ރަމަޟާން މަސް

ރަމަޟާންމަހަކީ ، ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. އެއީ ، ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެއްހާސް ރެޔަށްވުރެ ހެޔޮކަންބޮޑުވެގެންވާ ލައިލަތުލްޤަދްރި ވިލޭރޭ ، އެމައްސަރުގައި ލެއްވިގެން ވެއެވެ. އެއީ ހެޔޮކަމާއި ހެޔޮޢަމަލުތަކުގެ މައްސަރެވެ. އަދި ހަމަ އެފަދައިން ، ހެޔޮކަމާއި ހެޔޮޢަމަލުގެ ސަވާބާއި ދަރުމަ އެތައް ގުނަޔަކަށް އިތުރުކުރައްވާ މައްސަރެކެވެ.

އެމައްސަރުގައި ރޯދަހިފުން ، މުސްލިމުންގެ މައްޗަށް ފަރުޟު ކުރެއްވިގެން ވެއެވެ. އެރޯދަޔަކީ ، އެހެނިހެން އަޅުކަމާ ޚިލާފަށް ، ﷲ އަށްޓަކާ ، އެކަލާނގެއަށް އިންސާނާވާ ޤުރުބާނެކެވެ. ފިޠުރު ޒަކާތަކީވެސް ، ރޯދަމަހާ ، ރޯދަވެރިޔާއާ ނުވަތަ ރޯދަމަހާ ގުޅިފައިވާ އަޅުކަމެކެވެ. މިއިން ކޮންމެ އަޅުކަމެއްގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ޙިކުމަތްތަކެއް ލައްވާފައި ވެއެވެ.

ހަތްއުޑުމަތިން ބާވައިލެއްވި އެކަލާނގެ ވަޙީބަސްފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގެ ، ބަޤަރާ ސޫރަތުގެ ، 183 ވަނަ އާޔަތުން ފެށިގެން 187 ވަނަ އާޔަތުގެ ނިޔަލަށް ރަމަޟާންމަހާއި އެމަހާ ގުޅިފައިވާ ބައެއް ޙުކުމްތައް ބަޔާން ކުރައްވާ އަންގަވާފައި ވެއެވެ.

يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ  (183)

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވިފަދައިން ، ތިޔަބއިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. ( އެއީ ) ތިޔަބައިމީހުން ، ތަޤްވާވެރިވުމަށްޓަކައެވެ. " (އަލްބަޤަރާ – 183 ވަނަ އާޔަތުގެ މާނަ )

أَيَّاماً مَّعْدُودَاتٍ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى ٱلَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَ خَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنْتُمْ تَعْلَمُونَ (184)

" ( ރޯދަހިފަންވީ ، ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭމީހާ ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ، ( ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ ، އެހެން ދުވަސްތަކަކުން އެޢަދަދު ހަމަކުރުން ހުއްޓެވެ. އަދި ، އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ ، ( ރޯދަ ދޫކޮށްލުމާއެކު ) ފިދްޔަ ދިނުމެވެ. ( ފިދްޔައިގެ މިންވަރަކީ ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ ، ތަޠައްވަޢުގެ ގޮތުން ، އިތުރު ހެޔޮކަމެއް ކޮށްފިމީހާ ( ދަންނާށެވެ ! ) ފަހެ ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ، ތިޔަބއިމީހުން ރޯދަހިފުން ، ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ، ތިޔަބައިމީހުން ، ދަންނާނެ ނަމައެވެ. (އަލްބަޤަރާ – 184 ވަނަ އާޔަތުގެ މާނަ )

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ (185)

" ރަމަޟާންމަހަކީ ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. ( އެ ޤުރުއާން ބާވައިލެއްވީ ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤައި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި ޙާޟިރުވެހުރެއްޖެމީހާ ، އެމަހުގެ ރޯދަހިފާހުށިކަމެވެ. އަދި ، ބަލިވެ އުޅޭމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާމީހާ ( އެމައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ ) އެހެން ދުވަސްތަކަކުން އެޢަދަދު ހަމަކުރުން ހުއްޓެވެ. ﷲ ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަ ކުރައްވަތެވެ. އަދި ، ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. ( މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ) ތިޔަބައިމީހުން ، އެމައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަންމައްޗަށް ، ﷲ އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ، ތިޔަބައިމީހުން ( އެކަލާނގެޔަށް ) ޝުކުރުވެރި ވުމަށްޓަކައެވެ. " (އަލްބަޤަރާ – 185 ވަނަ އާޔަތުގެ މާނަ )

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِى وَلْيُؤْمِنُواْ بِى لَعَلَّهُمْ يَرْشُدُونَ (186)

" އަދި ، ތިމަންރަސްކަލާނގެއާމެދު ، ތިމަންރަސްކަލާނގެ އަޅުން ، ކަލޭގެފާނާ ސުއާލުކޮށްފިނަމަ ، ( ކަލޭގެފާނު ވިދާޅުވާށެވެ.) ފަހެ ، ހަމަކަށަވަރުން ، ތިމަން ރަސްކަލާނގެއީ ( އެއުރެންނާ ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ، ދުޢާކުރިމީހާގެ ދުޢާ ، ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ ، އެއުރެން (އެބަހީ : ތިމަން ރަސްކަލާނގެ އަޅުން ) ތިމަންރަސްކަލާނގެޔަށް އިޖާބަދޭހުށިކަމެވެ. އަދި ، އެއުރެން ތިމަންރަސްކަލާނގެޔަށް އީމާންވާހުށިކަމެވެ.  ( އެއީ ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. " (އަލްބަޤަރާ – 186 ވަނަ އާޔަތުގެ މާނަ )

أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنْتُمْ لِبَاسٌأُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنْتُمْ لِبَاسٌ لَّهُنَّ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَٱلآنَ بَاشِرُوهُنَّ وَٱبْتَغُواْ مَا كَتَبَ ٱللَّهُ لَكُمْ وَكُلُواْ وَٱشْرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلأَبْيَضُ مِنَ ٱلْخَيْطِ ٱلأَسْوَدِ مِنَ ٱلْفَجْرِ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّليْلِ وَلاَ تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِى ٱلْمَسَاجِدِ تِلْكَ حُدُودُ ٱللَّهِ فَلاَ تَقْرَبُوهَا كَذٰلِكَ يُبَيِّنُ ٱللَّهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ (187)

" ރޯދަޔަށްތިބޭ ރޭ ، ތިޔަބއިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ، ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނަކީ ، ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ، ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރިވަމުން ދިޔަކަން ، ﷲ ދެނެވޮޑިގެން ވެއެވެ. ދެންފަހެ ، ތިޔަބައިމީހުންގެ މައްޗަށް ތަވްބާލައްވައި ، ތިޔަބައިމީހުންގެ ކިބައިން ޢަފޫ ކުރައްވައިފިއެވެ. ފަހެ ، މިހާރު ، ތިޔަބައިމީހުން އެކަނބަލުންނާ ބީހި އުޅޭށެވެ ! ( އެބަހީ : ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ. ) އަދި ، ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ ! އަދި ، ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ ! ފަޖްރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ، ފަތިހުގެ އަލިކަން ފާޅުވެ ، އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު ، ރޭވެއްޖައުމަށް ދާނދެން ، ތިޔަބައިމީހުން ރޯދަފުރިހަމަ ކުރާށެވެ ! އަދި ، ތިޔަބައިމީހުން މިސްކިތްތަކުގައި ، އިޢުތިކާފަށް ތިބޭއިރު ، އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ ! ( އެބަހީ : ޖިމާޢު ނުވާށެވެ. ) އެއީ ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ ، އެއިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ ! ( އެބަހީ : އެއިންތައް ފަހަނަޅައި ނުދާށެވެ ! ) އެފަދައިން ﷲ ، އެކަލާނގެ އާޔަތްތައް ، މީސްތަކުންނަށް ބަޔާންކޮށް ދެއްވަނީ ، އެއުރެން ތަޤްވާވެރި ވުމަށްޓަކައެވެ. " (އަލްބަޤަރާ – 187 ވަނަ އާޔަތުގެ މާނަ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.