ތަހުގީގު ނިންމައި ސްރީދޭވީގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

ސްރީ ދޭވީގެ މަރުގެ ތަހުގީގު ނިންމައި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ. 

ސްރީ ދޭވީ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދުބާއީގައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޚަބަރު ފެތުރިގެން ދިޔަ ނަމަވެސް ޕޯސްޓް މޯޓަމް ރިޕޯޓާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން އޭނާ މަރުވީ ބިލިގާ ތެރެއަށް ގެނބިގެންނެވެ. އޭނާގެ ލޭގައި ޑްރަގުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރިކަމަށް ވެސް މީޑިއާގައި ޚަބަރު ފެތުރެމުން ދިޔައެވެ. އަދި އޭނާ މަރާލައިފައިވާ ކަމަށްވެސް ވަހަކަ ދެކެވެމުން ދިޔައެވެ. ނަމަވެސް ތަހުގީގު ނުނިމެނީސް އެފަދަ ޚަބަރުތައް ނުފެތުރުމަށް ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދުބާއީ ފުލުހުން އޭނާގެ މަރުގެ ތަހުގުކޮށް ދުބާއީގެ ޕްރޮސެކިއުޝަން ސާރވިސްއަށް މައްސަލަ ހުށަހެޅުމުން އެފަރާތުން ތަހުގީގު ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު އާއިލާ އާ ހަށިގަނޑު ހަވާލުކޮށްފައިވަނީ އަދު ހަވީރުއެވެ. ދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންނާނެ އިރަކަށް އާއިލާ އިން ކުރަމުން ދިޔަ ދިގު އިންތިޒާރު މިވަނީ ނިމުމަކަށް އައިސްފައެވެ. އޭނާގެ އާއިލާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނާ ގޮތުން މާދަމާ ހެނދުނުން ފެށިގެން މެންދުރާ ޖެހެންދެން އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މެންދުރު ފަހު 3:30 ގައި އޭނާގެ ހަށިގަނޑު އަންދާ ލެވޭނެއެވެ.

ގަލްފް ނިއުސް އިން ޚަބަރު ދޭ ގޮތުގައި މިހާރު ސްރީ ދޭވީގެ ހަށިގަނޑު ވީ ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. އޭނާ މުމްބާއީ އަށް ގެންދަނީ  އިންޑިއާގެ މަހުޖަނެއް ކަމުގައިވާ އަނިލް އަމްބާނީގެ ޕްރައިވެޓް ޖެޓެއްގައެވެ. އެ ބޯޓުން އޭނާގެ ފިރިމީހާ އާއި ދޮންދަރިފުޅު އަރުޖުން ކަޕޫރުވެސް ދަތުރުކުރާނެ ކަމަށް ގަލްފް ނިއުސް އިން ޚަބަރު ދެއެވެ.

ސްރީ ދޭވީ މަރުވި އިރު އޭނާގެ އުމުރަކީ 54 އަހަރު އަހަރެވެ. އޭނަވަނީ ފިލްމީ ދާއިރާގައި 50 އަހަރު ހޭދަ ކުރިއެވެ. އޭނާ 6 ބަހަކުން 300 ފިލްމު ކުޅެފައިވެއެވެ. އޭނާ އަކީ އިންޑިއާގެ ފުރަތަމަ އަންހެން ސުޕަރ ސްޓާރެވެ. އަދި އޭނާ އަކީ އިންޑިއާގެ މެރީލް ސްޓްރީޕް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސްރީ ދޭވީ މަރުވި އިރު ދެ އަންހެން ކުދީން އެބަތިއްބެވެ. އެއީ ޖާންވީ ކަޕޫރް އާއި ޚުޝީ ކަޕޫރް އެވެ. އޭނާ މަރުވިއިރު ދޮށީ ދަރިފުޅު ޖާންވީ ދިޔައީ އޭނާ ގެ ފުރަތަމަ ފިލްމުގެ މަސައކަް ކުރަމުންނެވެ. އެ ފިލްމް މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ސްރީ ދޭވީ ދިޔައީ އޭނާގެ ދަރިފުޅުގެ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސްރީ ދޭވީ ގެ މަރަކީ އިންޑިއާގެ ސިނަމާ އަށް ހުސްކަމެއް ގެނައި އަދި ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް ފިލްމީ ދާއިރާގެ މީހުންނާއި ސިޔާސީ ފަރަތްތަކުން ދަނީ ބުނަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.