
ދުނިޔޭގެ ހަފަރާތް ، ހުޅަނގާއި އިރުމަތި ، އުތުރާއި ދެކުނު ، އުޑުމައްޗާއި ބިންމައްޗަށް ބަލައިލި ނަމަވެސް ކޮންމެ ފަރާތަކުންވެސް ﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނާނެއެވެ. އެހެކިތައް ފަސޭހައިން ފެންނާނީ އީމާންކަމުގެ އަހުލުވެރިންނަށެވެ. އަދި ، އެބައިމީހުންކުރެ ، ޢަޤީދާ ހަރުދަނާ އީމާންތެރިންނަށް ، އެހެކިތައް ފެނުން ފަސޭހަވާނެއެވެ.
ކާއިނާތުތަކާއި ޢާލަމްތަކާ އެނޫންވެސް އެފަދަ އެހެން ހުރިހާ އެއްޗެއް އުފަންވުމުގެ ކުރިން ، ﷲ ތަޢާލާ ވޮޑިގެންވިއެވެ. އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއާ އެއްފަދަ ދެވަނަ އެއްޗެއް ނުވެއެވެ. އެކަލާނގެއީ އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރި އިލާހެވެ. އެކަލާނގެޔަށް ބައިވެރިޔަކު ނުވެއެވެ. އެކަލާނގެއީ ، ފަނާވެވޮޑިގަތުމެއްނެތި ދާއިމަށް ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.
ﷲ ވޮޑިގެންވާކަމުގެ ހެކިބަޔާން ކުރައްވައި ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ، ފުއްޞިލަތު ސޫރަތުގެ 53 ވަނައާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
سَنُرِيهِمْ آيَاتِنَا فِى ٱلآفَاقِ وَفِيۤ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
" އުދަރެސްތަކުގައްޔާއި އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ، އެއުރެންނަށް ނިކަންހުރެ ، ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ ، އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ، ކަލަކުކަމުގައި ނުފުދޭ ހެއްޔެވެ ؟ "
ﷲ ވޮޑިގެންވާކަމުގެ ހެކި ހޯދުމަށް އިންސާނާގެ ހިތަށް އަރަންފެށީ ދާދި މިދާކަށް ދުވަހުއެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅު ، އެއީ ސުއާލެއް އުފެދިގެންވާ ކަމެއްނޫނެވެ. ﷲ ވޮޑިގެންވާ ކަމުގެ ހެކިދައްކާކަށް އެއްވެސް މީހަކަށް ނުޖެހެއެވެ. އެހެނީ ، ހެކި ބޭނުންވަނީ ، ބަލި ޢަޤީދާގެ ތެރެއިންކަމުގައި ވާތީއެވެ. ﷲ ތަޢާލާ އެކަލާނގެ ކަލާމްފުޅުގައި ވަޙީކުރެއްވި ބަސްފުޅެއް ޤަބޫލުކޮށް ، ކީރިތި ޤުރުއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު ، މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އިންސާނުންނަށް ސާބިތުވާންހުރި ހެކިތައް ފިޔަވައި ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމަށް އިތުރު އެއްވެސް ހެއްކެއް ، ބޭނުމެއް ނުވެއެވެ. އިންސާނާގެ ހިތުގެ އަޑިން ، ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމަށް ، ﷲ ގެ ވަޙީބަސްފުޅާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސްފުޅުތަކާއި އެކަލޭގެފާނުގެ ސީރަތު ފުދެއެވެ.
ކާއިނާތުގެ ސިއްރުތަކާއި ﷲ ގެ ކުޅަދުންވަންތަކަމުން އުފައްދަވާފައިވާ ޢާލަމްތަކުގެ ސިއްރުތައް އުނގެނި ދަސްކުރުމަށް ، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ، ﷲ ތަޢާލާވަނީ އިންސާނުންނަށް އަންގަވައިފައެވެ.
ކީރިތި ޤުރުއާނުގެ އަލްމުޖާދިލާ ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
يٰأَيُّهَا ٱلَّذِينَ آمَنُواْ إِذَا قِيلَ لَكُمْ تَفَسَّحُواْ فِى ٱلْمَجَالِسِ فَٱفْسَحُواْ يَفْسَحِ ٱللَّهُ لَكُمْ وَإِذَا قِيلَ ٱنشُزُواْ فَانشُزُواْ يَرْفَعِ ٱللَّهُ ٱلَّذِينَ آمَنُواْ مِنكُمْ وَٱلَّذِينَ أُوتُواْ ٱلْعِلْمَ دَرَجَاتٍ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! މަޖިލިސްތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ ، ފަހެ ، ތިޔަބައިމީހުން ތަން ދޭ ހުށިކަމެވެ. އޭރުން ﷲ ، ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ، ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ ، ފަހެ ، ތިޔަބައިމީހުން ، ( މަޖިލީހުން ) ތެދުވާހުށިކަމެވެ. ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި ، ޢިލްމު ލިބިގެންވާމީހުން ، ﷲ ، ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "
ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ބަޔާންކުރުމަކީ ، ފަސޭހަކަމެއްނަމަވެސް ، މިޒަމާނުގެ ޖާހިލިއްޔަ އާބާދީގައި ހިމެނޭ ހިތްކަޅުވެފައިވާ އެތައްބަޔަކަށް ޤަބޫލު ކުރެވޭފަދަ ގޮތަކަށް އެކަމުގެ ހެކިތައް ހުށަހަޅަން ޖެހެއެވެ. ކޮންމެވެސް މިންވަރެއްގެ ސައިންޓިފިކް ހެއްކާއެކީގައި މާއްދިއްޔަތުން ދުނިޔެ ދައްކާ ހެކިތައްވެސް މަސްހުނި ކޮށްގެންނެވެ. ( ނުނިމޭ )