ﷲ ވޮޑިގެންވާކަމުގެ ހެކިތައް (5)

ދުނިޔޭގެ ނިމުމާއި ބިގް ކްރަންޗް ތިއަރީ

ބިގް ކްރަންޗް ތިއަރީއަކީ ، ސައިންސްވެރިން ބަލާގޮތުގައި ދުނިޔޭގެ ނިމުން އަންނާނެ ގޮތުގެ ޔަޞައްވުރެކެވެ. ބިގް ބޭންގ ތިއަރީގައި ވަކިވަކިވެދިޔަ އެންމެހާ ތަކެއްޗާއި ދުނިޔެއާއި ކާއިނާތުތައް ބްލެކްހޯލްގެ ތެރެޔަށް ވަދެ އަނބުރާ ގެނެސް އެކުވެގެންދާނެކަމަށް ސައިންސްވެރިން ބުރަވެއެވެ. ދުނިޔޭގެ ނިމުން އަންނާނެކަމަށް ބަލާ ތިއަރީއަކީ ބިގް ބޭނގ ތިއަރީއެވެ. ކުރިން އުފެދިފައިވާ ހުރިހާ އެއްޗެއް އެއިރުން ނެތިދާނެއެވެ. އަލްއަންބިޔާ ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވައި އަންގަވާފައިވާ ވެއެވެ.

 

 يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ

މިއާޔަތުގެ މާނައީ ؛

" އެދުވަހަކީ ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން ، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން ، އެ ތަކެތި އަލުން އިޢާދަ ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް ވަޢުދެކެވެ. ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ. "

ނެތުމުގެ ތެރެއިން ، އެންމެ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިންހެއްދެވީ ، އަރަހުށި ހުސްތާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާކަން ، ކީރިތި ޤުރުއާނުގެ އަލްއަޙްޒާބު ސޫރަތުގެ 54 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. ހަމައެފަދައިން ، އުޑުތަކާއި ބިންހެއްދެވި ފަދައިން ، ނެތިކޮށްލައްވައި ، އަލުން އިޢާދަ ކުރައްވާނެކަމަށް ވަޢުދުވެ ވޮޑިގެން ވިއެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަށް ބަލާއިރު ، އެކަތިގަނޑަކަށްވެފައި އޮއްވައި ، އެކަތި އަނެކައްޗަށް ވަކިކުރައްވައި ، އިރުހަނދާއި ތަރިތަކާ އަދި އުޑުތަކާއި ބިން ދައުރުވާނެފަދަ ޤުދްރަތީ ނިޒާމެއް އުފެއްދެވި ފަރާތެއް އޮންނާނެއެވެ. ދުނިޔޭގެ ހަފަރާތުން ފެންނަމުން އަންނަ ހެކިތައްގޮސް ގުޅެނީ އެންމެ ފަރާތަކާއެވެ. އެތައް ފަރާތަކުން ދުނިޔޭގެ ނިޒާމް ހިންގާނަމަ ، އެއްދުވަހު ހުޅަނގުން އިރުއަރާފައި އަނެއްދުވަހު އިރުމަތިން އިރު އަރާނެއެވެ. މިކަމުން ހެކިކޮށްދެނީ ، އެއްކައުވަންތަ އިލާހަކު ވާކަމެވެ. އެއީ ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އަދި ހުރިހާކަމެއްގެ ބާރު ލިބިވޮޑިގެންވާ ، ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

ދުނިޔޭގެ ނިމުމާއި ބްލެކް ހޯލް ނުވަތަ ކަޅުހޮހަޅަޔަކީ މިޒަމާނުގައި ބަހުސް ކުރެވެމުންދާ ހޫނު ޝުރުޚީއެކެވެ. ބްލެކް ހޯލްގެ މަޢުލޫމާތަކީ ، ސްކޫލްކުދިންގެ ސައިންސް ފޮތްތަކުގައިވެސް ހިމެނިގެން މަޢުލޫމާތުދެވޭ މާއްދާ އެކެވެ.

ބިގް ކްރަންޗް ތިއަރީއަކީ ، ދުނިޔެ ނިމުމުގެ އެކި ތަޞައްވުރު ގެނެސްދީގެން ސައިންސްވެރިން ވާހަކަ ދައްކަމުންގެންދާ ތިއަރީއެކެވެ. އެހެނަސް ، މީގެ ސާދަސަތޭކަ އަހަރުކުރިން ، ﷲ ތަޢާލާ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅުގައި ، ދުނިޔެ އުފެދުނު ގޮތާއި ނިމޭނެ ގޮތުގެ މަޢުލުމާތު ވަނީ ބަޔާން ކުރައްވައި އިންސާނިއްޔަތަށް އަންގަވައިފައެވެ. ސައިންވެރިން މިހާރު އެގެނެސްދޭ ތަޞައްވުރުތަކަކީ ، ސާދަސަތޭކަ އަހަރުކުރިން ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާންކުރައްވާފައިހުރި  ހެކިތަކެވެ. ކީރިތި ޤުރުއާނުގެ ޢިލްމާއި ސައިންސްގެ ޢިލްމުން ، އިންސާނާއަށް އުނގެނި ހޯދިފައިވަނީ ދާދިކުޑަ މިންވަރެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.