ﷲ ވޮޑިގެންވާކަމުގެ ހެކިތައް (2)

ކާއިނާތުގެ ސިއްރުތަކާއި ޤުދްރަތުގެ ޢަޖައިބުތަކުން ، ޢިލްމު ލިބިގަނެ ، ކަންކަން ބަލައި ހޯދުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އިންސާނުންނަށް އަންގަވާފައެވެ. ކުރިން އެނގިހާމަވެފައިނުވާ އެތައްކަމެއް މިހާރު މިޒަމާނުގައިއެދަނީ ހާމަވަމުންނެވެ. އުނގެނުމާއި ޢިލްމުގެ ފަންނީ މަޢުލޫމާތުތަކުން އިންސާނާގެ ސިކުނޑި ކުރިއަރައި ދިޔަޔަސް ، ޤުދްރަތީ ނިޒާމްތަކަށް ގޮންޖަހައިލެވޭ ހިސާބަކަށް ، އިންސާނާއަށް އަދި ވާޞިލެއް ނުވެވެއެވެ. ދުނިޔެއާއި ކާއިނާތުގެ ޢަޖައިބުތައް ހޯދައިބަލައި ، އެތަކެތި އުފެއްދެވި ފަރާތެއްވާކަން ކަށަވަރު ކުރެވޭ ހިސާބަށް އިންސާނާގެ ބުއްދި ދަތުރުކުރާނެއެވެ. ﷲ ގެ ކަށަކުޅަދުންވަންތަކަން ޤަބޫލުކުރަން އިންސާނާގެ ހިތް މަޖުބޫރުކުރުވާ ހިސާބަށް އެކަލާނގެ ކުޅަދުންވަންތަކަން ދެމިގެން ވެއެވެ.

ކީރިތި ޤުރުއާނުގެ އަންޢާމު ސޫރަތުގެ 99 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

 

وَهُوَ ٱلَّذِيۤ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِراً نُّخْرِجُ مِنْهُ حَبّاً مُّتَرَاكِباً وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهاً وَغَيْرَ مُتَشَابِهٍ ٱنْظُرُوۤاْ إِلِىٰ ثَمَرِهِ إِذَآ أَثْمَرَ وَيَنْعِهِ إِنَّ فِى ذٰلِكُمْ لآيَاتٍ لِّقَوْمٍ يُؤْمِنُونَ

" އަދި ، އެކަލާނގެއީ އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. ހުރިހާ ބާވަތެއްގެ ގަސް ، އެފެނުން ތިމަން ރަސްކަލާނގެ ފެޅުއްވީމެވެ. އަދި ، ރޯ ފެހިކުލައިގެ ގޮފިތައް އެ ގަސްގަހާގެހިން ނެރުއްވައި ، މަތިމައްޗަށް ހުންނަ އޮށްޓަރުތައް އެއިން ނެރުއްވަމެވެ. އަދި ، ކަދުރު ރުކުގެ އެތްތަކުން ، ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި ، މޭބިސްކަދުރާއި ޒައިތޫންޏައި ، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. ( އެތަކެތި ) އެއްވައްތަރުވެގެންވާ ޙާލުގައްޔާއި ، އެއްވައްތަރު ވެގެންނުވާ ޙާލުގައެވެ. އޭގެ މޭވާ ނުކުންނަހިނދު ، އެމޭވާއަށާއި އެ މޭވާ ފައްކާވާ ފައްކާވުމަށް ، ( ޢިބްރަތުގެ ނަޒަރަކުން ) ތިޔަބައިމީހުން ބަލާށެވެ ! ހަމަކަށަވަރުން ، އީމާންވާ ބަޔަކަށް ، އެކަންތަކުގައި ދަލީލުތަކެއް ވެއެވެ. "

އަންނާރުގެ ވާހަކަ ، ކީރިތި ޤުރުއާނުގެ ތިން އާޔަތެއްގައި ބަޔާންކުރައްވައި އަންގަވާފައި ވެއެވެ. އަންނާރަކީ ، ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވާ މޭވާތަކުން މޭވާއެކެވެ. ﷲ ގެ ކުޅަދުންވަންތަކަމުން ، އުޑުން ވާރޭވެއްސަވައި ، އެފެނުން ގަސްފަޅުއްވައި ، އެގަހުން މޭވާ އަޅުއްވައި އިންސާނާ ކެއުމަށްޓަކައި ރޯދިބަރަކާތުގެ ގޮތުގައި އެތައް މޭވާއެއްވަނީ ލައްވާފައެވެ. އޭގެތެރެއިން އެއްމޭވާއަކީ ، އަންނާރެވެ. ސައިންޓިފިކް ހޯދުންތަކުން ހާމަވެ އެނގިފައިވާގޮތުގައި ، އަންނާރުގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ  10 ބާވަތެއްގެ ފައިދާއެއް ހިމެނެއެވެ.

އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބާވަތްތަކުން ، ވިޓަމިން ސީ އާއި ކޭ އަދި ފޮލޭޓާއި ޕޮޓޭސިއަމް ، އަންނާރުގައި ހިމެނެއެވެ. އިންސާނާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިންގެ 30 އިންސައްތަ ، އެންމެ އަންނާރަކުން ލިބެއެވެ. ހަން އޮމާންކޮށް ، ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަކޮށް ، ޢާންމުކޮށް ފާޚާނާއަށް ދިއުންފަދަ ކަންކަމަށް ފަސޭހަ ކޮށްދެއެވެ.

ހަމައެފަދައިން ، ފުރާނައެޅުއްވުމަކީވެސް ، ޤުދްރަތީ ނިޒާމަކުން ، ﷲ ގެ ކުޅަދުންވަންތަކަމުން އުފެދިގެން އަންނަ ޙާލަތެކެވެ. ފުރާނަޔަކީ ، ސައިންސްގެ އެއްވެސް ހޯދުމަކުން ކުޅެވޭވަރަށްވުރެ ، ﷲ ގެ ކުޅަދުންވަންތަކަމާ ގުޅިފައިވާ އެއްޗެކެވެ. ފުރާނަ އެޅުއްވުމާއި ގެންދެވުންވަނީ އެކަލާނގެ ޙަޟްރަތަށް މިލްކުވެވޮޑިގެންނެވެ. ފުރާނަ އަޅުވަން ނުވަތަ ދަމަހައްޓަން ނުވަތަ ފުރާނަ ދިއުން ލަސްކުރަން ، އިންސާނާއަށް ކުރެވިދާނެ އެއްވެސްކަމެއް އަދިއެއް ހޯދިފައެއް ނެތެވެ. އަޖަލުޖެހުމުން ، އެންމެ ފަޅިސިކުންތެއްވެސް ނުވާނެއެވެ.

އަލްއިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَيَسْأَلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلاَّ قَلِيلاً

" ފުރާނައިގެ ވާހަކައިން ، އެއުރެން ކަލޭގެފާނާ ސުއާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ ! ފުރާނަޔަކީ ، ( ހަމައެކަނި ) ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްއޗެކެވެ. އަދި ، ތިޔަބައިމީހުންނަށް ، ( އެބަހީ : އިންސާނުންނަށް ) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ، ދެއްވާފައެއް ނުވެއެވެ. "  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.