
( 3 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ހެނދުނު ސައިބޯކަށްވެސް ދިލްނަޝީން ތިރިޔަކަށް ނާދެއެވެ. ސައިމޭޒު ދޮށުގައިތިބީ ޙައިދަރާއި ކުލްސޫމާ ދެމައިން އެކަންޏެވެ. ރުޅި އިސްނުކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ދެމީހެއްގެ ދެމެދުގައި ޤާއިމްވެފައި އޮންނަންޖެހޭ ގުޅުމާއި ކުލުނާ އަދި އަޅައިލުން ، ރުޅީގެ ސަބަބުން ނެތިގެންދާކަމަށް ކުލްސޫމް ބުންޏެވެ. ޙައިދަރަކާ ، ދިލްނަޝީން ވާހަކައެއް ނުދައްކައެވެ. އެއީ ޖާއިޒް ކަމެކެވެ. ދިލްނަޝީންގެ ޚުލްޤާއި ޝަޚްޞިއްޔަތަށް ދެވެމުންއެދާ ޙަމަލާތަކުގެ އަސްލަކީ އެދެމައިންނެވެ. ދިލްނަޝީނަށް ކުރިމަތިވާ ކަންކަމުން އޭނާ ސަލާމަތްކޮށްދިނުމަށް އެދެމައިން ތިބިނަމަ ، ގޭތެރޭގައި މިހާރު ހިނގަމުން އެދާ ކަންތައްތަކެއް ނުހިނގާނެއެވެ. މެހެމަލްއަކަށް ދޭތެރެއެއް ނުޖެއްސޭނެއެވެ. ދިލްނަޝީނާމެދު އެމީހުންނަށް ކަންތައްތައް ކުރެވޭގޮތާމެދު ކުލްސޫމްވެސް މިހާރު ކަންބޮޑުވެއެވެ. އައި ރުޅީގައި ދިލްނަޝީންގެ މައްޗަށް އެމީހުންނަށް އެކުރެވުނީ ވަރަށްބޮޑު ޝައްކެކެވެ.
ދިލްނަޝީންގެ ހިތްހަމަ ނުޖެހުން ދުރުކުރުމަށްޓަކައި ، ކޮންމެވެސް ހަދިޔާއެއް ގެނެސްދިނުމަށް ކުލްސޫމް ލަފާދިނެވެ. ނޫނީ ، ކޮންމެވެސް ހިތްގައިމު ތަނަކަށް ، ދިލްނަޝީނާއެކީ ޖައްސަލަން ކުލްސޫމް އެދުނެވެ. އެހެނަސް ، ޙައިދަރާއެކީ އެއްވެސްތާކަށްދާން ދިލްނަޝީން މިވަގުތު ބޭނުން ނުވާނެކަމަށް ޙައިދަރު ބުންޏެވެ.
ސައިތަށްޓެއް ބޯލައިގެން ޙައިދަރު އޮފީހަށް ދާން ނުކުތްތަނުން ، މެހެމަލް ނުކުމެ ޙައިދަރަށް ގޮވައިލިއެވެ. އަދި ، އޭނާ އެހާ ދުރުކޮށްލަނީ ކީއްވެތޯ ސުއާލު ކުރިއެވެ. ރޭވެސް ، އެތައް މެސެޖެއް ކުރިއިރުވެސް ، އެއްވެސް މެސެޖަކަށް ޙައިދަރު ޖަވާބެއް ނުދޭތާނގައި އެއިން މެސެޖެއް ކިޔައިވެސް ނުލައެވެ. ޙައިދަރަށް އޭނާ މެސެޖްކުރީ ، ޙައިދަރާމެދު ކަންބޮޑުވެގެން ކަމުގައި މެހެމަލް ބުންޏެވެ. އަދި ، ޙައިދަރު ދިޔައީ ކޮންތާކަށްތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްހުރީ ޙައިދަރުގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެވަގުތު ، ދިލްނަޝީންވެސް ތިރިޔަށް ފޭބިއެވެ. އަދި ، މެހެމަލްއާއި ޙައިދަރު ވާހަކަދައްކަން ތިބިތަން ދިލްނަޝީނަށް ފެނުނެވެ. ދިލްނަޝީން ފޭބިތަން ފެނުމާއެކީ ، ޙައިދަރުގެ އަތް މެހެމަލްގެ މުށުތެރެއިން ނެރެލިއެވެ. އެމީހުންގެ ކުރިމަތިންލާފައި ދިލްނަޝީން ދާތަން ފެނުމާއެކީ ، ދިލްނަޝީން ތަނަކަށްދަނީތޯ ޙައިދަރު ސުއާލު ކުރިއެވެ.
ދިލްނަޝީން އެދަނީ އޭނާގެ މަންމަގެ ގެޔަށްކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރު އޮފީހަށްދަމުން ، އެގެޔަށް ދިލްނަޝީން ލައިދީފާނެކަމަށް ޙައިދަރު ބުނުމާއެކު ، ހިނިތުންވެލާފައި ހުރެ ޙައިދަރާ ދިމާލަށް ދިލްނަޝީން އެނބުރިލިއެވެ.
" އަހަރެން ބުނާބުނުމަކަށް ، މެހެމަލް ގެންގޮސްދޭނީ ކޮންތަނަކަށް ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.
ދިލްނަޝީނަށް އެހީވީ ގޯސްކޮށް ކަމަށް ޙައިދަރު ބުންޏެވެ.
" އަހަރެން ، އެންމެ ދެރަވެގެން ޙަމްޒާގެ އަތުގައި ހިފައިވެސް ނުލަމެވެ. ބައްދަލުކުރާކަށްވެސް ނުދަމެވެ. އެކަމަކުވެސް ، ޙައިދަރަށް ހީވާންނުޖެހޭ އެއްޗެއް ހީވެއްޖެއެވެ. ދުވަހަކުވެސް ، ޙައިދަރުގެ ޝަޚްޞަށް އަމާޒުކޮށް ސުއާލުކޮށް ހުވާކުރާކަށް ، ޙައިދަރުގާތު އަހަރެންނެއް ނުބުނަމެވެ. ސަބަބަކީ ، ޙައިދަރަކީ ފިރިހެނަކަށް ވުމެވެ. ފިރިހެނުންނަކީ ކޮންމެކަމެއްވެސް ކުރެވޭނެ ބައެއް ނޫންހެއްޔެވެ ؟ އެކަމަކު ، އަންހެނަކާމެދު ޝައްކު ކުރެވިއްޖެނަމަ ، އަބުރުގެ ޝަރަފާއި ފިރިހެނަކަށްވީތީ ލިބިގެންވާ ޙައްޤުގައި ، އެއަންހެނަކު މަރައިލުމަކީވެސް ފިރިހެނުންނަށް ކުރެވިދާނެ ކަމެކެވެ. އެފަދަ ގޮތަކަށް ފިރިހެނަކާމެދު ޝައްކެއްނެތި ޔަޤީނެއް ކުރެވުނަސް ، އެއީ ހަމަ އެއްވެސް ކަމެއްނޫނެވެ. އަނބިމީހާއާއި ކުރީގެ ލޯބިވެރިޔާއާ ދެމީހުންނާއެކު ބޭނުން ކޮންމެކަމެއް ކުރެވޭނެއެވެ. މައިގޭތެރޭގައި އެންމެންގެ ކުރިމަތީ އަތުގައި ހިފަހައްޓާލައިގެންތިބެ ، އެކަކުއަނެކަކަށް ތަސައްލީ ދޭނެއެވެ. ދިލްނަޝީން ބުނަންބޭނުންވި އެއްޗެއް ބުނުމަށްފަހު ، ގެއިން ނުކުމެގެން ދިޔައެވެ.
ދިލްނަޝީން ނުކުމެގެން ދިއުމާއެކީ ، ޙައިދަރަށް ގޮވާލައި ، ޙައިދަރުގެ އަތުގައި މެހެމަލް ހިފިއެވެ. އެވަގުތު ، ދެންހެވޭބުނެ ، މެހެމަލްއާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ. އަދި މެހެމަލްއާ ދިމާލަށް ދެލޯބޮޑުކޮށްގެންހުރެ ޙައިދަރުވެސް ނުކުމެގެން ދިޔައެވެ. ޙައިދަރުގެ ޢަމަލު ހުރިގޮތުން މެހެމަލްހުރީ ، އަންތަރީސް ވެފައެވެ. ބުނާނީ ކީކޭކަންވެސް މެހެމަލްއަކަށް ނޭނގުނެވެ.
ގޭގެ ދޮރުގެ ރަނގަބީލު ޖެހުމާއެކު ، ޢާފިޔާ ދޮރުހުޅުވައިލިއިރު ، ކުރިމަތީ އެހުރީ ދިލްނަޝީނެވެ. އައީ ކާކުތޯ އަނީސާ ސުއާލުކުރުމާއެކީ ، ގޭތެރެޔަށް ނުވަދެ ދިލްނަޝީން އަވަހަށް ދިއުމަށް ޢާފިޔާ ބުންޏެވެ. މަންމަގެ ގޭގެދޮރުވެސް ، އޭނާއަށްޓަކައި ބަންދުވީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ﷲ އަށްޓަކައި ، ގެޔަށް ނުވަދެ އަވަހަށް ދިއުމަށް އަނެއްކާވެސް ، ދިލްނަޝީންގެ ކިބައިން ޢާފިޔާ އެދުނެވެ. އަނީސާ ގޭތެރޭގައި ހުރެ ، އަނެއްކާވެސް އެގެޔަށް އައީ ކާކުތޯ ޢާފިޔާ ކުރެން އެހިއެވެ. އެއީ އަވަށްޓެރިއެއްކަމުގައިވާ ޒާކިއާކަމުގައި ޢާފިޔާ ބުންޏެވެ. ދިލްނަޝީން ގެޔަށް ނުވައްދަން ޢާފިޔާ އެއުޅެނީ ކީއްވެގެންކަމެއް ދިލްނަޝީނަކަށް ނޭނގެއެވެ. އޭނާހުރީ ޙައިރާން ވެފައެވެ.
އަމިއްލަޔަށް މަރުވާން ދިލްނަޝީން އެ ކުރިމަތިލަނީ ކީއްވެތޯ ޢާފިޔާ ސުއާލު ކުރިއެވެ. ހަމައެއާއެކީ ، ވެގެން އުޅެނީ ކީއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޢާފިޔާ މާގިނަ އަނގަތަޅާހެން ހީވެގެން ، ޒާކިއާ އައްޔާ ގެޔަށް ވައްދަންވީނޫންހޭ ބުނެ ، އަނިސާވެސް ދޮރާ ކައިރިއަށް އައެވެ. ދޮރުކުރިމަތީގައި އެހުރީ ދިލްނަޝީނެވެ. ދިލްނަޝީނަށް މަންމަ ފެނުމާއެކީ ، ސަލާމް ގޮވައިލިއެވެ. ދިލްނަޝީންގެ ސަލާމް ބަލައިވެސް ނުގަނެ ، ދިލްނަޝީންގެ އަތުގައި އަނީސާ ހިފައި ، ގޭތެރެޔަށް ދަމާފައި ވެއްދިއެވެ.
އަނީސާގެ އަތުގައި ހުރިބާރެއްލާފައި ދިލްނަޝީންގެ މޫނުމަތީ އަތް ބެހެއްޓިއެވެ. އަދި މިކުއްޖާގަނޑު އަހަރެމެން ، ދުނިޔެއަށް ގިނަކޮށްފިއޭ ބުނެ ހަޅޭއްލަވައިގަތެވެ. އެވަރުން ފުއްދައިލީކީ ނޫނެވެ. ދިލްނަޝީންގެ ގައިގެ އެތަންމިތާ އަނީސާގެ ދެއަތުން ތަޅަމުން ގެންދިޔައެވެ. އެތިވަރުވެސް ގޮވަމުންނެވެ. ދިލްނަޝީންގެ ލޯބިވެރިންގެ ލިސްޓް ހޯދަން ، ދިލްނަޝީންގެ މައިދައިތަޔާއި ފިރިމީހާ އެގެޔަށް އައިވާހަކަ ބުންޏެވެ. އެދުވަސް ނުދައްކަވައި މަރުގެންނެވިނަމަ މާރަނގަޅުވީސްކަމަށް އަނީސާ ގޮވަމުން ގެންދިޔައެވެ. ދިލްނަޝީނަށް މާބޮނޑިތައް ފޮނުވީ ދިލްނަޝީންދެކެ މޮޔަވެގެން ހިތާވެގެން އުޅޭ ކާކުތޯ އާއި އެކަހަލަ ކިތައްމީހުން ގެންގުޅެންތޯ ދިލްނަޝީނާ ސުއާލުކުރަމުން ގެންދިޔައެވެ. ދިލްނަޝީން އަނގައިންބުނާނެ ފުރުޞަތެއްވެސް ނުދެއެވެ.
އަނީސާގެ ކިބައިން ސަލާމަތްވުމަށްޓަކައި އެގެއިން ނުކުތުމަށް ދިލްނަޝީން ނިންމިއެވެ. އަދި ރޮމުންރޮމުން ، ގައިގައި އަތްކާއްތަމުން އެގެއިން ނުކުތެވެ. އަނީސާގެ ދެއަތުން ތެޅި ތަންތަނަށް ތަދުވާވަރުން ، ދިލްނަޝީނަށް ހިނގުނީ ގުދަށް އޮވެގެން ކަހަލަ ގޮތަކަށެވެ.
މަންމަ ތަޅައިގަތީމަ ، ގެއިން ނުކުމެގެން އައިސް ، ޙައިދަރުމެންގެ ގެޔަށް ވަތްތަނުން ، ކުލްސޫމާ ދިލްނަޝީނާ ދިމާވިއެވެ. ދިލްނަޝީނަށް ގޮވައިލުމަށްފަހު ، ދިލްނަޝީންގެ މޫނުގައި ފިރުމައިލުމަށް ކުލްސޫމް ހިއްލައިލި އަތް ، ދިލްނަޝީން ދުރުކޮށްލިއެވެ.
" އަހަރެންގެ މޫނުންނާއި ގައިގެ އެތަން މިތަނުން އެފެންނަނީ ތިޔަ މަންމަ އަހަރެންނަށް ދިން އަނިޔާގެ އަސަރެވެ. އަހަރެންގެ ޝަކުވާ ހިފައިގެން ، އަހަރެންގެ މަންމަގެ ގެޔަށް ދާން ، މަންމަ ހަނދާން ވެއްޖެއެވެ. އަހަރެން ގެންގުޅުނު ލޯބިވެރިންގެ ލިސްޓްދޭން ބުނަންވެސް މަންމަ ހަނދާން ވެއްޖެއެވެ. އެކަމަކު ، ޙަމްޒާ މިގެޔަށް އައިސް ، އޭނާގެ ކުށް ޤަބޫލުކުރީމަ ، އެވާހަކަ އަހަރެންގެ މަންމަގާތު ބުނާކަށް ހަނދާނެއް ނެތެވެ. އަހަރެން ބެލީ ތިއީ އަހަރެންގެ މައިމީހާގެ ގޮތުގައެވެ. އެކަމަކު ، މަންމަ ތިޔަވަނީ އަހަރެންގެ މައިދައިތަޔަށެވެ. މައިދައިތަޔަށްވެގެން ، އަހަރެން ނުކުރާ ކަންތައްތަކެއްގެ ޝަކުވާ ހިފައިގެން ، އަހަރެންގެ މަންމަގާތަށް ގޮސް ޙައިދަރާ ދެމައިން ކިތަންމެ ވަރަކަށް ރުޔަސް ، އަހަރެން ނުކުރާކަމެއް ކުރިކަމަކަށް ނުވާނެއެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީންމެން ގެޔަކުން އޭނާއަކަށް މައިވަންތަކަމުގެ ކުލުނެއް ނުލިބެއެވެ. ހައްތާވެސް ލިބެނީ އަނިޔާއެވެ. ހިތަށާއި ޖިސްމަށް އަނިޔާލިބި ، ދިލްނަޝީނާ ދިމާލަށް ކިޔޭ އެއްޗެތިން އެގެޔަކީ ، އޭނާއަށް ނަރަކައެއްފަދަ ބިރުވެރި ތަނެކެވެ. މިއަދުވެސް އެއައީ ، ޙައިދަރުގެ ފަރާތުން ކުރިމަތިވި ތަކުލީފުތައް ދުރުކޮށް ހިތަށް ހަމަޖެހުމެއް ލިބޭތޯ މަންމަގާތަށް ގޮހެވެ. ޙައިދަރު ، ދިލްނަޝީންގެ މޫނުމަތީ ޖެހުމުން އެލިބުނު އަނިޔާގެ އިތުރަށް ، މަންމަވެސް އޭނާގެ މޫނުމަތީ ދެފަހަރަށްޖަހައި ، ތަޅައިގެންފައި ގޮވީ އެއްޗިއްސެވެ. މިއީ ހަމައެކަނި މިއަދު ، އޭނާ އުފުއްލި ތަކުލީފާ ވޭންކަމަށް ދިލްނަޝީން ބުންޏެވެ.
" އަހަރެން ކުށެއްކުރިޔަސް އަދި ކުށެއް ނުކުރިޔަސް ، މަންމައާއި މަންމަގެ ދަރިފުޅު ، އަހަރެންނަށް ނުޙައްޤުން ތިދެނީ ، ވަރަށްބޮޑު އަނިޔާއެކެވެ. " ދިލްނަޝީން ބުންޏެވެ.
ކުލްސޫމް ހުރީ އަނގައިންވެސް ބުނަން ނޭނގިފައެވެ. ދިލްނަޝީން އެދެއްކީ މުޅިން ތެދުވާހަކައެވެ. އެމީހުންގެ ފަރާތުން އަނިޔާ ދެވުނީ ހަމައެކަނި ދިލްނަޝީންގެ ހަށިގަނޑަށް އެކަންޏެއްނޫނެވެ. ހިތާއި ފުރާނަޔަށްވެސް އަނިޔާ ދެވިއްޖެއެވެ. ދިލްނަޝީންގެ ވާހަކަ ނިންމާލައި އޭނާގެ ކޮޓަރިޔާ ދިމާލަށް މައްޗަށް އަރައިގެން ދިޔައެވެ.
އެނދުމަތީ ރޯން އިންދައި ، ދިލްނަޝީންގެ ފޯނުވާން ފެށިއެވެ. ރިންގވަމުންގޮސް ކެނޑުމުން އަނެއްކާވެސް އެމީހަކު ގުޅަމުން ގެންދިޔައެވެ. ފޯނު ނަގަން ނުނަގަން އިނދެފައި ދިލްނަޝީން ފޯނުނެގިއެވެ. ބޮލަށް އުނދަގޫވެގެން ، ފޯނުނަގައި ބަލައިލިއިރު ، އެއީ ޙަމްޒާއެވެ. ދިލްނަޝީން ރޮނީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ދިލްނަޝީންއަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް ، މެހެމަލް ، ޙަމްޒާއަށް ސަލާމްގޮވައިލި އަޑު ފޯނުން އިވުނެވެ. ޙަމްޒާގެ ފޯނު މޭޒުމަތީ ބޭއްވިއެވެ. ޙަމްޒާގެ ބޭނުމަކީ ، މެހެމަލްއާއި ޙަމްޒާއާ ދެމީހުން ދައްކާވާހަކައިގެ އަޑު ދިލްނަޝީނަށް އިއްވައިލުމެވެ.
" މެހެމަލް އެވެ ! ދިލްނަޝީނާދޭތެރޭ މެހެމަލް ކަންތައް ތިކުރަނީކީ ރަނގަޅަކަށް ނޫނެވެ. މެހެމަލްއާއެކީ ރަޙުމަތްތެރިކަން އުފެއްދީ އަހަރެންނެވެ. އެކަމަކު ، އެއީ މެހެމަލް ހަތިޔާރަކަށް ހަދައިގެން ދިލްނަޝީނަށް އަނިޔާއާއި ތަކުލީފު ދޭކަށް ނޫނެވެ. ދިލްނަޝީންގެ ލޮލުން ، އެންމެ ކަރުނަތިއްކެއް ވެއްޓޭކަށްވެސް އަހަރެން ބޭނުމެއްނޫނެވެ. އަދި ވެއްޓުނަކަވެސް ނުދޭނަމެވެ. އަދި އަހަރެންނަކީ ، އެކަމުގެ ސަބަބަކަށްވެސް ނުވާނަމެވެ. " ޙަމްޒާ ބުނަމުން ގެންދިޔައެވެ. ( ނުނިމޭ )
ވަރަށްވަރަށްެސް ރީތި