
ކީރިތި ޤުރުއާނުގެ 750 އާޔަތެއްގައި ، ﷲ ވޮޑިގެންވާކަމުގެ ހެކިތަކުގެ ވާހަކަ ބަޔާންކުރައްވާފައިވާކަމަށް ޤުރުއާނުގެ ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވައެވެ. ޤުރުއާނުގެ ޢިލްމުގެ އަހުލުވެރިން ބަޔާންކުރައްވާގޮތުގައި ، ﷲ ވޮޑިގެންވާކަމުގެ ހެކިތައް ގުޅިފައި އޮންނަނީ ތަވްޙީދުގެ ޢިލްމާއެވެ. އޭގެ މާނަޔަކީ ، ޤުދްރަތީ ނިޒާމުގެ އެކިޙަރަކާތުގެ ތެރެއިން ، ﷲ ވޮޑިގެންވާކަން އިންސާނާގެ ހިތުގެ އަޑިން ޤަބޫލުކުރެވޭފަދަ ހެއްކާއި ނިޝާން ފެނުމެވެ. އެފަދަ ގިނަކަންކަމަކީ ސައިންސުންވެސް ސާބިތުވާ ކަންކަމެވެ. އަދި ހަމަ އެފަދައިން ، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ވަޙީބަސްފުޅާ އެއްގޮތް ކަންކަމެވެ. އެކަމުގެ ހެއްކަކީ ، މިހާރުވެސް ސައިންޓިސްޓުން ހޯދަމުންގެންދާ ފަހުގެ ހޯދުންތަކަކީ ، މީގެ ސާދަސަތޭކައަހަރުކުރިން ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހެކިތަކެވެ.
ފެން
ކީރިތ ޤުރުއާނުގެ އަލްއަންބިޔާ ސޫރަތުގެ 30 ވަނަ އާޔަތުން ފެށިގެން 35 ވަނަ އާޔަތުގެ ނިޔަލަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުތަކުގައި ފެނުގެ ނިޒާމުގެ އިތުރަށް އާދަމުގެ ދަރިޔާގެ މަރުގެ ޙުކުމް އަދި ރޭގަނޑާއި ދުވާލާ އަދި އިރާއި ހަނދާ ، ތަރިތަކުގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. އެއިން ކޮންމެ ކަމަކީވެސް ކާއިނާތުގެ އަޖައިބުތަކުން ފުރިގެންވާ ، ﷲ ވޮޑިގެންވާކަމުގެ ހެކި ސާބިތުކޮށްދޭ މުޢުޖިޒާތް ތަކެވެ. އެއިން އެއްވެސްކަމަކީ ، އިންސާނާގެ ބާރުގައިވާ ކަންކަމެއްނޫނެވެ. އަދި ކިއެއްތަ ؟ ހުސް ޠާހިރުވަންތަ ކަލެއްގެ ކަށަކުޅަދުންވަންތަކަމުން ނޫނީ ދާއިމަށް ދެމިގެންވާ ތަކުރާރުވުންތަކަކުން އިންތިޒާމްކުރެވިގެންދާ ފަދަ ކަންކަމެއް ނޫނެވެ.
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَاوَاتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ(30) وَجَعَلْنَا فِى ٱلأَرْضِ رَوَاسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ(31) وَجَعَلْنَا ٱلسَّمَآءَ سَقْفاً مَّحْفُوظاً وَهُمْ عَنْ آيَاتِهَا مُعْرِضُونَ (32) وَهُوَ ٱلَّذِى خَلَقَ ٱلْلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ كُلٌّ فِى فَلَكٍ يَسْبَحُونَ (33) وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ أَفَإِنْ مِّتَّ فَهُمُ ٱلْخَالِدُونَ (34) كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ (35) މި އާޔަތްތަކުގެ މާނައީ ؛
" ހަމަކަށަވަރުން ، އުޑުތަކާއި ބިން ، އެކަތިގަނޑަކަށްވެފައިވަނިކޮށް ، ފަހެ ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން ، ކާފިރުވީ މީހުން ނުދަންނަނީ ހެއްޔެވެ ؟ އަދި ، ދިރޭ ކޮންމެ އެއްޗެއް ، ތިމަންރަސްކަލާނގެ ފެނުން ހެއްދެވީމެވެ. ފަހެ ، އެއުރެން އީމާން ނުވަނީ ހެއްޔެވެ ؟ (30) އަދި ، އެއުރެންނައިގެން އެބިން ، ތެޅިފޮޅިގެންފާނެކަމަށްޓަކައި ، ހަރުލައި ހުންނަ ފަރުބަދަތައް ، ބިމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ، އެބިމުގައި ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (31) އަދި ، ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި ، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި ، އެއުރެންނަކީ އެތާނގެ ( އިރުހަނދާއި ތަރިތައްފަދަ ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. (32) އެކަލާނގެއީ ، ރޭގަނޑައި ދުވާލު ، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. (33) ކަލޭގެފާނުގެ ކުރިޔަކުންވެސް ، އާދަމުގެ ދަރިޔަކަށް ( މަރުނުވެ ) ދިރިހުރުމެއް ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. ފަހެ ، ކަލޭގެފާނު އަވަހާރަ ވެއްޖެނަމަ ، އެއުރެންނީ ފަހެ ، ދެމިތިބޭނެ ބަޔެއް ހެއްޔެވެ ؟ (34) ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލކިބިގަންނާނެ އެއްޗެކެވެ. އަދި ، ނުބައި ގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ، އިމްތިޙާން ކުރައްވައި ގޮތްބައްލަވަމެވެ. އަދި ، ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ ، ތިމަން ރަސްކަލާނގެ ޙަޟްރަތަށެވެ. (35)
މިފަސް އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި ބަޔާންކުރައްވާފައިވާ ކޮންމެ ކަމަކީ ، އެކަލާނގެ ވޮޑިގެންވާކަމުގެ އަލިގަދަ މުޢުޖިޒާތެކެވެ. އެއީ ، އިންސާނާގެ ސިކުނޑި އެއިންކަމެއްގެ އަސްލާ ހަމަޔަށް ވާޞީލުވާން ނުކުޅެދިގެންވާ ، ކާއިނާތުގެ މުޢުޖިޒާތް ތަކެވެ. ( ނުނިމޭ )