
( 1 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެ ފިރިހެންކުއްޖާ ބުނީ ކީކޭތޯ ކުލްސޫމް ސުއާލު ކުރިއެވެ. އޭނާގެ ދިރިއުޅުމަކީ ހުރިހާ ތަކުލީފަކުން ބައްޓަން ކުރެވިފައިވާ ދިރިއުޅުމެއްކަމަށް ޙައިދަރު ބުންޏެވެ. އޭނާގެ އަންހެނުން ހިތާވި ފިރިހެނެއްގާތަށްގޮސް ، ސުއާލުކުރަންޖެހޭ ޙާލަތަށް އޭނާ ގެންގޮއްސިއެވެ. ކަންއެހެން އޮތްއިރު ، އެ މާބޮނޑިތައް ފޮނުވީ ކާކުކަމެއް ، އެ ފިރިހެންކުއްޖާއަކަށް ނޭނގެއެވެ. ދިލްނަޝީނާ ހިތާވެފައި ހުރި އެހެންމީހަކު ، އަނެއްކާވެސް އެމީހުންގެ ދިރިއުޅުމަށް އައީއެވެ. ޙައިދަރަކަށް އެމީހަކު ނޭނގެއެވެ.
" ޙައިދަރަށް ކަމެއް ނޭނގި އޮވެދާނެއެވެ. އެކަމަކު ، ދިލްނަޝީންމެންގޭގެ މީހުންނަށް ހުރިހާކަމެއްވެސް އެނގޭނެއެވެ. އަހަރެމެންނަށް ނާންގައި ސިއްރުކުރީ ކޮންކަމެއްކަންވެސް އެމީހުންނަށް އެނގޭނެއެވެ. އަހަރެންނާއެކީ ޙައިދަރު ހިނގާށެވެ. " ކުލްސޫމް ބުންޏެވެ.
މަންމަޔާއެކީ އޭނާދާންވީ ކޮންތާކަށްތޯ ޙައިދަރު ސުއާލުކުރިއެވެ. އެމީހުންދާނީ ، އެމީހުންގެ ހިތުގައިވާ ހުރިހާ ސުއާލުތަކަކަށް ޖަވާބު ލިބޭނެތަނަށް ކަމަށް ކުލްސޫމް ބުންޏެވެ. އެއީ ، ދިލްނަޝީންމެންގެ ގެޔެވެ. އެހެނަސް ، އެކަމުގެ ތެރެޔަށް ދިލްނަޝީންގެ ޢާއިލާ ވެއްދުން އެއީ ޙައިދަރު ބޭނުންވާ ގޮތެއްނޫނެވެ. ކުލްސޫމް އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. ޙައިދަރު ނުދާނެކަމަށް ވަންޏާ ނުގޮސް ހުންނާށޭ ބުނެ ، ދިލްނަޝީންމެންގެ ގެޔަށްދާން ކުލްސޫމް ހިނގައިގަތެވެ. ޙައިދަރު އޭނާގެ މަންމަ ހުއްޓުވަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ، ޙައިދަރަށްވެސް ޖެހުނީ ، މަންމަޔާއެކީ ދިލްނަޝީންމެންގެޔަށް ދާށެވެ.
" އަހަރެމެންގެ ހަމަހިމޭންކަމުގެ ނާޖާއިޒް ފައިދާ ނަގައި ، އަހަރެމެންނާމެދު ، އަނީސާމެން ކަންތައް ތިކުރީ ވަރަށް ބޭއިންސާފުންނެވެ. " ވާހަކަ ދައްކަންފެއްޓީ އަނީސާއެވެ.
ޢާފިޔާ ގެނައި ސައިތަށީގައިވެސް ، ކުލްސޫމެއް ނުހިފިއެވެ. ހިތްހަމަ ނުޖެހިފައި އިނދެ ، ކުލްސޫމްގެ ޝަކުވާތައް އިއްވަމުން ދިޔައެވެ.
އަނީސާއަށް ލިބުނު ޙައިރާންކަމުގައި އޭނާއިނީ އަނގަ ހުޅުވިފައެވެ. ބޭއިންސާފުން އެމީހުންނަށް ކުރެވުނީ ކޮންކަމެއްތޯ އަނީސާ ސުއާލުކުރިއެވެ. އަދި ، ކުލްސޫމް ހިތްހަމަނުޖެހޭކަމެއް ދިލްނަޝީނަށް ކުރެވިއްޖެނަމަ ، ދިލްނަޝީންގެ ފަރާތުން އޭނާ މަޢާފަށް އެދޭކަމުގައި އަނީސާ ބުންޏެވެ.
އަނީސާއަށް އެމީހުންގެ ފަރާތުން މަޢާފަށް އެދެންޖެހޭކަމުގައި ކުލްސޫމް ބުންޏެވެ. މަންމަގެ ވާހަކަތައް ހުއްޓުވޭތޯ ޙައިދަރު މަސައްކަތް ކުރިއެވެ. އެހެނަސް ، އެކަން ކޮޅެއްގައި ޖެއްސުމަށްޓަކައި ވާހަކަ ދެއްކުމަށް އޭނާއަށް ފުރުޞަތު ދިނުމަށް ކުލްސޫމް އެދުނެވެ. ޢާފިޔާވެސް ހުރީ ހަދާނެގޮތް ބޮޑުވެފައެވެ.
ދިލްނަޝީން އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅުނުވާހަކަ އެމީހުންގާތު ނުބުނީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ. އޭނާގެ ދަރިފުޅުގެ ނާޖާއިޒް އެއްވެސް ގުޅުމެއް ނޯންނާނެކަމުގައި ބުނެ އަނީސާއަށް އެބަސް ތަކުރާރު ކުރެވުނެވެ. ގުޅުމެއް އޮތްނަމަ ބުނާނެ ނޫންހެއްޔެވެ ؟ އެހެންނަމަވެސް ، އެކަކާބެހޭ މަޢުލޫމާތު އެމީހުންނަށް އެނގިއްޖެކަމުގައި އަނީސާ ބުންޏެވެ. އޭގެ އިތުރަށް ތިބޭނީ ކިތައް ކުދިންކަމެއް އަނީސާމެންނަކަށް ނޭނގެއެވެ. އެއީ ކޮންބައެއްތޯ އަނީސާ އަނެއްކާވެސް ސުއާލު ކުރިއެވެ.
" ކުލްސޫމް މެންނަށް އޮޅުމެއް އަރައިގެން އުޅެނީއެވެ. އަހަރެންގެ ދަރިފުޅު އެއީ އެކަހަލަ ކުއްޖެއްނޫނެވެ. މާގިނަބަޔަކާ ވާހަކަ ދައްކައެއް ނޫޅޭނެއެވެ. ދިލްނަޝީންގެ ފަހަތުން ދުވާނެ އެއްވެސް ފިރިހެނަކުވެސް ނުހުންނާނެއެވެ. އެއީ ވަރަށް އާދައިގެ ކުއްޖެކެވެ. " އަނީސާ ބުނަމުން ގެންދިޔައެވެ.
" ތި ސާދާ މަޢުޞޫމް އަންހެންކުއްޖާގެ މައިދައިތަގެ ގެޔަށް ކޮންމެވެސް މީހަކު ، މިއަދު މާބޮނޑިތަކެއް ފޮނުވައިފިއެވެ. އެއީ ޙަމްޒާއެއް ނޫނެވެ. އެކަން ، ޙައިދަރު ސާފުކޮށްފިއެވެ. ދިލްނަޝީނާ ކައިވެނި ކުރެވުނުކަމަށްޓަކައި ، ހުރިހާކަމެއް ހުއްޓާލާފައި ، އަހަރެންގެ ދަރިފުޅަށް މިހާރު އެޖެހެނީ ، އަންހެނުންގެ މާޒީގެ ގުޅުންތަކުގެ ތަޙުޤީޤެއް ކުރާށެވެ. " ކުލްސޫމް ބުންޏެވެ.
އެއީ ، އެމީހުންނަށް އުފުއްލޭވަރުގެ ތަކުލީފެއްނޫނެވެ. އެމައްސަލަ އެއީ މާބޮޑުކަމަކަށް ނުހަދަން ކުލްސޫމްވެސް ވަރަށް މަސައްކަތް ކޮށްފިއެވެ. އެކަމެއް އެމީހުންނަކަށް ނުކުރެވުނެވެ. ދުވާލަކު އެއްފަހަރު ، ކޮންމެވެސްކަމެއް އެބަ ލައިގަނެއެވެ. އެކަކު އެނގުމުން އަޅާއިނުލާ ދޫކޮށްލިއިރަށް ، މިހާރު އެހެންމީހަކު ފާވެއްޖެއެވެ. އެމީހުން އެއައީ ، ދިލްނަޝީން ގުޅުން ހިންގައިގެން އެއުޅެނީ ކިތައް ފިރިހެނުންނާތޯ ސާފުކުރަންކަމުގައި ކުލްސޫމް ބުންޏެވެ. އެކަމާބެހޭގޮތުން ، ދިލްނަޝީނާ އެމީހުންނަށް ސުއާލު ކުރެވިދާނެއެވެ. އެކަމަކު ، ދިލްނަޝީން އެހުންނަނީ ، ކީރިތި ޤުރުއާނުގައި އަތްލައި ދޮގުހުވާކުރަންވެސް ތައްޔާރަށެވެ. ދިލްނަޝީންގެ ފަރާތުން އެމީހުންނަކަށް އެއްވެސް ޙަޤީޤަތެއް ސާފެއް ނުވާނެއެވެ. ދިލްނަޝީން ބުނާ އެއްވެސް ވާހަކައެއް ، އެމީހުންނަކަށް ދެނެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަނީސާއާ ސުއާލުކުރަން އެމީހުން އެގެޔަށް އަންނަންޖެހުނު ސަބަބަކީ އެއީއެވެ. ރަނގަޅަށް ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ކުލްސޫމް އެދުނެވެ.
" އަހަރެންގެ ދަރިފުޅުގެ ނާޖާއިޒް އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ދިލްނަޝީނަކީ އެކަހަލަ ކުއްޖެއްނޫނެވެ. " އަނީސާ ފެންކަޅިވެފައި އިނދެ ބުންޏެވެ.
އަނީސާވެސް އެހަދަނީ ދޮގުކަމަށާއި ، ދިލްނަޝީނަކީ ވަރަށް ވިޔާނުދާ ކުއްޖެއްކަމަށް ކުލްސޫމް ބުނަމުން ގެންދިޔައެވެ. ދިލްނަޝީނަށް ލިބިފައި އެހުރީ އަނީސާގެ ތަރުބިއްޔަތުކަމުގައިވެސް ، ކުލްސޫމް ބުންޏެވެ. ގެ އާބާދުކުރުމަށްޓަކައި ، މަކަރާއި އޮޅުވައިލުމުން ، ދިލްނަޝީން ދޮގުހެދިގޮތަށް އަނީސާވެސް އެހަދަނީ ދޮގެވެ.
އެހިސާބުން ، ޙައިދަރަކަށް ނީނދެވުނެވެ. ކުލްސޫމްގާތަށް ޖެހިލައި ، ދެން ގެޔަށްދާން ހިނގާށޭ ބުނެ މަންމަ ކޮޅަށް ނެގިއެވެ. ކުލްސޫމްވެސް ، އެގެއިން ޙަޤީޤަތެއް ނޭނގޭނެކަމަށް ބުނެ ރުޅިއައިސް ރަތްވެފައިހުރެ ، އެގެއިން ނުކުމެގެން ދިޔައެވެ.
މެހެމަލްއިނީ ހެވިދިލިފައި ، އޭނާއަށް އެކުރެވުނު މޮޅުކަންތަކަށް ފަޚުރުވެރިވެ ، ބޮޑުތަކުރު ޔާސީނަށް އަރާއިންނަހެން އެނދުމަތީ ޖައްސާލައިގެންނެވެ. ކުއްލިޔަކަށް އެއައި ފޯނަށް ބަލައިލިއިރު އެއީ ޙަމްޒާއެވެ. ފޯނު ނެގުމަށްފަހު ، ޙައިދަރާއެކު އެވީ ބައްދަލުވުން ދިޔައީ ކިހިނެއްތޯ މެހެމަލް ސުއާލު ކުރިއެވެ. ވަރަށް މަޖާކަމަށް ޙަމްޒާ ބުންޏެވެ. ވަރަށްގިނަ ކަންކަން ހާމަވެއްޖެއެވެ. ފޯނުން އެވާހަކަ ދެއްކީމަ އެހާ މަޖަލެއްނުވާނެކަމަށް ޙަމްޒާ ބުންޏެވެ. މެހެމަލް އިނީ އެވާހަކަތައް އަޑުއަހާހިތުން ކެތްމަދުވެފައެވެ. ޙަމްޒާ ބުނާތާކަށް ވަގުތުން ނައްޓައިލުމަށް ތައްޔާރަށެވެ. މެހެމަލް އެކަމަށް ކެތްމަދުވެފައި އިންވަރު ޙަމްޒާއަށްވެސް ފާހަގަ ކުރެވުނެވެ. އެއީ ، ޙައިދަރު އޭނާއަށް ލިބޭނެތީ ވެފައިއިން ގޮތެއްކަމަށް މެހެމަލް ބުންޏެވެ. ޙައިދަރުގެ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން އުޅުނީ ކިހިނެއްތޯ ބެލުމަށް ، މެހެމަލް އިނީ ކެތްމަދުވެފައެވެ. ބައްދަލުވާނެތަން ކަނޑައެޅުމަށްފަހު ދެމީހުން ފޯނުކަނޑައިލިއެވެ.
ރާފިޔާ ފޯނުކޮށްކޮށް ދިލްނަޝީން ފޯނެއް ނުނަގައެވެ. ކޮންމެ ފަހަރަކުވެސް ފޯނުކަނޑައިލަނީއެވެ. އެކަމާ އަނީސާވެސް ރުޅިއައެވެ. އަދި ، އޭނާގެ ކުރިމައްޗަށް ދިލްނަޝީން އަތުވެއްޖިއްޔާ ، އޭނާއަކީ ކިހާވަރެއްގެ މީހެއްކަން އަންގައިލާނެކަމަށް އަނީސާ ބުންޏެވެ. ވާނީވެސް އެހެންނެވެ. އަނީސާއަކަށް ވާނުވާއެއް ނޭނގެއެވެ. ކުރިމަތިވާ ކޮންމެކަމެއްގައިވެސް ކުށްވެރިކުރެވެނީ ދިލްނަޝީނެވެ. އެއްޗެތި ގޮވެނީ ދިލްނަޝީނާ ދިމާލަށެވެ. އޭގެ ބަދަލުގައި ހުރިހާ ބަދުނާމެއް ރައްދުވަނީ އަނީސާމެންނަށެވެ. މީހެއްގެ ކުރިމައްޗަށް އަރައި އިސްއުފުލައިލާން ލަދުގަންނަ ހިސާބަށް ހިނގައްޖެއެވެ. މިދުވަސް ދެކެން ދުނިޔޭގައި ނުހުރެ މަރުވިނަމަވެސް މާރަނގަޅު ވީހެވެ. އެވަގުތު އައްވަލްވެސް އައިސް ގެޔަށް ވަނެވެ. އަދި މަންމަޔަށް ވެގެން އުޅެނީ ކީއްތޯ ސުއާލު ކުރިއެވެ. އަނީސާ ރުޅިއައިސްގެން ތެދުވެ ، ކުލްސޫމުމެން އައިވާހަކަޔާއި އޭނާއާ ކުރި ސުއާލުތަކުގެ ވާހަކަ އައްވަލަށް ސާފުކޮށްދިނެވެ. އަނީސާ ވާހަކަތައް ކިޔައިދިނުމުން އައްވަލްގާތަށް ވެސް ރުޅިއައެވެ. އައްވަލްވެސް ރުޅިއައީ ދިލްނަޝީން ދެކެއެވެ.
އަނެއްކޮޅުން ، ޙައިދަރާއި ކުލްސޫމް ގެޔަށްގޮސް ދިލްނަޝީނާ ދިމާލަށް އެތިވަރު ގޮވަމުން ގެންދިޔައެވެ. ދިލްނަޝީން ގިސްލަގިސްލާފައި ރޮމުން ގެންދެއެވެ. ދިލްނަޝީން ކިތަންމެ ވަރަކަށް ރުޔަސް ، އޭނާގެ ލޮލުން ފައިބަމުންދާ ކަރުނައިން ދިލްނަޝީންގެ އަޚުލާޤުގައި ހަރުލާފައިވާ ކަޅުލައްތައް ފިލައިގެން ނުދާނެކަމަށް ކުލްސޫމް ބުނަމުން ގެންދިޔައެވެ.
" ރަނގަޅަށް ތެދަށް ބުނާށެވެ ! އަހަރެން މިކުރަނީ ސުއާލެކެވެ. " ކުލްސޫމް ، ދިލްނަޝީނާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
އޭނާ އެއްވެސް ވާހަކައެއް ބުނެގެން ވާނީ ކޮންތަފާތެއްތޯ ދިލްނަޝީން ސުއާލުކުރިއެވެ. ދިލްނަޝީން ބުނާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ވުޖޫދުގައި ނެތްމީހަކު ހުރިކަމަށް ޤަބޫލުކުރާ ބަޔަކުގާތުގައި އޭނާބުނާނީ ކޮން ވާހަކައެއްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އޭނާއާ އެއްވެސް މީހަކާ އެއްވެސް ގުޅުމެއްނެތްކަމަށް ދިލްނަޝީން ، ރޮމުންރޮމުން ބުނަމުން ގެންދިޔައެވެ.
" އަހަރެންނާ އަޅައިގަނެގެން އުޅެނީ އެމީހެކެވެ. އަހަރެންނަށް އެ މާބޮނޑިތައް އެފޮނުވީ އެމީހެކެވެ. އެމީހަކީ އަހަރެންނަށް އެނގޭ މީހެއްނޫނެވެ. އެއްވެސް މިންވަރަކަށް އަހަރެންނަށް އިތުބާރު ނުކުރަނީ ހެއްޔެވެ ؟ " ކުލްސޫމާ ، ދިލްނަޝީން ސުއާލު ކުރިއެވެ. އިތުބާރަކީ ، ދިލްނަޝީނަށް ޙައްޤު އެއްޗެއްނޫންކަން ކުލްސޫމް ހާމަކުރިއެވެ.
" އިތުބާރަކީ އަހަރެންނަށް ޙައްޤުއެއްޗެއް ނޫންކަމަށް ވަންޏާ ، މަންމަޔަށްވެސް ، ތިގޮތަށް އަހަރެންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ޙައްޤެއް ނެތެވެ. " ދިލްނަޝީން ބުންޏެވެ. ( ނުނިމޭ )