ރޯދަމަހުގެ ނަޒަރުން ރޯދަމަސް (2)

ިމުލަރޯދަ ދުވަހަކީ، ވަރަށް ތަފާތު އިހުސާސުތަކެއް ކުރެވޭނެ ދުވަހެކެވެ.  މުލަރޯދަ ދުވަހާ އެކު ހެނދުނުގެ ސަޔާއި  ނުވަގަޑި ސަޔާއި މެންދުރު ކެއުމާއި ހަވީރު ސަޔާއ ނުވިތާކަށް ދޭތެރެދޭތެރެއިން ބޮވޭ ކޮފީއާއި ފިނި ބުއިންތަކާއި ހުލި ކުރެވޭ ސިނގިރޭޓާއި ދަމައިލެވޭ ވޭޕަށް މަސްދުވަހުގެ ދުވާލީ ނިމުމެއް އައީއެވެ. (މާފުކުރައްވާށެވެ. މިހާރު ވޭޕެއް ނުލިބެއެވެ. އެކަމަކު ..)

އަޅުގަނޑުމެންގެ މާޒީގައި މުލަރޯދަ ދުވަހު ފާހަގަކުރާ ވަރަށް ޚާއްސަ ކަމެއް އޮވެއެވެ. ގައުމީ ނަޒަރަކުންނެވެ. އާދެ! ރާއްޖޭގައި އުފެދުނު އެންމެ ފަޚުރުވެރި ގައުމީ ބަތަލު އައްސުލްތާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއައުޒަމް ނުވަތަ ބޮޑުތަކުރުފާނުގެ އަހަރުމަތިފުޅު ދުވަހެވެ. ފަހަރެއްގައި މިހާރު މި ވާހަކަދެއްކުން އެއީ އެހައި ރަނގަޅު ކަމަކަށް ވެސް ނުވެދާނެއެވެ. އެކަމަކު އެ ދުވަސް ހަނދާންކޮށްލުމަކީ، ގޯހެއްކަމަކަށް އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ.

އާދެ! ބޮޑުތަކުރުފާނު އަވަހާރަވީ، ހިޖުރައިން 993ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ. އެހެންކަމުން އިއްޔެއަކީ ބޮޑުތަކުރުފާނުގެ 453ވަނަ އަހަރުމަތިފުޅު ދުވަހެވެ. އެ ދުވަސް ދިވެހީން ފާހަގަކުރަމުން ގެންދިޔައީ، ވަރަށް ކަމޭހިތި، އިހުތިރާމު ލިބިގެންވާ ދުވަހެއްގެ ގޮތުގައެވެ. އެ ގޮތުން، މުލަރޯދަ ދުވަހު އެމަނިކުފާނުގެ އަހަރުމަތިފުޅު ކިޔެވުން އޮވެއެވެ. ކިރިޔާ ކެރިފޯރުންތެރިކަން ހުރި ބަޔަކު ނަމަވެސް އެ ގެއެއްގައި ބޮޑުތަކުރުފާނުގެ ފާތިހާ ފަރީއްކޮޅުވަށްކުރެވެއެވެ. އެ ގޮތުން ފެންފޮޅިއާއި ކިރާއި ކުކުޅަކީ އެ ފާތިހާ ފަރީއްކޮޅުގައި ކޮންމެހެން ވެސް ހުންނަން ޖެހޭ އެއްޗެއްކަމުގައި އައީ ގަބޫލުކުރެވެމުންނެވެ. އެއީ، އެ ތަކުރުފާނަށް ދިވެހީންގެ ހިތުގައި އޮންނަ މަތިވެރި ލޯބީގެ ރަމްޒެކެވެ. ބޮޑުތަކުރުފާނުގެ އުފަންރަށް އުތީމުގައި އެ މުނާސަބަތު މާބޮޑަށް ފާހަގަކުރެއެވެ. ގަބޫލު ކުރެވެނީ، އުތީމުގައި ވެސް ބޮޑުތަކުރުފާނަށް އެރުވޭ މަގާމާއި ދަރަޖަ އޭރު އޮތް ގޮތަށް މިހާރު ނޯންނާނެކަމަށެވެ.

ޒަމާނުގެ ބަދަލާ އެކު އެ ލޯތްބާއި ކުލުނަށް މި ވަނީ ބަދަލު އައިސްފައެވެ. އޭގެ އެއް ހެއްކަކީ، އެތަކުރުފާނުގެ ގަނޑުވަރާއި  ޒިޔާތަށް ދީނީ ނަޒަރަކުން ދެމުން އައި އިހުރާމުގައި އަގީދާއާ ފުށުއަރާ ބައެއް ކަންކަން ހުރުމާ އެކު އެކަން ދޫކޮށްލެވުނު ނަމަވެސް، އާސާރީ ތަރިކައެއްގެ ގޮތުން އެ ތަކުރުފާނުގެ ގަނޑުވަރާއި ޒިޔާރަތަށް ދެމުން އައި ގަދަރަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމެވެ. ޚާއްސަކޮށް ބޮޑުތަކުފާނުގެ ޒިޔާތަކަށް އެންމެ އެދެވޭ ގޮތެއްގައި އަޅައިލެވެމުން ދެއޭ ދަންނަވަން އަޅުގަނޑަށް ފަސޭހައެއް ނޫނެވެ. އެކަމަކު މި ވަގުތު އެ ވާހަކަ މާބޮޑަށް ދައްކާކަށް ނެތީމެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.