ޙަމްޒާ ބުންޏެވެ.

ދިލްނަޝީންގެ ފަރާތުން އިތުރުކަމަކަށް ނުއެދުމަށް ދިލްނަޝީން ޙަމްޒާގެ ކިބައިން އެދުނެވެ. ޙަމްޒާއަކަށް އެކަމަކަށް އެއްބަހެއް ނުވެވުނެވެ. ޙަމްޒާ މިހާރު އެހުރީ ކުރިޔަށް ފިޔަވަޅެއް އަޅާފައެވެ. ދެން ، އޭނާ އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅާނެއެވެ. ބައްދަލްކުރަން އަންނާނީ ކޮންއިރަކުންތޯ އަނެއްކާވެސް ޙަމްޒާ ސުއާލު ކުރިއެވެ.

ޙަމްޒާއާ ބައްދަލްކުރަން ދިލްނަޝީން ބޭނުމެއްނޫނެވެ. އެކަމެއް އޭނާއެއް ނުކުރާނެއެވެ. އެހެނަސް ، އޭނާއާ ބައްދަލުކުރަން ދިލްނަޝީން އަންނަންޖެހޭނެކަމަށް ޙަމްޒާ ބުންޏެވެ. އެއީ ، ވަރަށް މުހިންމު ބޭނުމެއްގައެވެ. ޙައިދަރަށް އެނގިއްޖިއްޔާ ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ޙަމްޒާއާ ބައްދަލު ކުރުމަކީ ، ދިލްނަޝީނަށް ކުރެވޭނެކަމެއްނޫންކަމަށް ބުންޏެވެ.

" ވާނީ ކިހިނެއް ހެއްޔެވެ ؟ ޙައިދަރުގެ ޙަޔާތުން ދިލްނަޝީން ބޭރުކޮށްލަފާނެކަމުގެ ބިރު އޮތީ ހެއްޔެވެ ؟ " ޙަމްޒާ ބުންޏެވެ.

ޙަމްޒާގާތަށް ރުޅިއަންނަގޮތް ވިއެވެ. ޙައިދަރާ ވަކިވާން ޖެހިއްޖިއްޔާ ، ދިލްނަޝީނަށް ތަކުލީފެއްލިބޭނެ ކަމުގެ ބިރުގަންނަނީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ރޭގަވެސް ، ޙައިދަރު އެހާވަރަށް ދިލްނަޝީނާ ދިމާލަށް އެއްޗެތި ގޮވިއެވެ. އޭނާ އެހުރީ ޙަމްޒާއާ ބައްދަލުކުރަން ދާން އެއްބަސްވެވޭފަދަ ޙާލަތެއްގައި ނޫންކަމަށް ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

ޙައިދަރު ކުރާހާކަމަކަށް ރުހިގެން ދިލްނަޝީން އެހުންނަނީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙައިދަރުގެ ކިބައިން ސަލާމަތްވެ ، ޙައިދަރު ދޫކޮށްލުމަށް ދިލްނަޝީންގާތު ޙަމްޒާ އެދުނެވެ. ޙަމްޒާގެ ރުޅި އިތުރަށް ގަދަވަމުން ދިޔައެވެ.

ޙައިދަރަކީ އޭނާގެ ފިރިމީހާކަމަށް ދިލްނަޝީން ބުންޏެވެ. އަދި ކޮންމެ ގޮތެއް ހެދިނަމަވެސް ، އެކަމެއް ޤަބޫލުކޮށްގެން އޭނާ ހުންނަންޖެހޭނެކަމަށް ދިލްނަޝީން ބުންޏެވެ.

މެންދުރުގެ ކެއުމަށް ދިލްނަޝީނަށް އިންތިޒާރުކުރާނެ ކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީން ނޫނެކޭ ބުނެބުނެ އޮއްވާ ، ދިލްނަޝީނާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ.

" ދިލްނަޝީން އަޔަސް އަދި ނަޔަސް އަހަރެން އިންތިޒާރު ކުރާނަމެވެ. އަންނަންޏާ އަންނަންވީއެވެ. ނާންނަންޏާ ނާންނަންވީއެވެ. ދިލްނަޝީން ބޭނުން ގޮތެކެވެ. " ދިލްނަޝީން ނޫނެކޭ ބުނެބުނެ އޮއްވާ ، ޙަމްޒާ ފޯނު ކަނޑައިލިއެވެ.

ދިލްނަޝީން ބިރުންގޮސް ހަދާނެގޮތް ބޮޑުވިއެވެ. މިހާރުވެސް ، އެހާ ޅަ ޢުމުރުގައި އަންހެންކުއްޖަކު އުފުއްލަން ނުޖެހޭފަދަ އެތައް ތަކުލީފެއް ދިލްނަޝީން އުފުއްލައިފިއެވެ. ދިރިއުޅުމުގައި ކުރިމަތިވެދާނެކަމަށް ހީކޮށްފައި ނެތް އެތައް ވޭނަކާއި ތަކުލީފެއް ދިލްނަޝީނަށް ލިބިއްޖެއެވެ. ޙަމްޒާއާ ބައްދަލުކުރަން ދިލްނަޝީން ދިޔަކަން ޙައިދަރަށް އެނގިއްޖިއްޔާ ހުރިހާކަމެއް އެހިސާބުން ނިމުނީއެވެ. ޙައިދަރުގެ ގެއިން އޭނާ ނެރެލާނެއެވެ. މަންމަމެންގެޔަކަށްވެސް ނުވައްދާނެއެވެ. އޭނާ އެއްކޮށް މަގުމަތިވާނެއެވެ.

ސާރާ އެގެޔަށް އައިތަނުން ސާރާގާތު ، ހުރިހާވާހަކައެއް ކުލްސޫމް ކިޔައިދިންކަން މެހެމަލްއަށް އެނގުނެވެ. ލޮނުހެޔޮވަރުކޮށްލަން ކަމެއްކޮށްނުލައި މެހެމަލްއަކަށް ދޫކޮށެއް ނުލެވޭނެއެވެ. ކުލްސޫމާއި ސާރާއާ ދެމައިން ސިޓިންރޫމްގައި ތިއްބާ މެހެމަލް އައިސް ސާރާއަށް ސަލާމް ގޮވައިލިއެވެ.

" ބޮޑުދައިތަމެންގެ އެހީތެރިކަމުގައި ދިރިއުޅުން ވޭތުކުރަން ޖެހޭތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. މުސްކުޅިގެޔަށް ބަދަލުވެފައި ، ވަޒީފާއެއް ހޯދައިގެން ޢީޝަލްގެ ކަންތައްތައް ހަމަޖައްސަންވީއޭ އެބަ ހިތަށް އަރައެވެ. އޭރަށް ، ޙައިދަރާއި ދިލްނަޝީނަށްވެސް އަހަރެންގެ ފަރާތުން އެލިބޭ ތަކުލީފުތަކެއް ނުލިބޭނެ ނޫން ހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.

އެގޭގައި މެހެމަލްއަށް އެއްވެސް މައްސަލައެއް އޮވެގެން ނުވާނެކަމަށް ސާރާ ބުންޏެވެ. އެވަގުތު ، ދިލްނަޝީނަށްވެސް އެތަނަށް އާދެވުނެވެ. މެހެމަލްއަކީ އެމީހުންގެ ޒިންމާގައިހުރި މީހެއްކަމަށް ސާރާ ބުންޏެވެ. އެމީހުންގެ މައްޗަށް ، މެހެމަލްގެ ޒިންމާ އެބައޮތެވެ. މެހެމަލް އެކަނިވެރިވީ ދުވަހު ، އެމީހުން މެހެމަލް ދޫކޮށެއް ނުލާނެއެވެ. އެގޭގައި ބޭނުންދުވަހަކު މަޑުކުރުމަށް މެހެމަލްގެ ކިބައިން ސާރާ އެދުނެވެ. ބޭބެވެސް އެކަމަށް އެއްބަސްވާނެއެވެ.

ދިލްނަޝީން އައިސް ސަލާމް ގޮވައިލިއެވެ. އޭނާ އެދަނީ ސެލޫނަށްކަމަށާއި ތަންކޮޅެއް ލަސްވެދާނެކަމަށް ދިލްނަޝީން ބުންޏެވެ. ކުލްސޫމް ، ސަލާމް ބަލައިގެންފައި ދިލްނަޝީނަށް ޖަވާބު ދިނެވެ. ދިލްނަޝީނަށް ދަޢުވަތެއް ލިބުނީތޯ ސާރާ ސުއާލު ކުރިއެވެ.

ނޫނެކޭ ބުނެ ދިލްނަޝީން ޖަވާބު ދިނެވެ. އަދި ސާރާއަށް އެ ސުއާލުކުރަން ޖެހުނީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

" ހަމަ އަހައިލީއެވެ. ބޭރަށް ތިދަނީ ކަމަކަށް ތައްޔާރުވެގެންކަހަލަ ގޮތަކަށް ނަލަހެދިގެންނެވެ. އެހެންވެ އަހައިލެވުނީއެވެ. " ސާރާ ބުންޏެވެ.

ރީތިވެލައިގެންދާން އޭނާ ހިތްހަމަޖެހުނީކަމަށްބުނެ ، ސެލޫނަށްދާން ދިލްނަޝީން ހިނގައިގަތުމާއެކީ އަނެއްކާވެސް ކުރިމަތިވީ ސާރާގެ ސުއާލެކެވެ. އެހާ ނަލަހެދިގެން ދަންޏާ ސުއާލުކޮށެއް ނުލެވޭނެތޯ ސާރާ އެހިއެވެ.

" އަޅައި ނުލާށެވެ ! ރީތި ހެދުމެއްލައިގެން ނަލަހެދިގެން ދާތީ ސާރާއަށް އެހެން ބުނެވުނީއެވެ. " ކުލްސޫމްވެސް ބުންޏެވެ.

ސުވާލާއި ޖަވާބު ނިމިއްޖިއްޔާ އޭނާ ދިޔަޔަސް އެންމެ ރަނގަޅުތޯ ދިލްނަޝީން އެހިއެވެ. އަދި ކުލްސޫމްގެ ހުއްދަ ލިބިގެން ދިލްނަޝީން ނުކުތެވެ.

ދިލްނަޝީން ނުކުތުމާއެކީ ، ދިލްނަޝީނާ ބެހޭގޮތުން ސާރާ އިތުރަށް ވާހަކަ ދެއްކިއެވެ. އެހާ ގިނަދުވަހަކު ދިލްނަޝީން އެގޭގައި ނުހުންނާނެކަމަށް ސާރާ ބުންޏެވެ. ސާރާގެ ސުއާލުތަކުން ދިލްނަޝީން ހިތްހަމަ ނުޖެހޭނެތީ ކުލްސޫމް އިނީ ކަންބޮޑުވެފައެވެ. އެއްވެސް ކަހަލަ ހެއްކެއް ސާބިތުނުވެ ، ދިލްނަޝީނާދިމާލަށް އެމީހުންނަށް އޮތީ މާބޮޑަށް އެއްޗެތި ކިޔައި ތަކުލީފު ދެވިފައެވެ. އެއްވެސް ސަބަބެއްނެތި ޝައްކުކޮށް ، އެމީހުންނަށްވަނީ ދިލްނަޝީން ރުޅިއަރުވައި ލެވިފައެވެ.

ސާރާއަކަށް މަންމަގެ ވިސްނުން ކަމަކު ނުދެއެވެ. އިތުރަށް ، ދިލްނަޝީނާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. އެދެމައިން ވާހަކަ ދައްކަން ބައިތިއްބާފައި މެހެމަލް ކޮޓަރިޔަށްދާން ތެދުވިތަނުން ސާރާ އެކަން މަނާކޮށް މެހެމަލް މަޑުކުރުމަށް ބުންޏެވެ. ސާރާގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. ދިލްނަޝީނާ ދިމާލަށް ހިތަށް އައިހާ އެއްޗެއް ގޮވަމުން ގެންދިޔައެވެ.

ކުލްސޫމް ސާރާ ހުއްޓުވިއެވެ. އަދި ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެކަމަށް ބުންޏެވެ. މެހެމަލް އިނީ ފަންޏެއް ވައްޓައިލެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ.

" އެދެމީހުންވެސް އެތިބީ އަހަރެމެންނާމެދު ހިތްހަމަ ނުޖެހިފައެވެ. އަންގާނުލައި ، ފަހަރެއްގައި ދެމީހުން މެންދުރު ކެއުމަށް ދަނީކަމަށް ވެދާނެއެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީން ގޮސް ، އޭނާދާންވީ މޯލްއަށް ، ޙަމްޒާއާ ބައްދަލުކުރަން ދިޔައެވެ. ދިލްނަޝީނަށް މޯލްއަށް ނުވަދެވެނިސް ، ޙައިދަރުވެސް އައިސް އެމޯލްއަށް މަޑުކޮށްލިއެވެ. އެހެނަސް ދިލްނަޝީނެއް ޙައިދަރަކަށް ނުފެނެއެވެ. ޙައިދަރު އައީ ސިންގަޕޫރުން އައިސް އުޅޭ ގްރޫޕެއް ގޮވައިގެން ، މެންދުރު އެމީހުންނަށް ކާންދޭން ވެގެންނެވެ. ސިންގަޕޫރު ގްރޫޕްގެ އިތުރަށް ، ޙައިދަރުމެން އޮފީހުގެ މުއައްޒަފުންވެސް އެ ކެއުމަށް ގެނައެވެ. ޙައިދަރަށް އާދެވުނުތަނާ އެމީހުންވެސް އެހެން ކާރެއްގައި އައިސް މޯލް ކައިރިޔަށް މަޑުކޮށްލިއެވެ. އޮފީހުގެ މުއައްޒަފުންނާއި ސިންގަޕޫރު ގްރޫޕްގެ މީހުން ތަޢާރުފް ކޮށްދިނުމަށްފަހު ، އެންމެން ގޮވައިގެން ޙައިދަރު މޯލްތެރެޔަށް ވަނެވެ.  އެމީހުން ވަދެގެން ދިޔައީ ، ދިލްނަޝީންގެ ފުރަގަހުން ލާފައެވެ. ދިލްނަޝީންހުރީ ޙަމްޒާއަށް ފޯނުކޮށްގެންނެވެ.

ވަގުތުބަލާފައި މެހެމަލް ، ޙައިދަރަށް ފޯނުކޮށް ، ދިލްނަޝީން ބޭރަށް ދިޔަވާހަކަ ބުންޏެވެ. އަދި ދިލްނަޝީން ދިޔަގޮތުން އެދަނީ މީހަކާ ބައްދަލުކުރަން ކަމަށް ޤަބޫލުކުރެވޭކަމަށްވެސް މެހެމަލް ބުންޏެވެ. މެހެމަލްއާ ފޯނުން ވާހަކަ ދައްކަމުން ޙައިދަރު އެއްފަރާތަކަށް ޖެހިލިއެވެ. ކުއްލިޔަކަށް ޙައިދަރުގެ ލޮލުގައި ދިލްނަޝީން އަޅައިގަތެވެ. ޙައިދަރަށް ފެނުނީ ދިލްނަޝީންގެ ފުރަގަހުންނެވެ. އޭރު ބާރުބާރަށް ދިލްނަޝީން ހިނގަމުން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.