
( 6 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ރިދާގެ ކޮޓަރިތެރޭ ، ބުޝްރާ އާއި ރިދާއާ ދެމައިން ، ބޮޑުބޭބެ ހާރޫނާ ރޭގަ ދިމާވީމަ ، ޙަމްޒާ ޢަމަލުކުރި ގޮތާމެދު ވާހަކަ ދައްކަމުން ގެންދިޔައެވެ. އެމީހުން އައީ ރިދާ ނިދިފަހުންނެވެ. ހުރިހާކަމެއް އެއްފަހަރުން ، އޭނާއަށް ހަނދާން ނައްތައިލެވުނު ކަމަށް ބުޝްރާ ބުންޏެވެ. ޙަމްޒާ މިހާރު އެހުރީ ބަދަލުވެފައެވެ. ޙަމްޒާގެ ސިނގިރޭޓް ބުއިމުގެ ގޯސް އާދައާއި ، ބައްޕަ ނިޔާވުމުން ލިބުނު ހިތާމައިގެ އަސަރުތަކުން ބުޝްރާހުރީ ވަރަށް މާޔޫސްވެފައެވެ. އެހެނަސް ، އެކަންކަން މިހާރު ، ފިލައި ހިނގައްޖެއެވެ. ކުރިން އުޅެވުނު އެއުފާވެރި ދުވަސްތައް އަލުން އިޢާދަވި ކަހަލައެވެ. އެހުރިހާ ކަމެއްގެ ސަބަބަކީ ، ޙަމްޒާގެ މޫނުމަތިން މިހާރު ފެންނަމުން އެދާ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
ޙަމްޒާއަށް އެއައި ބަދަލުގެ ސަބަބަކީ ކޮބާތޯ ، ބުޝްރާ ނާހަންތޯ ، ރިދާ ސުއާލު ކުރިއެވެ. ޙަމްޒާގެ ދިރިއުޅުން ބަރުބާދުވެގެން ދިއުމުގައި މެދުވެރިޔަކަށްވި މަންމައެއްގެ ދުލުން ، އެކަހަލަ ސުއާލެއް ކުރާނީ ކިހިނެއް ހެއްޔެވެ ؟ އެއީ އޭނާއަށް ކުރެވެން އޮތް ސުއާލެއްނޫންކަމަށް ބުޝްރާ ބުންޏެވެ.
" އެހެންވީމާ ، ދިލްނަޝީން އަހަރެމެންގެ ޙަޔާތުން ގެއްލިދިއުމަކީ ، މަންމަ ދެރަވާކަމެއްކަމަށް ޤަބޫލުކުރީ ހެއްޔެވެ ؟ " ރިދާ ސުއާލު ކުރިއެވެ.
ނޫނެކެވެ. އެކަމަކާ ބުޝްރާ ދެރައެއް ނުވެއެވެ. ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. ދިލްނަޝީނާއި ޙައިދަރުގެ ކައިވެނީގެ ރަންކީ ދުވަހު ، އެކަން ކެންސަލް ކޮށްލާފައި ، ޙަމްޒާއާ ކައިވެނިކުރަން ދިލްނަޝީން އެއްބަސްވި ނަމަވެސް ، އެކައިވެންޏަށް ބުޝްރާގެ ހިތެއް ނޭދޭނެއެވެ. ދިލްނަޝީނާ ޙަމްޒާ އިނުމަކީ ބުޝްރާގެ ހިތަށް ދުވަހަކުވެސް އުފަލެއް ލިބޭނެކަމެއްނޫނެވެ. ދިލްނަޝީނަކީ ، ޅީދަރިއެއްގެ ގޮތުގައި އޭނާއަށް ޤަބޫލުކުރެވޭނެ ކުއްޖެއްނޫނެވެ. މާވަހަރަކަށް ވެގެން އެގެޔަށް އަޔަސް ، ބުޝްރާއެއް ދިލްނަޝީން ބަލައެއް ނުގަންނާނެއެވެ.
އެކަމުގެ ސަބަބަކީ ކޮބައިތޯ ރިދާ ސުއާލު ކުރިއެވެ. ދިލްނަޝީނަކީ އެހާ ގޯސް ކުއްޖެއްނޫނެވެ. އެކަމުގެ ސަބަބަކީ ބުޝްރާގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ދިރިއުޅުމުގެ މުއްސަނދިކަމެވެ. މޮޅެތި ބްރޭންޑްތަކަށް ހިތްކިޔުމެވެ. އެންމެފަހުގެ ފެޝަންތައް ރީތިވެފައި ފެޝަނެއް ޢާންމު ވުމުން ، އެންމެ ފުރަތަމަ އެފެޝަނެއް ބޭނުންކުރާ މީހަކީ އޭނާކަމަށްވުމުގެ ދަހިވެތި ކަމެވެ. ދިލްނަޝީނަކީ ، ބުޝްރާގެ ޢާއިލާއާ އެއްފެންވަރެއްގެ ކުއްޖެއްނޫނެވެ. އެންމެ ދެރަވެގެން ނަންހުރި ޢާއިލާއަކުން އައިސްހުރި ކުއްޖެއްނޫނެވެ. އަތުގައި ފައިސާއެއް ނެތެވެ. އެންމެ ދެރަވެގެން ޕާޓީތަކަށްދާން ލާނެ ރީތި ހެދުންގަނޑެއްވެސް ނޯވެއެވެ. އެވެސް ގެންދަނީ ރިދާއަށް އާދޭސްކޮށްގެން ރިދާއަތުން އަތުލައިގެންނެވެ.
" މަންމާއެވެ ! ޙަމްޒާއަށް ލިބުނު ހިތާމައާއި ހިތްދަތިކަން މަންމަ ތިހުރީ އަމިއްލަ ލޮލުން ތަޖުރިބާ ކޮށްފައެވެ. ދިލްނަޝީނާއެކީ ދިރިއުޅުމެއް ފެށުމުގެ ނަސީބު ޙަމްޒާއަށް ލިބިއްޖެނަމަ ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ " ރިދާ އޭނާގެ މަންމައާ ސުއާލު ކުރިއެވެ.
ދެންވެސް ބުނާނީ ނޫނެކެވެ. ދިލްނަޝީން އެގެޔަށް އައުމަކީ އޭނާއަށް ، އެއްވެސް ޙާލެއްގައި އެއްބަސްވެވޭނެ ކަމެއްނޫންކަމަށް ބުޝްރާ ބުނަމުން ގެންދިޔައެވެ. ބުޝްރާ ދެކޭގޮތުގައި އެގެޔަށް އަންނަ ކުއްޖަކު ވާންވާނީ ، ރިދާއާ އެއްފެންވަރެއްގެ ކުއްޖަކަށެވެ. އެކުއްޖާގެ މަންމަޔާ ބުޝްރާއާ ދެމީހުންނަކީ އެކުގައި ޕާޓީއަށް ޖައްސައިލެވޭނެ ފެންވަރުގެ މުއްސަނދި ދިރިއުޅުމެއް އުޅޭމީހަކަށް ވާންވާނެއެވެ. އެއްކާރެއްގައި ދަތުރުކޮށްލެވޭ އަދި އެއްފެންވަރެއްގެ ޝޮޕިންގމޯލްތަކަށް ބާޒާރުކޮށްލަން ދެވޭ ދެމީހުންނަށް ވާންޖެހޭނެއެވެ. ވަކިރުފިޔާގެ ބަދަލުގައި ، ލާރިލާ ދަބަސް އޮންނަންވާނީ ، ކްރެޑިޓް ކާޑުން ފުއްޕާފައެވެ.
ވާހަކަ ދައްކަމުން އައިސް ، ރިދާގާތުގައި އެނދުގައި ބުޝްރާ އިށީނދެލިއެވެ. އަދި ، ވާހަކައެއް އަހައިލަންތޯ ރިދާއާ ސުއާލު ކުރިއެވެ. އަފްސިޔާ ކިހިނެއް ހެއްޔެވެ ؟
" ސުބްޙާނަﷲ އެވެ ! އަފްސިޔާއަކީ ޙަމްޒާއަށްވުރެ ހަތްއަހަރު ހަގު ކުއްޖެކެވެ. " ރިދާއަށް ބުނެވުނެވެ.
އެގޮތް އަދި މާ ރަނގަޅުވާނެކަމަށް ބުޝްރާ ބުންޏެވެ. ދިލްނަޝީނަށްވުރެ ޅަކުއްޖެއްގެ އަތުގައި ހިފާލައިގެން ޕާޓީތަކަށް ދާއިރު ، ޙަމްޒާ ހުންނާނީ މާބޮޑަށް ހިތްހަމަ ޖެހިފައެވެ. އޭރަށް ރައްޓެހިންގެ ކުރިމަތީ ޙަމްޒާގެ އަގު އަރާނެއެވެ. ފަޚުރުވެރިވާނެއެވެ. އަފްސިޔާމެންގެ ދިރިއުޅުމުގެ ފެންވަރާއި ބުޝްރާމެންގެ ދިރިއުޅުމުގެ ފެންވަރަކީ އެއްފެންވަރެކެވެ. އެމީހުންގެ މުއްސަނދި ވިސްނުމުގެ ތެރެޔަށް ވަދެ ، އެއްފެންވަރަކުން އުޅެން އަފްސިޔާއަށް ދަސްވާކަށް މާގިނަދުވަހެއް ނުނަގާނެއެވެ.
އެ ކައިވެންޏަށް ޙަމްޒާ އެއްބަސް ވެދާނެކަމަކަށް ރިދާއަކަށް ނުފެނެއެވެ. ޙަމްޒާގެ ގޮތާފޮތާ އެންމެ ބޮޑަށް އެނގޭނީ ރިދާއަށެވެ. އަމްދުން ، ލޯތްބާއި ދިރިއުޅުމުގެ ކަންކަމުގައި ރިދާއަކީ ޙަމްޒާ އެކަހަލަ ވާހަކަ ދައްކާ އެކެކެވެ. ދިލްނަޝީނާ ރައްޓެހިވުމުގެ ކުރިން ، އަންހެންކުދިންގެ ވާހަކަވެސް ޙަމްޒާ ދައްކައި ހެދީ ރިދާއާއެވެ. އެއީ ޙަމްޒާގެ ހަމައެކަނި ކޮއްކޮއެއް ނޫނެވެ. އެންމެ ގާތް ރަޙުމަތްތެރިޔާވެސް މެއެވެ.
އެހެންނަމަވެސް ، ބުޝްރާ ދެކޭގޮތުގައި އެކައިވެންޏާ ޙަމްޒާ ދެބަހެއް ނުވާނެއެވެ. ދަތި ނިންމުމަކަށް ވެދާނެއެވެ. އެކަމަކު ، މުސްތަޤްބަލަށް ވިސްނާފައި ، އެކައިވެންޏަށް ފުރުޞަތެއްދީ ، އަފްސިޔާގެ އަތުގައި ހިފާލައިގެން ހިނގާލާފައިދާނެ ދުވަސް ދާދި އަވަހަށް ފެންނާނެއެވެ. އަފްސިޔާ ބޮޑުވީ އެމެރިކާގައެވެ. ބޮޑަށް ހުންނާނީ ހުޅަނގުގެ އާދަތަކެވެ. ބައެއްކަންކަމުގައި ހުންނާނީ ބުޝްރާމެންނަށްވުރެވެސް އެއްދަރަޖަ ކުރީގައެވެ. މަންމަޔަށް އެހުރީ އަފްސިޔާވެސް އަދި ޙަމްޒާވެސް އޮޅިފައިކަމުގައި ރިދާ ބުންޏެވެ. ޙަމްޒާއަކީވެސް އަދި އަފްސިޔާއަކީވެސް ، ރިދާ ވަރަށް ރަނގަޅަށް ދަންނަ ދެމީހުންނެވެ.
ޙަމްޒާ އެކައިވެންޏަށް އެއްބަސްވިޔަސް ، ބޮޑުބޭބެ ، އޭނާގެ ލޯބިވާދަރިފުޅު ޙަމްޒާކަހަލަ މީހަކާ ޙަވާލުކުރަން ނޭދޭނެކަމަށް ރިދާ ބުންޏެވެ.
" ހާރޫނުބޭބެގެ ހަތަރު ފިރިހެންދަރިންގެ އަނބިންނަކީ ބިދޭސީންނެވެ. އެމީހުންގެ ކަންތައްތައް ހުންނަގޮތުން ، ބޭބެ އެހުންނަނީ އެހާ ހިތްހަމަޖެހިގެންނެއް ނޫނެވެ. އެމެރިކާ ދޫކޮށްލާފައި ، އަފްސިޔާ ގޮވައިގެން ޕާކިސްތާނުގައި ދިރިއުޅެން އެއައީވެސް އެސަބަބަށްޓަކައެވެ. އެއިން އެއްވެސް ކުއްޖަކާ ، ބޭބެޔަކާ ނުވެއެވެ. އަބަދުވެސް އޮންނަނީ ކޮންމެވެސް އެއްކުއްޖަކާ މައްސަލަގަނޑެއް ދިމާވެފައެވެ. ޙަމްޒާއަކީ ހާރޫނުބޭބެއާ އެއްލޭ ހިނގާފައިތިބި ، ރަޙިމުގެ ގުޅުންއޮތް ދެމީހުންނެވެ. ބޭބެވެސް ބޭނުންވާނީ ، ޢާއިލާގެ ތެރޭގައި އެދަރިކޮޅުގެ ލޭ ދައުރުވުމަށެވެ. ޢާއިލާގެ ކުއްޖަކު ލިބެން ހުއްޓާ ، ޢާއިލާއިން ބޭރުމީހަކާ އަފްސިޔާ ދެވާކަށް ބޭބެ ، ބޭނުމެއް ނުވާނެއެވެ.
ރިދާއަކަށް އެކަމަކާވެސް އެއްބަހެއް ނުވެވުނެވެ. ޙަމްޒާގެ ދިރިއުޅުމުގައި ހިފާފައިވާ ދީނާޚިލާފް ނުބައިއާދަތައް އެނގިހުރެ ، ޙަމްޒާއަކީ އޭނާގެ ދަނބިދަރިޔަކަށް ހަދަން ހާރޫނުބޭބެ ބޭނުންވެދާނެކަމަކަށް ރިދާއަކަށް ނުފެނެއެވެ. ރިދާއާ އެވާހަކަ ދައްކައިގެން ކޮޅެއް މެދެއް ފެނިދާނެކަމަކަށް ބުޝްރާއަކަށް ނުފެނުނެވެ.
" ރިދާއެވެ ! ޙަމްޒާއަކީ ހަމައެކަނި ޙަމްޒާއެއްނޫނެވެ. ޙަމްޒާއަކީ ، މިސަހަރުގެ އެންމެ ނަންއަރާހުރި ވިޔަފާރިވެރިޔާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ހުރިހާ މިލްކިއްޔާތެއްގެ ވެރިމީހާއެވެ. ޙަމްޒާގެ ނަފްސަކީ ، އަގުދެއްކުމަށް އެއްވެސް އިންސާނަކަށް ނުކުޅޭދޭފަދަ އަގުބޮޑު އެއްޗެކެވެ. ބައްޕަ ނިޔާވުމުން ، ހުރިހާ ވިޔަފާރިވެރިން އެއަންނަނީ ޙަމްޒާ ގާތަށެވެ. ޙަމްޒާގެ މުއްސަނދިކަމުން އެމީހުން އެއުޅެނީ ޙަމްޒާ ދޫކޮށްނުލެވިގެންނެވެ. އެއީ ނަގާނަގާ ހުސްނުވާވަރުގެ ފުން ، ރަންވަޅެކެވެ. " ބުޝްރާ ބުނަމުން ގެންދިޔައެވެ.
އެމީހުންގެ ވިޔަފާރީގެ ބައިވެރިޔަކަށްވުމަށް ލިބޭ ހަނި ފުރުޞަތެއްވެސް ، ހާރޫނުބޭބެ ކަހަލަ ދުރުވިސްނޭ ވިޔަފާރިވެރިޔަކު ދޫކޮށް ނުލާނެކަމަށް ބުޝްރާ ބުންޏެވެ. މިހާރުދެން އެވާހަކަ މާދިގުވެއްޖެކަމަށް ރިދާ ބުންޏެވެ. ރިދާގެވެސް އުއްމީދަކީ މަންމަ އެކޭ އެއްފަދައިން ޙަމްޒާއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުނެވެ. މަންމައެ އެދޭފަދަ ގޮތަކަށް ޙަމްޒާގެ ދިރިއުޅުން ބައްޓަންވެގެން ދިއުމެވެ.
އޮފީހަށްގޮސް ހަވީރު ގެޔަށް އައިސް ، ދިލްނަޝީންގެ ފަރާތުން އެފެނުނު ކަންކަމާމެދު ދިލްނަޝީނާ ވާހަކަ ދެއްކުމަށް ޙައިދަރު ހުރީ ނިންމައިގެންނެވެ. އޭރު އެވަގުތު އެވާހަކަ ފައްޓައިފިނަމަ ، އަނެއްކާވެސް އޭނާއަށް ގޯހެއް ހެދިދާނެކަމަށް ފެނިގެންނެވެ.
ހެނދުނު ، ދިލްނަޝީންގެ ޢަމަލުތައް އެހުރިގޮތާމެދު ، ޙައިދަރު ހިތްހަމަނުޖެހޭކަމަށް ބުންޏެވެ. ކޮޓަރިޔަށް ވަތްއިރުވެސް ޙައިދަރުހުރީ ހިތްހަމަ ނުޖެހިފައެވެ. ދިލްނަޝީންއިނީ ނިޔަފަތި ރީތިކުރާށެވެ. ޙައިދަރު އެބުނި ވާހަކައެއް އިވުނުކަމަކަށް ދިލްނަޝީނެއް ނުހަދައެވެ. އޭނާއާ މީހަކު ވާހަކަ ދައްކާހެންވެސް ހިއެއް ނުވެއެވެ. ޙައިދަރު ދިޔަގޮތަށްގޮސް ، ދިލްނަޝީން ނިޔަފަތި ރީތިކުރަމުންގެންދިޔަ ދަތި އަތުލައި ދުރަށް އެއްލައިލިއެވެ. އެހިސާބުންވެސް ، ކަމެއްވީހެންވެސް ދިލްނަޝީނަކަށް ހިއެއް ނުވެއެވެ. ޓީވީގެ ރިމޯޓް ނަގައި އެއާ ކުޅެން ފެއްޓިއެވެ. ޙައިދަރުގެ ހިތްހަމަ ނުޖެހުން ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. ރިމޯޓްވެސް އަތުލައި ހޫރައިލުމަށްފަހު ، އޭނާ އެވާހަކަ ދައްކަނީ ދިލްނަޝީނާ ކަމަށް ޙައިދަރު ބުންޏެވެ.
ދިލްނަޝީނަށްވެސް ޙައިދަރުގެ އަޑުއެބައިވޭކަމަށް ބުންޏެވެ. ޙައިދަރު ބުންނަ ބޭނުންވާ އެއްޗެއް ބުނުމަށް ދިލްނަޝީން އެދުނެވެ. މަންމަޔާ މުޚާތަބުކޮށް ، ހެނދުނު ދިލްނަޝީން ވާހަކަ ދެއްކި އަދަބުކުޑަ ގޮތް އޭނާއަށް ބަލައި ނުގަނެވޭކަމުގައި ޙައިދަރު ބުންޏެވެ. ( ނުނިމޭ )
ރީތިރީތި ވާހަކައެއް. ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ކިޔާލަން ލިބޭތީ ވަރަށް އުފާވޭ. ޝުކުރިއްޔާ ފާރޫޤު ސަރ.