
ޑާރކް އެނަޖީއާއި ޑާރކް މެޓަރ އަކީ ކޮބައިކަން ނޭނގެނީ ކީއްވެ ؟
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމުން ، ކާއިނާތުގައި ލައްވާފައިވާ މުޢުޖިޒާތްތަކަކީ ، ސިއްރުތަކުން ފުރިގެންވާ ޙަޤީޤަތްތަކެކެވެ. އެކަލާނގެ އިޒުނަފުޅާލައިގެން މެނުވީ ގަހެއްގެ ކުޑަކުޑަ ފަތެއްވެސް ހިރިނުލާނެއެވެ. ނުވަތަ އެފަތް ހިރިލުމުގެ ޤުދްރަތީ ނިޒާމަކީ ، ﷲ ގެ ކުޅަދުންވަންތަކަމުން ކާއިނާތުގައި ލައްވާފައިވާ ސިއްރުތަކުގެ މަސްދަރެވެ. އިންސާނާ އުފައްދަވައި ، އެއިންސާނާއަށް ސިކުނޑީގެ ނިޢުމަތް ދެއްވައި ، ޢިލްމާއި ޙިލްމުން އެސިކުނޑިތައް ފުރިހަމަކުރައްވައި ، ސިކުނޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ، އެއިންސާނާއަށް އަންގަވައިފައެވެ. އެކަލާނގެ ، މިންވަރު ކުރައްވާފައިވާ ގޮތެއްގެމަތިން ، އެއިންސާނާގެ ސިކުނޑީގެ ބޭނުންކޮށް ، ކާއިނާތުގެ މުޢުޖިޒާތްތަކާ ހަމަޔަށްގޮސް ، މީގެ ސާދަސަތޭކަ އަހަރުކުރިން ، އެކަލާނގެ ބާވައިލައްވާފައިވާ ، ކަލާމްފުޅު ، ކީރިތި ޤުރުއާނުގައިވާ ޢިލްމުން ، ﷲ ގެ ކަށަކުޅަދުންވަންތަކަން ، މީސްތަކުންނަށް ހާމަކޮށް އަންގައިދޭންވީއެވެ. މިޒަމާނުގައި އެކިދާއިރާގެ ސައިންޓިސްޓުން ، ހޯދަމުންދާ މުޢުޖިޒާތްތަކުގެ ޙަޤީޤަތަކީ ، އެތައްސަތޭކަ އަހަރެއްގެ ކުރިން ، ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވާ ކަންކަމެވެ.
ކާއިނާތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ މުޢުޖިޒާތްތަކުގެ ޢިލްމުން ، ކޮސްމޮލޮޖީއަކީ އެއްދާއިރާއެވެ. އެއީ ކާއިނާތާ ބެހޭގޮތުން ، އިންސާނާއަށް މިހާތަނަށް އެނގިފައިނުވާ ސިއްރުތަކާއި ޙަޤީޤަތްތައް ހޯދައި ދިރާސާކޮށް ހާމަވާ ކަންކަމުގެ ޢިލްމެވެ. ކާއިނާތާއި އެހެނިހެން މުޢުޖިޒާތްތަކާ ނުގުޅުވައި ، ކާއިނާތަކީ ހަމައެކަނި އެއްމާއްދާއެއްކަމަށް ބަލައިގެން ، ދިރާސާކޮށް ، ފެންނަމުންދާ ޢަޖައިބުތަކާއި މުޢުޖިޒާތްތައް ހާމަވާ ޢިލްމަށް ކިޔަނީ ކޮސްމޮލޮޖީ އެވެ.
ކޮސްމޮލޮޖިސްޓުން އެގޮވާ ކޮސްތައް ނިއުޅި ، އެކޮހަކީ ، މުޢުޖިޒާތުން ފުރިގެންވާ ޙަޤީޤަތަކަށް ވެގެންދަނީ ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެމީހުންނަށް މިންވަރުކުރައްވާފައިވާ ، ތަނަވަސް ޢިލްމާއި ޙިލްމާ އަދި ހުނަރުންނެވެ. އެއީ ކޮންމެ ކޮންމެ އިންސާނަކަށްކުޅާދާނަ ވެގެންވާ ކަމެއްނޫނެވެ. ކޮސްމޮލޮޖިސްޓުންކުރާ ކަމަކީ ، ކާއިނާތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ މުޢުޖިޒާތްތައް ދިރާސާކޮށް ފެންނަ ޙަޤީޤަތްތައް ހާމަކުރުމެވެ. ކާއިނާތުގެ އަސްލު ދެނެގަނެ ، ތާރީޚު ހޯދައި ، އުފެދުންތަކާގުޅިފައި އޮންނަ ނާރެހަށް ވާޞިލުވެ ، އެނާރެހާ ގުޅިފައި ހުންނަ ބައިތައް ވަކިކޮށް ، އެންމެފަހުން ، އިންސާނާ ދިރިއުޅެމުން މިގެންދާ ދުނިޔޭގެ ތަޞައްވުރަކީ ކޮބައިކަން ، ކޮސްމޮލޮޖީގެ ޢިލްމުން ހާމަ ކުރުމެވެ.
ކުރިއަރައި ތަރައްޤީވެފައިވާ ޢިލްމެއް ކަމުގައިވާ ޒަމާނީ ކޮސްމޮލޮޖީ ފެށުނީ ގާތްގަނޑަކަށް ، މީގެ ޤަރުނެއްހައި ދުވަސްކުރިންނެވެ. އޭރުގެ އެސްޓްރޮނޯމަރ އެއްކަމުގައިވާ އެޑްވިން ހަބްލް ފާހަގަކުރި ، ދެ ޢަޖައިބަކާ އެކުގައެވެ. އެއީ ސިއްރުތަކުން ފުރިގެންވާ ދެ މުޢުޖިޒާތެކެވެ. ފުރަތަމަ ޢަޖައިބަކީ ، ގެލެކްސީ ނުވަތަ މަޑިކިލަނބަކީ ކާއިނާތުގައި ލައްވާފައިވާ އެއްޗެއްކަމާއި އެއީ އާރތު ނުވަތަ އިންސާނުން ދިރިމިއުޅޭ ބިމާ ވަރަށް ދުރުގައިވާ އެއްޗެއްކަމެވެ. އަދި އެ ، ގެލެކްސީތައް ނުވަތަ މަޑިކިލަނބުތައް ދުނިޔެއާ ދުރަށް ދާކަމެވެ. އަދިހަމަ އެފަދައިން ، ކާއިނާތަކީ ވަރަށްގިނަ ޢަޖައިބުތަކުން ފުރިގެންވާ މުޢުޖިޒާތެއްކަމެވެ.
ސްޕަރކްލަސްޓަރއަކީ ، ގްރެވިޓީގެ ބާރުގައި އެއްކޮށް ހިފެހެއްޓިފައި އޮންނަ މަޑިކިލަނބުތަކަކުން އެކުލެވިގެންވާ ، މަޑިކިލަނބުތަކުގެ ގްރޫޕެކެވެ. ދުނިޔެއަކީ ، މިމަޑިކިލަނބުގެ ގްރޫޕްގައި ހިމެނޭ އެންމެ ކުޑަ ގްރޫޕްގައި ހިމެނޭ ތަނެކެވެ. އެގްރޫޕަށް ކިޔެނީ ލޯކަލް ގްރޫޕެވެ. އެހެންނަމަވެސް ، އެ ކާއިނާތުގައި ހިމެނޭ މިބިމަކީ ، ލޯކަލް ގްރޫޕްގައި ހިމެނޭ ދެވަނަޔަށް އެންމެބޮޑު ގެލެކްސީއެވެ. އެ ގެލެކްސީއަށް ކިޔެނީ ، މިލްކީ ވޭ އެވެ. މިލްކީ ވޭއަކީ ، ވަށްކޮށް އޮންނަ މަޑިކިލަނބެކެވެ.
އިންސާނާ ދިރިއުޅެމުންގެންދާ މި ބިމަކީ ، ދުނިޔެއެއް ނޫނެވެ. ދުނިޔެއަކީ ބިންފިޔަވައި ކާއިނާތުގައިވާހައި އެއްޗެކެވެ. މި ބިމަށް ނުވަތަ އާރތު އަށް ދުނިޔެއޭ ކިޔައި އުޅެނީ އޮޅުމަކުންނެވެ.
ޒަމާނީ ކޮސްމޮލޮޖީގެ ޢިލްމު ބިނާވެގެންވަނީ ، ބިގް ބޭންގ ތިއަރީގެ މައްޗަށެވެ. ބިގް ބޭންގ ތިއަރީއަކީ ، ކާއިނާތުގެ ފެށުންކަމަށް އެސްޓްރޮނޮމިސްޓުންގެ ނަޒަރިއްޔާތުގައި ކަނޑައަޅާ ގޮތްތަކެވެ. ކާއިނާތުގެ މުޢުޖިޒާތްތަކުގެ ފުރަތަމަ ހޯދުން ފާހަގަކޮށްފައިވަނީ ، ފިޒިސިސްޓް އެލެގްޒެންޑަރ ފްރީޑްމަން ، 1922 ގައެވެ. ހިސާބު ޢިލްމުގެ ޒަރީޢާއިން ފްރީޑްމަން ހާމަކުރިގޮތުގައި ކާއިނާތަކީ ، ފުރަތަމަ ނުކުތާއިން ފެށިގެންވެސް އުފެދި ފުޅާވެ ބޮޑުވަމުން އަންނަ ތަނެކެވެ.
އެތައްޒަމާނެއްގެ ކުރިން ، މިކާއިނާތަކީ ، ކުޑަ ، ހޫނުގަދަ އަދި ތުނިކޮށް ތޮށްޖެހިފައި އޮތް ތަނެކެވެ. އެއީ މިހާރު ، ސައިންސްވެރިންގެ އާ ހޯދުންތަކުން ، ފެންނަން އޮތް ޙަޤީޤަތެކެވެ. އޭގެ މާނަޔަކީ ، ކާއިނާތުގައި ﷲ ލައްވާފައިވާ އެންމެހައި ޢަޖައިބުތަކާއި ހުރިހާ މުޢުޖިޒާތްތަކެއް އެނގުމެއްނޫނެވެ. ކާއިނާތާއި ދުނިޔެއާއި ބިމުގެ ހުރިހާ ސިއްރަކާއި އެތަންތަން ދައުރުވެ ހިނގަމުންދާ ، ޤުދްރަތީ ނިޒާމު އެނގުމެއްނޫނެވެ. މިހާތަނަށްވެސް ، އިންސާނާއަށް ހޯދިފައިވަނީ ، ކާއިނާތުގައި ލެއްވިގެންވާ ޢަޖައިބުތަކާއި މުޢުޖިޒާތްތަކުގެ ކުޑަމިންވަރެކެވެ. އެއީ އުނގެނި އަދި ހޯދާ ކޮޅުންލާން ނެތްފަދަ މުޢުޖިޒާތް ތަކެކެވެ. އެންމެ ދެރަވެގެން ، އިންސާނާ ދުނިޔޭގައި އުޅެންވީގޮތް އަންގަވައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި ، އަދި ، އިންސާނާގެ އަތްމަތީ މިގެންގުޅޭ އެކަލާނގެ ކަލާމްފުޅު ، ބަރަކާތުން ފުރިގެންވާ ކީރިތި ޤުރުއާނުގެ ޢިލްމާއި މުޢުޖިޒާތްތަކުންވެސް ، އިންސާނާއަށް ލިބިފައިވަނީ ނުވަތަ ހޯދިފައިވަނީ ، މަދުމިންވަރެކެވެ. ކީރިތި ޤުރުއާނުގެ ފުއްޞިލަތު ސޫރަތުގެ 12 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَابِيحَ وَحِفْظاً ذٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
ފަހެ ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތްއުޑު ހެއްދެވިއެވެ. އަދި ، ކޮންމެ އުޑަކަށް އެއުޑެއްގެ ކަންތައް ( ތަދުބީރު ކުރައްވައި ) އެންގެވިއެވެ. އަދި ، އެންމެ ކައިރި އުޑު ، ބައްތިތަކަކުން ޒީނަތްތެރި ކުރައްވައި ، އަދި އެއުޑު ރައްކައުތެރި ކުރެއްވީމެވެ. އައީ ، ޢަޒީޒުވަންތަ ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.
ފަލަކާއި ކާއިނާތާބެހޭ މިފަދަ ކިތަންމެ އާޔަތެއް ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައި އަންގަވައިފާ ވެއެވެ. މިއާޔަތްތަކުން ބަޔާންކޮށް އަންގަވައިފާ ، ކީރިތި ޤުރުއާނުގެ ޢިލްމުން ، މިއަދުގެ ސައިންސްވެރިންނަށް ހޯދައިގަނެވިފައިވަނީ މަދުމިންވަރެކެވެ.
ކޮންމެއަކަސް ، ދެބަސްވުމެއްނެތް ޙަޤީޤަތަކީ ، ކާއިނާތުގައި ބިޔަ ދެލޯވަޅެއް އޮތްކަން ، ކާއިނާތުގެ ސައިންސުން ހާމަވުމެވެ. އެއް ލޯވަޅަކީ ޑާރކް މީޓަރެވެ. މި ލޯވަޅުގެ މަޢުލޫމާތު ސައިންސްވެރިންނަށް ހޯދިފައިވަނީ ، 1970 ގެ އަހަރުތަކުގައެވެ. މިހާތަނަށް އެނގިފައިވާގޮތުގައި ، ޑާރކް މީޓަރަކީ ، އާ ބާވަތްތަކެއްގެ މާއްދާތަކެއް އޭގައި ހިމެނޭ ، ޢަޖައިބެއްފަދަ އެއްޗެކެވެ. ޑާރކް މީޓަރަކީ ، އައްޔާ ނުވަތަ އަލިކަމާ އެއްވެސް ގުޅުމެއްނެތް ، ނުވަތަ އާދައިގެ މާއްދާތަކާވެސް ގުޅުމެއްނެތް އެއްޗެކެވެ. އެހެނަސް ، ކާއިނާތުގެ މައިގަނޑު ބައިތަކާ ޑާރކް މެޓަރއާ އެހާބޮޑު ގުޅުމެއް ނުއޮވެއެވެ.
ފާހަގަ ކުރެވޭ އަނެއް ހޯލަށް ނަންދެވިފައިވަނީ ޑާރކް އެނަޖީގެ ނަމުންނެވެ. 1990 ގެ ފަހުކޮޅު ، އެސްޓްރޮނޮމިސްޓުންގެ ދެޓީމަކުން ފާހަގަ ކުރިގޮތުގައި ، ކާއިނާތު ފުޅާވެ ބޮޑުވަމުން އެބަދެއެވެ. ބޮޑުވެ ފުޅާވެގެންދަނީ ހަމައެކަނި ބިމުންމަތީ ޖައްވުގައި ހިމެނޭ ކާއިނާތު އެކަންޏެއްނޫނެވެ. ބިމާއި ދުނިޔެއާއެކު މުޅި ކާއިނާތުވެސް ، އެއްދުވަހުން އަނެއްދުވަހަށް ދަނީ ފުޅާވެ ބޮޑުވަމުންނެވެ. އެކަން އެހެންއެވަނީ ކީއްވެގެންކަން ، ސައިންސްވެރިންނަކަށް އަދި ނޭނގެއެވެ. އެހެންކަމުން އެކަމަށް ނަންދެވުނީ ޑާރކް އެނަޖީގެ ނަމުންނެވެ.
ކާއިނާތު ބޮޑުވެ ފުޅާވެގެންދާއިރު ، ޖައްވުގައިވާހައި އެނަޖީއެއްގެ ހަތްދިހަ އިންސައްތަ ، ޑާރކް އެނަޖީއަށް ނަގައެވެ. ޖައްވުގައިވާ ހުރިހާ މާއްދާއެއްގެ މައްޗަށް ވެރިވެގަނެއެވެ. ޑާރކް މެޓަރވެސް އޭގެތެރޭގައި ހިމެނެއެވެ. އެހެންކަމުން ، ޒަމާނީ ކޮސްމޮލޮޖީ މިހާރު މިވަނީ ، ނޭނގުމެއްގެ ތެރެޔަށް އައިސް ، ކޮޅެއްމެދެއް ނޭނގޭ ހަތަރުއަނގޮޅިއެއްގެ މެދަށް ހުށްޓިފައެވެ.
ބިގް ބޭންގ އަކީ ކޮބައިކަން ވަރަށް ރަނގަޅަށް މިހާރު އެބަ އެނގެއެވެ. އަދި ބިގް ބޭންގއާބެހޭ ލައްކަ މަޢުލޫމާތާއި ސައިންޓިފިކް ހެކިތައް އެބަހުށްޓެވެ. މިސާލަކަށް ، ކާއިނާތުގެ އުފެދުމަކީ 13.77 ބިލިއަން އަހަރުގެ ކުރިން ހިނގާފައިވާ ކަމެއްކަން ދެނެގަނެވެއެވެ. ހަމައެއާއެކު ، ހައިޑްރޯޖަންގެ މާއްދާ އުފަންވީ ، ކާއިނާތު އުފެދުމުގެ މަދު މިނިޓްކޮޅެއްގެ ތެރޭގައިކަން ހާމަވެއެވެ. މިކަމުގެ ޙަޤީޤަތްތައް ކަށަވަރުކުރެވޭނެ ހެކިތައް ފެންނަން އެބަހުށްޓެވެ. އެހެންނަމަވެސް ، ކާއިނާތުގެ ނިޒާމާގުޅިފައިވާ އެތައް މުޢުޖިޒާތެއްގެ ޙަޤީޤަތްތަކާ ހަމަޔަކަށް އަދިވެސް ނުދެވެއެވެ. ސިއްރުތަކުން ފުރިގެންވާ އެތައް ޢަޖައިބެއް ، ކާއިނާތުގައިވަނީ ލެއްވިފައެވެ.
ކާއިނާތުގައިވާ މާއްދާތައް މަސައްކަތްކުރާގޮތް އިންސާނާ ދެނެގެންފިއެވެ. އެހެނަސް ، އެއީ ކޮންއެއްޗެއްކަން ދެނެގަތުމުގެ ޤާބިލްކަން އިންސާނާއަކަށް އަދި ނުލިބެއެވެ. އެހެންކަމުން ، މިޒަމާނުގެ ކޮސްމޮލޮޖީގެ ސައިންސުން މަސައްކަތްކުރަމުން ގެންދަނީ ، ޑާރކް މެޓަރ އާއި ޑާރކް އެނަޖީއަކީ ކޮންއެއްޗެއްކަމާއި އޭގައި ހިމެނިގެންވާ ބައިތަކަކީ ކޮބައިކަން ދެނެގަނެވޭތޯއެވެ.
ޖައްވުން އެއްކުރެވިފައިވާ ތަފާސްހިސާބުތައް ބޭނުންކޮށްގެން ، ސައިންސްވެރިންގެ ދިރާސާތަކުން އެނގުނީ ، އަޅުގަނޑުމެންގެ ވަށައިގެންވާ ކާއިނާތަކީ ، 66 އިންސައްތަ ޑާރކް އެނަޖީ ، 34 އިންސައްތަ ޑާރކް މެޓަރ ހިމެނޭ ތަނެއްކަމެވެ. ޑާރކް މެޓަރގެ 34 އިންސައްތައިގެ ތެރޭގައި ، ނޯމަލް މެޓަރގެ ބޮޑު މިންވަރެއް ހިމެނެއެވެ.