ވިހަ ތީރު (72)

( 2 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޙައިދަރުގެ މަންމަޔާ ދިމާލަށް ދިލްނަޝީން އެބުނީ އޭނާގެ އަނބިމީހާ ބުނަންވާ ވަރުގެ އެއްޗެއްނޫންކަމަށް ޙައިދަރަށް ޤަބޫލު ކުރެވުނެވެ. އަދި ދިލްނަޝީނާ ދިމާލަށް ޙައިދަރު ، ހަޅޭއްލަވައިގަތެވެ. އެގޮތަށް އަޑަށްބާރުލާފައި އޭނާއާ ދިމާލަށް ހަޅޭއްލަވައިގަތަސް ، އެހަޅޭކުގެ ބަރުދަނެއް ނެތްކަމަށް ދިލްނަޝީން ބުންޏެވެ.

" ތިޔަ ދައްކަނީ އަހަރެން ގުޅުމެއް ހިންގާ ވާހަކަ ނޫން ހެއްޔެވެ ؟ އަހަރެންނަކީ ، މެހެމަލްއާއި ޙައިދަރާ ދެމީހުން އެކުގައި ހޭދަކުރި ވަގުތުގެ ހެއްކެކެވެ. ތިމާގެ އަމިއްލަ ހިތުން މެހެމަލް ނެރެ ، ހަނދާން ނައްތާނުލެވިގެން އުޅޭއިރު ، އަހަރެން ގުޅުމެއް ހިންގާވާހަކަ ތިޔަދުލުން ދައްކަން ލަދެއް ނުގަނޭ ހެއްޔެވެ ؟

އެތަނުގައި ހުންނަން ކެތްނުކުރެވިގެން ، ޙައިދަރު ބޭރަށް ނުކުތުމާއެކީ ކުލްސޫމާއި މެހެމަލްވެސް އެކޮޓަރިން ނުކުތެވެ. މެހެމަލް ކޮޓަރިޔަށްގޮސް ، އަވަސްވެގަތީ ، އެހިނގި ކަންކަމުގެ މަޢުލޫމާތު ޙަމްޒާއަށް ދިނުމަށެވެ. މެހެމަލް ފޯނުކޮށްކޮށް ޙަމްޒާ ފޯނެއް ނުނެގިއެވެ. އެހެންކަމުން އެވާހަކަތައް ކުރުގޮތަކަށް ލިޔެ ، ޙަމްޒާއަށް މެސެޖް ކުރިއެވެ. މެހެމަލްގެ މެސެޖް ކިޔުމަށްފަހު ، ދިލްނަޝީންގެ ޙާލަތަށް ޙަމްޒާއަކަށް ކެތެއް ނުކުރެވުނެވެ. ވަގުތުން ، ޙައިދަރުގެ ގެޔަށް ދިއުމަށް ޙަމްޒާ ނިންމިއެވެ. އެގެޔަށް ދިޔައިރު ޙައިދަރުހުރީ ގޯތި ތެރޭގައެވެ. މެހެމަލް ގޮސް ، ޙަމްޒާ އައިވާހަކަ ދިލްނަޝީނަށް އަންގައިލިއެވެ. ޙަމްޒާ އެގެޔަށް އައިކަން އެނގުމާއެކު ، ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. މެހެމަލް ގޮސް ، ކުލްސޫމްގާތުގައިވެސް ، ޙަމްޒާ އައިވާހަކަ ބުންޏެވެ. ކުލްސޫމާއި މެހެމަލް ، ދުވެފައި ތިރިޔަށް ފޭބިއެވެ. ދިލްނަޝީންހުރީ ، ބެލްކަނީގައި އެތަން ފެންނަގޮތަށް މަތީބުރީގައެވެ.

ޙަމްޒާ އައިސް ، ޙައިދަރުގާތު ހުއްޓިފައި އޭނާ އެއައީ އޭނާހެދި ދޮގު ޤަބޫލުކުރުމަށްކަމުގައި ބުންޏެވެ. އެގެޔަށް އެދުވަހު އެއައި މާބޮނޑިތަކަކީ ، ޙަމްޒާ ފޮނުވި އެއްޗެކެވެ.

" އަހަރެން ބުނީމެއްނޫން ހެއްޔެވެ ؟ އަހަރެންގެ އަންހެނުންނާ ދުރުގައި ހުރުމަށް ، އަހަރެން ޙަމްޒާއަށް އިންޒާރު ކުރީމެއް ނޫންހެއްޔެވެ ؟ " ޙަމްޒާއާ  ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ.

ދެންވެސް ބުނަންއޮތް ވާހަކައެއް ބުނުމަށް ޙަމްޒާ އެދުނެވެ. އެއިން އެއްވެސްކަމެއްގައި ދިލްނަޝީންގެ އެއްވެސް ކުށެއް ނެތްކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނާ ބެހޭގޮތުން ، ކުލްސޫމް ވާހަކަ ދައްކަން ފެއްޓުމާއެކީ ، އެކަން ޙަމްޒާ މަނާކޮށް ހުއްޓުވިއެވެ. އޭނާ އެއައީ އޭނާއަށް ކުރެވުނު ކުށުގެ ސަބަބުންކަމުގައި ޙަމްޒާ ބުންޏެވެ. ދިލްނަޝީން ބުންޏަސް އަދި ނުބުންޏަސް އޭނާއަށް އެގެޔަށް އަންނަން މަޖުބޫރު ކުރުވީއެވެ.

" އަހަރެންނާއި ދިލްނަޝީނާ ދެމެދު އެއްވެސް ވާހަކައެއް ނުދެއްކެއެވެ. ދިލްނަޝީން އަހަރެންނަކާ ނުގުޅައެވެ. އެނގިއްޖެ ހެއްޔެވެ ؟ " ކުލްސޫމާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަނެ ، ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ދިލްނަޝީންދެކެ އަހަރެން އިންތިހާއަށް ލޯބި ވެއެވެ. އެއަށްވުރެ ބޮޑަށް ، އަހަރެން ދިލްނަޝީނަށް އިޙްތިރާމް ކުރަމެވެ. ދިލްނަޝީނަށް އިޙްތިރާމް ނުކުރެވޭ ޙާލަތެއް އައުމަކީ ، އަހަރެން ކެތްކުރާނެކަމެއް ނޫނެވެ. އަހަރެން މިއައީ ، ކަލޭމެންނަށް އެކަން ޔަޤީންކޮށްދިނުމަށެވެ. މިއީ އަހަރެންގެ މޮޔަކަން ނުވަތަ ފިދާވުމެއްކަން ،  ނުވަތަ ވިޔާނުދާކަން ކަމުގައި ބެލިޔަސް މައްސަލައެއް ނެތެވެ. އަހަރެންނަށް ގޯހެއް ހެދުނީއެވެ. އެ މާބޮނޑިތައް އަހަރެން ފޮނުވީމެވެ. " ޙަމްޒާ ބުންޏެވެ.

ޙައިދަރުގާތަށް އައިސްހުރި ރުޅީގައި ، ޙަމްޒާގާތަށް ޖެހިލައި ، ޙަމްޒާގެ އަނގަމަތީގައި ، އޭނާގެ އަތުގައި ނެތްބާރުލާފައި އެތިފަހަރެއް އަޅުވައިލިއެވެ. ޙައިދަރު މައިތިރިކުރަން ކުލްސޫމް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޙަމްޒާއާ އޭނާ ވާހަކަ ދެއްކިޔަދޭށޭ ބުނެ ، ޙައިދަރު ޖެހުމުން ވެއްޓިފައި އޮތް ޙަމްޒާއާ ގާތަށް ޖެހިލިއެވެ. އަދި ދެއަތުގައި ހިފައި ގަދަކަމުން ޙަމްޒާ ކޮއްޅަށް ނެގިއެވެ.

" ޙަމްޒާގެ މޫނުމަތީ އަހަރެން މިއެޅި ތަފާލަކީ ، ޙަމްޒާއަށް ތިކުރެވޭ މޮޔަކަންކަމާ ދުރުގައި ހުންނަން ހަނދާން ކޮށްދޭނެ ތަދެކެވެ. އަހަރެންގެ އަންހެނުންނާ ދުރުގައި ހުންނާށެވެ. މިގެއިން ނުކުމެގެން ދާށެވެ ! ދެވަނަފަހަރަށް މިގޭގެ ހަތަރުފާރުގެ ތެރެޔަށް ވަންނަން ހިތަށްވެސް އަރުވައިނުލާށެވެ ! " ޙައިދަރު ހަޅޭއްލަވައިގަތެވެ.

ޙަމްޒާ ދިއުމާއެކީ ، މަންމައާއި މެހެމަލްވެސް އެތެރެޔަށް ދިއުމަށް ޙައިދަރު އެންގިއެވެ. ޙައިދަރު އެހާބޮޑަށް ރުޅިއައިސްހުރިތަނެއް ކުލްސޫމަކަށްވެސް އަދި މެހެމަލްއަކަށްވެސް ، މީގެކުރިޔަކުން ފެނިފައެއް ނެތެވެ. ގެންފައި ހުރި ބިރުން މެހެމަލްވެސް އަވަސްއަވަހަށް ގޭތެރެޔަށް ވަނެވެ. ކުލްސޫމްވެސް ގޭތެރެޔަށް ދިއުމަށް އަވަސްވެގަތެވެ. އެންމެން ދިއުމާއެކީ ، ބެލްކަންޏަށް ނުކުމެހުރި ދިލްނަޝީނާ ދިމާލަށް ، މައްޗަށް ޙައިދަރު ބަލައިލިއެވެ. ދިލްނަޝީންވެސް ހުރީ ބިރުންގޮސް ތުރުތުރު އަޅައަޅައެވެ. ޙަމްޒާއަށް އެލިބުނު އަނިޔާއަށް އޭނާ ހަމްދަރުދީ ވިއެވެ. އެއީވެސް އޭނާކަހަލަ އިންސާނެކެވެ. ޙައިދަރުގެ ޢަމަލުތައް ހުރިގޮތުން ، ޙައިދަރުގެ މައްޗަށް ދިލްނަޝީންގެ ހިތުގައި އުފެދިފައި އޮތް އިޙްތިރާމް ގެއްލިގެން ހިނގައިދާނެތީ ، ދިލްނަޝީން ކަންބޮޑުވިއެވެ. އެހުރިހާ ކަންތައްގަނޑަކީވެސް ، އޭނާގެ ސަބަބުން އުފަންވަމުން އަންނަ ދެރަ ކަންކަމެވެ. އެފަދަ މައްސަލަތައް އުފެދޭނެ މީހެއްގެ ގޮތުގައި އޭނާ ދުނިޔެއަށް ފޮނުއްވީ ކީއްވެބާވައެވެ !

މީހަކާ ރައްޓެހިވެވުނު ކަމަށްޓަކައި ، ރައްޓެހިވި ފިރިހެނާއަށް އޭނާގެ ސަބަބުން އެލިބެނީ އަނިޔާއެވެ. މީހަކާ އިނީތީ ، އޭނާގެ ފަރާތުން ފިރިމީހާއަށް އެލިބެނީ ހުސް ތަކުލީފެވެ. މައިދައިތައެއް ލިބުނީތީ މައިމީހާއަށް އޭނާގެ ފަރާތުން އުފަލެއް ނުލިބެއެވެ. މީހަކާ އިނދެގެން ފިރިމީހާގެ ގެޔަށް ދިއުމުންވެސް އޭނާގެ މަންމައާއި ބޭބެޔަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ ގޮތަކުން ، ކޮންމެ ޙާލަތެއްގައި ކުރެވުނު ކައިވެންޏެއްނަމަވެސް ، އެކުރެވުނު ކައިވެނި ދެމެހެއްޓުމަށްޓަކައި އޭނާކުރަމުން އެގެންދާ ހުރިހާ މަސައްކަތެއް އެދަނީ ބޭކާރުވަމުންނެވެ. އިންސާނަކު ދުނިޔެއިން ބޭކާރުވެގެންދާނީ އެވަރަށެވެ.

އެހުރިހާ ކަމެއްގެ ފަހަތުގައި ، ބޮޑު މުޞީބާތެއްގެ ގޮތުގައި އޭނާގެ ކުރިމަތީ ، ކަނޑިއުފުލައިގެން އެހުރީ މެހެމަލްއެވެ. މެހެމަލްއަކީ ، އޭނާއަށް އެގެއިން ފޮނުވައިލެވެން އޮތް މީހެއްނޫނެވެ. ކުލްސޫމާއި ޙައިދަރުގެ ހިތާ ކުޅެމުން މެހެމަލް އެގެންދަނީ އޭނާގެ ކޮޅު ވަރުގަދަ ކުރަމުންނެވެ. ނުވިތާކަށް ޙަމްޒާގެ ބޮލަށް ވަދެ ، ހުރިހާ ނުބައެއް އުފައްދަމުން އެގެންދަނީ މެހެމަލް އެވެ.

ޙައިދަރަށް އެކުރެވުނު ކަންކަމަކީ ވިސްނައިނުލާ ކުރެވުނު ދެރަ ކަންތައްތަކެއްކަމުގެ އިޙްސާސް ޙައިދަރަށް ކުރެވުނެވެ. ދިލްނަޝީންގެ މޫނުމަތީ އެއްވެސް ރަޙުމެއްނެތި ޖަހައިފިއެވެ. ޙަމްޒާގެ މޫނުމަތީ އަތުގައިނެތްބާރުލާފައި ޖަހައި ޙަމްޒާގެ މޫނުމަތިން ލޭއޮހޮރުވާލައިފިއެވެ. އޭނާގެ އަމިއްލަ އަތަށް ތަދުވާ ވަރަށެވެ. މަންމަ ގޮވައިގެން ދިލްނަޝީންމެންގެޔަށް ގޮސް ، ދިލްނަޝީންގެ މަންމަގެ ކުރިމަތީ އޭނާގެ އަގު ވައްޓާލައިފިއެވެ. ކައިވެންޏެއް ކުރެވުނީތީ ، އެހުރިހާ ކަމެއްކުރަން އޭނާއަށް އެ މަޖުބޫރުވަނީ ކީއްވެގެން ހެއްޔެވެ ؟ މެހެމަލްގެ ލޯބި އޭނާގެ ހިތުންފިލައި ، ދިލްނަޝީންގެ ލޯބި ، އެޖާގަ ހޯދީ ހެއްޔެވެ ؟

ޙަމްޒާއަށް ގެޔަށް ދެވުނުއިރު ، ބުޝްރާއާއި ރިދާ އުޅެނީ ޙަމްޒާ ވީތަނެއް ނޭނގިގެންނެވެ. ފޯނުކޮށްކޮށް ޙަމްޒާ ފޯނެއްވެސް ނުނަގައެވެ. ޙަމްޒާގެ އަނގަމަތިން ފައިބަމުންދިޔަ ލޭތައް ފެނިފައި ، އޭނާއެއައީ ކާކާ ތަޅައިފޮޅާފަތޯ ބުޝްރާ ސުއާލު ކުރިއެވެ. ޙަމްޒާގެ އެ ޙާލަށް އެދެމައިންގެ ހިތުގައި ހަމްދަރުދީ އުފެދުނީތީ އުފާވާކަމަށް ޙަމްޒާ ބުންޏެވެ. އަދި އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އޭނާގެ ކޮޓަރިޔަށްގޮސް ވަނެވެ. ޙަމްޒާ އެއައީ ކާކާ ހަނގުރާމަ ކޮށްފައިކަން ރިދާއަށް އެނގެއެވެ. އެހެނަސް ، އެވާހަކަ އޭނާގެ މަންމަގާތަކު ނުބުނެއެވެ.

ޙައިދަރު އައިސް ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީން އިނީ ގިސްލަގިސްލާފައި ރޯށެވެ. ދިލްނަޝީނާމެދު ޙައިދަރުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޙައިދަރަކީ އެއްވެސް މީހަކަށް އަނިޔާއެއްދިން މީހެއްނޫނެވެ. ނުރުހުމުގެ ގޮތުން މީހެއްގެ ގައިގައި މިހާތަނަށް ކޮށްޓާލާފައެއްވެސް ނުވެއެވެ.

ޙައިދަރު އައިސް ދިލްނަޝީންގެ ކުރިމަތީ ހުއްޓިލައި އޭނާއަށް ގޮވައިލިއެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުގެ ތެރެއިން ، ޙައިދަރާ ދިމާލަށް ދިލްނަޝީން ބަލައިލިއެވެ. އޭނާއަށް މަޢާފުކުރުމަށް އެދި ، ޙައިދަރު ދިލްނަޝީނާ ވާހަކަދައްކަން ފެއްޓިއެވެ. އެތަނުން ދުރަށް ދިއުމަށް ދިލްނަޝީން ތެދުވުމާއެކީ ، ދިލްނަޝީންގެ އަތުގައި ޙައިދަރު ހިފެހެއްޓިއެވެ. އަދި ދިލްނަޝީނާ ވާހަކަ ދެއްކޭތޯ ބެލިއެވެ. އެހެނަސް ، ދިލްނަޝީންގެ އަތް ޙައިދަރުގެ އަތުން ފޮޅުވައިލިއެވެ.

" ދިލްނަޝީނަށް އިތުބާރު ނުކުރެވުމަކީ އަހަރެންނަށް ކުރެވުނު ވަރަށް ދެރަ ކަމެކެވެ. އުފެދިގެންދިޔަ ޙާލަތުން ، އަހަރެން ހަދާނީ ކިހިނެއްކަމާމެދު ދިލްނަޝީންވެސް ވިސްނާލަ ބަލާށެވެ. އެޙާލަތަކީ ، ފިރިހެނެއްގެ ހިތާ ކުޅެލާނެ ޙާލަތެކެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރު އެބުނާ ވާހަކައެއް އެއީ ރަނގަޅަށްބުނާ ވާހަކައަކަށް ހެދުމަށްޓަކައި ދެއްކޭނެ އެތައް ޙުއްޖަތެއް ޙައިދަރަށް އެބަ ފެންނަކަމުގައި ދިލްނަޝީން ބުންޏެވެ.

" އެކަމަކު ، އަހަރެންގެ ކުށެއްނެތްކަން ސާބިތުކޮށްދިނުމަށްޓަކައި ، މުޅި ޢުމުރު ހޭދަކުރިޔަސް ، ކަލޭމެންނަށް ޤަބޫލުކުރެވޭފަދަ ޙުއްޖަތެއް އަހަރެންނަކަށް ނުދެއްކޭނެއެވެ. އަހަރެންނަކަށް ، ދުވަހަކުވެސް ޙައިދަރުގެ އިތުބާރެއް ނުހޯދޭނެއެވެ. އެކަން ވިޔަނުދިނުމަށްޓަކައި އަހަރެންނާ ދެކޮޅަށް ތިބި މީހުންނަކީ ، އަހަރެންނަށްވުރެ ، ޙައިދަރަށް މާ މުހިންމު މީހުންނެވެ. " ރޮމުން ރޮމުން ދިލްނަޝީން ބުންޏެވެ.

ޙައިދަރު ގޮވަގޮވާ އޮއްވާ ދިލްނަޝީން އެތަނުން ދުރަށް ދިޔައެވެ. ޙައިދަރުހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.